އީރާނަށް ތާއީދުކުރާ ހޫތީ ހަނގުރާމަވެރިން ސައުދީ އަރަބިއްޔާގެ އެއާޕޯޓުތަކަށާއި ތެލާއި ގޭސް އުފައްދާ މަރުކަޒުތަކަށް ދެމުންދާ ނުރައްކާތެރި ހަމަލާތަކަށް "ހަރުކަށި" ރައްދެއް ދޭނެ ކަމަށް އެ ގައުމުގެ އެނާޖީ މިނިސްޓަރު ވިދާޅުވެއްޖެ އެވެ.
ރިޔާދުގައި ބޭއްވި ޑަބްލިއުޕީސީ އެނާޖީ ކޮންގްރެސްގައި ވާހަކަދައްކަވަމުން ސައުދީގެ އެނާޖީ މިނިސްޓަރު އަމީރު އަބްދުލްއަޒީޒް ބިން ސަލްމާން ވިދާޅުވީ، ފާއިތުވި ހަފުތާތަކުގައި ހިނގާދިޔަ ކަންތައްތަކަކީ ވަރަށް ސީރިއަސް މައްސަލަތަކެއް ކަމަށާއި، އެހެންކަމުން އެކަމަށް ދޭ ރައްދު ވެސް އެއާ އެއްވަރަށް ވަރުގަދަވާން ޖެހޭނެ ކަމަށެވެ.
ސައުދީގެ ކަމާބެހޭ އިދާރާތަކުން ބުނި ގޮތުގައި، މިދިޔަ އާދީއްތަ ދުވަހު އެ ގައުމުގެ ވެރިރަށް ރިޔާދުގެ ކިންގް ޚާލިދު އިންޓަނޭޝަނަލް އެއާޕޯޓުގެ ޓާމިނަލަކަށް ދިން ހަމަލާއެއްގައި ޕާކިސްތާނު މީހަކު ވަނީ މަރުވެފަ އެވެ. މި ހަމަލާ ދީފައިވަނީ ހޫތީން ފޮނުވާލި މިސައިލެއް އެހެން ޓާމިނަލަކަށް އަރައި 13 މީހުން މަރުވެ، އެއާޕޯޓު ބަންދުކުރަން ޖެހުނުތާ އެއްދުވަސް ފަހުންނެވެ.

ހޫތީން ބުނަމުންދަނީ މި ހަމަލާތަކަކީ ޔަމަނުގެ ހުޅަނގުގައި އެ ޖަމާއަތުގެ ކޮންޓްރޯލް އޮންނަ ސަރަހައްދުތަކަށް ސައުދީން ދެމުންދާ "އަނިޔާވެރި އުދުވާނަށް" ރައްދު ދިނުމުގެ ގޮތުން ދިން ހަމަލާތަކެއް ކަމަށެވެ.
ހޫތީންގެ ބާރުގެ ދަށުގައި އޮންނަ ޔަމަނުގެ ހެލްތު މިނިސްޓްރީން ބުނި ގޮތުގައި، އާދީއްތަ ދުވަހު ސައުދީން ވެރިރަށް ސަނާއަށް ދިން ވައިގެ ހަމަލާއެއްގައި ކުޑަކުއްޖަކު މަރުވެ، އިތުރު ހަ މީހަކަށް ވަނީ އެކިވަރުގެ އަނިޔާތައް ލިބިފަ އެވެ.
ޔަމަނުގެ ރެޑް ސީ ކޯސްޓް ސަރަހައްދާއި އެހެނިހެން ސަރަހައްދުތަކުގައި ހޫތީންނާ ދެކޮޅަށް ހަނގުރާމަކުރަމުންދާ ޔަމަނު ސަރުކާރުގެ ފައުޖުތަކަށް، ސައުދީ އިސްވެ އޮންނަ ކޯލިޝަނުން ދަނީ ވައިގެ މަގުން އެހީތެރިކަން ފޯރުކޮށްދެމުންނެވެ.







