ޖަރުމަނުވިލާތުގައި ދިރިއުޅުމުގެ ޚަރަދުތައް ބޮޑުވުމާ ގުޅިގެން ސުލްހަވެރިކަމާއެކު ކުރިއަށްދިޔަ ބޮޑު މުޒާހަރާތަކަކަށް ފަހު، ހޮނިހިރު ދުވަހުގެ ރޭ ދަންވަރު ފްރެންކްފާޓްގެ މެދުތެރޭގައި ހުރި ފިހާރަތަކުން މުދާ ފޭރި، އެ ސިޓީ އާއި ޖަރުމަނުގެ އެހެން ސިޓީތަކުގައި ފުލުހުންނާއި މުޒާހަރާގެ ބައިވެރިންގެ މެދުގައި ކުރިމަތިލުންތަކެއް ހިނގައިފި އެވެ.
ޖަރުމަނުގެ މާލީ މަރުކަޒު ކަމަށްވާ ފްރެންކްފާޓްގެ އިތުރުން ބާލިން، ކޯލޯން އަދި ހެމްބާގްގައި ވެސް ހަމަނުޖެހުންތައް ހިނގާފައިވެ އެވެ. ފުލުހުން ބުނި ގޮތުގައި، ކުއްލި ހާލަތްތަކުގައި ހަރަކާތްތެރިވާ މުވައްޒަފުންނަށް އަމާޒުކޮށް ބަޑިބޭހާއި، ހިލަ އާއި ފުޅި އުކި މުޒާހަރާގެ ބައިވެރިން ރޫޅާލުމަށް ފެންބަޑި ބޭނުންކުރަން ޖެހުނެވެ.
ސްކޫލްތަކަށް ބޭނުންވާ ބަޖެޓު ނުލިބުމާއި، ދިރިއުޅުމުގެ ޚަރަދުތައް އިންތިހާއަށް ބޮޑުވުމާއި، ދައުލަތުގެ ޚަރަދުތައް ކުޑަކުރުމުގެ އިތުރުން ސިފައިންގެ ޚިދުމަތް މަޖުބޫރުކުރުމާ ދެކޮޅަށް "ޖެން ޒީ ރެގަލްޓް" ނަމަކަށް ކިޔާ ގްރޫޕަކުން އިންތިޒާމުކުރި މި މުޒާހަރާތަކުގައި އެތައް ހާސް ބަޔަކު ބައިވެރިވި އެވެ.

ޖަރުމަނުގައި މި ހަމަނުޖެހުންތައް ހިނގާފައި މިވަނީ ފަރަންސޭސިވިލާތުގައި ވެސް ޒުވާނުން އިސްވެ ތިބެ ކުރިއަށްގެންދިޔަ މިފަދަ ބޮޑު މުޒާހަރާތަކަކަށް ފަހުގަ އެވެ. ފަރަންސޭސިވިލާތުގައި ވެސް މިދިޔަ ހޮނިހިރު ދުވަހު 320،000 އަށް ވުރެ ގިނަ މީހުން މުޒާހަރާކޮށްފައިވެ އެވެ.
އޭއެފްޕީ ނިއުސް އެޖެންސީން ރިޕޯޓްކޮށްފައިވާ ގޮތުގައި، ފްރެންކްފާޓްގެ ވިޔަފާރިކުރާ މައި މަގުގެ ބޮޑު ބައެއް ފުލުހުން ވަނީ ބަންދުކޮށްފަ އެވެ. ފުލުހުންގެ ތަރުޖަމާނަކު ވިދާޅުވި ގޮތުގައި އެ ސިޓީން ގިނަ އަދަދެއްގެ ބަޔަކު ވަނީ ހައްޔަރުކޮށްފަ އެވެ.
ދުވާލުގެ ވަގުތުތަކުގައި މުޒާހަރާތައް އާންމު ގޮތެއްގައި ސުލްހަވެރިކަމާއެކު ކުރިއަށްދިޔަ ނަމަވެސް، އިރުއޮއްސި ރޭގަނޑުވުމާއެކު މުޒާހަރާތައް ވަނީ ހޫނުވެ، ހަމަނުޖެހުމަށް ބަދަލުވެފަ އެވެ.
އެކްސްގައި ފްރެންކްފާޓް ފުލުހުން ބުނި ގޮތުގައި ސިޓީގެ މެދުތެރޭގައި "ނުރައްކާތެރި ހަމަނުޖެހުންތަކެއް" ވަނީ ހިނގާފަ އެވެ. ފުލުހުން ބުނި ގޮތުގައި ބައެއް ފިހާރަތަކުގެ ބިއްލޫރިތައް ތަޅާލައި، ކުއްލި ހާލަތްތަކުގައި ހަރަކާތްތެރިވާ ފަރާތްތަކަށް އަމާޒުކޮށް "މޮލޮޓޯވް ކޮކްޓެއިލް" (ޕެޓްރޯލް ބޮން) ވެސް ވަނީ އުކާފަ އެވެ.
ފަހުން އާންމުކުރި މައުލޫމާތުތަކުގައި އޮފިޝަލުން ވިދާޅުވީ، ބަޑި ވިއްކާ ފިހާރައެއްގެ ބިއްލޫރިތައް ތަޅާލާފައިވާ ކަމަށާއި، ތުހުމަތުކުރެވޭ މީހަކު ހައްޔަރުކޮށް އޭނާގެ އަތުން ދެ ހަތިޔާރު އަތުލައިގަނެފައިވާ ކަމަށެވެ.







