އިދިކޮޅު މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އިން މިއަދު ކުރިއަށްގެންދިޔަ އެތެރޭގެ އިންތިހާބުގެ ވޯޓުލުމުގެ އިންތިޒާމުތައް ދަށްވެ ބައެއް މެންބަރުން ހިތްހަމަނުޖެހުން ފާޅުކޮށްފި އެވެ.
އަދަދު ނޫހާ ވާހަކަ ދެއްކި ބައެއް މީހުން ބުނީ އިންތިހާބުގެ ވޯޓުލުން ގިނަ މަރުކަޒުތަކުގައި ލަހުން ފެށިއިރު، ވޯޓުލުން ލަސްވީ އޮފިޝަލުން ނެތުމާއި، ވޯޓު ފޮށި ނެތުމާއި، ވޯޓު ކަރުދާސް ނެތުންފަދަ އެކި މައްސަލަތައް ދިމާވެގެން ކަމަށެވެ.
ވޯޓުލާ ބައެއް ފޮށިތައް ކައިރީ އޮފިޝަލުން ނެތުމުގެ ސަބަބުން އެކަން ހައްލުކުރުމަށް ވޯޓުލާން އައި ބައެއް މީހުން އޮފިޝަލުން ގޮތުގައި މަސައްކަތްކޮށްފައިވާތަން އަދަދުގެ ނޫސްވެރިންނަށް ވަނީ ފެނިފަ އެވެ.
އިންތިހާޒުމަތައް ދަށްވުމާ ގުޅޭގޮތުން އެމްޑީޕީގެ ޗެއާޕާސަން ކުރީގެ ރައީސް މުހައްމަދު ނަޝީދާ ނޫސްވެރިޔަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ވިދާޅުވީ އިންތިހާބުގެ ކަންކަން ކުރިއަށް ގެންދަން ސަރުކާރުގެ ފަރާތުން އެއްބާރުލުމެއް ނުދޭ ކަމަށާއި އިންތިހާބުގެ ކަންކަން ކުރިއަށްގެންދަނީ ވަރަށް ބޮޑު ގޮންޖެހުންތަކާ އެކު ކަމަށެވެ.
"ދެން އަޅުގަނޑުމެންނަށް ސަރުކާރުންވެސް އެހާ ބޮޑު އެއްބާރުލުމެއް ނުދޭ. އެއްފަހަރަކު ހޯލެއް ދޭނެ. އެނެއްފަހަރަކު ހޯލެއް ނުދޭނެ. ދެން އެހެންގޮސް ވަރަށް ބޮޑެތި ތާށިތައް ދިމާވޭ. އަޅުގަނޑު ޔަގީން އަޅުގަނޑުމެންގެ މެންބަރުންނަށް އެނގޭ ވަރަށް ބޮޑެތި ގޮންޖެހުންތަކާ އެކީގައިކަން މީގެއިން ކޮންމެ ކަމެއް އިންތިޒާމުވެގެން މިދަނީ،" ނަޝީދު ވިދާޅުވި އެވެ.
އޭގެއިތުރުން އިންތިހާބުގައި ވޯޓުލުމުގެ ކަންކަން ކުރިއަށް ގެންދަން ބޭނުންވާ ބައެއް ވަސީލަތްތައް ނެތިގެން ވޯޓު ގުނުމުގެ ކަންކަންވެސް ނުފެށި ލަސްތަކެއްވެގެންދިޔަކަން ފާހަގަކުރެވެ އެވެ.
މި އިންތިހާބުގައި ވޯޓުލުމަށް ގިނަ އަދަދެއްގެ ބަޔަކު ނުކުތްކަން ފާހަގަކުރެވެ އެވެ. އިލެކްޝަންސް ކޮމިޝަނުގެ ދަފްތަރުން ދައްކާ ގޮތުގައި އެ ޕާޓީގެ ދަފްތަރުގައި 53,000 އަށްވުރެ ގިނަ މެންބަރުން އެބަ ތިއްބެވެ.
ގައުމީ މަޖިލިސްގެ މި އިންތިހާބުގައި 1،102 މަގާމަކަށް މެންބަރުން އިންތިހާބުކުރާނެ އެވެ. އޭގެ ތެރޭގައި ގައުމީ މަޖިލީހުގެ މެންބަރުންނާއި، ރަށްރަށުގެ ދާއިރާ ނައިބު ރައީސުންނާއި، އަންހެން ސެކްރެޓަރީންނާއި، ޒުވާނުންގެ ސެކްރެޓަރީން އިންތިހާބުކުރުން ހިމެނެ އެވެ.
އެ ޕާޓީގެ އެންމެ ބާރުގަދަ ގުނަން ކަމަށްވާ ގައުމީ މަޖިލީހުގެ 359 ގޮނޑިއަށް މެންބަރުން އިންތިހާބުކުރާނެ އެވެ. އެ މަގާމުތަކަށް 774 މީހުން ވާދަކުރާއިރު އޭގެ ތެރޭގައި 112 އަންހެނުން ހިމެނެ އެވެ.
މުޅި ޖުމުލަ އިންތިހާބުގައި 1،612 ކެންޑިޑޭޓުން ވާދަކުރާއިރު އޭގެ ތެރޭގައި 368 އަންހެނުން ހިމެނެ އެވެ. ނޮވެމްބަރު 30، ގައި އިންތިހާބުގެ ދާއިމީ ނަތީޖާ އިއުލާން ވަނީ ހަމަޖެހިފަ އެވެ.









