ޔޫއޭއީގެ މުހައްމަދު އަލައްބާރަށް ރަސްމާލެ ވިއްކާލުމުގެ ކުރިން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނެގުމަށް ގޮވާލައި އިދިކޮޅު އެމްޑީޕީގެ ގައުމީ މަޖިލީހަށް ގަރާރެއް ހުށަހަޅައިފި އެވެ.
ގައުމީ މަޖިލީހުގެ ބައްދަލުވުން އޮންނާނީ މިރޭ 9:00 ގަ އެވެ.
މޯލްޑިވްސް ވޯޓާ ފްރަންޓް އެންޑް މެރީނާގެ ނަމުގައި ހިންގާ ރަސްމާލޭ މަޝްރޫއަކީ ދިވެހި ރައްޔިތުންގެ މުއްސަނދިކަމަށް އުނިކަން ލިބޭ ގޮތަށް ކުރިއަށްގެންދާ މަޝްރޫއެއް ކަމަށް ތުހުމަތުކޮށް، އެމްޑީޕީން ވަނީ މި އެއްބަސްވުމުގެ ދަށުން އެއްވެސް އަމަލީ މަސައްކަތެއް ކުރުމުގެ ކުރިން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނެގުމަށް އެ ގަރާރުގައި ސަރުކާރަށް ގޮވާލާފަ އެވެ.
މިއަދު ފާސް ކުރި އެ ގަރާރުގައި ބަޔާންކޮށްފައިވާ ގޮތުގައި، އެއްވެސް އެކުއިސިޝަން ކޮސްޓަކާ ނުލައި އަދި އެއްވެސް ކުއްޔެއް ދައްކަން ނުޖެހޭ ގޮތަށް 500 ހެކްޓަރުގެ ބިން 99 އަހަރަށް ބޭރުގެ ކުންފުންޏަކަށް ދޫކުރުމަކީ ރައްޔިތުންގެ ފައިސާއަށް ވާ ބޮޑު ހިޔާނާތެކެވެ.
އެމްޑީޕީން ފާހަގަކުރި ގޮތުގައި މި މަޝްރޫއު ހަވާލުކުރުމުގައި ގާނޫނީ ގޮތުން ބޮޑެތި ގޯސްތަކެއް ވަނީ ހަދާފަ އެވެ. އެގޮތުން އެއްވެސް ބިޑުކުރުމުގެ ދައުވަތަކާ ނުލައި، ދައުލަތުގެ މާލިއްޔަތު ގަވާއިދާ ހިލާފަށް މި މަޝްރޫއު ހަވާލުކޮށްފައިވާ ކަމަށް އެ ޕާޓީން ބުނެ އެވެ.

މީގެ އިތުރުން، މި ބިންތައް ތިންވަނަ ފަރާތްތަކަށް ކުއްޔަށްދޫކުރާ ކޮންމެ ފަހަރަކު ކުލީގެ މުއްދަތު 99 އަހަރަށް އާވާ ގޮތަށް އޮތުމަކީ، ބޭރުގެ ފަރާތްތަކަށް ރާއްޖޭގެ ބިން ދާއިމީކޮށް މިލްކުކޮށްދިނުން ފަދަ ނުރައްކާތެރި ކަމެއްގެ ގޮތުގައި އެމްޑީޕީގެ ގަރާރުގައި ސިފަކޮށްފައިވެ އެވެ.
މި މައްސަލައިގައި އެމްޑީޕީން ވަނީ ސަރުކާރަށް މުހިންމު ތިން ކަމަކަށް ގޮވާލާފަ އެވެ. ފުރަތަމަ ކަމަކީ މި މަޝްރޫއުގެ ވިޔަފާރީގެ އެއްބަސްވުންތަކުގެ ތަފްސީލު އާންމުކުރުމެވެ. ދެވަނަ ކަމަކީ މިފަދަ ބޮޑު މަޝްރޫއަކާ މެދު ރައްޔިތުންގެ މެދުގައި ފެންނަ ނުފެންނަ ވޯޓެއް ނުވަތަ ރިފަރެންޑަމްއެއް ނެގުމެވެ. އަދި ތިންވަނަ ކަމެއްގެ ގޮތުގައި އެ ޕާޓީން ގޮވާލާފައިވަނީ އެފަދަ ވޯޓެއްގެ ނަތީޖާ ލިބުމުގެ ކުރިން، އެ ބިމުގެ މައްޗަށް އެއްވެސް ފަރާތެއްގެ ހައްގެއް އުފަންވާނެ ފަދަ އެއްވެސް މުއާމަލާތެއް ނުހިންގުމެވެ.
ދައުލަތުގެ ފައިސާއިން ފުށިދިއްގަރުފަޅު ހިއްކައިގެން ހަދަމުން އަންނަ ރަސްމާލޭގެ 500 ހެކްޓަރު އީގަލް ހިލްސްއަށް ވިއްކާލުމުގެ ކޮމާޝަލް ޓާމްސްގައި ސޮއި ކުރީ ސެޕްޓެމްބަރު 21، ގަ އެވެ. އެ ޕްރޮޖެކްޓުގެ ދާއިމީ އެގްރިމެންޓުގައި ސޮއި ކުރަން މަސައްކަތް ކުރަނީ ނޮވެމްބަރު 11، ގަ އެވެ. އެއީ ރާއްޖޭގެ ޖުމްހޫރީ ދުވަހެވެ.
ރަސްމާލެ ވިއްކާލަން ސަރުކާރުން ޑީލެއް ހެދީ، އެތަނުގެ ވެލިފުކެއް އެންމެ ދުވަހަކަށް ނަމަވެސް ބޭރުގެ ބަޔަކަށް ކުއްޔަށް ނުވަތަ ހިލޭ ވެސް ނުދޭން ރައީސް މުހައްމަދު މުއިއްޒު ވައުދުވެވަޑައިގެންނެވުމަށްފަހު އެވެ.
"އެތަނުން [ރަސްމާލެއިން] ހިއްކާ ކޮންމެ ބިމެއްގެ، ކޮންމެ ވެލިފުކަކީ ދިވެހި ރައްޔިތުންނަށް މިލްކުވާ ވެލިފުކެއް. އެއްވެސް ބޭރު ފަރާތަކަށް އެންމެ ދުވަހަކަށް ވެސް ކުއްޔަށް ދޭން، ނޫނީ ހިލޭ ވެސް ލިބޭނެ ބިމެއްނޫން، ދެން އެތަނުން ހިކިގެން ދާނީކީއެއް،" މުއިއްޒު ވިދާޅުވެފައިވެ އެވެ.












