ރަސްމާލެ އެއްބަސްވުން ބާތިލުކުރަން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލަ ބޭރުކޮށްލައިފި

Oct 13, 2026, 8:11 AM
ރަސްމާލެ އެގްރިމެންޓުގައި ސޮއި ކުރެއްވުމަށްފަހު މިނިސްޓަރު މުއްތަލިބާއި އީގަލް ހިލްސްގެ މުހައްމަދު އަލައްބާރު ފޮޓޯއަކަށް ހުއްޓިގެން -- ފޮޓޯ: އީގަލް ހިލްސް

ރަސްމާލެ އެގްރިމެންޓުގައި ސޮއި ކުރެއްވުމަށްފަހު މިނިސްޓަރު މުއްތަލިބާއި އީގަލް ހިލްސްގެ މުހައްމަދު އަލައްބާރު ފޮޓޯއަކަށް ހުއްޓިގެން -- ފޮޓޯ: އީގަލް ހިލްސް

ކ. ފުށިދިއްގަރު ފަޅު ހިއްކައިގެން ތަރައްގީކުރާ "ރަސްމާލެ" އިން 500 ހެކްޓަރުގެ ބިން، ޔުނައިޓެޑް އަރަބި އެމިރޭޓްސް (ޔޫއޭއީ) ގެ އީގަލް ހިލްސް ކުންފުންޏަށް ދިނުމަށް ސަރުކާރުން ވެފައިވާ އެއްބަސްވުން ބާތިލުކޮށްދިނުމަށް އެދި ސުޕްރީމް ކޯޓަށް ހުށަހެޅި ދުސްތޫރީ މައްސަލަ އެ ކޯޓުން ބަލައިނުގަނެ ބޭރުކޮށްލައިފި އެވެ.

މި މައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅުއްވީ ގާނޫނީ ވަކީލު އަދި ކުރީގެ މެންބަރު އަލީ ހުސައިންނެވެ.

ސުޕްރީމް ކޯޓުގެ ރަޖިސްޓްރާ އާދިއްތަ ދުވަހު ނިންމި ނިންމުމުގައި ބުނެފައިވަނީ، އެ މައްސަލައަކީ ދިވެހިރާއްޖޭގެ ކޯޓުތަކުގެ ގާނޫނުގެ 11 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ފަދައިން، ފުރަތަމަ މަރުހަލާގައި ސުޕްރީމް ކޯޓަށް ހުށަހަޅަންޖެހޭ ބާވަތުގެ މައްސަލައެއް ކަމަށް ނުވާތީ، މައްސަލަ ބަލައިގަނެވެން ނެތް ކަމަށެވެ.

ސުޕްރީމް ކޯޓުގެ އަސްލީ އިހްތިސާސް އޮންނަ ގޮތް

ކޯޓުތަކުގެ ގާނޫނުގެ 11 ވަނަ މާއްދާ ބުނާގޮތުން، ފުރަތަމަ މަރުހަލާގައި ސީދާ ސުޕްރީމް ކޯޓަށް މައްސަލައެއް ބަލައިގަނެވޭނީ ތިރީގައިވާ 3 ހާލަތުންކުރެ ހާލަތެއް މެދުވެރިވާ ނަމައެވެ. އެއީ؛

  1. ގައުމު ދުސްތޫރީ ހުސްކަމަކަށް ގޮސްދާނެ ނުވަތަ ނިޒާމުން ބޭރުވެދާނެ ފަދަ މައްސަލަތައް.
  2. ގާނޫނުއަސާސީ މާނަކުރުމާ ގުޅޭގޮތުން ދައުލަތުގެ ދެ މުއައްސަސާއެއް ނުވަތަ ދެ ބާރެއްގެ މެދުގައި އުފެދޭ ހިލާފުތައް.
  3. ގައުމުގެ އާންމު މަސްލަހަތާ ގުޅިފައިވާ ދުސްތޫރީ މައްސަލަތައް.

މިފަދަ މައްސަލަތައް ބަލައި ނިންމަންވާނީ ސުޕްރީމް ކޯޓުގެ މަދުވެގެން ފަސް ފަނޑިޔާރުންގެ މައްޗަށް އެކުލެވޭ ބެންޗަކުން، އެ ހުރިހާ ފަނޑިޔާރުން ހާޒިރުވެ ތިބެގެންނެވެ.

ރަޖިސްޓްރާގެ މި ނިންމުމާ މެދު ހިތްހަމަނުޖެހޭނަމަ، 14 ދުވަހުގެ ތެރޭގައި އެ ނިންމުން އަލުން ބަލައިދިނުމަށް އެދި ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހަށް ހުށަހެޅުމުގެ އިހްތިޔާރު މައްސަލަ ހުށަހެޅި ފަރާތަށް ލިބެ އެވެ.

އަލީ ހުސައިންގެ ހުށަހެޅުއްވި މައްސަލައިގައި ބުނެފައިވަނީ، ސެޕްޓެމްބަރު 21، 2026 ގައި އިންފްރާސްޓްރަކްޗާ މިނިސްޓްރީއާއި އީގަލް ހިލްސްއާ ދެމެދު ސޮއިކުރި އެއްބަސްވުމުގެ ދަށުން 99 އަހަރަށް ރަސްމާލެއިން ބިން ދޭން ކަނޑައަޅާފައިވަނީ ގާނޫނުއަސާސީގެ 250 ވަނަ މާއްދާގެ (ހ) އާ ހިލާފަށް ކަމަށެވެ.

އެ އެއްބަސްވުމުގެ މުއްދަތުގެ ތެރޭގައި ރަސްމާލޭގައި ތަރައްގީކުރެވޭ ތަންތަން ތިންވަނަ ފަރާތަކަށް ވިއްކާ ހާލަތުގައާއި ވާރުތައިން ލިބޭ ހާލަތުގައި، ތިން ވަނަ ފަރާތްތަކަށް އެ ތަންތަން އިތުރު 99 އަހަރަށް ލިބޭ ގޮތަށް އެއްބަސްވުމުގައި ހިމަނާފައިވާ މާއްދާއަކީ ގާނޫނުއަސާސީގެ 251 ވަނަ މާއްދާގެ (ހ) އަދި (ށ) އާ ތައާރުޒުވާ މާއްދާއެއް ކަމަށް ވެސް އެ މައްސަލައިގައި ބުނެފައިވެ އެވެ. އެހެންކަމުން ގާނޫނުއަސާސީގެ 268 ވަނަ މާއްދާއަށް ރިއާޔަތްކޮށް، އެ އެއްބަސްވުމާއި އެއްބަސްވުން އެކުލަވާލަން ނިންމި ނިންމުން ބާތިލު ކަމަށް ކަނޑައަޅައިދިނުމަށް އެދުނެވެ.

އޭގެ އިތުރުން، އެ މައްސަލައިގައި ވަކި ގޮތެއް ނިމެންދެން، އީގަލް ހިލްސްއާ ދެމެދު ވެފައިވާ އެއްބަސްވުމަށް އަމަލުކުރުން މަޑުޖައްސާލުމަށާއި، ތިންވަނަ ފަރާތެއްގެ ހައްގެއް އުފަންވާނެ ފަދަ އެއްވެސް ކަމެއް ނުކުރުމަށް ސަރުކާރުގެ މައްޗަށް ވަގުތީ އަމުރެއް ނެރެދިނުމަށް ވެސް އެދުނެވެ.

ރަސްމާލެ ޑީލު ގާނޫނާ ހިލާފު ކަމަށް ކަނޑައަޅައިދޭން އެދި ސުޕްރީމް ކޯޓަށް ހުށަހަޅައިފި

ރަސްމާލެއިން ހިއްކާ ބިމުގެ ބޮޑު ބައެއް ޔޫއޭއީގެ އީގަލް ހިލްސް ކުންފުންޏަށް 99 އަހަރަށް ދިނުމަށް ސަރުކާރުން ވެފައިވާ އެއްބަސްވުން ބާތިލުކުރުމަށް އެދި ސުޕްރީމް ކޯޓަށް މައްސަލައެއް ހުށަހަޅައިފިއެވެ. އެ މައްސަލައިގައި އެދިފައި ވަނީ ކޯޓުން ވަކިގޮތަކަށް ނިންމުމުގެ ކުރިން އެއްބަސްވުމަށް އަމަލުކުރުން މަޑުޖައްސާލަދިނުމުގެ ވަގުތީ އަމުރެއް ނެރެދިނުމަށް.

ރަސްމާލެއިން  500 ހެކްޓަރު އީގަލް ހިލްސްއަށް ދޭން ސިއްރު އެއްބަސްވުމެއްގައި ސޮއިކޮށްފައިވާއިރު، އެތަން ދީފައިވަނީ ލީސް އެކުއިޒިޝަން ކޮސްޓެއް އަދި ކުއްޔެއް ވެސް ނުނަގާ ގޮތަށް މުޅިން ހިލެއެވެ.

ބިދޭސީ މަހުޖަނުންނަށް ދާއިމަށް ދިރިއުޅެވޭ ގޮތަށް ހަދާ އެ ރަށުގެ އެޕާޓްމަންޓްތައް ވިއްކުމުގެ މަސައްކަތް މިހާރު އެ ކުންފުނިން ވަނީ ފަށައިފަ އެވެ. މި މައްސަލައިގައި ސަރުކާރަށް އިންތިހާއަށް ފާޑުކިޔުން އަމާޒުވެފައިވީ ނަމަވެސް، ސަރުކާރުން އަންނަނީ މިއީ އާންމުކޮށް ރިސޯޓުތައް ދޫކުރާ އުސޫލުން ކޮށްފައިވާ ރަނގަޅު މުއާމަލާތެއް ކަމަށާއި، މީގެ ސަބަބުން ރާއްޖެ ނުދެކޭ ފަދަ ބޮޑު އާމްދަނީއެއް ލިބޭނެ ކަމަށް ބުނެ އެކަން ދިފާއުކުރަމުންނެވެ.

ނަމަވެސް، މައްސަލަ ހުށަހެޅި ފަރާތާއި ފާޑުކިޔާ ފަރާތްތަކުން ބުނަމުން އަންނަނީ މި ބިން ދީފައިވަނީ ކޮން އުސޫލަކުންކަން ސާފުނުވާ ކަމަށެވެ.  އަދި މި މަޝްރޫއުގެ ސަބަބުން އެހެން ދީންތަކުގެ މީހުން ރާއްޖޭގައި ވަޒަންވެރިވެ އެހެން ދީންތައް ރާއްޖޭގައި ފެތުރިގެން ދިޔުމަށް މަގުފަހިވާނެ ކަމަށް ވެސް ބައެއް ފަރާތްތަކުން ބުނެފައިވެ އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ނުރައްކާތެރިކޮށް ދުއްވާ މީހުން ހާޒިރުކުރަނީ

މިގޮތުން ހާޒިރުކުރާ މީހުން ކުށް ތަކުރާރުކޮށްފިނަމަ ޖިނާއީ ދައުވާ އުފުލާނެ ކަމަށް ފުލުހުން ބުނާއިރު، އައު ގާނޫނުގެ ދަށުން ބޮޑެތި ޖޫރިމަނާތަކާއި ލައިސެންސް ހިފެހެއްޓުމުގެ ބާރު ފުލުހުންނަށް ވަނީ ލިބިދީފައެވެ.

ރަސްމާލެ ދޫކޮށްލާ އެގްރިމެންޓުގައި ޖުމްހޫރީ ދުވަހު ސޮއި ކުރަނީ

މިދިޔަ ބުރާސްފަތި ދުވަހު "ސަން" އަށް ދެއްވި އިންޓަވިއުއެއްގައި އީގަލް ހިލްސްގެ ވެރިޔާ މުހައްމަދު އަލައްބާރު ވިދާޅުވީ، ޖުމްހޫރީ ދުވަހުގެ ކުރިން ދާއިމީ އެގްރިމެންޓުގައި ސޮއި ކުރަން އޭނާ އުއްމީދު ކުރައްވާ ކަމަށެވެ.

ނޭޝަނަލް ރޯޑްސޭފްޓީ ކައުންސިލްގެ ފުރަތަމަ ބައްދަލުވުން ބާއްވައިފި

މި ކައުންސިލްގެ މައިގަނޑު މަސްއޫލިއްޔަތަކީ ދަތުރުފަތުރުގެ ސިޔާސަތުތަކާއި ސްޓްރެޓެޖީތައް އެކުލަވާލުމުގައި ރައީސުލްޖުމްހޫރިއްޔާއަށާއި ވަޒީރަށް ލަފާދިނުމެވެ. އައު ގާނޫނުގެ ދަށުން ވެހިކަލްގެ އުމުރު ކަނޑައެޅުމާއި، އިތުރު ވެހިކަލްތަކުން ފީ ނެގުމުގެ އިތުރުން މަގުމަތީގެ ސަލާމަތާ ގުޅޭ އައު އުސޫލުތަކެއް ވަނީ ތައާރަފުކޮށްފައެވެ.

ނުވަ ލައްކައެއްހާ ރުފިޔާގެ ބޭރު ފައިސާ ހިފަހައްޓައިފި

ކަސްޓަމްސް އިން ބުނީ ހުއްޓުވީ އިންޑިއާގެ ރައްޔިތެއް ކަމަށެވެ. އޭނާގެ އަތުގައި 905،669 ރުފިޔާއަށްވާ ވަރަށް އެކި ގައުމުތަކުގެ ފައިސާ ހުރި ކަމަށް ކަސްޓަމްސް އިން ބުނެ އެވެ. އެ މީހާ ހުއްޓުވީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުންނެވެ.

"ރަސްމާލެ ޑީލުގެ ގެއްލުމާ ކުރިމަތިލާންޖެހޭނީ ފަހުގެ ޖީލުތަކުން"

ރަސްމާލެ މަޝްރޫއުގެ ބިން ދޭން ނިންމާފައިވާ މުހައްމަދު އަލައްބާރަކީ މުސްލިމުންގެ ވިސްނުން ޔަހޫދީންނާ އެއްގޮތްކުރަން މަސައްކަތްކުރާ މީހެއް ކަމަށް ބުނެ، އަބްދުލް މަތީން ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. އޭނާ ވިދާޅުވީ މިފަދަ ވިޔަފާރިވެރިންނާއެކު ހިންގާ މުއާމަލާތްތަކުގެ ސަބަބުން އަންނަން އޮތް ޖީލުތަކަށް ބޮޑެތި ގެެއްލުންތަކެއް ކުރިމަތިވާނެ ކަމަށެވެ.

ޕީއެންސީއަށް ސޮއިނުކުރެއްވުމުން އެމްބެސަޑަރު ސަރީރު ވަކިކުރަނީ

ސަރީރަކީ ދިވެހިރާއްޖޭގައި މިވަގުތު ހުންނެވި އެންމެ ތަޖުރިބާކާރު އެއް ޑިޕްލޮމެޓެވެ. ހާރިޖީ ދާއިރާގައި ސަރީރު މަސައްކަތް ކުރައްވަން ފެއްޓެވީ މީގެ 40 އަހަރު ކުރިން 1986 ވަނަ އަހަރެވެ. އޭނާ ވަނީ އެމެރިކާ އަދި ބަންގްލަދޭޝްގެ ސަފީރުގެ މަގާމު މީގެ ކުރިން އަދާކުރައްވާފަ އެވެ.

ޔާމީންގެ ދިފާއީ ހެކިތައް ބަލައިގަންނަން ނިންމައިފި

ޔާމީންގެ ފަރާތުން ހުށަހެޅި ހެކިތަކަކީ ޑޮލަރު މާރުކުރުމުގެ މުއާމަލާތެއް ހިނގިކަން ސާބިތުކުރުމަށް ހުށަހެޅި ހެކިތަކެއް ކަމަށްވާއިރު، ދައުލަތުން އެ ހެކިތަކާ މެދު ކުރި އިއުތިރާޒުތައް ކޯޓުން ބަލައެއް ނުގަތެވެ. މި މައްސަލަ އަލުން ބަލަން ފަށާފައިވަނީ ހައިކޯޓުން ކުރިން ކުރި ހުކުމް ބާތިލުކޮށް، އަލުން މައްސަލަ ބެލުމަށް އަމުރުކުރުމާ ގުޅިގެންނެވެ.

Newsletter

Get the latest news delivered straight to your inbox