ކުދި މައްސަލަތަކަށް ސްމޯލް ކްލެއިމްސް ކޯޓެއް ގާއިމުކުރަނީ

ސިވިލް ކޯޓު ހުންނަ ޖަސްޓިސް ބިލްޑިން: ސިވިލް ކޯޓުގައި މައްސަލަތައް ނިންމަން ވަރަށް ދުވަސް ނަގާ --- އަދަދު ފައިލް ފޮޓޯ

ސިވިލް ކޯޓު ހުންނަ ޖަސްޓިސް ބިލްޑިން: ސިވިލް ކޯޓުގައި މައްސަލަތައް ނިންމަން ވަރަށް ދުވަސް ނަގާ --- އަދަދު ފައިލް ފޮޓޯ

މަދަނީ ކުދިކުދި މައްސަލަތައް އަވަހަށް ނިންމޭނެ ނިޒާމެއް ގާއިމުކުރުމަށް ޓަކައި ސްމޯލް ކްލެއިމްސް ކޯޓެއް ގާއިމުކުރަން ނިންމާފައިވާ ކަމަށް ރައީސް މުހައްމަދު މުއިއްޒު މިއަދު އިއުލާންކުރައްވައިފި އެވެ.

ރައީސް އޮފީހުގައި އޮތް ނޫސްވެރިންގެ ބައްދަލުވުމެއްގައި މުއިއްޒު ވިދާޅުވީ، މި ކޯޓު ގާއިމުކުރަން ކޯޓުތަކާ ބެހޭ ގާނޫނާއި މަދަނީ އިޖުރާއަތުގެ ގާނޫނަށް ގެންނަން ޖެހޭ ބަދަލުތައް މި ފެށޭ ރައްޔިތުންގެ މަޖިލީހުގެ ދައުރުގެ ތެރޭގައި ހުށަހަޅުއްވާނެ ކަމަށެވެ. 

ސްމޯލް ކްލެއިމްސް ކޯޓަކަށް ބޭނުންޖެހިފައިވާ މިންވަރު ބަޔާންކުރައްވަމުން މުއިއްޒު ވިދާޅުވީ މިހާރު މަދަނީ އިޖުރާއަތުގެ ނިޒާމު އޮތް ގޮތުން ލަސްތައް ދިމާވެ، ވަރަށް ދަތިވާ ކަމަށެވެ. އެހެންކަމުން މިހާރު ހުށަހަޅާފައިވާ ބަދަލުތަކަކީ، މިކަން ހައްލުކުރުމުގެ ގޮތުން ކޯޓުގެ މަރުހަލާތަކާއި އިޖުރާއަތުތައް ފަސޭހަކޮށް، އަވަސްކުރަން ގެންނަ ބަދަލުތަކެއް ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ. 

Advertisement

"އޭރުން ކުދިކުދި މައްސަލަތައް، މިސާލަކަށް އެއް ލައްކަ ރުފިޔާއަށް ވުރެ ކުދި މައްސަލަަތައް ފަސޭހައިން ހުށަހެޅި، އަވަހަށް ނިންމާލެވޭނެ. އަވަސް ނިޔާ ކޯޓު ނިޒާމެއް ގާތްގަނޑަކަށް،" މުއިއްޒު ވިދާޅުވި އެވެ.

މި ކޯޓު ގާއިމުކުރެވުމުން، މުއިއްޒު ވިދާޅުވީ، އާންމުންނާ އެކުއެކީ ކުދި ވިޔަފާރިތަކަށް ވެސް ފަސޭ ހަވެގެން ދާނެ ކަމަށެވެ.

ސަރުކާރުން ވަނީ ބޮޑެތި ވިޔަފާރިތަކާ ގުޅިފައި ހުރި މައްސަލަތައް ހިންގުން އަވަސް ކުރަން ވެސް ބަދަލުތަކެއް ގެންނަން ނިންމާފަ އެވެ. މުއިއްޒު ވިދާޅުވީ ސަރުކާރުން ވިސްނަމުން ދަނީ މި ފަދަ މައްސަލަތައް ބަލަން ހާއްސަ ކޮމާޝަލް ޑިވިޝަނެއް ސިވިލް ކޯޓުގައި ގާއިމުކުރަން ނޫނީ ވަކިން މާކެންޓައިލް ކޯޓެއް ގާއިމުކުރަން ކަމަށެވެ. 

"މިހާރު އެބަހުރި ކޯޓުތަކުގައި ވިޔަފާރިއާ ގުޅޭ އާންމު ރައްޔިތުންގެ ބައިވަރު މައްސަލަތައް. މިލިއަންސް އޮފް މިލިއަންސް އޮފް ރުފިޔާގެ މައްސަލަތައް، ލަސްކަމާ އެކީގައި ހިނގަނީ. އެހެން ނަމަވެސް އެއީ އަވަސް ކުރެވިދާނެ ކަންކަން،" މި ބަދަލު ގެންނަން ޖެހޭ ސަބަބު ކިޔައި ދެއްވަމުން މުއިއްޒު ވިދާޅުވި އެވެ.

މުއިއްޒު ވަނީ ސަރުކާރުން ގެންނަ ބަދަލުތަކާއެކީ އާންމުންނާއި ކުދި ވިޔަފަރިތަކާއި ބޮޑެތި ވިޔަފާރިތަކަށް ވެސް މަދަނީ މައްސަލަތައް ހިންގުމުގައި ބޮޑެތި ފަސޭހަތަކެއް ލިބިގެން ދާނެ ކަމުގެ ޔަގީންކަން އަރުވާފަ އެވެ. 

ކުދި މައްސަލަތަކާއި ބޮޑެތި މައްސަލަތައް ބައިކޮށް، މަދަނީ އިޖުރާއަތު ބަދަލުކުރަން އުޅޭއިރު، މިހާރު އެ މައްސަލަތައް ބަލާ ސިވިލް ކޯޓަކީ ރާއްޖޭގައި އެންމެ ގިނަ މައްސަލަތައް ހުށަހަޅާ އަދި އެންމެ ގިނަ މައްސަލަތައް ބަލާ ކޯޓެވެ. މީގެ ސަބަބުން އާދައިގެ މައްސަލަތަކުގައި ނިޔާ އިއްވަން ވެސް އަހަރުތަކެއް ނަގަ އެވެ. 

އެ ކޯޓުން އާންމުކޮށްފައިވާ ނިމުނު އަހަރުގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، އެ ކޯޓުގެ ހުޅުމާލެ ޑިވިޝަން ހިމެނޭ ގޮތަށް 10،439 މައްސަލަ ކުރިއަށް ގެންގޮސްފައިވެ އެވެ. މީގެ ތެރެއިން 6،719 މައްސަލައެއް ވަނީ ނިންމާފަ އެވެ. 

މި ވަރަށް މައްސަލަ ނިންމި ނަމަވެސް، މިދިޔަ އަހަރު ނިމުނުއިރު ވެސް ތިން އަހަރަށް ވުރެ ގިނަ ދުވަސްވެފައިވާ 310 މައްސަލަ އޮތެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

އެއްބަސްވުން ބާތިލުކޮށް، ބަދަލެއްވެސް ނުދޭނަން: ޔާމީން

ރަސްމާލެއިން ބިން ދޫކުރުމަށް ޔޫއޭއީގެ އީގަލް ހިލްސްއާއެކު ވެފައިވާ އެއްބަސްވުމަކީ ގާނޫނާ ހިލާފު ކަމެއް ކަމަށާއި، ދެން އުފެދޭ ވެރިކަމެއްގައި އެ އެއްބަސްވުން ބާތިލުކޮށް އެއްވެސް ބަދަލެއް ނުދޭނެ ކަމަށް ރައީސް ޔާމީން ވިދާޅުވި. އަދި މި މުއާމަލާތުގައި ބައިވެރިވި ފަރާތްތަކުގެ މައްޗަށް ޖިނާއީ ތަހުގީގު ހިންގައި އަދަބު ދޭނެ ކަމަށް.

މެނިފެސްޓޯގައި ނެތް ކަމެއް ކުރަންޏާ ޖެހޭނީ ވޯޓަށް އަހަން: އަލީ

ރިޔާސީ މެނިފެސްޓޯގައި ނެތް ކަމެއް ކަމަށްވާ ބޭރު މީހުންނަށް ރާއްޖެއިން ބިން ދިނުން ފަދަ ކަންކަން ކުރަންވާނީ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކުން ކަމަށް ގާނޫނީ ވަކީލު އަލީ ހުސައިން ވިދާޅުވި. ގައުމީ ބޮޑެތި މައްސަލަތަކުގައި ރައްޔިތުންގެ ހިޔާލު ހޯދުމަކީ ރައީސުލްޖުމްހޫރިއްޔާގެ މައްޗަށް އޮތް ގާނޫނީ ވާޖިބެއްކަން އޭނާ ފާހަގަކުރެއްވި.

ވެރިކަމުގެ ދަހިވެތިކަމުގެ ކުރިޔަށް ގައުމީ ސަލާމަތް ނެރޭ: މުއިއްޒު

ވެރިކަމުގެ ދަހިވެތިކަމާއި ޒާތީ ހަސަދައިގެ ކުރިއަށް ގައުމީ ސަލާމަތާއި ފަރުދުންގެ އުފާވެރިކަން އިސްކުރުމަށް ހުރަވީ ދުވަހުގެ މެސެޖުގައި ރައީސް މުއިއްޒު ގޮވާލައްވައިފިއެވެ. މީގެ އިތުރުން ދަރަނީގެ އަޅުވެތިކަމުން ސަލާމަތްވެ، ގައުމުގެ މިނިވަންކަމާއި ސިޔާދަތު ދެމެހެއްޓުމަށްޓަކައި ސިޔާސީ ޖަޒުބާތުތަކުގެ ބަދަލުގައި ގައުމީ އިހުލާސްތެރިކަން އިސްކުރުމަށް އެމަނިކުފާނު ބާރުއެޅުއްވިއެވެ.

ރަސްމާލެ އެއްވުމުގައި ހަމަނުޖެހުމެއް ނުހިނގާނެ ކަމަށް އަންގައިފި

ރަސްމާލެއިން އީގަލް ހިލްސްއަށް ބިން ދިނުމާ ދެކޮޅަށް އެއްވުމަކީ އެއްވެސް ހަމަނުޖެހުމެއް ނުހިނގާނެ ސުލްހަވެރި ހަރަކާތެއް ކަމުގެ ޔަގީންކަން އިންތިޒާމުކުރާ ފަރާތުން ފުލުހުންނަށް ދީފި. "ދިވެހިންގެ ބިން ދިވެހިންނަށް" ހަރަކާތުން ބުނީ، ކުރިން ރޭވިގޮތަށް މިރޭ 8:30 ގައި މި ހަރަކާތް އޮންނާނެ ކަމަށާއި ކުދިބޮޑު އެންމެނަށް ދައުވަތުއަރުވާ ކަމަށް.

ރަސްމާލެ އެއްވުން ގާނޫނީ އިމުގެ ތެރޭގައި ބާއްވަން އަންގައިފި

ރަސްމާލެ މަޝްރޫއާ ދެކޮޅަށް މިރޭ އާޓިފިޝަލް ބީޗުގައި ބާއްވާ އެއްވުން ގާނޫނީ އިމުގެ ތެރެއިން ކުރިއަށް ގެންދިއުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފަ. ފުލުހުން ބުނެފައިވަނީ މި އެއްވުމާ ގުޅޭ މައުލޫމާތު އިންތިޒާމުކުރާ ފަރާތުން ހިއްސާކޮށްފައި ނުވާތީ، އާންމު ދަތުރުފަތުރަށް ބުރޫނާރާނެހެން ކަންކަން ބެހެއްޓުމަށް އަންގާ ކަމަށް.

"ގައުމީ ހަރަކާތް ހުއްޓާލާނީ ރަސްމާލެ ޕްރޮޖެކްޓު ހުއްޓާލުމުން"

ރަސްމާލެ މަޝްރޫއުގެ ދަށުން ބޭރުގެ ކުންފުންޏަކަށް ބިން ދޫކޮށް، ގައިރު މުސްލިމުންނަށް ވަޒަންވެރިވެވޭ ގޮތަށް ގާނޫނު އިސްލާހުކުރާތީ އެކަމާ ދެކޮޅަށް ފަށާފައިވާ "ގައުމީ ހަރަކާތް" ހުއްޓާލާނީ އެ މަޝްރޫއު ހުއްޓާލުމުން ނުވަތަ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ދިއުމުން ކަމަށް މެންބަރު މައުރޫފް ޒާކިރު ވިދާޅުވެއްޖެއެވެ. އަދި މިއީ ސިޔާސީ ހަރަކާތެއް ނޫން ކަމަށާއި، ސަރުކާރުން ރައްޔިތުންގެ އަޑު ނާހައިފި ނަމަ އިހުތިޖާޖުތައް ހުއްޓާނުލައި ކުރިއަށް ގެންދާނެ ކަމުގެ އިންޒާރު އޭނާ ވަނީ ދެއްވާފައެވެ.

ބެނާތައް ކަނޑަމުން ދިޔަ ދެ މީހަކު ހައްޔަރުކޮށްފި

ރަސްމާލެ މަޝްރޫއާ ދެކޮޅަށް މާލޭގައި ދަމާފައި ހުރި ބެނާތަކެއް ކަނޑަމުންދިޔަ ދެ މީހަކު އާންމުންގެ އެހީތެރިކަމާއެކު ފުލުހުން ވަނީ ހައްޔަރުކޮށްފައެވެ. މި މައްސަލައާ ގުޅިގެން ސިޔާސީ ބައެއް ފަރާތްތަކުން ކަންބޮޑުވުން ފާޅުކުރަމުންދާއިރު، ރަސްމާލެ ވިއްކާލުމާ ދެކޮޅަށް އަޑުއުފުލުމަށް މިރޭ އާޓިފިޝަލް ބީޗުގައި އެއްވުމެއް ބޭއްވުމަށް ވަނީ ރޭވިފައެވެ.

Newsletter

Get the latest news delivered straight to your inbox