ބާސެލޯނާ (ނޮވެމްބަރު 1) - ބޮޑު ތަފާތަކުން ޑިޕޯޓިވޯ އަލަވޭސް 6-1 އިން ބަލިކޮށް، ބާސެލޯނާ އިން ސްޕެނިޝް ލީގުގެ އެއް ވަނަ އަށް އަލުން ޖެހިލައިފި އެވެ.
ސީޒަނުގައި މޮޅުވުމުގެ ރަނގަޅު ރެކޯޑަކާ އެކު އައި ބާސެލޯނާ އިން އެންމެ ފަހުން ކުޅުނު ދެ މެޗުން ވަނީ، ޗެމްޕިއަންސް ލީގުގައި ޕީއެސްޖީ އަތުންނާއި ސްޕެނިޝް ލީގުަގައި. ރެއާލް މެޑްރިޑް އަތުން ބަލިވެފަ އެވެ. އަނެއްކޮޅުން، ރޭގެ މެޗަށް ނުކުތްއިރު، ބާސެލޯނާ އަށް ސްޕެނިޝް ލީގު ތާވަލުގެ އެއް ވަނަ މަގާމު އޮތީ ގެއްލިފަ އެވެ. އެއީ، އެތުލެޓިކޯ މެޑްރިޑް ކުޅުނު މެޗުން 2-0 އިން ލެވަންޓޭ އަތުން މޮޅުވެފައި އޮތުމުންނެވެ.
ބާސެލޯނާ އިން އަލަވޭސް ބަލިކޮށް އަލުން އެއް ވަނަ އަށް އެރީ 11 މެޗުން 30 ޕޮއިންޓް ހޯދައިގެންނެވެ. ދެ ވަނައިގައި އޮތް އެތުލެޓިކޯ އަށް 11 މެޗުން ލިބިފައިވަނީ 27 ޕޮއިންޓެވެ. ތިން ވަނައިގައި އޮތް ރެއާލް މެޑްރިޑަށް 10 މެޗުން 24 ޕޮއިންޓް ލިބިފައިވެ އެވެ.
ބާސެލޯނާ ދަނޑުގައި ރޭ ކުޅުނު މެޗުގައި، އެ ޓީމުން ފުރަތަމަ ހާފު ނިންމާލީ ހަތަރު ގޯލުގެ ލީޑެއްގަ އެވެ. ރަފީނިއާ ދެ ގޯލު ޖެހިއިރު، އަނެއް ލަނޑުތައް ޖެހީ ފާމިން ލޮޕޭޒް އާއި ލަމީން ޔަމާލް އެވެ. މީގެ އިތުރުން، ވެސް ފުރަތަމަ ހާފުގައި ލަނޑު ޖަހަން ބާސެލޯނާ އަށް ރަނގަޅު ފުރުސަތުތަކެއް ލިބި ބޭނުމެއް ނުކުރެވުނެވެ.
ދެ ވަނަ ހާފުގައި ބާސެލޯނާ އިން ކާމިޔާބުކުރި ލަނޑުތައް ޖެހީ، މެޗުގައި ދެ ވަނަ ލަނޑެއް ޖެހި ޔަމާލްގެ އިތުރުން، އިނގިރޭސި ވިންގް، އެންތަނީ ގޯޑަން އެވެ. މި މެޗުގައި އަލަވޭސްގެ ހަމައެކަނި ލަނޑު ޖެހީ މެޗުގެ ފުރިހަމަ ވަގުތު ހަމަވާން ހަ މިނިޓަށް ވެފައިވަނިކޮށް، މަރިއާނޯ ޑިއާޒް އެވެ. މިއީ، ބާސެލޯނާގެ ރޮޑްރީ އާއި ކީޕަރު ޖޮއާން ގާސިއާގެ ދެމެދުގައި ހެދުނު ގޯހެއްގެ ފައިދާނަގައި، ޑިއާޒް ޖެހި ގޯލެކެވެ.












