އާއިލީ ގޯއްޗެއްގައި ހެދި އިމާރާތުގެ އެޕާޓްމަންޓްތަކުގެ ކުލިން ހައްގުވާ ފައިސާ އާއި ދިރިއުޅޭނެ އެޕާޓްމަންޓް ނުލިބިގެން މީހަކު ހުށަހެޅި މައްސަލައެއްގައި، އެ އިމާރާތް އެޅުމުގެ މަސައްކަތާ އާއިލާގެ ފަރާތުން ހަވާލުވީ މީހާ ފަސް މިލިއަނަށް ވުރެ ގިނަ ރުފިޔާ ދައްކަން ޖެހިއްޖެ އެވެ.
މިދިޔަ އާދީއްތަ ދުވަހު ސިވިލް ކޯޓުން މިގޮތަށް ނިންމީ މާލޭގެ ގ. ކެތުލިން ގޭގެ މިލްކުވެރިންގެ ތެރޭގައި ހިމެނޭ މަރިޔަމް އާތިފާ އާއި އިސްމާއީލް ލަތީފާ ދެމެދު ހިނގި މައްސަލައެއްގަ އެވެ.
މި މައްސަލައިގައި ކޯޓުން އަމުރުކުރީ ޖުމުލަ ފަސް މިލިއަން ރުފިޔާ މައްސަލަ ހުށަހެޅި އާތިފާއަށް ދެއްކުމަށެވެ. މި ފައިސާ 12 މަސް ދުވަހަށް ބަހާލައިގެން، ކޮންމެ މަހަކު މަދުވެގެން 417,423ރ. ސިވިލް ކޯޓަށް ދައްކަން ޖެހެ އެވެ. އަދި އަންނަ އަހަރުގެ އޮކްޓޫބަރު މަހުގެ 26 ގެ ކުރިން މ ފައިސާ ދައްކައި ހަލާސްކުރަން ކޯޓުން ވަނީ އަމުރުކޮށްފަ އެވެ.
ކޯޓުން ނަގައިދިން ފައިސާގެ ތެރޭގައި ހިމެނެނީ ކުއްޔަށް ދީގެން ލިބުނު ފައިދާއިން އާތިފާއަށް ހައްގުވާ 3.07 މިލިއަން ރުފިޔާ އެވެ. މީގެ އިތުރުން، އޭނާއަށް ދިރިއުޅެން ލިބެން ޖެހޭ އެޕާޓްމަންޓް ނުލިބި ދިގުލައިގެން ދިޔުމުން ގެއްލުމުގެ ބަދަލުގެ ގޮތުގައި ކަނޑައެޅި 1.93 މިލިއަން ރުފިޔާ ވެސް ހިމެނެ އެވެ.
އެކަމަކު، އެ ފައިސާ ވަގުތުން ލިބުނުނަމަ ބޭންކު އިންޓްރެސްޓުން ލިބޭނެ ކަމަށް ބުނެ އެދުނު 2.8 މިލިއަން ރުފިޔާ ނަގައިދެވެން ނެތް ކަމަށް ޝަރީއަތުން ވަނީ ނިންމައިފަ އެވެ.

ގ. ކެތުލިން ބިމުގައި ހެދި އިމާރާތަކީ ސްޓޭޓް ބޭންކް އޮފް އިންޑިއާއިން ލޯނެއް ނަގައިގެން ކުރި މަސައްކަތެކެވެ. އިމާރާތް އެޅުމުގެ ކަންކަމުގައި އުޅުނު ލަތީފު ބުނެފައި ވަނީ އެ މަސައްކަތަށް 16 މިލިއަން ރުފިޔާ ހަރަދުވި ކަމަށެވެ.
ނަމަވެސް އެ ލޯނު ވަނީ 2019 ވަނަ އަހަރުގެ ކުރީކޮޅު އެއްކޮށް ދައްކައި ނިންމައިފަ އެވެ. އަދި، އެ އިމާރާތުގައި އާއިލާގެ މެންބަރުންނަށް އެޕާޓްމަންޓް ދިނުމަށްފަހު، ބާކީ ހުރި ފަސް އެޕާޓްމަންޓާއި ގުދަން ހުރީ ކުއްޔަށް ދީފަ އެވެ.
މި މައްސަލަ ރައްދުވި މީހާ ކުރިން ބުނަމުން ދިޔައީ އިމާރާތުން ލިބުނު ކުއްޔާއި ހަރަދުގެ ހިސާބުތައް އޭނާގެ އަތުގައި ހުންނާނެ ކަމަށެވެ. އެހެން ނަމަވެސް އެފަދަ އެއްވެސް ލިޔުމެއް އޭނާއަށް ޝަރީއަތަށް ދެއްކިފައެއް ނުވެ އެވެ. އަދި އާއިލާގެ ތެރޭގައި ސުލްހަވެރި ހައްލެއް ހޯދަން ދިން ފުރުސަތުތަކަށް ވެސް އޭނާ އިޖާބަދީފައެއް ނުވެ އެވެ. މިހެންވެ ކޯޓުން މައްސަލަ ނިންމީ މިނިވަން ތަހުލީލީ ރިޕޯޓަކަށް ބިނާކޮށެވެ.
މީގެ ކުރިން ހައި ކޯޓުން ވަނީ، އާތިފާ ދިރިއުޅޭނެ އެޕާޓްމަންޓު އޭނާއާ ހަވާލުކުރަން ހުކުމްކޮށްފަ އެވެ. މި މައްސަަލައިގައި ވަނީ، ޖެނުއަރީ 1، 2024 އިން ފެށިގެން އޭނާއާ އެޕާޓްމަންޓް ހަވާލުކޮށްފައިވާ ކަމަށެވެ. މިހެންކަމުން މި ފަހަރު ކޯޓުން ބަދަލު ނަގައި ދިނީ އެޕާޓްމަންޓު ހަވާލުކުރުމާ ހަމައަށް ވޭތުވެދިޔަ މުއްދަތަށެވެ.












