ރިޒާވު ބޭންކު އޮފް އިންޑިއާ (އާރުބީއައި) އިން ރާއްޖެއަށް ދީފައިވާ 30 ބިލިއަން ރުޕީސްގެ ކަރަންސީ ސްވޮޕްގެ މުއްދަތު، މި މަހު އިންޑިއާއިން އިތުރުކޮށްދީފި އެވެ. ގާތްގަނޑަކަށް 323.9 މިލިއަން ޑޮލަރުގެ މި ފައިސާއަކީ މިދިޔަ މަހުގެ ނިޔަލަށް ރާއްޖޭގެ ޖުމްލަ ބޭރު ފައިސާގެ ރިޒާވުގެ 59 ޕަސެންޓެވެ. ތިލަކޮށް ބުނާ ނަމަ، ރިޒާވުގައި މިހާރު އޮތް ކޮންމެ ފަސް ޑޮލަރުގެ ތެރެއިން ތިން ޑޮލަރަކީ އިންޑިއާއިން ދީފައިވާ ފައިސާ އެވެ.
މިއީ ތިން އަހަރު ކުރިން ހިޔާލަށް ގެނެވޭނެ މަންޒަރެއް ނޫނެވެ. އެހެނީ، 2023 ގެ ރިޔާސީ އިންތިހާބުގައި ރައީސް މުހައްމަދު މުއިއްޒު ކުރިމަތިލެއްވީ، ރާއްޖޭގައި ތިބި އިންޑިއާގެ ސިފައިން ފޮނުވާލާނެ ކަމުގެ ވައުދާއެކު، "އިންޑިއާ އައުޓް" ކެމްޕެއިނުގެ ބާރުގަ އެވެ.
ވެރިކަމުގެ ހުވާކުރެއްވުމަށް ފަހު ވެސް އެމަނިކުފާނު އަވަސް ވެވަޑައިގެންނެވީ މި މެސެޖު އިންޑިއާއަށް ދެވޭތޯ އެވެ. އެންމެ ފުރަތަމަ ވަޑައިގެންނެވީ ތުރުކީއަށެވެ. މުއިއްޒުގެ ބޭނުންވެވަޑައިގެންނެވީ އެމަނިކުފާނުގެ ކުރިން ވެރިކަން ކުރެއްވި ހުރިހާ ރައީސުންގެ ފުރަތަމަ ދަތުރު އިންޑިއާއަށް ކުރަން ގެންގުޅުނު ސަގާފަތް މުގުރާލައި، އިންޑިއާއަށް އެއްޗެއް އަންގާށެވެ.
މި މެސެޖުގެ ހޫނަކަން ނުކެނޑެނީސް ދެ ގައުމުގެ ގުޅުން އިތުރަށް ހަލަބޮލިވީ ޖެނުއަރީ، 2024 ގަ އެވެ. އެއީ އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއާ ބެހޭ ގޮތުން ސަރުކާރުގެ ތިން ޑެޕިއުޓީ މިނިސްޓަރަކު ސޯޝަލް މީޑިއާގައި ލިޔުނުލިޔުންތަކާ ގުޅިގެންނެވެ. ނަމަވެސް މި ތިން މީހުން ސަސްޕެންޑުކުރުމުން ސަރުކާރަށް ކޮންމެ ވެސް ވަރަކަށް "ޑެމޭޖު ކޮންޓްރޯލް" ކުރެވި، ޖެހިގެން އައި މެއި މަހުގެ ނިޔަލަށް ރާއްޖޭގައި ތިބި އިންޑިއާގެ ސިފައިން ފޮނުވާލުމުގެ ކަންކަން ވަރަށް އޮމާންކޮށް ގޮސް ނިމުނެވެ.
އިންޑިއާ ސިފައިންގެ ކަންކަން މިހެން ނިމުނަސް، މި ސަރުކާރު ދަތި ހާލަތަކަށް ވެއްޓިއްޖެ ނަމަ އިންޑިއާގެ އެހީތެރިކަމަށް އެދި، އަދި އިންޑިއާއިން އެ އެހީތެރިކަމެއް ދޭނެ ކަމަށް އެ ދުވަސްވަރު ހިޔާލަށް ވެސް ނުގެނެވެ އެވެ. އެކަމަކު، ވަގުތާއެކީ ކަންކަން ބަދަލުވެ "އިންޑިއާ އައުޓް"، "އިންޑިއާ ޕްލީސް" އަށް ސަރުކާރުގެ ބަސްމަގު ބަދަލުވި އެވެ. ވީގޮތަކީ ސެޕްޓެމްބަރު، 2024 ގައި، ރާއްޖޭގެ ބޭނުންކުރެވޭ ބޭރު ފައިސާގެ ރިޒާވު 51.2 މިލިއަން ޑޮލަރަށް ދަށްވުމެވެ. ޖެހިގެން އައި މަހު މުއިއްޒު އިންޑިއާއަށް ރަސްމީ ދަތުރެއް ކުރައްވައި، ރިޒާވު ހިފެހެއްޓުމަށް އިންޑިއާގެ އެހީ ހޯއްދެވި އެވެ.
އެ ފަހުން މި ސަރުކާރުން އިންޑިއާ ބަރޯސާވާ މިންވަރު އަންނަނީ ދުވަހުންދުވަހަށް އިތުރުވަމުންނެވެ. ތިން އަހަރުގެ ތެރޭގައި ރިޒާވު ބޭންކް އޮފް އިންޑިއާއިން ރާއްޖެއަށް ދެ ކަރަންސީ ސްވޮޕެއް ދީފި އެވެ. އެއީ ގާތްގަނޑަކަށް 712.7 މިލިއަން ޑޮލަރެވެ. ސްވޮޕުތަކާއި ޓްރެޝަރީ ބިލްތަކުގެ މުއްދަތު އިތުރުކޮށްދީ، 42.8 މިލިއަން ޑޮލަރުގެ އިންޓަރެސްޓް ވެސް ދައްކައިދީފި އެވެ. މިފަހުން 48.5 ބިލިއަން ރުޕީސް (ގާތްގަނޑަކަށް 565 މިލިއަން ޑޮލަރު) ގެ އާ ކްރެޑިޓް ލައިނެއްގައި ވެސް ސޮއިކޮށްފި އެވެ.
މި އިތުރުވުންތަކާ ގުޅިގެން މި އަހަރުގެ ޖޫން މަހުގެ ނިޔަލަށް ރާއްޖެއިން އިންޑިއާއަށް ދައްކަން ޖެހޭ ދަރަނި ވަނީ 1.5 ބިލިއަން ޑޮލަރަށް އަރާފަ އެވެ. ދަރަންޏަށް މި އައި ބަދަލާއެކީ، ސަރުކާރުގެ ބޭރު ދަރަނީގެ ތިންބައިކުޅަ އެއްބަޔަކީ މިހާރު އިންޑިއާއަށް ދައްކަން ޖެހޭ ދަރަންޏެވެ.
ދަރަނި ރޯލްއޯވާ ކުރުމުގެ ސިލްސިލާއެއް
ދަރަންޏެއްގެ މުއްދަތު ހަމަވާއިރު އެ ފައިސާ ނުދައްކައި، އިތުރު މުއްދަތަކަށް ދަރަނި ބަދަލުކުރުމަށް ކިޔަނީ ރޯލްއޯވާ ކުރުމެވެ. ވޭތުވި ތިން އަހަރު ރާއްޖެއަށް އިންޑިއާއިން ދިން އެހީގެ ބޮޑު ބައެއް އައީ މި ގޮތަށް ރޯލްއޯވާގެ ގޮތުގަ އެވެ. އިންޑިއާއިން ވަނީ މި މުއްދަތުގެ ތެރޭގައި އެކި ދަރަނި ހަތް ފަހަރު ރޯލްއޯވާކޮށްދީފަ އެވެ.

މީގެ ތެރެއިން ހަތަރު ރޯލްއޯވާ ކޮށްދިނީ އެމްޑީޕީ ސަރުކާރުގައި ސްޓޭޓް ބޭންކު އޮފް އިންޑިއާ (އެސްބީއައި) އަށް ވިއްކާފައި ހުރި ޓްރެޝަރީ ބިލުތަކަށެވެ. އިންޑިއާއިން ވަނީ 50 މިލިއަން ޑޮލަރުގެ ދެ ބިލެއްގެ މުއްދަތު މެއި އާއި ސެޕްޓެމްބަރު، 2024 ގައި އިތުރުކޮށް، މިދިޔަ އަހަރުގެ ހަމަ އެ މަސްތަކުގައި އަނެއްކާ ވެސް އިތުރުކޮށްދީފަ އެވެ.
މި ގޮތަށް 400 މިލިއަން ޑޮލަރުގެ ޑޮލަރު ސްވޮޕްގެ މުއްދަތު ވެސް މިދިޔަ އަހަރުގެ އޭޕްރީލް އާއި އޮކްޓޫބަރު ހިމެނޭހެން ދެ ފަހަރު އިތުރުކޮށްދިނެވެ. ހަތްވަނަ ރޯލްއޯވާއަކީ މި މަހު ރުޕީސް ސްވޮޕަށް ދިން އިތުރު މުއްދަތެވެ.
ކޮންމެ ރޯލްއޯވާއަކުން ރާއްޖެއަށް ނޭވާލާނެ ކުޑަ ވަގުތުކޮޅެއް ލިބުނަސް، ދަރަނީގެ ޖުމްލަ މަންޒަރަށް ބަދަލެއް ނާދެ އެވެ. ޑޮލަރު ސްވޮޕް ދެއްކުމުން ރިޒާވުގައި ހުސްވި ޖާގަ ފުރާލީ ހަމަ އެ މަހުގެ ތެރޭގައި އާ ސްވޮޕެއް ނަގައިގެ ފުރާލިއިރު، ޓްރަޝަރީ ބިލުތައް ދައްކައިގެން ހުސްވީ ޖާގަތައް ފުރާލަން އެގްޒިމް ބޭންކުން ލޯނުތައް ނަގަން އެދަނީ ތައްޔާރުވަމުންނެވެ.
ރިޒާވު ހިފަހައްޓަނީ އިންޑިއާގެ ސްވޮޕުން
މި ސަރުކާރުން ވެރިކަމާ ހަވާލުވީއިރު ވެސް ރިޒާވުގެ ހާލަތު އޮތީ ވަރަށް ގޯސްކޮށެވެ. މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ތަފާސްހިސާބުތަކުގައިވާ ގޮތުގައި ނޮވެމްބަރު 2023 ނިމުނުއިރު، އެއީ މި ސަރުކާރުގެ ދައުރު ފެށުނު މަހު، ޖުމްލަ ރިޒާވުގައި ހުރީ 581.2 މިލިއަން ޑޮލަރެވެ. އޭރު ބޭނުންކުރެވޭ ރިޒާވުގައި 100 މިލިއަން ޑޮލަރު ވެސް ނެތެވެ.
އެކަމަކު ރިޒާވުގެ ހާލަތު ރަނގަޅު ކުރުމުގެ ބަދަލުގައި، ސަރުކާރުން ދިޔައީ ހަަރަދުތައް ކުރަމުންނެވެ. މީގެ ނަތީޖާއަކަށްވީ ޓޫރިޒަމްގެ ހައި ސީޒަން ނިމި، މެއި 2024 ގެ ފަހުން ރިޒާވު ދަށް ވާން ފެށުމެވެ. ރިޒާވު ދަށްވަމުން އައިސް ސެޕްޓެމްބަރު 2024 އައިއިރު، ޖުމްލަ ރިޒާވުގައި ހުރީ އެންމެ 371 މިލިއަން ޑޮލަރެވެ. މިއީ ނޮވެމްބަރު 2016 ގައި ރިޒާވު 340 މިލިއަން ޑޮލަރަށް މަދުވީ ފަހުން ރިޒާވު އެންމެ ދަށްވީ މަހެވެ.
މި ދަތިކަން ފިލުވާލަން މުއިއްޒު ހޯއްދެވީ އިންޑިއާގެ އެހީތެރިކަމެވެ. އަދި ޖެހިގެން އައި އޮކްޓޫބަރުގައި އެމަނިކުފާނު އިންޑިއާއަށް ރަސްމީ ދަތުރެއްގައި ވަޑައިގެން، ބޯމަތިވެފައި އޮތް ބޮޑު މާލީ ކާރިސާއިން ސަލާމަތްވާނެ މަގެއް ހޯއްދެވި އެވެ. އެ މަގަކީ އިންޑިއާ ސަރުކާރުން ސާކު ގައުމުތަކަށް ފޯރުކޮށްދޭ ކަރަންސީ ސްވޮޕުތަކެވެ. މި ގޮތުން 400 މިލިއަން ޑޮލަރާއި 30 ބިލިއަން ރުޕީސްގެ ސްވޮޕް އެއްބަސްވުމުގައި ސޮއިކުރި އެވެ. މި އެއްބަސްވުންތަކުގައި ސޮއިކުރި ގޮތަށް ހަމަ އެ މަހު ޑޮލަރު ސްވޮޕުގެ ފައިސާ ނެގި އެވެ.
ސްވޮޕްގެ ފައިސާ ވަނުމުން ޖުމްލަ ރިޒާވު 371.2 މިލިއަން ޑޮލަރުން 614.6 މިލިއަން ޑޮލަރަށް އަރާ ދިޔަ އެވެ. ނަމަވެސް ސްވޮޕަކީ އަހަރެއްގެ ތެރޭގައި އަނބުރާ ދައްކަން ޖެހޭ ދަރަންޏަކަށް ވާތީ، ބޭނުންކުރެވޭ ރިޒާވު އިތުރެއް ނުވި އެވެ. އެ މަހު ބޭނުންކުރެވޭ ރިޒާވު ވަނީ 51.2 މިލިއަން ޑޮލަރުން 31.4 މިލިއަން ޑޮލަރަށް ދަށްވެފަ އެވެ. މިހެން ނަމަވެސް ބޭނުންކުރެވޭ ރިޒާވު މަތިކުރާނެ ޖާގަ ހޯދީ މި ސްވޮޕުގެ ބޭނުންކޮށްގެންނެވެ.

އިންޑިއާގެ ޑޮލަރު ސްވޮޕުގެ މުއްދަތުގެ ތެރޭގައި ބޭނުންކުރެވޭ ރިޒާވު ވަނީ 31 މިލިއަން ޑޮލަރުން 409 މިލިއަން ޑޮލަރަށް އުފުލިފަ އެވެ. މިކަމަށް ފަހިކޮށްދިނުމުގެ ގޮތުން އިންޑިއާ ސަރުކާރުން ވަނީ ޑޮލަރު ސްވޮޕު އަނބުރާ އަދާކުރުމުގައި ރާއްޖެއަށް ވެދެވެން އޮތް ހުރިހާ ލުޔެއް ދީފަ އެވެ.
ނަމަވެސް ސާކް ފްރޭމްވޯކްގެ ދަށުން ތިން ވަނަ ފަހަރަށް މުއްދަތު އިތުރުކުރެވެން ނެތުމުން، މި އަހަރުގެ އޭޕްރިލް މަހު 400 މިލިއަން ޑޮލަރު އަނބުރާ ދައްކަން ޖެހުނެވެ. މި ދަރަނި ދައްކަން ޖެހުމުގެ އަސަރު ކުޑަވީ، ހަމަ އެ މަހުގެ 23 ގައި ކުރިން ސޮއިކޮށްފައި އޮތް 30 ބިލިއަން ރުޕީސްގެ ސްވޮޕު ނަގަން ފުރުސަތު ދިނުމުންނެވެ. މިއީ ވޭތުވި ތިން އަހަރުގެ ތެރޭގައި ރާއްޖޭގެ ރިޒާވު ހުސްވުމުން އިންޑިއާއިން ސަލާމަތްކޮށްދިން ދެ ވަނަ ފަހަރެވެ.
ރިޒާވުގެ އަދަދު ރީތިކޮށްލަން ގެންގުޅޭ ސްވޮޕުތަކަކީ ހިލޭ ލިބޭ ފައިސާއެއް ނޫން ކަން ވެސް މީހުންނަށް އެނގެން ޖެހެ އެވެ. މި ފައިސާގައި އަތް ނުލެވުނަސް، އެ ތިޖޫރީގައި އެބަހުއްޓޭ ބުނަނީ އަގެއް ދައްކައިގެންނެވެ. ފިނޭންސް މިނިސްޓްރީގެ ކުއާޓަލީ ޑެޓް ބުލެޓިނުގައިވާ ގޮތުގައި، މިދިޔަ އަހަރުގެ ދެ ވަނަ ކުއާޓަރުން މި އަހަރުގެ ދެ ވަނަ ކުއާޓަރާ ހަމައަށް އާރުބީއައިގެ ސްވޮޕުތަކަށް 536.1 މިލިއަން ރުފިޔާ (ގާތްގަނޑަކަށް 35 މިލިއަން ޑޮލަރު) އިންޓަރެސްޓްގެ ގޮތުގައި އެމްއެމްއޭއިން ދައްކައިފި އެވެ.
ބިލު ދެއްކީ ސަރުކާރު، އިންޓަރެސްޓް ދެއްކީ އިންޑިއާ
މި ސަރުކާރުގެ ކުރިން ވެރިކަމުގައި އޮތް އެމްޑީޕީ ސަރުކާރުން އިންޑިއާއިން ދަރަނި ނަގަން ފެށީ ވެރިކަމަށް އައި ގޮތަށެވެ. އެ ސަރުކާރުން ވަނީ ޑިސެމްބަރު، 2018 ގައި އިންޑިއާއިން 1.4 ބިލިއަން ޑޮލަރުގެ އެހީގެ ޕެކޭޖެއް ހޯދާފަ އެވެ.
މި އެހީގެ ތެރެއިން ބަޖެޓަށް އެހީތެރިވުމަށް ނުވަތަ ބަޖެޓު ސަޕޯޓުގެ ގޮތުގައި ދިނީ 200 މިލިއަން ޑޮލަރެވެ. މީގެ ތެރެއިން 50 މިލިއަން ޑޮލަރަކީ ހިލޭ އެހީއެއް ކަމުގައި ވާއިރު، ބާކީ 150 މިލިއަން ޑޮލަރު ދިނީ ރާއްޖޭގައި ހުރިން ސްޓޭޓް ބޭންކް އޮފް އިންޑިއާ (އެސްބީއައި) ލައްވާ ޓްރެޝަރީ ބިލުތަކުގައި އިންވެސްޓްކޮށްގެންނެވެ.
އެމްޑީޕީ ސަރުކާރުގެ ދައުރުގެ ތެރޭގައި މާޗު، 2019 އިން ފެށިގެން އެސްބީއައިއަށް ވިއްކާފައި ހުރި 50 މިލިއަން ޑޮލަރުގެ ތިން ޓީބިލުގެ މުއްދަތު، ރާއްޖޭން ހަރަދެއް ނުކުރާ ކޮންމެ އަހަރަކު އިތުރުކޮށްދިނެވެ. އެހެން އޮއްވާ މި ސަރުކާރުން ވެރިކަމާ ހަވާލުވުމަށް ފަހު، މީގެ ތެރެއިން އެއް ޓްރެޝަރީ ބިލަށް ދައްކަން ޖެހޭ 50 މިލިއަން ޑޮލަރު ދެއްކި އެވެ.
ބާކީ ދެ ޓްރެޝަރީ ބިލުގެ މުއްދަތު ދެ ފަހަރު އިތުރުކޮށް، މި އަހަރުގެ މެއި މަހުގެ 11 ގައި 50 މިލިއަން ޑޮލަރު، އަދި މިދިޔަ މަހުގެ 17 ގައި 50 މިލިއަން ޑޮލަރު ދައްކައި، މި ޓްރެޝަރީ ބިލުތަކުގެ ދަރަނި ހަލާސްކޮށްފަ އެވެ. ކުރީ ސަރުކާރެކޭ އެއް ގޮތަށް މި ސަރުކާރަށް ދަަރަނިތައް ރޯލްއޯވާ ކޮށްދިން މުއްދަތުގައި ވެސް އިންޓްރެސްޓް ދެއްކީ އިންޑިއާއިންނެވެ.
ރުޕީސް ފެސިލިޓީގެ މުއްދަތު އިތުރުކޮށްދިންކަން ހާމަކޮށް ނެރުނު ބަޔާނުގައި އިންޑިއާގެ ހައި ކޮމިޝަނުން ބުނީ، ޓްރެޝަރީ ބިލުތަކަށް އިންޓްރެސްޓުގެ ގޮތުގައި 42.8 މިލިއަން ޑޮލަރު ދެއްކީ އެ ގައުމުން ކަމަށެވެ. އެކަމަކު މި ވަރުން ވެސް އެސްބީއައިގެ ދަރަނި ހަލާސް ނުވެ އެވެ. އެއީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި ވިއްކި، ގިނަ ބަޔަކަށް ހަނދާން ނެތިފައިވާ ދިގު މުއްދަތުގެ ބޮންޑުތައް ހުރުމުންނެވެ.
އިންޑިއާ ސަރުކާރުން ބުނާ ގޮތުގައި އެސްބީއައިއަށް ވިއްކި 350 މިލިއަން ޑޮލަރުގެ ޓްރެޝަރީ ބޮންޑުތައް އަދިވެސް ދައްކަން އެބަހުއްޓެވެ. މީގެ ތެރެއިން އެއް ބޮންޑަކީ 2020 ގައި ކޮވިޑު ސަޕޯޓުގެ ގޮތުގައި ވިއްކި 250 މިލިއަން ޑޮލަރުގެ ބޮންޑެކެވެ. މި ބޮންޑުގެ މުއްދަތު ހަމަ ވާނީ 2030 ގައި އެވެ. ބާކީ 100 މިލިއަން ޑޮލަރަކީ 2022 ގައި ވިއްކި ބޮންޑެކެވެ. މި ބޮންޑުގެ މުއްދަތު ހަމަ ވާނީ 2029 ގައި އެވެ.
އެންމެ ގިނަ ދަރަނި މިހާރު އިންޑިއާއަށް
ރައީސް ޔާމީނުގެ ސަރުކާރުގައި ބޮޑެތި އިންފްރާސްޓްރަކްޗާ މަޝްރޫއުތައް ހިންގި ފަހުން، ރާއްޖޭގެ ބޭރު ދަރަނީގެ ބޮޑު ބައި އޮތީ ޗައިނާއަށެވެ. ފިނޭންސުގެ ޑެޓް ބުލެޓިނުގައިވާ ގޮތުގައި، ސެޕްޓެމްބަރު، 2023 ގައި ޗައިނާއަށް 17.3 ބިލިއަން ރުފިޔާ ދައްކަން އޮތްއިރު، އިންޑިއާއަށް ދައްކަން އޮތީ 9.1 ބިލިއަން ރުފިޔާ އެވެ.
މިހާރު އެ މަންޒަރު ބަދަލުވެއްޖެ އެވެ. މި އަހަރުގެ ޖޫން މަހުގެ ނިޔަލަށް ސަރުކާރާއި އެމްއެމްއޭއިން އިންޑިއާއަށް ދައްކަން ޖެހޭ ޖުމްލަ ދަރަނި 1.5 ބިލިއަން ޑޮލަރަށް އަރާއިރު، ރާއްޖެއަށް އެންމެ ގިނައިން ދަރަނި ދީފައިވާ ގައުމަކީ އިންޑިއާ އެވެ.
މި މަގާމަށް އިންޑިއާ އެރީ މި ސަރުކާރުން ޑޮލަރު ސްވޮޕު ނެގުމާ ގުޅިގެންނެވެ. މިއާއެކު ސަރުކާރާއި ސަރުކާރުގެ ގެރެންޓީގެ ބޭރު ދަރަނީގެ 33 ޕަސެންޓު (18.4 ބިލިއަން ރުފިޔާ) ދައްކަން ޖެހެނީ އިންޑިއާއަށެވެ. ޗައިނާއަށް ދައްކަން ޖެހެނީ 26 ޕަސެންޓު (14.6 ބިލިއަން ރުފިޔާ) އެވެ.

އިންޑިއާއަށް ދައްކަން ޖެހޭ ދޮޅު ބިލިއަނަށް ވުރެ ގިނަ ޑޮލަރުގެ އެންމެ ބޮޑު ބައި ދައްކަން ޖެހެނީ އިންޑިއާގެ އެގްޒިމް ބޭންކަށެވެ. މި ދަރަނީގެ ތެރޭގައި ހިމެނެނީ އެ ބޭންކުގެ ކްރެޑިޓު ލައިނުތަކުން ސީދާ ސަރުކާރުން ލޯނުގެ ގޮތުގައި ނަގާފައިވާ 10.3 ބިލިއަން ރުފިޔާ (667 މިލިއަން ޑޮލަރު) އާއި، ސަރުކާރުގެ ގެރެންޓީގައި ސަރުކާރު ކުންފުނިތަކުން ނަގާފައިވާ 3.3 ބިލިއަން ރުފިޔާ (213 މިލިއަން ޑޮލަރު) އެވެ.
ސަރުކާރުގެ ބޭރު ދަރަނީގެ 28 ޕަސެންޓާއެކު، އެގްޒިމް ބޭންކަކީ ސަރުކާރަށް އެންމެ ގިނައިން ދަރަނި ދީފައިވާ ކްރެޑިޓަރެވެ. ދެ ވަނަ އަށް އޮތް ޗައިނާގެ އެގްޒިމް ބޭންކަށް ސަރުކާރުން ދައްކަން ޖެހެނީ 7.4 ބިލިއަން ރުފިޔާ އެވެ.
އޭޕްރިލް މަހުގެ ބޮޑު އިމްތިހާނުގައި ވެސް އިންޑިއާގެ އެހީ
އެމްޑީޕީ ސަރުކާރުން 2021 ގައި 500 މިލިއަން ޑޮލަރުގެ ސުކޫކު ވިއްކި ދުވަހުން ފެށިގެން، އެންމެ ގިނައިން އަޑުއިވެމުން ދިޔައީ 2026 ގައި ދައްކަން ޖެހޭ ރެކޯޑު ދަރަނީގެ ވާހަކަ އެވެ. މި ބިރު އެންމެ ބޮޑުވީ، މި އަހަރުގެ އޭޕްރިލްގައި އެއް ބިލިއަން ޑޮލަރު ދައްކަން ޖެހުނު އިރު އެވެ. އެ ދަރަނި ބޯމަތިވަމުން އައިއިރު ރީފައިނޭންސް ކުރަނީއޭ، އާ ސުކޫކެއް ނޫނީ ބޮންޑެއް ވިއްކަނީއޭ، ލޯނެއް ނަގަނިއްޔޭ ބުންޏެވެ.
މިހެން ނަމަވެސް ބޮޑު ދަރަނީގެ މަސް ނިމިގެން ދިޔައީ، މާ ބޮޑު ހާސްކަމެއް ނެތި އެވެ. އެ މަސް ފެށުމުގެ މާ ކުރިން އަބޫދާބީ ފަންޑަށް ދައްކަން ޖެހޭ 100 މިލިއަން ޑޮލަރު 2031 އަށް ރޯލްއޯވާ ކުރަން އެއްބަސްވެއްޖެ އެވެ. އަދި ސުކޫކުގެ ދަރަނި ދެއްކީ މާ ބޮޑު އުނދަގުލަކާ ނުލައި، ދިވެހި ދައުލަތުގައި ހުރި ފައިސާއިންނެވެ.
ފިނޭންސް މިނިސްޓަރު ހަސަން ޒަރީރު މި ފަހުން "އަހާ" ފޯރަމްގައި ވިދާޅުވީ، ސުކޫކުގެ ދަރަނި ދެއްކީ ސޮވްރިން ޑިވެލޮޕްމަންޓް ފަންޑުގައި ރައްކާކޮށްފައި ހުރި 350 މިލިއަން ޑޮލަރާއި، އެމްއެމްއޭގެ ބޭރު ފައިސާގެ ރިޒާވުން 175 މިލިއަން ޑޮލަރު ބޭނުންކޮށްގެން ކަމަށެވެ.

ދެން ބާކީ އޮތީ އިންޑިއާގެ ޑޮލަރު ސްވޮޕެވެ. އެކަމަކު މި ސްވޮޕް ދެއްކި ތަނާ ރުޕީސް ސްވޮޕް ބޭނުންކުރަން ފަށާފައިވާތީ މި ދަރަނި ދެއްކުމުގެ އަސަރު ރިޒާވަށް ނުކުރާ ފަދަ އެވެ. މި ރުޕީސް ސްވޮޕު ނުލިބުނުނަމަ އޭޕްރިލް ނިމުނުއިރު ޖުމްލަ ރިޒާވުގައި ހުންނަނީ 407 މިލިއަން ޑޮލަރެވެ. އަދި މިހާރު ރިޒާވުގައި 300 މިލިއަން ޑޮލަރު ވެސް ނުހުންނާނެ އެވެ.
މި އަދަދުތަކުން އަންގައި ދެނީ އޭޕްރިލް މަހުގައި ކުރިމަތިވީ ބޮޑު އިމްތިހާނުން ސަލާމަތް ވެވުނީ އިންޑިއާގެ އެހީ ހޯދައިގެން ކަމެވެ. އަދި މިހާރު ވެސް ސްވޮޕު ފައިސާއިންނެވެ ރިޒާވު ހިފަހައްޓަމުންދާއިރު، އަންނަ އަހަރު މި ދަރަނި ދެއްކިދާނެ ކަމާ މެދު ޝައްކެވެ. ބޮޑަށް ބުރަ ވެވެެނީ، ހުރިހާ ގޮތެއް ހުސް ވަންދެން މި ދަރަނި ވެސް ރޯލްއޯވާ ކުރަމުން ދާނެ ކަމަށެވެ.
އިންޑިއާގެ ދަރަނިން އަވަސް މިންޖެއް ނެތް
އިންޑިއާއަށް ދައްކަން ޖެހޭ ދަރަނީގެ ބުރައަށް ބަލާއިރު، ކައިރި މުސްތަގުބަލެއްގައި އިންޑިއާއަށް ބަރޯސާވުމުން މިންޖުވުމެއް ނެތެވެ. ކުރިން ފާހަގަކުރި ގޮތަށް، އެސްބީއައިއަށް ދައްކަން ޖެހޭ ދަރަންޏާއި، ކުރީގެ ކްރެޑިޓް ލައިނާއި މި ފަހުން ސޮއިކުރި ކްރެޑިޓު ލައިނާއި މިހެން ގޮސް ހުރި ދަރަނިތައް ހިސާބުކޮށްލާއިރު، އަންނަން އޮތް ސަރުކާރުތަކުގެ ބޮލުގައި ވެސް މާސިންގާ ދަރަނިތައް މިހާރު ވެސް އެޅިއްޖެ އެވެ.
ވަށައިގެން ހުރި ހުރިހާ ކަމަކަށް ނަޒަރު ހިންގާއިރު، އިންޑިއާއަށް ބަރޯސާވުން ނިމުމަކަށް ގެންނަން މި ސަރުކާރުން ފެށި "މިޝަން" އަށް މިވީ ކިހިނެއްތޯ ސުވާލު އުފެދެ އެވެ. އިންޑިއާއަށް ބަރޯސާވުމަކީ މި ގައުމަށް ނުރައްކާތެރި، އަވަސް ހައްލެއް ހޯދަން ޖެހޭ ކަމެއް ކަމަށް ބުނި ސަރުކާރުން، މި ކުރީ ކީއްހެއްޔެވެ؟ "އިންޑިއާ އައުޓް" ކިޔާފައި ބޮޑު ހަންގާމާއެއް ކުރުމަށްފަހު ސަރުކާރުން ކުރިކަމަކީ އިންޑިއާއަށް ބަރޯސާވުން އިތުރަށް ވަރުދަގަ ކުރުމެއް ނޫންހެއްޔެވެ؟












