އިސްރާއީލުގައި މި ހަފުތާގައި ބޭއްވި އިންތިޚާބުގައި އަރަބި ޕާޓީތަކުން ހޯދި ތާރީޚީ ކާމިޔާބީއަކީ އިންތިޚާބީ އޮޅުވާލުންތަކެއްގެ ނަތީޖާ ކަމަށް ބޮޑު ވަޒީރު ނަތަންޔާހޫ ތުހުމަތުކޮށްފި އެވެ.
އެއްވެސް ހެއްކެއް ނެތި ނަތަންޔާހޫ ކުރި މި ތުހުމަތުތައް އަރަބި ލީޑަރުން ދޮގުކުރައްވާފައިވާ އިރު، އެ ބޭފުޅުން ވަނީ ބޮޑުވަޒީރު މަސައްކަތް ކުރަނީ ފިތުނަ އުފައްދަން ކަމަށް ތުހުމަތުކުރައްވާފަ އެވެ.
އަންގާރަ ދުވަހު ބޭއްވި އާންމު އިންތިޚާބުގައި އަރަބި ރައްޔިތުން ގިނަ އަދަދަކަށް ވޯޓުލާން ނުކުތުމުގެ ސަބަބުން، ނަތަންޔާހޫއަށް ނުވަތަ އޭނާގެ ވާދަވެރިންނަށް ވެސް ސަރުކާރެއް އެކުލަވާލުމަށް ވަނީ ހުރަސްތަކެއް ކުރިމަތިވެފަ އެވެ. ނަތަންޔާހޫ އާއި އޭނާގެ ކަނާތު ފިޔައިގެ ހަރުކަށި ބައިވެރިން އަރަބި ޕާޓީތަކާ ދެކޮޅަށް ބަހުގެ ހަމަލާތައް ވަރުގަދަކޮށްފައި މިވަނީ މި ނަތީޖާއާ ގުޅިގެންނެވެ.
އިސްރާއީލުގެ އޮފިޝަލުން ބުރާސްފަތި ދުވަހު ބުނީ، އިންތިޚާބުގައި މަކަރު ހަދާފައިވާ ކަމަށް ކުރެވޭ ތުހުމަތުތައް ކަމާބެހޭ އިދާރާތަކުން ތަހުގީގު ކުރަމުންދާ ކަމަށެވެ. ނަމަވެސް، މުޅި އިންތިޚާބުގެ ސައްހަކަން ގެއްލޭ ފަދަ ނިޒާމީ އެއްވެސް މައްސަލައެއް ފާހަގަވެފައި ނުވާ ކަމަށް ބުންޏެވެ.
ނަތަންޔާހޫ އަރަބި ޕާޓީތަކަށް ދޭ ހަމަލާތައް ވަރުގަދަ ކުރަނީ އޭނާގެ މައިގަނޑު ވާދަވެރިޔާ ގާޑީ އައިޒެންކޮޓް، އަރަބި ޕާޓީތަކުގެ އެހީތެރިކަމާއެކު ކޯލިޝަން ސަރުކާރެއް އުފައްދަފާނެތީ އެކަމަށް ހުރަސް އެޅުމަށެވެ. އަރަބިންގެ އެހީގައި އުފައްދާ ސަރުކާރަކުން ނަތަންޔާހޫ ވެރިކަމުން ދުރުކުރުމުގެ ފުރުސަތު އޮތުމަކީ އޭނާ ކަންބޮޑުވާ ކަމެކެވެ.
ރައިކްމަން ޔުނިވާސިޓީގެ ޕޮލިޓިކްސް ޕްރޮފެސަރު އީޓަން ގިލްބޯއާ ވިދާޅުވި ގޮތުގައި، ނަތަންޔާހޫގެ އަމާޒަކީ އަރަބިންނާއި ޔަހޫދީން ގުޅިގެން ކުރާ އެއްވެސް ސިޔާސީ މަސައްކަތަކީ ސައްހަ މަސައްކަތެއް ނޫން ކަމަށް ދެއްކުމެވެ.
އަންގާރަ ދުވަހު ބޭއްވި ވާދަވެރި އިންތިޚާބުން ސާފު އަޣުލަބިއްޔަތެއް އެއްވެސް ފަރާތަކަށް ލިބިފައި ނުވާއިރު، އާ ސަރުކާރެއް އެކުލަވާލުމަށް ކުރަންޖެހޭ މަޝްވަރާތައް ހަފުތާތަކަކަށް ދެމިގެންދާނެ ކަމަށް ބެލެވެ އެވެ.
ވޯޓުގެ 99 އިންސައްތަ ގުނާ ނިމުނުއިރު، ނަތަންޔާހޫގެ ނޭޝަނަލިސްޓް-ރިލިޖަސް ބްލޮކަށް އެންމެ ގިނަ ގޮނޑި ލިބުނު ނަމަވެސް މަޖިލީހުގެ އަޣުލަބިއްޔަތު ހޯދުމަށް ބޭނުންވާ 61 ގޮނޑި ހަމައެއް ނުކުރެވެ އެވެ.
އިސްރާއީލުގެ އާބާދީގެ 21 އިންސައްތަ ހިއްސާކުރާ އަރަބި މައިނޯރިޓީ ތަމްސީލުކުރާ ޕާޓީތަކުން ވަނީ ކުރިން ނުލިބޭ ފަދަ ބޮޑު ކާމިޔާބީއެއް ހޯދައި، 19 ގޮނޑި ކާމިޔާބު ކުރާނެ ކަމަށް ބެލެވިފަ އެވެ. މިއާއެކު، 53 ގޮނޑި ލިބިފައިވާ ނަތަންޔާހޫގެ ކޯލިޝަނާއި، 48 ގޮނޑި ލިބިފައިވާ އައިޒެންކޮޓްގެ ބްލޮކަށް ވެސް އަރަބި ޕާޓީތަކުގެ އެހީތެރިކަމާ ނުލައި ސަރުކާރެއް އުފެއްދޭނެ މަގެއް މިހާރު ނެތެވެ.
އައިޒެންކޮޓް މިހާތަނަށް ބުނެފައިވަނީ އަރަބި ޕާޓީތައް ސަރުކާރުގައި ބައިވެރި ނުކުރާނެ ކަމަށެވެ. ނަމަވެސް، ސަރުކާރުގެ ބޭރުން އަރަބި ޕާޓީތަކުގެ ތާއީދާއެކު "މައިނޯރިޓީ" ސަރުކާރެއް އެކުލަވާލުމަށް އޭނާގެ ފަރާތުން މަސައްކަތް ކުރުމުގެ ފުރުސަތު އެބަ އޮތެވެ.






