ހުޅުމާލެ ފޭސް 2، ގައި ތިން މީހުން އަރުވައިގެން ދުއްވި ސައިކަލެއް ފުލުހުންނަށް ފިލަން އުޅެނިކޮށް އިތުރު ސައިކަލެއްގައި ޖެހި ބޮޑު އެކްސިޑެންޓެއް ރޭ ދަންވަރު ހިނގައިފި އެވެ.
ފުލުހުން ބުނީ މި އެކްސިޑެންޓުގައި ޖުމްލަ ފަސް މީހަކަށް އެކިވަރުގެ އަނިޔާތައް ލިބުމާ ގުޅިގެން ފަރުވާ ދެމުންދާ ކަމަށެވެ. އޭގެ ތެރެއިން ތިން މީހަކަށް ހުޅުމާލޭ ހޮސްޕިޓަލުގައި ފަރުވާ ދިނުމަށްފަހު އައިޖީއެމްއެޗަށް ބަދަލުކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ.
އައިޖީއެމްއެޗް އިން އަދަދު އަށް ބުނީ އެކްސިޑެންޓުގައި އަނިޔާވެގެން އެ ހޮސްޕިޓަލަށް ގެނައި ތިން މީހުންގެ ތެރެއިން ދެ މީހަކަށް އެމަޖެންސީގައި ފަރުވާ ދެމުންދާއިރު، އެކަކަށް އޮޕަރޭޝަން ތިއޭޓަރުގައި ފަރުވާ ދެމުންދާ ކަމަށެވެ.
މި އެކްސިޑެންޓުގައި ހިމެނޭ ބާކީ ދެ މީހުން ވެސް އިތުރު ފަރުވާއަށް އައިޖީއެމްއެޗަށް ބަދަލުކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ފުލުހުން ބުންޏެވެ. ނަމަވެސް އެކްސިޑެންޓުގައި ހިމެނޭ ފަސް މީހުންގެ ތެރެއިން އެކަކުގެ ހާލު ވެސް ކްރިޓިކަލް ކަމެއް ކަށަވަރުވެފައެއް ނުވެ އެވެ.
މި މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން ބުންޏެވެ.













