ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ހުޅުމާލޭގެ ދެ ވަނަ ފިޔަވަހިން ވިއްކި ބިމެއް މެޑްޓެކް ޑައިގްނޯސްޓިކްސްއިން 14 މިލިއަން ރުފިޔާއަށް ގަނެފި އެވެ.
މި ބިމުގެ މިލްކުވެރިކަން އެ ކުންފުންޏަށް ބަދަލުވެފައިވާ ކަމަށް ސިވިލް ކޯޓުގެ ހުޅުމާލެ ޑިވިޒަނުން ހުކުމްކުރީ އިއްޔެ އެވެ. އެ ކޯޓުން ނިންމީ ހުޅުމާލެ ފޭސް ދޭކުން ވިއްކި 2،266 އަކަފޫޓުގެ ބިމުގެ އަގު ކަމަށްވާ 14.4 މިލިއަން ރުފިޔާ މެޑްޓެކުން ދައްކައި ހަލާސްކޮށްފައިވާތީ، އެ މުއާމަލާތް ނިމިިފައިވާ ކަމަށެވެ.
މި ބިމުގެ މިލްކުވެރިކަން ބަދަލުކުރުމުގެ ކުރިން ކޯޓުން ވަނީ މެޑްޓެކަކީ ގަތް މެޑްޓެކަކީ ސަތޭކަ ޕަސެންޓް ދިވެހިންގެ ހިއްސާ އޮންނަ ކުންފުންޏެއްތޯ ސާބިތުކޮށްފަ އެވެ. ކޯޓުން މިކަން ކުރީ ހުޅުމާލޭ ދެ ވަނަ ފިޔަވަހިން މި ބިންތައް ވިއްކިއިރު، އަމިއްލަ މީހުންނާއި ސަތޭކަ ޕަސެންޓް ދިވެހިން ހިއްސާވާ ވިޔަފާރިތަކަށް ވެސް ބައިވެރިވެވޭ ގޮތަށް ބީލަން ހިންގުމުންނެވެ.
އެޗްޑީސީން އޭގެ ކުރިން ބިން ވިއްކަން ހުޅުވާލި ހުރިހާ ފަހަރެއްގައި ވެސް ބިން ވިއްކަން ކުރިމަތިލެގޭ ގޮތަށް އޮތީ ފަރުދުުންނަށެވެ. މިއީ، އެ އުސޫލުން ބޭރުން ބިން ވިއްކި ފުރަތަމަ ފަހަރެވެ.
މެޑްޓެކް ޑައިގްނޯސްޓިކްސްއަކީ ރާއްޖޭގެ ސިއްހީ ދާއިރާއަށް ބޭނުންވާ މެޑިކަލް ސާމާނާއި ލެބޯޓްރީ އިކުއިޕްމަންޓް ފުޅާ ދާއިރާއެއްގައި އެތެރެކުރާ ކުންފުންޏެކެވެ. މި ކުންފުނިން ވަނީ 20 މިލިއަން ރުފިޔާގެ އިސްލާމިކް ސުކޫކެއް ވެސް ވިއްކާފަ އެވެ.

މެޑިކަލް ވިިޔަފާރީގެ އިތުރުން މިހާރު މި ކުންފުނިން އަންނަނީ ކޮންސްޓްރަކްޝަނާއި އެހެން ދާއިރާތަކަށް ވެސް ވިޔަފާރި ފުޅާ ކުރަމުުންނެވެ. މިގޮތުން މި ކުންފުނިން ވަނީ އަމިއްލަ ހަރަދުގައި (ކޮންޓްރެކްޓާ ފައިނޭންސިން މޮޑެލް) ހައްޖު ކޯޕަރޭޝަންގެ އޮފީސް އިމާރާތް ތަރައްގީކުރަން 79 މިލިއަން ރުފިޔާގެ އަގަކަށް ހަވާލުވެފަ އެވެ.












