ހޮނިހިރު ދުވަހު ނިމުނު އދ. ގެ ކޮންފަރެންސްގައި ބައިވެރިވި ގައުމުތަކުން، ދުނިޔޭގެ ދިރުންތަކުގެ ނަސްލު ނުވަތަ ބަޔޯޑައިވާސިޓީ ހިމާޔަތްކުރުމުގެ މަސައްކަތްތައް އިތުރަށް ވަރުގަދަކުރުމަށް އެއްބަސްވެއްޖެ އެވެ.
ދިގު މަޝްވަރާތަކަށް ފަހު މިކަމަށް އެއްބަސްވީ ނަމަވެސް، މި މަސައްކަތްތަކަށް ބޭނުންވާ ފައިސާ ހޯދާނެ ގޮތަކާ މެދު އަދިވެސް ވަނީ ގޮތެއް ނުނިންމި އެވެ.
އަރްމީނިއާގެ ވެރިރަށް ޔެރެވަންގައި ދެ ހަފުތާގެ މުއްދަތަށް ކުރިއަށްދިޔަ ކޮޕް17 ކޮންފަރެންސް ބާއްވާފައިވަނީ ސިޔާސީ ގޮތުން ބޮޑެތި ހިޔާލުތަފާތުވުންތަކެއް އުފެދިފައިވާ ދަނޑިވަޅެއްގަ އެވެ. އަދި މި ބައްދަލުވުން ބާއްވާފައި މިވަނީ ނޮވެމްބަރު 9 ވަނަ ދުވަހު ތުރުކީގައި ފެށުމަށް ހަމަޖެހިފައިވާ މޫސުމީ ބަދަލުތަކާ ބެހޭ އާ މަޝްވަރާތަކަށް ދުނިޔެ ތައްޔާރުވަމުންދާ ދަނޑިވަޅެއްގަ އެވެ.
ޔެރެވަންގައި ބޭއްވި މި މަޝްވަރާތަކުގައި، މީގެ ހަތަރު އަހަރު ކުރިން މޮންޓްރިއަލްގައި އެއްބަސްވި "ގްލޯބަލް ބަޔޯޑައިވާސިޓީ ފްރޭމްވޯކް" ފުރަތަމަ ފަހަރަށް މުރާޖައާކޮށްފައިވެ އެވެ.
މި މަސައްކަތުގައި ކުރިއެރުންތަކެއް ލިބިފައިވީ ނަމަވެސް، ކަނޑައަޅާފައިވާ ގިނަ ލަނޑުދަނޑިތަކާ ގާތަށް ވެސް މަސައްކަތް ކުރެވިފައި ނުވާތީ، މިހާރު ކުރަމުންދާ މަސައްކަތްތައް މަދުކަމަށް މަންދޫބުން ވަނީ އެއްބަސްވެފަ އެވެ.
ވަރުގަދަ މަޝްވަރާތަކަކަށް ފަހު، "ޔެރެވަން ޕާތުވޭ" ގެ ނަމުން ނަންދީފައިވާ ނިންމުމެއް ގައުމުތަކުން ވަނީ ބަލައިގެންފަ އެވެ. މި ނިންމުމުގެ ދަށުން ތިމާވެއްޓަށް ގެއްލުންދޭ ސަބްސިޑީތައް ކުޑަކުރުމާއި، ތަރައްގީވަމުން އަންނަ ގައުމުތަކަށް ދޭ މާލީ އެހީތެރިކަން އިތުރުކުރުމާއި، ގައުމުތަކުގެ ބަޖެޓުން ކުރާ ހަރަދުތައް ބަޔޯޑައިވާސިޓީގެ ލަނޑުދަނޑިތަކާ އެއްގޮތްކުރުން ފަދަ ކަންކަމުގައި އަވަސް ފިޔަވަޅުތަކެއް އެޅުމަށް ވަނީ އެއްބަސްވެފަ އެވެ.
މިހާތަނަށް ކުރެވުނު މަސައްކަތްތައް އެކަށީގެން ނުވާކަމަށް ގައުމުތަކުން ގަބޫލުކޮށްފައިވާ އިރު، 2030 ވަނަ އަހަރާ ހަމައަށް މި މަސައްކަތްތައް ހަލުވިކުރުމަށް ކުރަންޖެހޭ މުހިންމު ކަންކަން ވަނީ ކަނޑައަޅާފަ އެވެ.
އދ. އިން ހާމަކޮށްފައިވާ ގޮތުގައި، ބަޔޯޑައިވާސިޓީއާ ބެހޭ މުއާހަދާގައި ބައިވެރިވާ ގައުމުތަކުގެ ތެރެއިން ގާތްގަނޑަކަށް 90 އިންސައްތަ ގައުމުން ވަނީ ގައުމީ ފެންވަރުގައި ހާސިލުކުރާނެ ލަނޑުދަނޑިތައް ކަނޑައަޅާފަ އެވެ. ނަމަވެސް، އޭގެ ތެރެއިން އެކަށީގެންވާ ގޮތެއްގައި މަސައްކަތް ކުރިއަށްދަނީ ދެބައިކުޅަ އެއްބަޔަށް ވުރެ ވެސް މަދު ގައުމެއްގަ އެވެ.

