ދިވެހި ގައުމީ ދިދައިގެ ކުލަތައް ވަކިވާނަމަ، ދިވެހިރާއްޖޭގެ ވެލިފުކަކަށް އިހުތިރާމު ކުރާނަމަ، ރަސްމާލެ މަޝްރޫއުގެ އެއްބަސްވުމުގައި ރައީސް މުހައްމަދު މުއިއްޒު ސޮއިއެއް ނުކުރައްވާނެ ކަމަށް ކުރީގެ ހޯމް މިނިސްޓަރު، އިމްރާން އަބްދުﷲ މިއަދު ވިދާޅުވެއްޖެ އެވެ.
ރަސްމާލެ މަޝްރޫއުއާ ދެކޮޅަށް މިއަދު އިއުލާނުކުރި ގައުމީ ހަރަކާތުގެ ފަރާތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އިމްރާން ވިދާޅުވީ ރަސްމާލެ މަޝްރޫއު ފެށީއްސުރެ މިއަދާ ހަމައަށް ވެސް އެމަނިކުފާނު ހައްދަވަމުން ގެންދަވަނީ ދޮގު ކަމަށެވެ.
"އަޅުގަނޑުމެންގެ މި ގައުމުގެ ރައްޔިތުންގެ އުދާހާއި އިހުސާސް އަޑުއައްސަވާނަމަ، ދިދައިގައި ހުރި ކުލަތައް ރަނގަޅަށް ވަކިވާނަމަ، ދިވެހި ފަސްގަނޑުގެ ވެލިފުކަކަށް އިހުތިރާމު ކުރާނަމަ، ރައީސް މުއިއްޒު މި އެގްރީމެންޓުގައި ސޮއިއެއް ނުކުރައްވާނެ،" އިމްރާން ވިދާޅުވި އެވެ.
ފެށުނީއްސުރެ ދޮގު ހައްދަވަމުން ގެންދަވާ ބޭފުޅަކު ރަސްމާލޭގައި ހިންގަން ނިންމާފައިވާ މަޝްރޫއުއާ ގުޅޭގޮތުން ދައްކަވާ ވާހަކަ ވެސް ގަބޫލު ނުކުރެވޭނެ ކަމަށް އިމްރާން ވިދާޅުވި އެވެ.
މިއަދު އިއުލާނުކުރި ގައުމީ ހަރަކާތުގައި އިދިކޮޅު އެމްޑީޕީގެ މަޖިލިސް މެންބަރުންނާއި އިދިކޮޅު ޕީއެންއެފްގެ އިސް ބޭފުޅުންގެ އިތުރުން މީގެ ކުރިން ވެސް މިފަދަ ހަރަކާތްތަކުގައި އިސްކޮށް ހަރަކާތްތެރިވެވަޑައިގެންނެވި ގާނޫނީ ވަކީލު، އަލީ ހުސެއިން ބައިވެެރިވެވަޑައިގެންނެވި އެވެ.

އިމްރާން ވިދާޅުވީ އެ ބޭފުޅުންގެ އިތުރުން ވެސް ވަރަށް ގިނަ މީހުން އެ ހަރަކާތުގެ ފަރުދާގެ ފުރަގަހުގައި އެބަ ތިބި ކަމަށެވެ.
"އަޅުގަނޑުމެންނާއެކު ޒުވާން ވަރަށް ބޮޑު ޓީމެއް އެބަ އޮތް، މި ކަހަލަ ކަންކަމަށް ހިތްވަރު ލައިގެން އުޅޭ އަންހެން ބޭފުޅުންގެ ވަރަށް ބޮޑު ޓީމެއް އެބަ އޮތް، އަޅުގަނޑުމެންގެ ފަހަތުގައި ސިޔާސީ ވަރަށް ބޮޑެތި ބޭފުޅުން އެބަ ތިބި، އަޅުގަނޑުމެންގެ ފަހަތުގައި އިލްމުވެރިން ވެސް އެބަ ތިއްބެވި،" އިމްރާން ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އެ ހަރަކާތާއެކު އިލްމުވެރިން ތިބި ނަމަވެސް، ގައުމީ މިފަދަ ބޮޑެތި ކަންކަމުގައި އެ ބޭފުޅުންގެ ލޭ މިހާރަށްވުރެ ބޮޑަށް ކެކެންޖެހޭ ކަމަށް ގަބޫލު ކުރައްވާ ކަމަށެވެ.
"އަޅުގަނޑު ހިތުން އަޅުގަނޑުމެންގެ ރާއްޖޭގެ އިލްމުވެރިންގެ މިއަށްވުރެ ތަންކޮޅެއް ހޫނުކޮށް ދީނީ ގައުމީ ކަންކަމުގައި ހިނގަން އެބަޖެހޭ،" އިމްރާން ވިދާޅުވި އެވެ.
އިމްރާން ވިދާޅުވީ، އޭނާ ގަބޫލުކުރައްވާ ގޮތުގައި މިއަދުގެ ޕްރެސް ކޮންފަރެންސަށްފަހު، ދީނީ އިލްމުވެރިންގެ ތެރެއިން ގިނަ ބޭފުޅުން ތެދުވެވަޑައިގެން ރަސްމާލެ މަޝްރޫއުއާ ގުޅޭ ކަންބޮޑުވުންތަކުގެ ވާހަކަދައްކަވައި، މުއިއްޒުއަށް ވެސް މިކަން ނުކުރަން ނަސޭހަތްތެރިވެވަޑައިގަންނަވާނެ ކަމަށެވެ.
"ދިވެހިންގެ ބިން ދިވެހިންނަށް" ނަމުގައި މިއަދު ފެށި ހަރަކާތުގެ ބައިވެރިން ވަނީ ރަސްމާލެ މަޝްރޫއުއާމެދު ހުރި ކަންބޮޑުވުންތަކާ ގުޅޭގޮތުން މުއިއްޒުއާ ބައްދަލުކުރަން އެދިފަ އެވެ.












