ރާއްޖެ އިސްލާމްވި ފަހުން ލިޔެވިފައިވާ ތާރީހުގެ އެންމެ އަނދިރި އެއް ބާބުގެ މޭސްތިރިއަކީ ނުވަވަނަ ހަސަން ރަސްގެފާނެވެ. (1550-1551) ނުވަވަނަ ހަސަން ރަސްގެފާނު ރާއްޖޭގެ ރަސްކަން ކުރި ދުވަސްވަރަކީ އިންޑިއާ ކަނޑުގައި ޕޯޗުގީޒުންގެ އިސްތިއުމާރީ ހަރަކާތްތައް ހިނގައިގަނެގެން އައި ދުވަސްވަރެވެ. އަދި މިއީ ދިވެހިރާއްޖޭގެ އެތެރޭގެ މަސްލަހަތު އިންތިހާއަށް ގޯސްވެގެން ދިޔަ ދުވަސްވަރެއްވެސްމެ އެވެ.
ހަސަން 9 ރާއްޖޭގެ ވެރިކަމަށް އާދެވުނުގޮތާއި މެދު ހިލާފުތަކެއްވެ އެވެ. އޭނާގެ އަޙު މުހައްމަދު ރަސްގެފާނު (1548-1550) ގަތުލުކޮށް ވެރިކަން ހޯދިކަމަށް ހަސަން ތާޖުއްދީންގެ ފޮތުގައިވެ އެވެ.[i] އިންޑިއާގައި ގާއިމުވެ ހުންނަ ޕޯޒުގީޒު ގަވަރުނަރު އޭނާގެ ރަސްގެފާނަށް ލިޔުނު ސިޓީއެއްގައި މުހައްމަދު ރަސްގެފާނު ގަތުލުކުރީ ހަސަން 9 ގެ އަނބިކަނބަލުން ކަމަށް ނަސީމާ މުހައްމަދު ލިޔެފައިވެ އެވެ.[ii] ބާރުގަދަ ހެކި ފެންނަންދެން މިކަމާ ބެހޭގޮތުން ގޮތެއް ނިންމުމަށް ކިޔުންތެރިންގެ ހިޔާލަށް ދޫކޮށްލަމެވެ.
ހަސަން 9 ދިވެހި ތާރީހުގައި މަޝްހޫރުވެފައިވަނީ އިންޑިއާގެ ކޮއްޗޭއަށް ދަތުރުކޮށް، ނަސާރާދީނުގެ އަހުލުވެރިއަކަށްވެ، ދިވެހިރާއްޖޭގެ ވެރިކަމާ ޕޯޗުގީޒުން މެދުވެރިކޮށްގެން ތޮޅެން އުޅުނު ރަސްކަލެއްގެ ގޮތުގަ އެވެ. ރާއްޖެ ދޫކޮށް ދާން ޖެހުނު އުޒުރެއް ކަމުގައި ހަސަން 9 ބުނެފައިވާ ވާހަކައެއްވެސް އޮވެ އެވެ. އެއީ ތަޙުތު އަތުލަން ބޭނުންވާ ބާރުގަދަ އާއިލީ ބޭފުޅެއް ކިބައިން ސަލާމަތްވުމަށެވެ. ޕިރާޑާއި ހަވާލާދި ނަސީމާ ލިޔުއްވާފައިވަނީ މި 'ބާރުގަދަ' ފަރާތަކީ އަލީ ކަމަށެވެ. ލަފާކުރެވޭ ގޮތުގައި މިއީ އަލި ރަސްގެފާނު ޒިޔާރަތް ނިސްބަތްވާ، އަދި ޝަހީދުންގެ ދުވަހުގައި އެ ރަސްގެފާނެއްގެ ޒިކުރާ އާކުރެވޭ ޕޯޗުގީޒުންނާއި ދެކޮޅަށް ޖިހާދަށް ނިކުމެ، ޝަހީދުވި އަލި ރަސްގެފާނެވެ.[iii]
ހަސަން 9 ރާއްޖެ ދޫކޮށް ދިޔުމަށްފަހު ދެ ފަހަރެއްގެ މަތިން ރާއްޖެއާ ތޮޅެން ޕޯޗުގީޒުން އައިކަމަށް ތާޖުންދީނުގެ ފޮތުގައިވެ އެވެ. ފުރަތަމަ ފަހަރު ހަސަން 9 ގެ އެދުމަކަށްވީ ބޮޑުން މުރުތައްދުވެ، އޭނާ ފަދައިން ނަސާރާ ހެދުން އެޅުމަށެވެ. މިކަމަށް ދެކޮޅު ހަދައި، ދެ ފަހަރެއްގެ މަތީން ޕޯޗުގީޒުންނާއި ކުރިމަތިލިއިރު އެ ކަމުގެ ބޮޑުންނަށް ތިބީ އަބޫބަކުރު 2 އަދި އަލީ 6 އެކެވެ.[iv]
ހަސަން 9 އަށްފަހު ރާއްޖޭގެ ވެރިކަމަށް ދެން ލިބުނުކަމަށް ބުނެވެނީ އަބޫބަކުރު 2 އަށެވެ. (މ1557 –މ 1558) އޭނާ ގަތުލުވެގެންދިޔަ ގޮތެއް ސާފެއްނޫނެވެ. ދެން ވެރިކަން ލިބުނީ އަލީ 6 (މ.1557-މ1558) އަށެވެ. މި ރަސްގެފާނު ޝަހީދުވި ދުވަހު ޕޯޗުގީޒުންނާ ކުރިމަތިލާން ދިޔަ ދިޔުމަކީ ދިވެހި ތާރީހުގައި ވަރަށް ކުލަގަދަކޮށް ދައްކާ ވާހަކައެވެ.
އާންމު އުސޫލަކުން ނުލިޔެ ދޫކޮށްލާ ވާހަކައަކީ އެ ދުވަހު އަސްކަރު ގޮވައިގެން އީދު މިސްކިތާ ހަމައަށް ގޮސް އެނބުރި ބަލާލި ވަގުތު ފަހަތުގައި ހަމައެކަނި ބޮޑުވަޒީރާއި ޙާދިމަކު އެކަނި ހުންނަން ޖެހުނު ސަބަބެވެ. ދިވެހިރާއްޖޭގެ ރަހުންނާއި ރަނީން އަދި ތާރީޙު އިސްލާމި ދީބާ މަހަލްގައިވާ މައުލޫމާތައް ބިނާކޮށް، ނަޒަރު ހިންގާލީމާ ހާމަވެގެންދަނީ އޭރު ރާއްޖޭގެ އެތެރޭގައި މަސްލަހަތު ގެއްލިފައިވާ މިންވަރާއި، ބޮޑުންގެ މެދުގައިވާ ހަމަނުޖެހުމަށެވެ. މިކަމުގެ ސަބަބުން ރައްޔިތުންނަށް ކުރާނެ ނޭދެވެ އަސަރު (ތާރީހު ފޮތްތަކުގައި ލިޔެވިފައި ނުވިޔަސް) އަންދާޒާކުރާކަށް ނުޖެހެ އެވެ. އާޚިރު ނަތީޖާއަކަށް ވެގެންދިޔައީ ރާއްޖެ ކާފަރުންގެ އަތްދަށަށް ދިޔުމެއެވެ. 15 އަހަރުވަންދެން ރާއްޖޭގެ އަމިއްލަ ވެރިކަން ގެއްލި، އިސްތިއުމާރީ ހިލިހިލާ ކެނޑުނީ ބޮޑު ތަކުރުފާނުގެ (1573މ-1585މ.) މަޝްހޫރު ޖިހާދަށް ފަހުގަ އެވެ.[v]
އިސްވެދިޔަ ތާރީހަކީ ކަން ހިނގައިދިޔަ ތާރީހާއި ލިޔެވުނު ތާރީހާ ދެމެދު އެތަކައް ސަތޭކަ އަހަރު ފާއިތުވެ، މަދު ހެކިތަކެއްގެ މައްޗައް ބިނާކޮށް ލިޔެވިފައިވާ ކުރު ހުލާސާއެކެވެ. އާންމު އުސޫލަކުން ދިވެހި ދައުލަތަކީ ޕްރައިމަރީ ސޯސް ނުވަތަ ރަސްމީ ލިޔެކިޔުމުގެ އަސްލު ހިއްސާކުރަން ނުހަނު ދެކޮޅު ދައުލަތަކެވެ. ހަގީގަތުގައި މިއީ އުވިގެން ނުގޮސް އޮތް މަދު ސަގާފީ އާދަކާދަތަކުގެ ތެރެއިން އެއް އާދައެކެވެ. މި އާދަކާދަ މައްސަލައަކަށްވަނީ މިއަދު ފެންނަމުން މިދާ މަންޒަރުތަކުންނެވެ.
ފެންނަން އޮތް ހެއްކަކަށް ބިނާކޮށް ވާހަކަ ދައްކާނަމަ ހަސަން 9 އަކީ ރާއްޖޭގެ ތާރީހުގައި އުފެދުނު އެންމެ ބޮޑު އެއް ގައްދާރެވެ. ދީނީ ނަޒަރަކުން އޭނާއަކީ ނުހަނު ބޮޑު ފާފައެއްކޮށް، މުސްލިމުންނަށް ގެއްލުންދޭ މަސައްކަތްކޮށްފައިވާ މީހެކެވެ. އާންމު ވާހަކައިގައި ނުވަވަނަ ހަސަން ރަސްގެފާނާ މީހަކު އެއްފަދަ ކުރުމަކީ އޭނާއަކީ ގައްދާރެކޭ ބުނުން އެއްފަދަ އެވެ. 2018 އޭރު ވެރިކަންކުރަމުން އައި ޕީޕީއެމްގެ ނައިބު ރައީސް އަދި މިހާރުގެ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ، އޭރު ރާއްޖޭން ބޭރުގައި ގާއިމުވެ ތިބި ބައެއް އިދިކޮޅު ސިޔާސީ ފަރާތްތަކަށް ފާޑުކިޔުމުގެ ބޭނުމުގައި އެ މީހުންނާއި ނުވަވަނަ ހަސަން ރަސްގެފާނާއި ހުރި ތަފާތަކީ ކޮބައިކަމާއިމެދު ސުވާލު އުފައްދާފައިވެ އެވެ.[vi]
2023 ވަނަ އަހަރުން ފެށިގެން ދިވެހިރާއްޖޭގައި ސިޔާސީ ބޭނުމަށް ޓަކައި ދޭތެރެ ދޭތެރެއިން ފޯޅަވަހި (ޗާގޯސް)ގެ ވާހަކަ ދެކެވެ އެވެ. އެއްބައި ފަރުދުންގެ ހިޔާލަކީ ބައިނަލްއަގުވާމީ ގޮތުން ރާއްޖެ ސޮއިކޮށްފައިވާ މުއާހަދާތަކާއި، ވެފައިވާ އެއްބަސްވުންތަކަށް އިހުތިރާމުކޮށް، އިންޓަނޭޝަނަލް ޓަރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީ (އިޓްލޮސް) ގެ ނިންމުން ބަލައިގަތުމަށެވެ. އަނެއްބައި ފަރުދުންގެ ވިސްނުމަކީ ފޯޅަވައްސަކީ ރާއްޖޭގެ ބައެއް ކަމުގައި ދައުވާކޮށް، އިޓްލޮސްގެ ނިންމުމަށް އިންކާރުކުރުމެވެ. މިއީ ރައީސް މުއިއްޒުގެ ވެސް ވިސްނުމެވެ. ޖަނަވަރީ 2026 ގައި އިނގިރޭސިވިލާތުގެ އެކްސްޕްރެސް ނޫހުގައި ފޯޅަވަހީގެ މިލްކުވެރިކަން އެންމެ ހައްގީ ދިވެހިރާއްޖެއަށް ކަމަށް ވަކާލާތުކޮށްފައިވެ އެވެ. އެ ލިޔުމުގައި ވާގޮތުން ޗާގޯސްއިން ބޭލި ފަރުދުން ގައިގައި ދިވެހީންނާއި ކްރިއޯލް މީހުންގެ ޑީއެންއޭ ހުރެ އެވެ.[vii]
މީގެ އިތުރުންވެސް އެކި މަންސަތަކުގައި ފޯޅަވައްސަކީ ރާއްޖޭގެ ބައެއްކަމަށް ވަކާލާތު ކުރެވިފައި އެބަހުއްޓެވެ. ބައެއް ފަރާތްތަކުން ހަސަން 9 ގޯއާގައި ހުރެގެން އޭނާއަކީ ފޯޅަވަހީގެ ރަސްގެފާނު ކަމަށް ދައުވާކުރި ކަމަށް ބުނެ، މިއީ ރާއްޖޭގެ ތާރީހީ މިލްކުވެރިކަމުގެ ދަލީލެއް ކަމުގައި ދެކެ އެވެ.
ތާރީހުން އިބްރަތް ހާސިލުކުރުމަކީ ބުނަން ފަސޭހަ، ކުރަން އުނދަގޫ ކަމެކެވެ. 500 އަހަރު ވަންދެން 'ގައްދާރު' މި ލަފްޒުގެ ބަދަލުގައި ބޭނުންކުރަމުން އައި ނުވަވަނަ ހަސަން ރަސްގެފާނު ތާރީހުގެ މާ ވަލީވެރިއަކަށް ނެހެދޭނެ އެވެ. ދުނިޔޭގެ ލައްޒަތަށްޓަކައި ނަސާރާއަކަށްވެ، ރާއްޖެ ހަލާކެއްގެ ތެރެއަށް ވައްޓާލި ވެރިއެއްގެ ބަސް އެހެން ހުރިހާ ކަމެއްގައި ގޯސްކޮށްފައި، ފޯޅަވައްސާ ހިސާބުން ތެދުކުރުމަކީ ބުއްދީގެ ނަޒަރުން ހަމަޖެހޭ ކަމެއް ނޫނެވެ. ތާރީހީ ވާހަކައެއްގެ އޮއްޓަރެއް ހުންނާއި އޭގެ ސޯސް ނުވަތަ އެ ލިޔުމެއް ބިނާވާ ހެކިތަކުގެ އަގު ވަޒަންކޮށް، އޭގެ މޮޅު-ދެރަ ކިރުމުންނެވެ. މި މިންގަނޑުން ބަލާނަމަ ހަސަން 9 ގެ ދައުވާއެއް ގަބޫލުކުރާނަމަ ދެން ހުޅުވިގެންދާ ދޮރުތަކާއި މެދުވެސް ވިސްނާލުމަކީ އޮތްކަމެކެވެ.
ހަސަން 9 ގެ ފަހުންވެސް ރާއްޖޭގައި އެކިއެކި ރަސްކަލުން ވެރިކަންކުރި އެވެ. އާންމު އުސޫލަކުން ފެންނަން ނެތަސް، އެ ރަސްކަލުންނާއި ގުޅުންހުރި، އެ ޒަމާނެއްގައި ލިޔެވިފައިހުރި ލިޔެކިޔުންތައް ހުންނަކަމަށްވެ އެވެ. ލަކަޑިވްސް (މަލިކު) އާ ގުޅުންހުރި އެކިއެކި ވާހަކަ ފެންނަން އޮތް އުސޫލުން، ފޯޅަވައްސާވެސް ގުޅުން ވާހަކަ ހުންނަންވާނެ އެވެ. ނެތްނަމަ، އާސާރު ހުންނަންވާނެ އެވެ. އަކިރި ފާރާއި، ހިރިގާ މިސްކިތާއި، މަޖާޒު ބަސްބަހާއި މިހެންގޮސް ވާހަކަތަކެވެ. މި އާސާރުތައް ދެނެގަނެ، ރައްކާކުރަން ކޮށްފައިހުރި މަސައްކަތްތަކެއް ވެސް އޮންނަންވާނެ އެވެ. އެކިއެކި އަތޮޅުތަކުގައި މީގެ ކުރިން މީހުން އުޅުނު ރަށްރަށާއި (މިހާރު ފަޅުވެފައި) ގުޅޭ ވާހަކަތައް އަޑުއަހަމެވެ.
ދަތުރު ވަރެއްގައި ފޯޅަވައްސައް ދިވެހީން ގޮސް ނޫޅޭ ވާހަކައެއް ނުބުނަމެވެ. އެކަމަކު އާންމު އުސޫލަކުން އާސަރުތަކާއި ގުޅުންހުރި ހެއްކާއި ވާހަކަތައް، ސިލްސިލާއެއްގެ ގޮތުގައި ފެންނަން ނެތުމަކީ ދާދި އިހަކަށް ދުވަހު ޖޯޝާއި ފޯރީގައި ކުރާ ދައުވާތަކުގެ ބަރުދަން ލުއިވާ އެއް ސަބަބެވެ. އެކްސްޕްރެސް ނޫހުގެ ލިޔުމުގައިވާ ގޮތުން ދިވެހިންނާއި ޗާގޯސް ރައްވެހިންގެ ޑީއެންއޭ އާ ގުޅެ އެވެ. މި ބީދައިން ވިސްނާނަމަ ދިވެހިންނާއި އިންޑިއާ، ލަންކާ އަދި އެކި ސަރަހައްދުތަކުގެ މީހުންނާއި ގުޅޭނެ އެވެ. އެހެންވީމާ ރާއްޖެއަކީ މި ގައުމުތަކުގެ ތާރީހީ މިލްކެއް ކަމަށް ދައުވާކުރަން، އެ ކަމަށް އެދިއެދި ތިބި ބަޔަކަށް ދޮރެއް ހުޅުވާދެވުނީ އެވެ.
ޕޮލިޓީ ނުވަތަ ފަރުދީ ވަކި ޖަމާއަތެއް ގޮތުގައި އިންސާނުން ބެހޭ އުސޫލުތަކެއް އޮވެ އެވެ. ދީނީ ގޮތުން އެއްގޮތްވުމާއި، އެއް ބަހަކުން ވާހަކަ ދެއްކުމާއި، އެއް ބައްޓަމަކަށް ތިބުމުގެ އިތުރުން އާދަކާދަތައް އެއްގޮތްވުމަކީ މީގެ އާންމުކޮށް އިންސާނުން ބައިބަޔަށް ގިންތިކުރާއިރު ބަލާ ކަންކަމެވެ. 1965-1973 އާ ދޭތެރޭގައި ޗާގޯސްގައި އޭރު އުޅުނު ރައްޔިތުން ބޭލިއިރު، ދިވެހީންގެ ބައެއްނަމަ، އިންސާނިއްޔަތު އިސްކޮށް، އެ މީހުންނަށް މަރުހަބާ ނުކިޔާ ދޫކޮށްލީ ކީއްވެގެންތޯއެވެ؟ އެ ދުވަހު އިނގިރޭސީން އަމަލުކޮށްފައި އޮތީ އަގަލު ކުޑަކޮށެވެ. ނިކަމެތިކަމާއެކު އަރުވާލީ މޮރިޝަސް އަދި ސީސެޝްލްއަށެވެ.[viii] ބައިނަލްއަގުވާމީ ގޮތުން މޮރިޝަސްއަށް ލިބިފައިވާ ކާމިޔާބުގެ އަސްލަކީ އަނިޔާ ލިބުނު ބައެއް އެ ގައުމުތެރޭގައި އުޅުމާއި، ދިގު މުއްދަތަކަށް ބަދަލު ހޯދުމަށްކުރި މަސައްކަތެވެ. މިއީ ރާއްޖެއަށް ވެސް ހިނގެން އޮތް، ނުހިނގާ ދޫކޮއްލި މަގެކެވެ.
ހިތާމައާއެކު ފާހަގަކުރަން ޖެހޭ ނުކުތާއަކީ ސިޔާސީ ހިތި ހަގީގަތް ހާމަކޮށް ބަޔާންކުރުމުގައި ނުވަވަނަ ހަސަން ރަސްގެފާނުގެ ޒަމާނުންސުރެންވެސް – އަދި އޭގެ ކުރީގައި ވެސް – އަމަލުކުރަމުން އަންނަނީ އެއް ސަގާފަތަކަށެވެ. ރާއްޖޭގެ އެންމެ މަތީ މަސްލަހަތު ހިމެނޭ ކަންކަން ނިމިދާ ގޮތުގެ ވިސްނުމާއި ހިކުމަތް އޮންނަނީ ނޭނގުމެއްގެ ތެރޭގަ އެވެ. ސިޔާސީ ގޮތުން ބަލިވާ ކޮޅު ގޯސްކޮށް، އެނޫން ދުވަހެއް އައުމުން އެ ތާރީހު އެފުއްމިފުށައް ޖަހަނީ އެވެ.
1965 ގައި އިނގިރޭސިން އަތުން ރާއްޖެ މިނިވަން ވުމަށްފަހު ފޯޅަވަހި އަދި މަލިކު ހޯދުމަށް އިބްރާހީމް ނާސިރު މަސައްކަތްކުރި ކަމެއް އާންމު އުސޫލަކުން ފެންނާކަށް ނެތެވެ. މަލިކުގައި ފެންނަ ނުފެންނަ ވޯޓެއް ބޭއްވުނު ކަމަށްވެ އެވެ. އެ ވޯޓުން ނިންމާފައިވަނީ އިންޑިއާގެ ބައެއްގެ ގޮތުގައި އޮތުމަށެވެ. ފެންނަން އޮތީ 31 ޖުލައި 1976 ގައި އިންޑިއާއި، ސްރީ ލަންކާ އަދި ދިވެހިރާއްޖޭގެ ބޯޑަރު ކަނޑައެޅުމަށް ސޮއިކުރި އެއްބަސްވުމެވެ.[ix] ނަތީޖާއަކީ ފެންނަން އޮތީ ދިވެހި ބަހުން ވާހަކަ ދައްކާ، ދިވެހިންފަދަ މުސްލިމުން އުޅޭ، އެއް ހަމުކުލައިގެ ބަޔަކު ދިރިއުޅޭ މަލިކު ދޫކޮށްލާފައި އޮތް ތަނެވެ. މިއީ 'ޕޮލިޓިކަލް ރިއަލިޓީ' ނުވަތަ ސިޔާސީ ހަގީގަތް ގަބޫލުކޮށް، ގައުމުގެ ބާކީ އޮތްބައިގެ މިނިވަންކަން އިސްކުރަންކުރި ކަމަކަށް ވެދާނެ އެވެ. ނުވަތަ ޒަމާންތަކެއް ވަންދެން މާލޭގެ ބާރު ނުހިނގާ އޮތުމުން ދޫކޮށްލަން 'ފަސޭހަ' ވި ނިންމުމެއް ކަމަށްވެސްވުން އެކަށީގެންވެ އެވެ. މި ކަންކަމާއި މެދު ނާސިރު ނުވަތަ އަރިސް އެހެން ވަޒީރެއްގެ ލިޔުމެއް، ނުވަތަ ވިސްނުންހުރި ގޮތެއް ފެންނަން އޮވެ، ފުޅާ ދާއިރާއެއްގައި ބަހުސްކުރެވިފައި އޮތްނަމަ، މިއަދު ވަރަށް ގިނަ ފައިދާތަކެއް ކުރާނެ އެވެ.
ނަމަވަސް ތާރީހީ ގޮތުން ދިވެހިރާއްޖޭގެ ސިޔާދަތީ ބާރު ދިގު މުއްދަތެއްގައި ހިނގަހިނގައި އޮތް ތަނެއް ހަނގުރާމައަކާ ނުލައި ދޫކޮށްލަން ފަސްނުޖެހޭނެކަން ނާސިރުގެ އަމަލުތަކުން ފެންނަން އެބައޮތެވެ. ތިލަކޮށް ބުނާނަމަ ދިވެހީންގެ އަމިއްލަ ވެރިކަމެއް ގާއިމުކުރުމަށްޓަކައި ދިވެހި ރައްޔިތުންގެ ގަޔަށް ބަޑި ޖަހަން ކެރުނު ވެރިޔަކު ފޯޅަވައްސަކީ ދިވެހީންގެ މިލްކެއްކަމަށް ދެކުނު ނަމަ، އެ ކަމަށް ފިޔަވަޅުތަކެއް އަޅާނެ އެވެ. އިނގިރޭސި ސިފައިން ދިވެހި ފަސްގަނޑުން ލުހެލަން ކުރި މަސައްކަތުގައި އައްޑޫ ގަމުގެ ތިރިން އޮތް ރަށްތަކެއްގެ މިލްކުވެރިކަމަށް ދައުވާކޮށް، އިނގިރޭސިން އެތިބީ ރާއްޖޭގެ ސަރަހައްދުގައިވާ ކަނޑަކަށް ވެރިވެގަނެގެން ކަމަށް ދައުވާ ކުރެވެން އޮވެމެ އެކަން ނުކޮށް ދޫކޮށްލީ ސަބަބުތަކެއް އޮވެގެންނެވެ. ހިތާމައަކީ އެ ވިސްނުން ކަރުދާހުގައި ލިޔެވިފައި ނެތުމުންނެވެ. ލިޔެވިފައި އޮތަސް، އާންމު އުސޫލަކުން ފެންނަން ނެތުމުންނެވެ.
ދެބަސްނުވެވޭނެ ހަގީގަތަކީ މިފަދަ ބޮޑެތި ކަންކަން މިހެން ހިނގާދިޔައިރު، މިކަމާމެދު އޭރުގެ ދައުލަތުގެ ވެރިންގެ ވިސްނުންހުރި ނެތް ގޮތް ހާމަކަން ބޮޑު ގޮތެއްގައި ރައްޔިތުންނަށް ފެންނަން މުހިންމު ކަމެކެވެ. 'ފޯޅަވަހީގެ މައްސަލަ' އަކީ ރައީސް މައުމޫން، ރައީސް ނަޝީދު، ވަހީދު، ރައީސް ޔާމީން އަދި ރައީސް ސޯލިހުއަށް އެ ރައީސުންގެ ވެރިކަމުގައި އެކަމާ މެދު ހާމަކަން ބޮޑު ގޮތެއްގައި ވާހަކަ ދެއްކެން އޮތް މައްސަލައެކެވެ. ބާރު އޮވެމެ އެކަން ނުކޮށް ދޫކޮއްލި ސަބަބާއި، މިއަދު މިމައްސަލައާ ގުޅިގެން އެކި ރައީސުންނާއި މަދަދުދޭ ފަރާތްތަކުން ދައްކާ ވާހަކަތަކުން އިސްވަނީ ސިޔާސީ މަސްލަހަތެއްތޯ ނުވަތަ ގައުމީ މަސްލަހަތެއްތޯ ދެނެގަތުމަކީ މުހިންމު ކަމެކެވެ. މިފަދަ ބޮޑެތި ގައުމީ މަސްލަހަތު ހިމެނޭ މައްސަލަތަކުގައި އެކުލަވާލާ ސިޔާސަތުތައް ބިނާވަނީ ހަރުދަނާ އަސާސްތަކެއްގެ މައްޗައްތޯ ދެނެގަތުމަކީވެސް މުހިންމުކަމެކެވެ.
ނިންމާލުމުގެ ކުރިން އެއްނުކުތާ ފާހަގަ ކޮށްލާނަމެވެ. ޗާގޯސް (ފޯޅަވަހި) ދިވެހިރާއްޖޭގެ ބައެއް ގޮތުގައި ހިމެނުނަސް، ދެން އުފެދޭ ބޮޑު ދެވުސާލެއް އެބައޮތެވެ. އެތަނުގެ އަހުލުވެރިންނަކީ ސުންނީ މުސްލިމުންނެއް ނޫނެވެ. ދިވެހި އާދަކާދައަށް އުޅެފައިވާ ބައެއްވެސް ނޫނެވެ. އެރައްޔިތުންގެ 'ރައިޓް އޮފް ރިޓާން' އަށް ވާނީ ކިހިނެއްތޯއެވެ؟ ދެވަނަ ސުވާލަކީ މިސަރަހައްދުގައި އެމެރިކާގެ ނުފޫޒު ދަމަހަށްޓަން ބޭނުންކުރާ ޑިއޭގޯ ގާސިއާއަށް ދިވެހިން ރުހޭނީތޯއެވެ؟ މިއީ ފުޅާދާއިރާއެއްގައި ވާހަކަ ދެކެވެންޖެހޭ، ރައްޔިތުންގެ ހިޔާލު އެކަމެއްގައި މިނިވަންކަމާއެކު ބަހުސްކުރެވެންވާނެ މައުލޫތަކެވެ.
ރިފަރެންސް
- [i] ތާރީޚު އިސްލާމި ދީބާ މަހަލް، ހަސަން ތާޖުއްދީން، ދިވެހިބަހުގެ އެކެޑަމީ 2020، ސަފްހާ 35
- [ii]ސަފްހާ 101 ދިވެހިރާއްޖޭގެ ރަހުންނާއި ރަނީން، ނަސީމާ މުހައްމަދު، ދިވެހިބަހުގެ އެކެޑަމީ 2022،
- [iii] ދިވެހިރާއްޖޭގެ ރަހުންނާއި ރަނީން، ނަސީމާ މުހައްމަދު، ދިވެހިބަހުގެ އެކެޑަމީ 2022، ސަފްހާ 104
- [iv] ތާރީޚު އިސްލާމި ދީބާ މަހަލް، ހަސަން ތާޖުއްދީން، ދިވެހިބަހުގެ އެކެޑަމީ 2020، ސަފްހާ 36-37
- [v] ދިވެހިރާއްޖޭގެ ރަހުންނާއި ރަނީން، ނަސީމާ މުހައްމަދު، ދިވެހިބަހުގެ އެކެޑަމީ 2022، ސަފްހާ 119
- [vi] https://archive.mv/dv/articles/6kBQg
- [vii] https://www.express.co.uk/news/world/2159092/Chagos-Islands-deal-Starmer-Mauritius-Maldives-Diego-Garcia
- [viii] https://www.hrw.org/report/2023/02/15/thats-when-nightmare-started/uk-and-us-forced-displacement-chagossians-and
- [ix] https://www.un.org/depts/los/LEGISLATIONANDTREATIES/PDFFILES/TREATIES/LKA-IND-MDV1976TP.PDF









