ހުޅުމާލޭގައި ބަޔަކު ވީޑިއޯއެއް ހަދަން ގެންގުޅުނު ކުޅޭކުޅޭ ބަޑިތަކެއް ފުލުހުން އަތުލައިފި އެވެ.
ފުލުހުން ނެރުނު ބަޔާނެއްގައި ބުނީ، ބަޔަކު ބަޑިތަކެއް ގެންގުޅޭ ވީޑިއޯއެއް އާންމުވުން އެއީ ހަގީގީ ބަޑިތަކެއްތޯ ފުލުހުން ޗެކްކޮށްފައިވާނެ ކަމަށެވެ. އެކަމަކު ފުލުހުން ބެލި ބެލުމުން އެއީ ހަގީގީ ބަޑިތަކެއް ނޫން ކަމަށް އެ ބަޔާނުގައި ބުނެފައިވެ އެވެ.
"އިތުރަށް ބެލިބެލުމުން އެ ވީޑިއޯއިން ފެންނަ ބަޑިތަކަކީ ކުޅޭކުޅޭ ބަޑިތަކެއްކަން ވަނީ ކަށަވަރުކުރެވިފަ. އަދި އެއީ ވީޑިއޯއެއް ކުޅުމުގެ ބޭނުމުގައި ކުރި ކަމެއް ކަމަށް އެފަރާތުން ވަނީ ބުނެފަ،" ފުލުހުން ބުންޏެވެ.
އެ ބަޑިތައް ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ ސަބަބެއް ނޭނގެ އެވެ. ކުޅޭކުޅޭ ބަޑި ގެންގުޅުމަކީ ރާއްޖޭގައި މަނާ ކަމެއް ނޫނެވެ. ބަޑިތައް އަތުލުމަށްފަހު "އިތުރަށް ބަލަންޖެހޭ ކަންކަން" ބަލަމުންދާ ކަމަށް ވެސް ފުލުހުން ބުންޏެވެ.
"މި ތަކެތި މިހާރު ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައެވެ. އަދި މިކަމާ ގުޅިގެން ފުލުހުން އިތުރަށް ބަލަންޖެހޭ ކަންކަން ދަނީ ބަލަމުން،" ފުލުހުން ބުނެފައިވެ އެވެ.












