ބްރެޒިލްގެ ރިޔާސީ އިންތިޚާބު ކާމިޔާބު ކުރެއްވި ރައީސް ލުއިޒް އިނާސިއޯ ލޫލާ ޑަ ސިލްވާ އަތުން 4 މިލިއަނަށް ވުރެ ގިނަ ވޯޓުގެ ތަފާތުން ބަލިވި ނަމަވެސް، އެ ގައުމުގެ ސެނެޓަރު ފްލާވިއޯ ބޮލްސޮނާރޯ އެމެރިކާއަށް ވަޑައިގަތުމަށް ފަހު އޭނާއަކީ ބްރެޒިލްގެ ލީޑަރު ކަމަށް ބުދަ ދުވަހު އިއުލާން ކުރައްވައިފި އެވެ.
ބޮލްސޮނާރޯ ތުހުމަތު ކުރެއްވި ގޮތުގައި އޭނާއަކީ ބްރެޒިލްގެ ސުޕްރީމް ކޯޓާއި ރައީސް ލޫލާ ގުޅިގެން ހިންގި "އިންތިޚާބީ ބަޣާވާތެއްގެ" ޝިކާރައެކެވެ.
ޕާސްޕޯޓް ހަވާލުކުރުމަށް ބްރެޒިލްގެ ސުޕްރީމް ކޯޓުން ނެރުނު އަމުރަށް ބޯލެނބުމަށް އިންކާރު ކުރެއްވުމަށް ފަހު، ބޮލްސޮނާރޯ އެމެރިކާގެ މިއާމީއަށް ވަޑައިގަތީ ބްރެޒިލް ދޫކުރައްވަ އެވެ. މި ދަތުރުގައި އެހީތެރިކަން ފޯރުކޮށްދެއްވި އާޖެންޓީނާގެ ރައީސް ހާވިއޭ މިލެއި އަށާއި، އޭނާ އާއި އޭނާގެ އާއިލާއަށް އެމެރިކާއަށް އެތެރެވުމުގެ ވިސާ ހަމަޖައްސަވައިދެއްވި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕަށް ބޮލްސޮނާރޯ ވަނީ ޝުކުރު އަދާކުރައްވާފަ އެވެ.
އެކްސްގައި އާންމުކުރެއްވި ފުރަތަމަ ހުޅުވާލެވިފައިވާ ސިޓީގައި، ބޮލްސޮނާރޯ އަމިއްލައަށް ސިފަކުރެއްވީ އޭނާއަކީ "އިންތިހާބީ ރައީސް" ކަމަށެވެ. ނަމަވެސް ފަހުން އެ ސިޓީ ފޮހެލުމަށް ފަހު، އޭނާއަކީ ބްރެޒިލްގެ ހައްގުވެރި "ލީޑަރު" ކަމަށް ބަޔާންކޮށް އައު ސިޓީއެއް ވަނީ އާންމުކުރައްވާފަ އެވެ.
އިސްލާހުކުރި ސިޓީގައި ބޮލްސޮނާރޯ ވިދާޅުވީ، އޭނާއަށް ވޯޓު ދިން 60 މިލިއަން މީހުންނާއި ބްރެޒިލްގެ ހުރިހާ ރައްޔިތުންނަށް ބުނަން އޮތީ، އޭނާއަކީ ގައުމުގެ ލީޑަރު ކަމަށެވެ. އަދި ބްރެޒިލްގެ އިންތިހާބު ވަގަށް ނެގި "ކުށްވެރިންނަކީ" އަނިޔާވެރި ވެރިކަމެއް ގާއިމުކޮށްފައިވާ ޖިނާއީ ޖަމާއަތެއްގެ ބައެއް ކަމަށް ވެސް އޭނާ ތުހުމަތު ކުރެއްވި އެވެ.
ރައީސް ލޫލާ ހޯއްދެވި ކާމިޔާބީ ބްރެޒިލްގެ ފެޑަރަލް އިލެކްޓޯރަލް ކޯޓާއި، ދުނިޔޭގެ ލީޑަރުންނާއި، ބައިނަލްއަގުވާމީ އޮބްޒާވަރުންގެ އިތުރުން ބޮލްސޮނާރޯ ނިސްބަތްވާ ސިޔާސީ ޕާޓީން ވެސް ވަނީ ގަބޫލުކޮށްފަ އެވެ.
ބޮލްސޮނާރޯގެ ސިޓީއަށް ސީދާ އިޝާރާތެއް ނުކުރައްވައި، ބްރެޒިލްގެ އިންތިޚާބީ އިދާރާގެ ވެރިޔާ ކާސިއޯ ނޫނޭސް މާކޭސް ނެރުއްވި ބަޔާނެއްގައި ވިދާޅުވީ، އިންތިޚާބު ކުރިއަށް ދިޔައީ ގާނޫނީ އަދި ދުސްތޫރީ ހުރިހާ މިންގަނޑުތަކަކާ އެއްގޮތަށް ފުރިހަމައަށް ކަމަށެވެ.
ޖޮއިންޓް ބޭސް އެންޑްރޫސްގައި ނޫސްވެރިން ބޮލްސޮނާރޯގެ ވާހަކަތަކާ ގުޅޭ ގޮތުން ސުވާލުކުރުމުން، ޓްރަމްޕް އެކަމަށް ވަކި އެއްޗެއް ވިދާޅުވާން އިންކާރު ކުރެއްވި އެވެ. ނަމަވެސް، އެއީ "ވަރަށް އާދަޔާ ހިލާފު އިންތިބެހާއް" ކަމަށް ކުރިން ވެސް ވިދާޅުވި ވާހަކަ ޓްރަމްޕް ވަނީ ތަކުރާރު ކުރައްވާފަ އެވެ.







