ސޯޅަ ޑިސެމްބަރު 1887 ގައި ދިވެހިރާއްޖެ އިނގިރޭސިންގެ ހިމާޔަތުގެ ދަށަށް (ޕްރޮޓެކްޓްރޭޓަކަށް) ބަދަލުވުމަކީ، ކުއްލިއަކަށް ހިނގި އަސްކަރީ ފަތަހައެއްގެ ނަތީޖާއެއް ނޫނެވެ. އެއީ އޭގެ ބައި ގަރުނު ކުރިން ފެށިގެން ބަދަލުވަމުންދިޔަ ޖިއޯޕޮލިޓިކަލް، އިގްތިސާދީ އަދި ދާހިލީ ސަބަބުތަކެއްގެ ނަތީޖާ އެވެ.
އޭރު ހުންނެވި ރަދުން، ސުލްޠާން މުޙައްމަދު މުޢީނުއްދީން (ދެވަނަ) މި އެއްބަސްވުމުގައި ސޮއިކުރެއްވުމަކީ ދިވެހި ތާރީހުގައި އައި ވަރަށް ބޮޑު ބަދަލެކެވެ. ކިންގް ވިލިއަމް ހަތަރުވަނައިގެ ދުވަސްވަރު ރާއްޖޭގެ އެއްކޮޅުން އަނެއްކޮޅަށް ފޯޅަވަހިއަތޮޅުތަކާއި އެކު ރަދުންގެ ނުރުހުމުގައި ހިންގުނު ރާއްޖޭގެ ކަނޑުގެ ސާވޭތަކުން ފެށިގެން، ރާއްޖޭގެ އިގްތިސާދުގެ މައިބަދަ ކަމުގައިވި ބޮލީގެ ވިޔަފާރި ބަލިކަށިކުރުމަށް މެދުވެރިވީ ސަބަބުތަކާއި ، މާލޭގެ މަތީ ފަންތީގެ މީހުންގެ މެދުގައި އުފެދުނު ސިޔާސީ ދެބަސްވުންތަކަށް ބަލާއިރު، ދާހިލީ ނިކަމެތިކަމާއި ބޭރުގެ ވިޔަފާރީގެ ނުފޫޒު އެއްވެގެން ދިވެހިރާއްޖެ އިނގިރޭސި އެމްޕަޔަރާ ދިމާލަށް މިސްރާބު ޖަހަން މަޖުބޫރުވި ގޮތް ވަރަށް ސާފުކޮށް އެނގެއެވެ.
ރަދުންގެ ނުގަބޫލުގަ ޗާޓު ކުރުން
1887 ގެ ރަސްމީ މުއާހަދާގެ މާ ކުރިންވެސް އިނގިރޭސިންނާއި ދިވެހިރާއްޖެއާ ދެމެދު ދިވެހީން މުޅީން ގަބޫލުނޫން ގުޅުމެއް އޮތެވެ. އެ ގުޅުން ބިނާވެފައި އޮތީ ލަންޑަނުން ސީދާ ފޮނުވި ޝާހީ ސަފީރެއްގެ މައްޗަކަށް ނޫނެވެ. އޭގެ ބަދަލުގައި އެއީ އިންޑިއާ ކަނޑުގެ ރާއްޖޭގެ ފަރުގިރި ކަނޑުތަކާއި ރައްތަކުގެ ސާވޭ އާ ގުޅުންހުރި ކަމެކެވެ. 1834 ވަނަ އަހަރުގެ ފަހުކޮޅު، ކިންގް ވިލިއަމް ހަތަރުވަނައިގެ ރަސްކަމުގައ، އިނގިރޭސި އިންޑިއަން ނޭވީގެ ކޮމާންޑަރު ރޮބަޓް މޯރެސްބީ މާލެ ވަޑައިގަތެވެ. ފާހަގަކޮށްލަންޖެހޭ ކަމަކީ، މޮރެސްބީ ގެންނެވީ ލަންޑަނުގެ ސާހީ ތަހުތުން ސީދާ ފޮނުއްވި ސިޓީފުޅެއް ނޫނެވެ. އޭގެ ބަދަލުގައި އެއީ ބޮމްބޭ އަދި ސިލޯން (ސްރީލަންކާ) ގައި ތިއްބެވި އިނގިރޭސި އިސްވެރިންގެ ފަރާތުން ރަދުންނަށް ފޮނުއްވި ސިޓީއެކެވެ.
1834އާއި 1836 އާ ދެމެދު މޮރެސްބީ ވަނީ ރާއްޖޭގެ އަތޮޅުތަކުގެ ފުރިހަމަ ހައިޑްރޯގްރަފިކް ސާވޭއެއް ކުރައްވާފައެވެ. މި މަސައްކަތުގެ ނަތީޖާއެއްގެ ގޮތުން ރާއްޖޭގެ ރަށްތަކާއި ފަރުތަކުގެ އިތުރުން ކަނޑު އޮޅިތަކާއި ކަނޑުތަކުގައި ފަސޭހައިން ދަތުރުކުރެވޭފަދަ ޗާޓުތައް ތައްޔާރުކުރެވުނެވެ. ޒާމާނުއްސުރެ ދިވެހިރާއްޖޭގެ ރައްތަކާއި ފަރުތަކުގެ ސިއްރު ހޯދުމަށް މިއީ މެދުތެރޭ އިންޑިއާ ކަނޑުގައި އިނގިރޭސިންގެ އިސްތިއުމާރީ އަދި ވިޔަފާރިތައް ފުޅާވެ ބޮޑުވަމުންދިޔަ ކަމުގެ ހެއްކެކެވެ.
ދިވެހި ފައިސާ ބޮލީގެ އިގުތިސާދު ހީނަރުވުން
އެތައް ގަރުނެއް ވަންދެން ދިވެހިރާއްޖޭގެ އިގްތިސާދީ މިނިވަންކަން ބިނާވެފައި އޮތީ ގުދުރަތީ ހާއްސަ ވަސީލަތެއްގެ މައްޗަށެވެ. އެއީ ދިވެހިންގެ ބަހުން ނަމަ ބޮލި އެވެ. ރާއްޖޭގެ ފަޅުތަކުން ހިލާ ، ގިނަދުވަހަށް ހުންނަ ބޮއްޔަކީ ހުޅަނގު އެފްރިކާ އަދި އޭޝިއާގެ ބައެއް ހިސާބުތަކުގައި، ހާއްސަކޮށް މުގަލް އެމްޕަޔަރާއި، ބެންގާލް އަދި ޔޫރަޕްގެ ވިޔަފާރި ކުންފުނިތަކުގައި ފައިސާގެ ގޮތުގައި ބޭނުންކުރި މުހިންމު އެއްޗެކެވެ. ރަދުން ވަނީ ރޯނާއި ކޮފްރާ އަދި ބޮލީގެ ވިޔަފާރި އެކްސްޕޯޓް ކުރުމުގެ ފުރިހަމަ ކޮންޓްރޯލް މޮނޮޕޮލީ އެއް ހިފަހައްޓަވާފައެވެ. މި ވިޔަފާރިތަކުން ލިބޭ އާމްދަނީ ސީދާ ހަރަދުކުރެވެނީ ޝާހީ ދަރުބާރާ ގަނޑުވަރު ހަރަދު ބެލެހެއްޓުމަށާއި އަތޮޅު ރަށްތަކުގެ އިދާރީ ކަންކަން ހިންގުމަށެވެ.
ނަމަވެސް، ނަވާރަވަނަ ގަރުނަށް އައިއިރު އިގްތިސާދީ މަސްރަހަށް ބަދަލުތަކެއް އައެވެ. ދިވެހި ބޮލިން ހިންގާވިޔަފާރި އިނގިރޭސިން އިނގިރޭސި ފައިސާއިން ކުރަންޖެއްސުމުން، ބެންގާލް އަދި އޮޑީޝާގެ ފައިސާގެ ނިޒާމު ބޮލިން ކޮންޓްރޯލްކުރުން ބަންގާޅުކަރައިގައި މަޑުމަޑުން ހުއްޓި އަދި އެހެނިހެން ފައިސާ ތައާރަފްވުމުގެ ސަބަބުން، ދުނިޔޭގެ ބާޒާރުގައި ބޮއްޔަށް އޮތް ޑިމާންޑް މުޅިން ދަށަށް ދިޔައެވެ. ބޮލީގެ އިގްތިސާދު ހީނަރުވުމުން، ދިވެހިވިޔަފާރިން، އަމިއްލަ ވެރިކަން ހިންގުމަށް ބޭނުންވާ ފައިސާ ހޯދުމަށް ދަތިތަކާ ކުރިމަތިވިއެވެ
ބޭރުގެ ވިޔަފާރިވެރިންގެ ނުފޫޒާއި މާލީ ބާރު
ބޮލީގެ ވިޔަފާރި ދަށަށް ދިއުމުން އުފެދުނު ހުސްކަން، ބޭރުގެ ވިޔަފާރިވެރިން ވަރަށް އަވަހަށް ފުރާލިއެވެ. މީގެ ތެރެއިން އެންމެ ފާހަގަކޮށްލެވެނީ ބޮމްބޭއިން އައި އިނގިރޭސީންގެ ހިމާޔަތް ލިބިފައިވާ ބޯރާ ވިޔަފާރިވެރިންނެވެ. ދިވެހިންގެ ތެރޭގައި ބުންބާ މީހުން ގެ ނަމުން މަޝްހޫރުވި މި ޝީޢާ މުސްލިމް ވިޔަފާރިވެރިން، މަޑުމަޑުން ރާއްޖޭގެ އިގްތިސާދުގެ މައްޗަށް ފުރިހަމަ ބާރު ހޯދިއެވެ. އެމީހުން ބާރު ހޯދި ކަންކަމުގެ ތެރޭގައި:
• ރާއްޖެއަށް އެތެރެކުރާ އަދި ބޭރުކުރާ މުހިންމު މުދަލުގެ އަގު ކަނޑައެޅުން
• ސަރަހައްދީ މުދާ އުފުލުމާއި ޝިޕިންގްގެ ހިދުމަތް ދިނުން
• ވެރިކަންކުރާ ފަންތީގެ ސިޔާސީ މީހުންނަށް ދަރަންޏަށް ފައިސާ ދޫކުރުުން
ޝާހީ ގަނޑުވަރުން މި ބޭރުގެ ވޯރާ ވިޔަފާރިވެރިންނަށް ދައްކަންޖެހޭ ދަރަނި އަތްނުފޯރާ ވަރަށް ބޮޑުވުމުގެ ސަބަބުން، ރަދުންގެ އަމިއްލަ ބާރު ކެނޑުނެވެ. މާލެއިން ހިންގި ސަރުކާރުގެ ވިޔަފާރީގެ ބާރުގެ ބަދަލުގައި، ބޭރުގެ ވިޔަފާރިވެރިން ރާއްޖޭގެ އެތެރޭގެ އިގްތިސާދުގެ މައްޗަށް ގޮތްކިޔާ ނުފޫޒުގަދަ ނިޒާމެއް ގާއިމުވެ، ގައުމުގެ މާލީ މިނިވަންކަން ގެއްލިގެން ދިޔައެވެ.
ދާހިލީ ދެބަސްވުންތަކާއި މަތީ ފަންތީގެ ސިޔާސީ ހަސަދަވެރިކަން
މި ބޮޑު މާލީ ދަތިކަމާ އެކުއެކީގައި، ވެރިކަންކުރާ ރަށް މާލޭގެ ސިޔާސީ މަސްރަހުގައި ބޮޑު ހަލަބޮލިކަމެއް އުފެދުނެވެ. މާލޭގެ ސިޔާސީ ބާރު ހޯދުމަށްޓަކައި ވާދަވެރި މަތީ ފަންތީގެ ޢާއިލާތަކުގެ މެދުގައި އަބަދުވެސް ހަމަނުޖެހުން އޮވެއެވެ. މީގެ ތެރޭގައި ނުފޫޒުގަދަ އަތިރީގޭ އަދި ކަކާގޭ ޢާއިލާ ފަދަ ބޭފުޅުން ހިމެނެއެވެ. ވެރިކަމުގެ ތަހުތަށް މީހުން އިސްކުރުމުގެ ހަމަނުޖެހުންތަކާއި ގަނޑުވަރު ތެރޭގެ ރޭވުންތަކުގެ ސަބަބުން ވެރިކަން ހިންގުން ދޯހަޅިވިއެވެ.
އެތެރޭގެ ވާދަވެރިންގެ މައްޗަށް ކުރިހޯދުމަށްޓަކައި، މި ބައިބައިވެފައިވާ މަތީ ފަންތީގެ ފެކްޝަންތަކުން ގަވާއިދުން ބޭރުގެ އެހީއަށް އެދެމުންދިޔައެވެ. އެގޮތުން ސިލޯންގައި ތިބި އިނގިރޭސި އިސްވެރިންނާ ގުޅުން ބޭއްވިއެވެ. މި ދާހިލީ ހަލަބޮލިކަމުގެ ތެރެއަށް، މާލޭގައި ދޭތެރެ ދޭތެރެއިން ބޮޑެތި ގަޑުބަޑު އުފެދި ބޮޑު ހުޅުޖެހުމުގެ ހާދިސާތައް އިތުރުވެ، ބަލިކަށިވެފައިވާ ސަރުކާރު އިތުރަށް ނިކަމެތިވިއެވެ. ބޮޑުވަމުންދިޔަ ދަރަނިތައް މެނޭޖްނުކުރެވި، އަދި އެތެރޭގެ ހަމަނުޖެހުންތައް ހުއްޓުވުމަށް އަމިއްލައަށް ނުކުޅެދުމުން، މަރުކަޒީ ސަރުކާރަށް ފެނުނީ ބޭރުގެ އެހީތެރިކަމެއް ހޯދުމަކީ ދެން ނުހުއްޓުވޭނެ ކަމެއްގެ ގޮތުގައެވެ.
1887 ގެ އެއްބަސްވުމާއި އޭގެ ތާރީހީ ނަތީޖާ
މާލީ ބަނގުރޫޓުވުމާއި، ބޭރުގެ ވިޔަފާރިވެރިންގެ ނުފޫޒާއި، އަދި ގައުމު ހަލާކުކުރަމުންދިޔަ ވެރިކަމުގެ ހަމަނުޖެހުންތަކުގެ ބިރުވެރިކަމާ ކުރިމަތިލާންޖެހުމުން، ދިވެހި ވެރިން ނިންމެވީ ހަމަޖެހުން ހޯދުމަށްޓަކައި އިނގިރޭސިންގެ އެހީއަށް އެދުމަށެވެ. 16 ޑިސެމްބަރު 1887 ގައި ސޮއިކުރެވުނު ތާރީހީ އެއްބަސްވުމުން، ދިވެހިރާއްޖޭގެ ދިފާއީ ކަންކަމާއި ބޭރުގައުމުތަކާ ބާއްވާ ގުޅުންތަކުގެ ޒިންމާ އިނގިރޭސި ތަހުތަށް ބަދަލުވިއެވެ. އޭގެ ބަދަލުގައި ދިވެހިރާއްޖެއަށް ކަންތައްތަކެއް ކަށަވަރުވެ އަމިއްލަ ސިޔާދަތީ މިނިވަންކަމުގައި ތަޅުއެޅުވުނެވެ .
• ރަސްމީކޮށް އަސްކަރީ ހިމާޔަތް ލިބުން
• ރާއްޖޭގެ އެތެރޭގެ ވެރިކަމާއި، ސަގާފީ މުއައްސަސާތަކާއި، އަދި އިސްލާމީ ޝަރީއަތުގެ ތެރެއަށް އިނގިރޭސިން އަތްނުބާނާނެކަމުގެ ފުރިހަމަ ޔަގީންކަން ލިބުން
• މާލޭގައި އިނގިރޭސިންގެ ދާއިމީ އަސްކަރީ މަރުކަޒެއް ނުވަތަ މަދަނީ އިދާރާއެއް ގާއިމުނުކުރުން
މި އިންތިޒާމުގެ ސަބަބުން، ރާއްޖޭގެ ބޭރުގެ މިނިވަންކަން ގެއްލުނު ކަމުގައި ވިޔަސް، ދިވެހިރާއްޖޭގެ އަމިއްލަ އެތެރޭގެ ވެރިކަމާއި ނިޒާމުތައް އެގޮތުގައި ދެމެހެއްޓުމުގެ ފުރުސަތު ލިބުނެވެ.
1887 ގައި ގާއިމުކުރެވުނު މި ހިމާޔަތުގެ ނިޒާމު ގާތްގަނޑަކަށް އަށްޑިހަ އަހަރަށް ދެމިގެންދިޔައެވެ. މިއީ ނިމުމަކަށް އައީ 26 ޖުލައި 1965 ގައި ދިވެހިރާއްޖެއަށް ފުރިހަމަ މިނިވަންކަން ލިބުނުއިރު ރާއްޖޭގެ ސަރަހައްދަށް ވަނީ ބޮޑެތި ބަދަލުތަކެއް އައިސްފައެވެ. ރާއްޖޭގެ ތާރީހާ ގުޅުންހުރި ގިނަލިއެކިއުންތަކެއްވަނީ ގެއްލި ނެތިގޮސް ނުވަތަ އަަންދާލެވިފައެވެ ނަތީޖާއެއްގެ ގޮތުން ބަލާއިރު، ރާއްޖެ އިނގިރޭސިންގެ ހިމާޔަތަށް ދާންޖެހުނީ ގިނަ ދުވަސްތަކެއްގެ ސަބަބުތަކެއް ދިމާވެގެންނެވެ. އެއީ ކުރީގެ ކަނޑުގެ ސާވޭތަކާއި، ބޮލީގެ ވިޔަފާރި ބާޒާރުން ނެތިދިއުމާއި، ބޯރާ ވިޔަފާރިވެރިންގެ މާލީ ނުފޫޒާއި، އަދި މާލޭގެ ވެރިކަންކުރާ މީހުންގެ މެދުގައި އޮތް ބައިބައިވުމެވެ. ބޭރުގެ މިނިވަންކަން ދޫކޮށްލާފައި އެތެރޭގެ ރައްކާތެރިކަން ހޯދަން މެދުވެރިވީ ސަބަބުތަކާއި މެދު ދިވެހީން މިއަދު ވަނީ އަލުން ވިސްނާން ޖެހިފައެވެ . އަނެއްކާ ވެސް ބޯމަތިވަމުން މިއަންނާނީ ސުނާމީ ބޮޑުރާޅެކެވެ.








