ކުރީ ސަރުކާރުގެ އިންޑިއާ ގުޅުމަށް ނުސީދާކޮށް ފާޑުވިދާޅުވެ، "ޕަޕެޓު" ސިޔާސަތު ވަޅުލައިފި ކަމަށް މުއިއްޒު ވިދާޅުވެއްޖެ

ރައީސް މުއިއްޒު ނޭޝަން ޗެޓު ޕޮޑްކާސްޓުގައި ވާހަކަ ދައްކަވަނީ: ރާއްޖޭން އަސްކަރިއްޔާ ވަރުގަދަކުރަނީ އަމިއްލަ ސަލާމަތަށް ކަމަށް ވިދާޅުވި --- ފޮޓޯ: ރައީސް އޮފީސް

ރައީސް މުއިއްޒު ނޭޝަން ޗެޓު ޕޮޑްކާސްޓުގައި ވާހަކަ ދައްކަވަނީ: ރާއްޖޭން އަސްކަރިއްޔާ ވަރުގަދަކުރަނީ އަމިއްލަ ސަލާމަތަށް ކަމަށް ވިދާޅުވި --- ފޮޓޯ: ރައީސް އޮފީސް

ކުރީ ސަރުކާރުން އިންޑިއާއާއެކު ބޭއްވި ގުޅުމަށް ނުސީދާކޮށް ފާޑުކިޔައި، ވަކި ގައުމެއްގެ "ޕަޕެޓަކަށް" އޮތް އޮތުމަކީ ގަބޫލުކުރެވޭނެ ކަމެއް ނޫން ކަމަށް ވިދާޅުވެ، ޕާކިސްތާނާއެކީ ސޮއިކުރި އެއްބަސްވުންތައް ރައީސް މުހައްމަދު މުއިއްޒު ދިފާއުކުރައްވައިފި އެވެ.

މުއިއްޒު މި މޭރުމުން ވާހަކަ ދެއްކެވީ، މި ސަރުކާރަށް މާލީ ގޮތުންނާއި އެކި ގޮތްގޮތުން ބޮޑެތި އެހީތަކެއް ދީ ވަރަށް ބޮޑަށް ވާގިވެރިވަމުން އަންނަ އިންޑިއާގެ ހަތުރު ޕާކިސްތާނާއެކު ރާއްޖެއިން ދިފާއީ އަދި އަސްކަރީ އެއްބަސްވުންތަކެއް ހެދުމާ ގުޅިގެން، އިންޑިއާގެ ސަލާމަތީ މަސްލަހަތުތަކަށް ބުރޫއަރާފާނެ ކަމަށް ބުނެ އެ ގައުމުގައި ބޮޑެތި ކަންބޮޑުވުންތަކެއް އުފެދިފައިވާ ދަނޑިވަޅެއްގަ އެވެ.

މި ވާހަކަތައް މުއިއްޒު ހިއްސާކުރެއްވީ ދައުލަތުގެ މީޑިއާ ޕީއެސްއެމްއިން ގެނެސްދޭ :ނޭޝަން ޗެޓް" ޕޮޑްކާސްޓުގައި ވާހަކަ ދައްކަވަމުންނެވެ. އިންޑިއާގެ ނަން ސީދާ ވިދާޅުނުވި ނަމަވެސް، މުއިއްޒު ވަނީ ކުރީ ސަރުކާރުތަކުގައި އޮތް ފަދަ ސިޔާސަތެއް އިޔާދަކުރުމަށް ރައްޔިތުން ފުރުސަތެއް ނުދޭނެ ކަމަށެވެ. 

"ވަކި ގައުމެއްގެ ޕަޕެޓަކަށް ވާ ގޮތަށް އޮތް އޮތުމަކީ ގަބޫލުކުރެވޭނެ ކަމެއް ނޫން. ރާއްޖޭގެ ރައްޔިތުން ގަބޫލުކުރާ ކަމެއް ނޫން. އެހެންވީމާ، އެ ސިޔާސަތު އިރާދަކުރެއްވިއްޔާ ހަމަ މަޑުމަޑުން މިދިޔަ ތިން އަހަރު ތެރޭގައި އަޅުގަނޑުމެން މި ދިޔައީ ހަމަ ފަސްލާ ވަޅުލާ ނިންމާފައި،" މުއިއްޒު ވިދާޅުވި އެވެ.

ޕާކިސްތާނާއެކު ސޮއިކުރި އަސްކަރީ އެއްބަސްވުންތައް ދިފާއުކުރައްވަމުން މުއިއްޒު ވިދާޅުވީ، ރާއްޖެއިން އެއްވެސް އިރެއްގައި އެހެން ދެ ގައުމެއްގެ ދެމެދުގައި އޮންނަ މައްސަލަތަކުގެ ތެރެއަކަށް ނުވަންނާނެ ކަމަށެވެ. އަދި ރާއްޖޭގެ ބޮލުގައި ކިތަންމެ ބޮޑު ބަދުނާމެއް އަޅުވަން މަސައްކަތްކޮށް ދޮގުތައް ހެދި ނަމަވެސް އެއީ ހަގީގަތަކަށް ނުވާނެ ކަމަށާއި، ރާއްޖެއިން މަސައްކަތްކުރަނީ ސަރަހައްދީ އަދި ބައިނަލްއަގުވާމީ ފެންވަރުގައި ވެސް ޒިންމާދާރު ބައެއްގެ ގޮތުގައި ކަމަށް ވިދާޅުވި އެވެ.

މި އެއްބަސްވުންތަކުގެ މަސައްކަތް މުއިއްޒު ގުޅުވާލެއްވީ ރާއްޖޭގެ ސަލާމަތާއި ކަނޑުގެ ސަރަހައްދު ބެލެހެއްޓުމާ އެވެ. މުއިއްޒު ވިދާޅުވީ ރާއްޖޭގެ އަސްކަރީ ގާބިލުކަމާއި އަމަންއަމާންކަން އިތުރަށް ހަރުދަނާކުރުމަށްޓަކައި ކޮންމެ ގައުމަކާއެކު ވެސް އަދި ހާއްސަކޮށް އިސްލާމީ ގައުމުތަކާއެކު މަޝްވަރާކުރުމުގައި ފަސްނުޖެހޭނެ ކަމަށެވެ.

މީގެ އިތުރުން، ރާއްޖޭގެ ބޮޑު ކަނޑުގެ ސަރަހައްދު އަމިއްލައަށް ނުބެލެހެއްޓި އެހެން ބައެއްގެ އެހީއަށް ސަލާންޖަހަން ޖެހުމަކީ މިނިވަންކަމެއް ނޫން ކަމަށް މުއިއްޒު ފާހަގަކުރެއްވި އެވެ. އަދި ކަނޑުގެ ސަރަހައްދު ބެލެހެއްޓުމަށް ޑްރޯން ހޯދައި، ކޯސްޓްގާޑުގެ ގާބިލުކަން އިތުރުކުރަނީ އެ ސަބަބާ ހުރެ ކަމަށް ވިދާޅުވި އެވެ.

"އެކިފަހަރު އެކި މީހުންގެ އެހީތެރިކަމަށް ސަލާން ޖަހައިގެން އެކަން ކުރަންޖެހޭ ކަމަށް ވަންޏާ، އެއީކީ ހަގީގަތުގައި އަޅުގަނޑުމެން މިނިވަންވެގެން ތިބުމެއް ނޫން. އަބަދުވެސް ކޮމްޕްރޮމައިޒްވެފައި އެ ތިބެނީ. ތިބެނީ އަބަދުވެސް ބައެއްގެ އަޅުދާސްތުމުގައި،" މުއިއްޒު ވިދާޅުވި އެެ. 

ބޭރުގެ އަސްކަރީ ބާރުތަކަށް ރާއްޖެއިން ދީފައި އޮތް ޖާގަ ހަނިކުރި ކަމަށް އިޝާރާތް ކުރައްވަމުން މުއިއްޒު ވިދާޅުވީ، މިހާރު މި ގައުމުގައި ބޭރުގެ އެއްވެސް ސިފައިންގެ ބަޔަކު ނުތިބޭނެ ކަމަށެވެ.

"ވަކި އަތަކަށް ޖެހި، ބޭރު ގައުމެއްގެ ސިފައިން މި ތަނުގައި ތިބޭ އެ ގޮތަށް އޮތް އޮތުން، ބޭރު ގައުމެއްގެ އަސްކަރީ ކޮންޓްރޯލް ރާއްޖޭގައި އޮންނަ ގޮތަށް ކަންތައްތައް އޮތް އޮތުން ގެނެސް، ރާއްޖެއަކީ މިނިވަން މުސްތަގިއްލު، ފުރިހަމަ ސިޔާދަތީ ބާރު އޮތް ފަހުރުވެރި ގައުމެއްގެ ގޮތުގައި ހަދާ، އެ ގޮތުގައި ދެމެހެއްޓުން،" އެއީ ސަރުކާރުގެ ސިޔާސަތު ކަމަށް މުއިއްޒު ވިދާޅުވި އެވެ.

މުއިއްޒުގެ މި ދަތުރުފުޅުގައި ޕާކިސްތާނާއެކު އެކި ދާއިރާތަކުން 20 އެއްބަސްވުމެއްގައި ސޮއިކުރިއިރު، އޭގެ ތެރޭގައި ދިފާއީ އެއްބާރުލުން އިތުރުކުރުމާއި ކަނޑުގެ ސަލާމަތާއި ރައްކާތެރިކަން ބެލެހެއްޓުމުގެ ހާއްސަ އެއްބަސްވުންތައް ހިމެނެ އެވެ. އަދި ދެ ގައުމުގެ އަސްކަރީ ތަމްރީނުތައް ފުޅާކުރުމަށް ޕާކިސްތާނުގެ އަސްކަރިއްޔާގެ އިސްވެރިޔާ ފީލްޑް މާޝަލް އާސިމް މުނީރާ އެކު މަޝްވަރާތައް ބޭއްވި މި ދަތުރުފުޅުގައި، ކުރިއަށް އޮތް ދެ އަހަރު ތެރޭ ދެ ގައުމުގެ ވިޔަފާރި 200 މިލިއަން ޑޮލަރަށް އިތުރުކުރަން ވެސް ވަނީ އަމާޒު ހިފާފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

މާލޭ ބަނދަރު ތިލަފުއްޓަށް ބަދަލު ކުރުމުގެ މަސައްކަތް ފަށައިފި

މާލޭ ވިޔަފާރި ބަނދަރުން ދެމުންއައި ކަނޑުމަގުން ކޮންޓޭނަރު ކްލިއާކުރުމުގެ ޚިދުމަތް، ތިލަފުށީގައި އަލަށް ހެދި ކީވޯލް ސަރަހައްދަށް މިހާރު ވަނީ ބަދަލުކޮށްފައެވެ. މި ބަދަލާއެކު ހުޅުމާލެ ޓާމިނަލްގެ އޮޕަރޭޝަންތަކަށް ލުއިލިބޭނެ ކަމަށް އެމްޕީއެލްއިން ބުނާއިރު، ކާބޯތަކެއްޗާއި ބޭހުގެ ބާވަތްތައް އަދިވެސް މާލެ އާއި ހުޅުމާލެއިން ކްލިއާ ކުރެވޭނެއެވެ.

ހުރިހާ ދީންތައް ހިމާޔަތް ކުރަން ހުށަހެޅި ބިލު މަޖިލީހުން ނަގައިފި

ގާނޫނުލް އުގޫބާތަށް ގެންނަ އިސްލާހުތަކަކުން ހުރިހާ ދީންތަކެއް ހިމާޔަތް ކުރަން މަޖިލީހަށް ބިލެއް ހުށަހެޅީ ސަރުކާރުގެ ފަރާތުން މާފަންނު ދެކުނު ދާއިރާގެ މެންބަރު އަބްދުﷲ ރިފާއު އެވެ. އެ ބިލު ތައްޔާރު ކުރެއްވީ ބަންޑާރަނައިބު އަހުމަދު އުޝާމް އެވެ.

ކޮމާޝާލް އެގްރީމެންޓް ރައްޔިތުންނަށް އެނގޭކަށް ނުޖެހޭ: ފަޒީލް

ރަސްމާލެ މަޝްރޫއު ހިންގުމަށް ޔޫއޭއީގެ އީގަލް ހިލްސް ކުންފުންޏާއެކު ވެފައިވާ އެއްބަސްވުމުގެ ތަފްސީލު ރައްޔިތުންނަށް އެނގެން ނުޖެހޭ ކަމަށާއި، އެއީ ދޭދޭ ފަރުދުންގެ މެދުގައި ވެފައިވާ އެއްބަސްވުމެއް ފަދަ ކަމެއް ކަމަށް މެންބަރު ފަޒީލް ވިދާޅުވެއްޖެއެވެ.

ރަސްމާލޭގެ ލީސް އާވާ ކޮންމެ ފަހަރަކު 99 އަހަރު ލިބޭ

ރައީސް އެހެން ވިދާޅުވީ ވެރިކަން ކުރާ ޕީއެންސީގެ މަޖިލިސް މެންބަރުންނާއި ކެބިނެޓު މެންބަރުންނާއެކު މިއަދު މެންދުރު މުލީއާގޭގައި ބޭއްވި ބައްދަލުވުމެއްގަ އެވެ. ރައީސް އެހެން ވިދާޅުވިކަން އެ ބައްދަލުވުމުގައި ބައިވެރިވި މަސްދަރަކުން ވަނީ އަދަދު އަށް ކަށަވަރުކޮށްދީފަ އެވެ.

ރަސްމާލެ ވިއްކާ އެއްބަސްވުމުގަ ނޮވެމްބަރު 17 ގެ ކުރިން ސޮއިކުރަނީ

ރަސްމާލޭގެ 500 ހެކްޓަރު އީގަލް ހިލްސްއަށް ވިއްކާލުމުގެ ދާއިމީ އެއްބަސްވުމުގައި ނޮވެމްބަރު 17، ގެ ކުރިން ސޮއި ކުރާނެ ކަމަށް މުއިއްޒު، މެންބަރުންނަށް އެންގެވި ކަމަށް އެ ބައްދަލުވުމުގައި ބައިވެރިވި މަސްދަރަކުން ބުންޏެވެ.

ޓެކްސް އެޕީލް ޓްރައިބިއުނަލުގެ މަސައްކަތުގެ ދުވެލި ލަސް: އޮޑިޓު

ޓެކްސް އެޕީލް ޓްރައިބިއުނަލަށް މިދިޔަ އަހަރު އަލަށް ހުށަހެޅުނު 28 މައްސަލައިގެ ތެރެއިން ރަޖިސްޓްރީކުރީ 25 މައްސަލައެއް. ނަމަވެސް، އެ އަހަރުގެ ތެރޭގައި އެ ޓްރައިބިއުނަލަށް މައުލޫއީ ގޮތުން ބަލައި ނިންމުނީ އެންމެ 16 މައްސަލަ ކަމަށް ވުމުން، އަހަރު ނިމުނުއިރު ނުނިމި 57 މައްސަލަ އޮތް.

ދީނާ އެއް އަހަރާއި ހަތް މަހަށް ޖަލަށް ލާން ހުކުމްކޮށްފި

ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ކުށް ސާބިތުވެ އޭނާގެ މައްޗަށް މި ހުކުމް އައީ ފެނަކައަށް 8 ލައްކައަށް ވުރެ ގިނަ ރުފިޔާގެ ގެއްލުން ލިބުނު މައްސަލައެއްގައެވެ. މީގެ އިތުރުން ކޮރަޕްޝަނުގެ އިތުރު ދެ މައްސަލައެއްގެ ދައުވާ ވެސް ދައުލަތުން އޭނާގެ މައްޗަށް އުފުލާފައިވެއެވެ.

Newsletter

Get the latest news delivered straight to your inbox