ރާއްޖޭގެ ކުލަގަދަ ސިޔާސީ ތާރީހުން ހާދިސާއެއް: އުތީމު ދަރިކޮޅުގެ ނިމުން (ފަސްވަނަ ބައި)

އާޓްވޯކް: އިސްމާއީލް އިމްދާދު

އާޓްވޯކް: އިސްމާއީލް އިމްދާދު

ހަތަރުވަނަ ބައި

މީލާދުން 1687 ވަނަ އަހަރާއި ހަމަޔަށް އައި އިރު...އާދެ ދުނިޔެ 17 ވަނަ ގަރުނަށް ފަރިކުރަން ދިޔައިރު އިންޑިޔާ ކަނޑުގެ ވިޔަފާރި އޮތީ ހަމަ ގަދަޔަށް ހިނގަހިނގައެވެ. ވިލާތުގެ އިތުރު ދައުލަތްތަކުން މި ސަރަހައްދަށް ވިޔަފާރީގެ ބޭނުމުގައި އައިސް ބަނޑަހަޖަހަމުން ދަނީއެވެ. މި ސަރަހައްދުގައި އެކި ކަރަކަރަ އާއި ވިލާތްތަކުގެ ސައުދާގަރުން ދެކޮޅަށް ހޭލަމޭލަވެ އުޅެއެވެ. ރަނާއި ޖަވާހިރާއި ހަވާދުގެ ބާވަތްތަކާއި އެކި ކަހަލަ ފޭރާމާއި މާވަހަރާއި ބޮއްޔާއި އަދިވެސް މިނޫން ކިތަންމެ މުދަލެއް މި ކަނޑުގައި ދެކޮޅަށް އުފުލެމުން ދެއެވެ. ހަމައެހެންމެ އަޅުން ވިއްކުމުގެ ވިޔަފާރިވެސް ގަދަޔަށް ހިނގަހިނގާ އޮތެވެ. އަރަބި ކަރައިގެ އޮޑިފަހަރާއި ސީނުކަރައިގެ އޮޑިފަހަރު، ވިލާތުގެ ނައުޒޯންގު ފަހަރާއި އެކު މި ކަނޑުގައި ދެކޮޅަށް ދުއްވާ ނަގަމުންވެސް ދެއެވެ.

މި ސަރަހައްދުގެ ވިޔަފާރި ހެޔޮވެ ނަފާވެރިކަން އިތުރުވަމުންދާ ވަރަކަށް ދިވެހިރާއްޖެއަށްވެސް ނަފާވެރިކަމާ ތިޔާގިކަން އިތުރުވަމުންދެއެވެ. އެހެނީ މި ކަނޑުގައި މުދާ އުފުލަމުން ދަތުރުކުރާ ގިނަ އަދަދެއްގެ އޮޑިފަހަރާއި ނައުޒޯންގު ފަހަރު މިރާއްޖޭގައި މަޑުކުރާތީއެވެ. އަދި ދިވެހިރާއްޖެއިންވެސް އިންޑިޔާ ކަނޑުގެ ވިޔަފާރީގެ ތެރޭގައި ޝާމިލުވެ އެތައް މުދަލެއް ބޭރުކުރަމުން ގެންދާތީއެވެ. އެކި ކަހަލަ ފޭރާމާއި ވަޅޯމަހާއި ކުފުރާނާއި މާވަހަރާއި އަދި ބޮއްޔަކީ ދިވެހިރާއްޖެއިން ގިނަ އަދަދަކަށް ބޭރުކުރަމުން ދިޔަ މުދަލެވެ.

މި ދުވަސްވަރާއި ހަމަޔަށް އައި އިރު...ސްރީ މަނިރަންލޯކަ މަހާރަދުންގެ ދުވަސްވަރާއި ހަމަޔަށް އައި އިރު އަލަށް އެންމެ ބާރަށް ހިނގައިގަނެފައިވާ ވިޔަފާރި އަކީ އަޅުން ވިއްކުމުގެ ވިޔަފާރިއެވެ. ދިވެހި ބަނދަރުތަކަށް ގިނަ އަދަދަކަށް އަޅުން ގެނެވެމުން ދިޔައެވެ. އަދި މިތަނުގައި ޓްރާންސިޓުވުމަށްފަހު މަތިކަރައަށާއި (އިންޑޮނީޝިޔާގެ ރަށްތަކަށާއި) މެލޭ ބައްރަށް އަޅުންތައް ގެންދެވެއެވެ. އިންޑީޔާ ބައްރުގެ އޮރިއްސާ އަށާއި ބަންގާޅަށް ގިނަ އަދަދަކަށް ބޮލި ބޭރުކުރެވެމުންވެސް ދިޔައެވެ. ހަމައެހެންމެ ވިލާތުގެ އައު ދައުލަތެއްކަމަށްވާ ލަންދޭސީން މި ކަނޑަށް ފައިބާ ރަނގަޅަށް ފައި ހިއްޕާލީވެސް ހަމަ މި ދުވަސްވަރުގެ ތެރޭގައެވެ.

އިސްކަންދަރު ރަސްގެފާނު އަވަހާރަވެ އެރަދުންގެ ތުއްޕުޅު ދަރިކަލުން ސްރީ މަނިރަންލޯކަ މަހާރަދުން ރަސްކަމަށް އިސްކުރެވުނު އިރު، ދިވެހި އިގުތިސޯދު އޮންނާނީ ހަރުދަނާ ދުވެއްޔެއްގައި ކަމަށް ފެނެއެވެ. އެދުވަސްވަރުގައި މި ސަރަހައްދުގައި ބޮޑު ހަނގުރާމައެއް ނެތްކަމާއި، ދިވެހިރާއްޖޭގެ މައްޗަށްވެސް ބޭރުން އަދާވާތްތެރިކަމެއް އައިސްފައި ނެތުމުގެ ސަބަބުން ވިޔަފާރިތައް ރަނގަޅަށް ހިނގަހިނގާ އޮންނާނެއެވެ. މިހެންކަމުން ސްރީ މަނިރަންލޯކަ މަހާރަދުންގެ ދުވަސްވަރަކީ ތިޔާގި މުއްސަނދި ދުވަސްވަރަކަށް ވާނޭކަމަށް ފެނެއެވެ. އެހެންނަމަވެސް ރާއްޖޭގެ ދާހިލީ ސިޔާސަތު އޮތީ ވަރަށް ބޮޑު ގަޑުބަޑެއްގެ ތެރޭގައެވެ.

މި ސިލްސިލާގެ އެހެނިހެން ލިޔުންތަކުގައި ސިޔާސީ ގަޑުބަޑުތައް އުފެދުނު ގޮތާއި އެ މައްސަލަތައް ޖެހުނީ ކޮންކޮން ބޭކަލުންނަކާއި ކަން ވާނީ ދެންނެވިފައެވެ. އާދޭހެވެ! ރަސްކަމުގެ ތަހުތުގައި އިންނެވި ސިރީ މަނިރަންލޯކަ މަހާރަދުން ތުއްޕުޅުކަމުން ދައުލަތުގެ ކަންކަން ނަގަހައްޓަވަމުން އެ ގެންދަވަނީ އެރަދުންގެ މަންމާފުޅެވެ. އެ ކަނބާ މަރިޔަމް ރަނިކިލަގެ ގެ ކުޅަދާނަފުޅުކަމާއި ސިޔާސަތަށް މޮޅުކަމުން އެކަމަނާގެ އަތްޕުޅަށް އެވަނީ އެންމެހައި ބާރުތައް މިލްކު ކުރައްވާފައެވެ. ކިރިޔާވެސް ޢަދާވަތެއް ފާޅުކުރައްވާފާނެކަމަށް ބެލެވޭ އެންމެހައި ބޭކަލުން އެ ވަނީ ދައުލަތް ހިންގެވުމާ ގުޅޭ ކަންކަމުން ދުރުކުރައްވާފައެވެ. އަދި އެކަމަނާގެ ބާރުތަކުގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ގާތްތިމާގެ ބޭކަލުން އިސް މަގާމުތަކަށް އައްޔަނު ކުރައްވާފައެވެ. ހަމައެހެންމެ ސިފައިންގެ ބޭކަލަކާއި ކައިވެނިވެސް ބައްލަވައިގެންފިއެވެ. ހައްތަހާވެސް ސިޔާސީ އުކުޅެވެ.

މިހާރު ވައްޓާލި ވެލާނާ ތަކުރުފާނާއި އެ ތަކުރުފާނުގެ ޖަމާއަތުގައި ހިމެނޭ ހަސަން ތާޖުއްދީނުމެން ފަދަ އެތައް ބޭކަލުންނަކާއި އަދި މަގާމުތަކުން ދުރުކުރެވުނު އެތައް ބޮޑުންނެއް ކިތަންމެހައިވެސް ރީތިކޮށް ސިޔާސީ ގޮތުން ބަލިވެއްޖެއެވެ. ދެން އިތުރަށް އެކަމަނާ ބަލި ކުރައްވަން ކުރައްވާނެ އެއްވެސްކަމެއް މިއިން އެއްވެސް ބޭކަލަކަށް ފެނިއެއް ނުލެއްވިއެވެ. މިހެންކަމުން މި އެންމެ ބޭކަލުންގެ ތެރެއިން ވަރަށް ގިނަ ބަޔަކު ގައުމު ދޫކުރައްވާ އެހެނިހެން ދިމަދިމާތަކަށް ބޭރަށް ދުރުވާން ފެށިއެވެ. އައްޝައިޚު ހަސަން ތާޖުއްދީނުވެސް މިގޮތުން ރާއްޖެއިން ނިކުންނަވާ ރާއްޖޭގެ އެންމެ ބޮޑު ދުޝްމިނު އަދި އަދުއްވު ކަންނަންނޫރު އަލީ ރާޖާގެ ވެރިކަމުގެ ސަރަހައްދުކަމުގައިވާ މަލާބާރަށް ދުރުވިއެވެ. އެތަނުން ފަހުން މައްކާއަށް ދުރުވެ ހުންނެވިއެވެ.

ކަނބާ މަރިޔަމް ރަނިކިލަގެ އާއި ޢަދާވާތްތެރިވީ އެންމެހައި ބޭކަލުން ރާއްޖެ ދޫކުރެއްވުމުން ދެން އެކަމަނާ އަށް އަރާމުގައި ރަނިކަން ކުރެއްވޭ ގޮތްވެއްޖެއެވެ. ސިޔާސީ މައިދާން އަމާންވެ އެއީ އެކަމަނާއަށް ބިރެއް ނެތް ތަނެއްކަމުގައިވުމުން ދުވަސްކޮޅަކުން ފޯއްމުލަކަށް ފޮނުވާލެއްވި ރަދުންގެ ދެބޭންގެ ދެދަރި ބޭބޭފުޅު މުހައްމަދު މާލެ ގެންނަވާ އަތިރީ ގަނޑުވަރުގައި އިއްޒަތާއި ޝަރަފުގައިވެސް ބަހައްޓަވައިފިއެވެ. އެކަމަކު އެ ކިލެގެފާނު މާލެ ގެންނެވި ގެންނެވުން ހަސަން ތާޖުއްދީނު ސިފަކުރައްވަނީ މުޅިން އެހެން ގޮތަކަށެވެ.

ތާޖުއްދީނު އޭނާގެ ތާރީހުގައި މިކަން ސިފަ ކުރައްވާފައި ވަނީ އެއީ ސްރީ މަނިރަންލޯކަ މަހާރަދުން ކުރެއްވި ކަމެއްގެ ގޮތުގައެވެ. އެއީ އެރަދުން ބޮޑުފުޅުވެ ފުރާފުރިހަމަވެ ތަސައްރަފު ފުދިވަޑައިގަތުމުން ރަދުންގެ މަންމާފުޅު ރަދުންގެ ބައްޕާފުޅު ފަޅީގެ ބޭފުޅުންނަށް ކުރައްވާ ނުބައި ކަންތައްތަކާއި ނަފުރަތު ކުރައްވާން ފެއްޓެވީކަމަށް ލިޔުއްވަމުންނެވެ. މިގޮތުން ދެބޭންގެ ދެދަރި ބޭބޭފުޅު މާލެ ގެންނެވި ގެނައުމަކީވެސް ރަދުން ކުރެއްވިކަމެއްކަމަށް ތާޖުއްދީނު ސިފަކުރައްވައެވެ. އެހެންނަމަވެސް އެއިރު ރަދުންގެ އުމުރުފުޅު 8 އަހަރަށްވުރެ ދޮށިފުޅެއް ނުވާނެއެވެ. ވީމާ ތާޖުއްދީނަށް އެސިފަވެލެއްވި ތަސައްރަފު ފުދުމާ މަންމާފުޅާ ދެކޮޅު ހެދޭވަރަށް ރަދުން ބޮޑުފުޅުވީ ކަމަށް ފެނިލެއްވި ފެނިލެއްވުމާއި މެދު ބުއްދީގެ ހަމައިން ވިސްނާލައްވާށެވެ.

އާދޭހެވެ! ބޭރުގައި އުޅުއްވުމަށްފަހު ދުވަސްކޮޅަކުން ތާޖުއްދީނުވެސް މާލެ ދުރުވެއްޖެއެވެ. ތާޖުއްދީން މާލެ ދުރުވުމުން ރަނިކިލަގެ އެންމެ ފުރަތަމަ އިސްކުރެއްވީ އަދާވާތްތެރިކަން ނޫންކަން ޚުދު ތާޖުއްދީނުގެ ގަލަމުން ލިޔުއްވާފައިވާ ބަސްތަކުން އެނގެއެވެ. އެކަމަނާ ގަސްތުފުޅު ކުރެއްވި ތާޖުއްދީން އޭނާގެ ގާތްތިމާގެ މީހުންގެ ގާތަށް އޭނާގެ ގެއަށް ބާލާށެވެ. އެހެންނަމަވެސް ފުޅަދޫ ބޮޑު ބަނޑޭރި (ފައިނޭންސް ވަޒީރު) ރަނިކިލަގެ އަށް ދެންނެވީ

"ކަމަނާ މީނާއަށް (އެބަހީ ހަސަން ތާޖުއްދީނަށް) އަދަބު ނުދެއްވައިފިނަމަ އެހެން ބަޔަކާ އެކުވެގެން މީނާ ވެރިކަމާ ދެކޮޅަށް ނިކުމެދާނޫއެވެ"

ފުޅަދޫ ބޮޑު ބަނޑޭރި އެކަމަނާއަށް އެ އެރުވި ލަފަޔަކީ ހަމަ އެކަން ވެދާނެ ގޮތެވެ. އެކަމަށް އެންމެ ބޮޑަށް ބާރު ލިބެނީ ހަސަން ތާޖުއްދީނު މާލެ ދުރުވި ދުރުވުން އޭނާގެ އަމިއްލަ ގަލަމުން އޭނާ ސިފަކުރައްވާފައިވާ ގޮތެވެ. އޭނާ ލިޔުއްވާފައި ވަނީ, "ދެން ފަހެ މި ވެރިކަން (ކަނބާ މަރިޔަމް ރަނިކިލަގެ ގެ ވެރިކަން ) އުވިދިޔުމުގެ ވަގުތު އައި ހިނދު އަލްޤާޟީ މަހަމޫދުގެ ދަރިކަލުން އަލްޚަތީބު މުހައްމަދު ސިރާޖުއްދީނުގެ ދަރިވަރު އައްޝައިޚު ހަސަން ތާޖުއްދީން މައްކާގައި ހުންނަވާފައި މާލެ ދުރުވެއްޖެއެވެ."

ވިސްނަވާށެވެ! އޭނާ އަމިއްލަފުޅަށް އެ ލިޔުއްވަނީ އޭނާ މާލެ ދުރުވި ދުރުވުމަކީ އެ ވެރިކަން އުވިދިޔުމުގެ ވަގުތު އައިސް ޖެހުންކަމުގައެވެ. ވީމާ އެ ދުރުވީ ކޮންމެވެސް ރޭއްވެވުމެއް ރާއްވަވައިގެންކަމާއި މެދު ޝައްކު ކުރެވެއެވެ. ފުޅަދޫ ބަނޑޭރި (ފައިނޭންސް މިނިސްޓަރު) އެ ބުނުއްވި އެއްޗެއް އެ ބުނުއްވީ ތާޖުއްދީނާއި މެދު އޭނާވެސް އެފަދަ ޝައްކު ކުރައްވާތީއެވެ. އަދި ކަނބާ މަރިޔަމް ރަނިކިލަގެ އާއި ރަދުންގެ ވެރިކަން ނިމިގެން ދިޔަ ހިތާމަވެރި ހާދިސާއާއި މެދު ވިސްނާލުމުންވެސް ތާޖުއްދީނު ލިޔުއްވާފައި އެވާ ބަސްކޮޅާ މެދު ވިސްނާލެވެއެވެ. ފަހަރުގައި އެއީ އަނެއްކާފުޅަދޫ ބޮޑު ބަނޑޭރި އެރުވި ލަފާފުޅަކީ ރަނގަޅު ވާހަކައެއްކަމަށް ދެން ތިއްބެވި ބޮޑުންނަށްވެސް ފެނިލެއްވުމާއި އެކު ރަނިކިލެގެފާނުވެސް ކުރިން ހީފުޅު ކުރެއްވި ގޮތް ދޫކޮށްލައްވައިފިއެވެ. ދެން އޭނާ ދުރުވި އޮޑީގައި ރަތްދަކަ އަވީގައި ބޭއްވެވިކަމަށާއި އަދި އެއްވެސް މީހަކު އޭނާ އާއި ސަލާން ވިޔަސް ކޮށްލެއްވުން މަނާ ކުރެއްވި ކަމަށް ތާޖުއްދީނު ލިޔުއްވައެވެ. އަދި އެގޮތުގައި ދެ ދުވަސް ބޭއްވުމަށްފަހު އޭނާގެ އަމިއްލަ ރަށް ހައްދުންމަތީ ގަމަށް ފޮނުވާލެއްވީއެވެ. ރަށުގައި ބަންދު ކުރެއްވުމުގެ އަމުރުފުޅާއިވެސް އެކުގައިކަމަށް ވެއެވެ.

​ރަނިކިލަގެ އާއި ދެކޮޅުވެރިވެ ހަސަން ތާޖުއްދީނުވެސް ގައުމު ދޫކުރައްވާ މަލާބާރަށް ދުރުވިއިރު އޭނާ ފަދައިން ރަނިކިލަގެ އާއި ދެކޮޅުވެރިވި އެނޫން ބޮޑުންވެސް މަލާބާރަށް ދުރުވިއެވެ. ހަސަން ތާޖުއްދީނު މަލާބާރުގައި ހުންނެވުމަށްފަހު މައްކާއަށް ދުރުވެފައި ރާއްޖެ ދުރުވިތާ މާ ދުވަހެއް ނުވަނީސް އެއްކަލަ މަލާބާރަށް ދިޔަ ޖަމާއަތުގެ ބަޔަކު އެތަނުގެ ކަނޑުފޭރޭ ބަޔަކާއި އެކު އައިސް ތިލަދުންމަތީގެ ރަށްތަކަށް ހަމަލާކޮށްފިއެވެ. އެބައިމީހުން ތިލަދުންމަތީގެ ރަށްތަކަށް އަރާ މީހުން ބަނދެ އެލުވައިގެން ތަޅާ އެކަހަލަ މިކަހަލަ އެތައް އަނިޔާއެއް ތިލަދުންމަތީގެ ރައްޔިތުންނަށް ދައްކާންވެސް ފަށައިފިއެވެ. ހަމައެހެންމެ އެ އަތޮޅު ރަށްރަށު މީހުންގެ މުދާތައް ފޭރި ރަށްރަށް ލޫޓުމާރު ކުރަން ފައްޓައިފިއެވެ.

ދިވެހިރާއްޖެއަށް އަދާވާތްތެރިންގެ ހަމަލާއެއް ކުރިމަތިވެއްޖެ ހަބަރު ވެރިރަށް މާލެ އަށް ފޯރުމާއި އެކު ކަނބާ މަރިޔަމް ރަނިކިލަގެ ވަޒީރުންގެ މަޖިލީސް އެއްކުރައްވާ އެތަނަށް ޝާހީ ލަޝްކަރު އެއްކުރައްވާ ވަރަށް ހާއްސަ ޖަލްސާއެއް ކުރެއްވިއެވެ. މިކަމާއި މެދަށް އަޅުއްވާނެ ފިޔަވަޅަކީ ކޮބައިތޯ ބެއްލެވުމަށެވެ. ދެން އެ މަޖިލީހުން ފާސްވީ ގޮތަކީ އަވަހަށް ލަޝްކަރީން ހަނގުރާމައަށް ފޮނުއްވުމަށެވެ. ދެން އިސާހިތަކު ދިވެހި ޝާހީ ލަޝްކަރުގެ ގުރާބުތަކަށް (ޝާހީ ނޭވީއަށް) ހަތިޔާރާއި ސިފައިން ލެއްވުމަށްފަހު ތިލަދުންމައްޗަށް ފޮނުއްވައިފިއެވެ. ވަރަށް ގިނަ ވަޒީރުންވެސް މި ލަޝްކަރުގައި ހިމެނި ހަނގުރާމައަށް ދުރުވިއެވެ.

ރާއްޖޭގެ ކީރިތި މޫރިތި ރަސްކަމުގެ ޝާހީ ގުރާބުތައް އަދުއްވުނާ ދިމާއަށް ބާރަށް ދުވެފައި އަންނަ މަންޒަރު ދެކެފައި އެބައިމީހުން އޮޑިފަހަރަށް އަރައިގެން ފިލަން ދުއްވައިގަނެއްޖެއެވެ. އެހެންނަމަވެސް ރަސްގެފާނުގެ ގުރާބުތަކުން އެ އޮޑިފަހަރަށް ބޮޑުބަޑިން ހަމަލާ ދޭން ފެއްޓިއެވެ. އަދި އިސާހިތަކު އެމީހުން ބަލިވެއްޖެއެވެ. ދިވެހީންނަށް ނަސްރު ލިބި ރާއްޖެ ހިމާޔަތްކުރެވުނެވެ. ދިވެހި ޝާހީ ލަޝްކަރަށް ނަސްރު ލިބިއްޖެކަމުގެ އުފާވެރި ހަބަރު ދިވެހި ވެރިރަށަށް ފޯރާ އެކަމާ ރަސްގެފާނުގެ ގާއިމު މަގާމް ރަނިކިލަގެ އާއި ރަސްގެފާނާ އެންމެހައި ރައްޔިތުން އުފާކުރިއެވެ. ލަޝްކަރު ހޯދި މޮޅާ ކާމިޔާބަށްޓަކައި ރަނިކިލަގެ ގަސްތުފުޅު ކުރެއްވީ ހޫނު މަރުހަބާއެއް އެބައިމީހުންނަށް ދެއްވުމަށެވެ. މިގޮތުން އެކަމަނާ ގަސްތު ކުރެއްވީ ޝާހީ ގުރާބުކޮޅެއްގައި އެކަމަނާ އާއި ތުއްޕުޅު ދަރިކަލުން ސްރީ މަނިރަންލޯކަ މަހާރަދުންނާއި އަދި ކަމުވޮށިގެންވާ ބޭކަލުންނާއި އެކު ނިކުންނެވުމަށެވެ. އެއީ ކަނޑުމަތިން ލަޝްކަރާ ބައްދަލު ކުރައްވާ މަރުހަބާ ދަންނަވާށެވެ. މިގޮތުން މިމަގުން އަމުރުފުޅު ކުރައްވާ އަވަހަށް ދަތުރަށް އަރާވަޑައިގެންނެވިއެވެ. (ނުނިމޭ)

ކޮމެންޓް

ފަހުގެ ޚަބަރު

އަހަރެމެންގެ ޑޮލަރު ބަލަހައްޓަނީ ކާކު؟ ރެގިއުލޭޓަރަށް ސުވާލެއް

މައުލޫމާތު ހާމަކުރުން މަޖުބޫރުކުރުން: ކޮންމެ ކުއާޓަރެއްގައިވެސް ކޮންމެ ބޭންކަކުން ޑޮލަރާއި ރުފިޔާގެ ލިކުއިޑިޓީ ރޭޝިއޯތައް، "ލިކުއިޑް" އެސެޓަކީ ކޮބައިކަން ސާފުކޮށް ބަޔާންކުރުމާއެކު، އަދި ކޮންމެ މަހަކު ޑޮލަރު ޓްރާންސްފަރތަކަށް އެވްރެޖްކޮށް ހޭދަވާ މުއްދަތު ޝާއިއުކުރުން މަޖުބޫރުކުރުން.

ދިވެހިރާއްޖޭގައި ސެކިއުރިޓީ ރެގިއުލޭޓްކުރަނީ ކާކު؟

މި ދެކަންތައް ވެސް ހާސިލުނުވާހާ ހިނދަކު، އަޅުގަނޑުމެންނަށް މައިގަނޑު ގޮތެއްގައި ބަރޯސާވެވެން މި އޮންނަނީ ރިސޯޓުތަކުން ފަރުވާތެރިވާނެ ކަމަށާއި އެއްވެސް ގޯހެއް ނުހިނގާނެ ކަމަށެވެ. އެއީ ސްޓްރެޓެޖީއެއް ނޫނެވެ!

ރަސްމާލެ އެއްބަސްވުން ދީނީ އިލްމުވެރިންނަށް ވެސް ސިއްރު

ރަސްމާލެ ޕްރޮޖެކްޓާ ގުޅިގެން އިލްމުވެރިން ކުރައްވަންވީ ހަމަ އެންމެ ކަމަކެވެ. އެއީ އަލައްބާރުގެ އީގަލް ހިލްސްއާއި ދިވެހި ސަރުކާރާ ދެމެދު ރަސްމާލެ ބިމާ ބެހޭގޮތުން ހަދާފައިވާ އެއްބަސްވުން ދައްކާލަދޭތޯ ދިވެހި ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ދެންނެވުމެވެ.

އަލްއައްބާރުގެ ދަރުބާރަށް ރައްޔިތުންގެ މަޖިލިސް ހާޒިރުކުރުވުން!

ރަސްމާލެ މަޝްރޫއު ހިންގާ އީގަލް ހިލްސް ކުންފުނީގެ ޗެއާމަން، މަޖިލިސް މެންބަރުންނާއި ކެބިނެޓް މިނިސްޓަރުންނާ ބައްދަލުކޮށް މައުލޫމާތު ދިނުމަކީ ސަރުކާރު ޖަވާބުދާރީކުރުވަން ތިބި މަންދޫބުންގެ ނުފޫޒު ފޯރުވުން ކަމަށް ބުނެ ފާޑުކިޔުންތައް ވަނީ އަމާޒުވެފައެވެ. މި މަޝްރޫއުގެ ދަށުން 500 ހެކްޓަރުގެ ބިން 99 އަހަރަށް ކުއްޔަށް ދިނުމަށް އެއްބަސްވެފައިވާއިރު، މީގެ ސަބަބުން ދައުލަތަށް ކުރާނެ އަސަރުތަކާ މެދު ވަނީ ސުވާލު އުފެދިފައެވެ.

ރަސްމާލޭ ޕްރޮޖެކްޓާ ގުޅޭގޮތުން ކުރުން ލާޒިމު ސުވާލުތައް

ރަސްމާލެ މަޝްރޫއުގެ ދަށުން 500 ހެކްޓަރުގެ ބިން 99 އަހަރަށް އީގަލް ހިލްސް ކުންފުންޏަށް ދޫކޮށްލުމަކީ ގައުމުގެ އިގްތިސާދަށް ބޮޑު ބަދަލެއް އަންނާނެ ކަމެއް ކަމަށް ސަރުކާރުން ބުނެއެވެ. ނަމަވެސް، ދައުލަތުން ބޮޑު ހަރަދުކޮށްގެން ހިއްކި މި ބިން އެއްވެސް ކުއްޔަކާ ނުލައި ދިގު މުއްދަތަކަށް ދޫކޮށްލުމުން ލިބޭނެ ސީދާ މަންފާއާ މެދު އާންމުންގެ މެދުގައި ވަނީ ސުވާލު އުފެދިފައެވެ. އިންވެސްޓްމަންޓްގެ ބަދަލުގައި ދިވެހިންނަށް ހަގީގަތުގައި ލިބޭ އެއްޗެއް ސާފުނުވުމަކީ މި މަޝްރޫއުގައި އޮތް އެންމެ ބޮޑު ކަންބޮޑުވުމެވެ.

މުހައްމަދު އަލައްބާރު؛ ޔަހޫދީންގެ މަދަދުގާރު

ރަސްމާލެއިން ފައްސަތޭކަ ހެކްޓަރު ބިމެއް ސަރުކާރުން ދީފައިވާ އީގަލް ހިލްސްގެ ފައުންޑަރަކީ އަލައްބާރެވެ. އޭނާއަކީ ޔަހޫދީންގެ ގާތް މިތުރެކެވެ. އެމިރޭޓްސްގައި ޔަހޫދީންގެ ސިއްރު ފައްޅިން ފެށިގެން ރަސްމީ ފައްޅިއެއް ހުޅުވުމާއި އިޒްރޭލާއި އެމިރޭޓްސްގެ ގުޅުންތައް ބަދަހިވުމުގެ ފަހަތުގައިވަނީ އަލައްބާރާއި ޔަހޫދީންނާ އޮތް ޒަމާންވީ ގުޅުމާއި އެކުވެރިކަމެކެވެ.

މާރްތަބާން ރުނބާ ރާއްޖެ އައި ގޮތާއި ތާރީހު

މާރްތަބާން ރުނބާއަކީ 17 ވަނަ ގަރުނުން ފެށިގެން ސިއާމްކަރަ އާއި ބަރުމާ ސަރަހައްދުން ކަނޑުމަގުން ރާއްޖެއަށް ތައާރަފުވި، މުދާ އުފުލުމަށާއި ފެނާއި ކާބޯތަކެތި ރައްކާކުރުމަށް ބޭނުންކުރި މުހިންމު އާލާތެކެވެ. މި ރުނބާތައް ރާއްޖެއަށް އައީ އިންޑިއާ ކަނޑުގެ ވިޔަފާރި ރޫޓުތަކުގެ މެދުވެރިއެއްގެ ގޮތުގައި ރާއްޖެ އޮތުމުން ކަމަށާއި، މިއީ އޭރުގެ ދަތުރުވެރިންނާއި ދިވެހިންގެ ދިރިއުޅުމުގައި ވަރަށް ބޮޑު ބޭނުމެއް ހިފި ތަކެއްޗެވެ.

Newsletter

Get the latest news delivered straight to your inbox