ސިޔާސީގޮތުން ކޮންމެ ފިކުރަކަށް ތާއީދުކުރި ނަމަވެސް، ރާއްޖޭގެ އިސްލާމީ އައިޑެންޓިޓީ އާއި ގައުމީ ސިޔާދަތާއި ސަގާފީ ތަރިކައަށް އުނިކަން ލިބޭ ކޮންމެކަމަކާމެދު ދިވެހިން ސަމާލުވާންޖެހޭ ކަމަށް އިސްމާއިލް ޒަރިޔަންދު ވިދާޅުވެއްޖެ އެވެ.
ކުރީގެ ރައީސް، މުހައްމަދު ނަޝީދު އެކްސްގައި ކުރެއްވި ޕޯސްޓަކަށް ރައްދު ދެއްވައި ޒަރިޔަންދު ވިދާޅުވީ ގައުމު ހިމާޔަތް ކުރުމަކީ ސިޔާސީ ޕާޓީތަކުގެ މަސްލަހަތަށްވުރެ ބޮޑުކަމެއް ކަމަށެވެ.
"މިފަދަ ބޮޑެތި ކަންބޮޑުވުންތަކަކީ ބޭރު މީހުންނަށް ނަފުރަތު ކުރުން ނުވަތަ ޒެނޯފޯބިއާގެ ގޮތުގައި ސިފަކޮށް ދޫކޮށްލެވޭނެ ކަންކަމެއް ނޫނެވެ. އެއާ ހިލާފަށް، މިއީ ސީރިއަސްކަމާއެކު ތަހުގީގު ކުރަންޖެހޭ މައްސަލަތަކެކެވެ،" ޒަރިޔަންދުގެ ޕޯސްޓުގައި ލިޔުއްވައިފައިވެ އެވެ.
އީގަލް ހިލްސްގެ ބާނީ މުހައްމަދު އަލައްބާރުއަށް ކުރާ ތުހުމަތުތައް ތަކުރާރުކުރައްވައި ޒަރިޔަންދު ވިދާޅުވީ އޭނާއަކީ ޔޫއޭއީ އާއި އިޒްރޭލާ ދެމެދު އޮންނަ ގުޅުމަށް ފާޅުގައި ތާއީދުކުރާ މީހެއް ކަމަށެވެ.
އޭގެ އިތުރުން، ބޭރު ގައުމުތަކުގެ ސިޔާސީ ކެމްޕޭންތަކަށް ފައިސާ ހަރަދުކުރާކަމުގެ ތުހުމަތުތައް އޯސީސީއާރުޕީން ތަހުގީގުކުރި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އެމްޑީޕީގެ މިސްރާބު ހުރީ ޕާޓީ އުފެއްދި އަސާސްތަކާ ދުރަށް ކަމަށް ވިދާޅުވެ ނަޝީދުގެ ކަންބޮޑުވުން
އެމްޑީޕީން މިހާރު ގެންގުޅޭ ހަރުކަށި ގައުމީ ފިކުރާއި ބޭރު މީހުންނަށް ނަފުރަތު އުފެއްދުމުގެ ސިޔާސަތުތަކުގެ ސަބަބުން، ޕާޓީގެ އަމިއްލަވަންތަކަން ގެއްލިދާނެ ކަމުގެ އިންޒާރު ރައީސް ނަޝީދު ދެއްވި. އެމަނިކުފާނު ވިދާޅުވީ ދީނާއި ބިރުވެރިކަން ސިޔާސީ ހަތިޔާރަކަށް ހަދައިގެން މަންފާ ހޯދަން އުޅުމަކީ ޕާޓީގެ އަސްލު އުސޫލުތަކާ ހިލާފު، ނުރައްކާތެރި މިސްރާބެއް ކަމަށް.
ޒަރިޔަންދު މިހެން ވިދާޅުވެފައި މިވަނީ އިދިކޮޅު މައި ޕާޓީ، މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީގެ މިސްރާބު ހުރީ އެ ޕާޓީ އުފެއްދި އަސާސްތަކާ ދުރަށް ކަމަށް ވިދާޅުވެ އެ ޕާޓީގެ ޗެއާޕާސަން ކުރީގެ ރައީސް މުހައްމަދު ނަޝީދު ކަންބޮޑުވުން ފާޅުކުރައްވައިފައި ވަނިކޮށެވެ.
ނަޝީދު މިއަދު އެކްސްގައި ކުރި ޕޯސްޓެއްގައި ވިދާޅުވީ އެމްޑީޕީއަކީ އަބަދުވެސް ހުޅުވާލެވިފައިވާ، ޑިމޮކްރެޓިކް އިސްލާހީ ބަދަލުތަކަށް މަސައްކަތްކުރާ ޕާޓީއެއް ކަމަށެވެ. ނަމަވެސް، ފަހަކަށް އައިސް އެ ޕާޓީން ހަރުކަށި ގައުމީ ފިކުރާއި ބޭރު މީހުންނަށް ނަފުރަތު އުފެއްދުމުގެ ރޫހެއް ގެންގުޅޭ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.













