އިތުބާރު ހުރި ސަޕްލައި ޗެއިންތަކެއް ބިނާކުރުމަށް މަސައްކަތް ކުރުމަށް އެމެރިކާ، އޮސްޓްރޭލިއާ، އިންޑިއާ އަދި ޖަޕާނުގެ ޚާރިޖީ ވަޒީރުން ހޮނިހިރު ދުވަހު އެއްބަސްވެއްޖެ އެވެ.
މި ބައްދަލުވުމުގައި އެކްސްޕޯޓް ހަނިކުރުމާއި މާކެޓް އުސޫލުތަކާ ޚިލާފު އަމަލުތަކުގެ ސަބަބުން ކުރިމަތިވާ "އިގްތިސާދީ މަޖުބޫރުކުރުންތަކާ" މެދު އެ ގައުމުތަކުން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ. ނަމަވެސް، މި ބަޔާނުގައި ސީދާ ޗައިނާގެ ނަން ބަޔާންކޮށްފައެއް ނުވެ އެވެ.
އިންޑޯ-ޕެސިފިކް "ކުއަޑް" ގްރޫޕުގެ ޚާރިޖީ ވަޒީރުން ގުޅިފައިވާ ބަޔާން ނެރުއްވާފައި މިވަނީ، މުހިންމު މަޢުދަންތައް އެކްސްޕޯޓް ކުރުމުގައި ޗައިނާއިން ގެންގުޅޭ ހުރަސްތަކަށް ޖަޕާނުން ވަރަށް ބޮޑަށް ފާޑުކިޔަމުންދާ ދަނޑިވަޅެއްގަ އެވެ. އަދި "ރެއާ އާތު" ނުވަތަ މަދުން ނޫނީ ނުލިބޭ މަޢުދަންތަކާއި އެހެނިހެން މުހިންމު ވަސީލަތްތަކުގެ މައްޗަށް ޗައިނާއިން ބާރު ފޯރުވާތީ އެކަމާ ކަންބޮޑުވާ ޖީ20 ގެ ގައުމުތައް އެކަތިގަނޑަކަށް ހެދުމަށް އެމެރިކާއިން މަސައްކަތް ކުރަމުންދާ ވަގުތެއްގަ އެވެ.
މި ބައްދަލުވުން ބާއްވާފައިވަނީ އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް މާކޯ ރޫބިއޯ، އެޓްލާންޓާގައި ބޭއްވި ޖީ20 ގެ ޚާރިޖީ ވަޒީރުންގެ ބައްދަލުވުމުގެ ފަހު ސެޝަންގެ ރިޔާސަތު ބެލެހެއްޓެވުމުގެ ކުޑަވަގުތުކޮޅެއް ކުރިންނެވެ. ޖީ20 ގްރޫޕުގައި ޗައިނާ ވެސް ހިމެނެ އެވެ.
ކުއަޑްގެ ވަޒީރުން ވަނީ މިނިވަން އަދި ހުޅުވާލެވިފައިވާ އިންޑޯ-ޕެސިފިކް ސަރަހައްދަކަށް ތާއީދުކުރާކަން ތަކުރާރުކުރައްވައި، ދުނިޔޭގެ ހަމަޖެހުމާއި ތަނަވަސްކަން ދެމެހެއްޓުމަށްޓަކައި އިތުބާރު ހުރި އަދި ހުޅުވާލެވިފައިވާ ސަޕްލައި ޗެއިންތަކެއްގެ މުހިންމުކަން ފާހަގަކުރައްވާފަ އެވެ.
މީގެ އިތުރުން، ހޮރްމުޒް ކަނޑުއޮޅި އާއި، ރަތް ކަނޑު އަދި ބާބުލް މަންދަބު ކަނޑުއޮޅީގައި ދަތުރުފަތުރު ކުރުމުގެ ހައްގުތަކާއި މިނިވަންކަން ރައްކާތެރިކޮށް ދެމެހެއްޓުމަކީ ކޮންމެހެން ބޭނުންތެރި ކަމެއްކަން ވަޒީރުން ފާހަގަކުރެއްވި ކަމަށް ބަޔާނުގައިވެ އެވެ.
އިންޑޯ-ޕެސިފިކް ސަރަހައްދުގައި އިތުބާރު ހުރި އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ޓެކްނޮލޮޖީތަކަށް އެހީތެރިވުމަށް 85 މިލިއަން ޑޮލަރަށް ވުރެ ގިނަ އެހީ ދިނުމަށް މި ގްރޫޕުން ވަނީ އިގުރާރުވެފަ އެވެ.
މިއީ މިއަހަރުގެ ތެރޭގައި ކުއަޑްގެ ޚާރިޖީ ވަޒީރުން ބޭއްވި ތިންވަނަ ބައްދަލުވުމެވެ. އަންނަ މަހު މެނީލާގައި ބޭއްވުމަށް ހަމަޖެހިފައިވާ އާސިއާން ސަމިޓުގެ ތެރެއިން، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ކުއަޑްގެ ގައުމުތަކުގެ ވެރިންނާއެކު ބާއްވާ ފުރަތަމަ ރަސްމީ ބައްދަލުވުމުގެ ތައްޔާރީތައް މިހާރު ދަނީ ކުރެވެމުންނެވެ.
ރޫބިއޯ ވިދާޅުވީ ކުއަޑް އަކީ "ޗައިނާއާ ދެކޮޅު ނުވަތަ އެއްވެސް ބަޔަކާ ދެކޮޅު އިއްތިހާދެއް ނޫން" ކަމަށެވެ. ނަމަވެސް، ގުޅިފައިވާ ބަޔާނުގައި ކަންބޮޑުވުން ފާޅުކޮށްފައިވަނީ "އެއް ގައުމަކުން ތަކުރާރުކޮށް ފެންނަމުންދާ" އަމަލުތަކަކާ މެދު ކަމަށް އޭނާ ވިދާޅުވި އެވެ.







