މަހެއްގެ މައްޗަށް އާމްދަނީގެ ގޮތުގައި 60،000ރ. ލިބޭ މީހުން އަންނަ ޖެނުއަރީން ފެށިގެން ސަރުކާރުގެ ފެސިލިޓީތައް ފިޔަވައި، ޕްރައިވެޓް ތަންތަނުން ހޯދާ އާސަންދައިގެ ހިދުމަތަށް 15 ޕަސަންޓު ދައްކަންޖެހޭނެ ކަމަށް ހެލްތު މިނިސްޓްރީން ބުނެފި އެވެ.
ހެލްތު މިނިސްޓްރީން ބުނީ 15 ޕަސަންޓުގެ މި ކޯ-ޕޭމަންޓް ނެގުމަށް ހަމަޖެހިފައިވަނީ އާސަންދަ ސްކީމުގައި ރަޖިސްޓަރީވެފައިވާ އަމިއްލަ ކްލިނިކްތަކާއި، ހޮސްޕިޓަލްތަކާއި، ފާމަސީތަކުގެ އިތުރުން އޮޕްޓިކަލް އަދި ޕްރޮސްތެޓިކް ހިދުމަތް ދޭ ތަންތަނުންނެވެ.
ބޮޑު އާމްދަނީ ލިބޭ މީހުން ސަރުކާރުގެ ފެސިލިޓީތަކުން ހޯދާ ހިދުމަތަށް އެއްވެސް ފައިސާއެއް ނުނަގާއިރު، މިހާރުވެސް އަމަލުކުރަމުންދާ އުސޫލުގެ ދަށުން އާސަންދަ މެދުވެރިކޮށް ރާއްޖެއިން ބޭރަށް އިތުރު ފަރުވާއަށް ފޮނުވަންޖެހޭ ހާލަތްތަކުގައި ވެސް ކޯ-ޕޭމަންޓު ނުނަގާނެ ކަމަށް މިނިސްޓްރީން ބުންޏެވެ.
ނަމަވެސް ފަންނީ ދާއިރާތަކުން މީހުން ބިނާކުރުމަށާއި ހިފެހެއްޓުމަށް ބާރުއެޅުމުގެ ގޮތުން ބޮޑު އާމްދަނީ ލިބޭ ޑޮކްޓަރުންނާއި މެޑިކަލް ދާއިރާގެ ފަންނީ މުވައްޒަފުންނާއި ޕައިލެޓުންނާއި އޭވިއޭޝަން ދާއިރާގެ ފަންނީ މުވައްޒަފުންގެ އިތުރުން އިންޖިނިއަރުންނާއި ސައިންސްޑް ބޭސް ދާއިރާތަކުގެ ފަންނީ މުވައްޒަފުން އަތުން އެއްވެސް ހާލަތެއްގައި ކޯ-ޕޭމަންޓް ނުނަގާނެ ކަމަށް އުސޫލުގައި ބަޔާންކޮށްފައިވެ އެވެ.
މި ސިޔާސަތު އިއުލާންކުރައްވަމުން މިދިޔަ ސެޕްޓެމްބަރު މަހު ރައީސް މުހައްމަދު މުއިއްޒު 60،000ރ. ގެ އާމްދަނީ ލިބޭ މީހުންނަށް މިހާރު ލިބޭ އާސަންދައިގެ ފުލް ކަވަރޭޖް ކަނޑާލުމުން އަހަރަކު 287 މިލިއަން ރުފިޔާ ސަލާމަތްކުރެވި، އެ ފައިސާ ރައްޔިތުންގެ އެހެން ކަންކަމަށް ހަރަދުކުރެވޭނެ ކަމަށެވެ.

އާސަންދަ އިން ބޭހަށް ކުރާ ހަރަދު ކުޑަ ކުރުމަށް ނިޒާމަށް ގެންނަންޖެހޭ 11 ބަދަލެއް ވަޒީރުންގެ މަޖިލީހުގެ ލަފާގެ މަތިން ފެބްރުއަރީ 18، 2025، ގައި މުއިއްޒު ނިންމެވި އެވެ. ރައީސް އޮފީހުން އޭރު ބުނީ އެ ބަދަލުތައް ގެންނަން ނިންމީ އާސަންދައިން ބޭސް ހޯދުމުގައި ރައްޔިތުންނަށް ދައްޗެއް އަދި މާލީ ތަކުލީފެއް ކުރިމަތިނުވާނެކަން ކަށަވަރުކުރުމަށް ކަމަށެވެ.
އާސަންދައިގެ ހަރަދު އަންނަ އަހަރު ހަތަރު ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް އޮޑިޓް އޮފީހުން މި އަހަރު ނެރުނު އާސަންދައިގެ ޕާފޯމަންސް އޮޑިޓްގައި ވަނީ ލަފާކޮށްފަ އެވެ.
ފާއިތުވި ހަ އަހަރަށް ބަލާއިރު އާސަންދަ ސްކީމަށް ބަޖެޓުކުރި އަދަދަށްވުރެ ސްކީމަށް ކުރެވުނު ހަރަދު އެއް އަހަރުން އަނެއް އަހަރަށް އިތުރުވާ ކަމަށާއި އަވަސް ފިޔަވަޅުތަކެއް ނޭޅިއްޖެނަމަ ހަރަދުތައް އިތުރުވެ، ސްކީމުގެ ދެމެހެއްޓިނިވި ކަމަށް އަސަރު ކުރާނެ ކަމަށް ފާހަގަކުރެވޭ ކަމަށް ރިޕޯޓުގައި ބުނެފައިވެ އެވެ.













