ތ. ވިލުފުށީގައި އިމާރާތްކޮށްފައިވާ 100 ހައުސިން ޔުނިޓަށް އެދި ފޯމު ހުށަހެޅި މީހުންނަށް ޕޮއިންޓް ލިބުނު ގޮތް ހިޔާވެހި ޕޯޓަލުން ބެލޭނެ އިންތިޒާމު ހައުސިން މިނިސްޓްރީން ހަމަޖައްސައިފި އެވެ.
ހައުސިން މިނިސްޓްރީން ބުނީ، މި ޔުނިޓްތައް ދޫކުރުމަށް އެކުލަވާލި އުސޫލާ އެއްގޮތަށް ފޯމުތައް ވެރިފައިކޮށް މިހާރު ނިމިފައިވާ ކަމަށެވެ. އެހެންކަމުން ހިޔާވެހި ޕޯޓަލަށް ލޮގިންވުމުން، ހުށަހެޅި ފޯމަށް ލިބުނު ޕޮއިންޓް މިހާރު ފެންނާނެ އެވެ.
ނަމަވެސް، މި ފްލެޓުތަކަށް އެދި ފޯމު ހުށަހެޅީ ޖުމްލަ ކިތައް މީހުން ކަމެއް ހައުސިން މިނިސްޓްރީން އަދި ހާމައެއް ނުކުރެ އެވެ.
ޕޮއިންޓް ދީފައިވާ ގޮތާ މެދު އެއްވެސް ޝަކުވާއެއް އޮތް ނަމަ، އެ ފުރުސަތު މިހާރު ވަނީ ހުޅުވާލައިފަ އެވެ. ޝަކުވާ ހުށަހަޅަން ޖެހޭނީ ހިޔާވެހި ޕޯޓަލް މެދުވެރިކޮށެވެ. ޝަކުވާ ބަލައިގަންނާނީ އަންނަ ނޮވެމްބަރު މަހުގެ 10 ވަނަ ދުވަހުގެ މެންދުރު ފަހު 2:00 ގެ ނިޔަލަށެވެ. ޕޯޓަލް ނޫން އެހެން ގޮތަކަށް ހުށަހަޅާ ޝަކުވާތަކާއި، މުއްދަތު ހަމަވާ ފަހުން ލިބޭ ޝަކުވާތައް ބަލައިނުގަންނާނެ ކަމަށް މިނިސްޓްރީން ބުންޏެވެ.
ވިލުފުށީގައި ދޫކުރާ ކޮންމެ ހައުސިން ޔުނިޓެއް އިމާރާތްކޮށްފައި ވަނީ 2،000 އަކަފޫޓުގެ ބިމެއްގަ އެވެ. މީގެ ކޮންމެ ޔުނިޓެއްގައި ތިން ކޮޓަރި އާއި ތިން ފާހާނާގެ އިތުރުން ސިޓިން ރޫމަކާއި ބަދިގެއެއް ހިމެނެ އެވެ.

ވިލުފުށީގައި 100 ހައުސިން ޔުނިޓް އެޅުމުގެ މަސައްކަތް އެންމެ ފުރަތަމަ ފެށީ 2011 ވަނަ އަހަރު ނޫމަޑި ކުންފުންޏާ ހަވާލުކޮށްގެންނެވެ. ނަމަވެސް އެ ކުންފުންޏަށް މަސައްކަތް ނުނިމި ހުއްޓުމުން، އެ ތަންތަނުގެ ނުނިމި ހުރި މަސައްކަތްތައް ނިންމަން 82.1 މިލިއަން ރުފިޔާއަށް އަމީން ކޮންސްޓްރަކްޝަނާ ހަވާލުކުރީ އޮގަސްޓު 2021 ގައި އެވެ.
އަމީން ކޮންސްޓްރަކްޝަނުން މިހާރު އިމާރާތްތަކުގެ މަސައްކަތް ނިންމާފައި ވިޔަސް، އެ ތަނަށް މީހުންނަށް ބަދަލު ވެވޭނެ ގޮތެއް އަދިވެސް ނެތެވެ. ސަބަބަކީ އެ ސަރަހައްދުގެ ފެނާއި ނަރުދަމާގެ ހިދުމަތް ނުގުޅި އޮތުމުންނެވެ.
މިއީ މިދިޔަ އަހަރުގެ ތެރޭގައި، މަސައްކަތް ނިންމާނެ ކަމަށް ރައީސް މުހައްމަދު މުއިއްޒު ވިދާޅުވި މަސައްކަތެކެވެ. އަދި، މިދިޔަ އަހަރުގެ ޖުލައި 3، ގައި މި ޔުނިޓުތަކަށް ފެނާއި ނަރުދަމާ ގުޅައިދިނުމުގެ މަސައްކަތް އަށް މަސް ދުވަހުގެ ތެރޭގައި ނިންމާ ގޮތަށް 13.8 މިލިއަން ރުފިޔާއަށް ފެނަކަ ކޯޕަރޭޝަނާ ހަވާލުކުރި އެވެ.
އެ ފަހުން 15 މަސް ވޭތުވެ، ފެނަކަ އުވާލާއިރު ވެސް މި ޕްރޮޖެކްޓުގެ މަސައްކަތް ނުނިމެ އެވެ. އެ މަސައްކަތް ނިމުނު އޮގަސްޓު މަސް އައި އިރު ވެސް އޮތީ ސާވޭ އާއި ޑިޒައިން ކުރުމުގެ މަރުހަލާގަ އެވެ.













