އީރާނުގެ މަދަދުލިބޭ ހޫތީން އާދީއްތަ ދުވަހު ވެސް ރިޔާދްގެ ބައިނަލްއަގުވާމީ އެއާޕޯޓަށް ހަމަލާދީ އެތަނުގައި އަލިފާން ރޯކޮށްލާފައިވާ ކަމަށް ސައުދީ ކޯލިޝަނުން ބުނެފި އެވެ.
ކޯލިޝަނުން އިތުރަށް ހާމަކުރި ގޮތުގައި، ސައުދީގެ ވައިގެ ދިފާއީ ނިޒާމުން ވަނީ ކިންގް ޚާލިދު އިންޓަނޭޝަނަލް އެއާޕޯޓް ހިމެނޭ ސަރަހައްދަށް އަމާޒުކޮށް ފޮނުވާލި ކްރޫޒް މިސައިލެއް ވައިގެ ތެރޭގައި ގޮއްވާލާފަ އެވެ.
ހޫތީންނާއި ޔަމަނުގެ ސަރުކާރުގެ ފައުޖުތަކާ ދެމެދު ކުރަމުންދާ ހަނގުރާމަ ވަރުގަދަވެފައިވާ ދަނޑިވަޅެއްގައި، ހޮނިހިރު ދުވަހު އެއާޕޯޓަށް ދިން ހަމަލާއެއްގައި 12 މީހުން މަރުވެ 300 އަށްވުރެ ގިނަ މީހުން ޒަޚަމްވުމާ ގުޅިގެން އެއާޕޯޓް އަދިވެސް އޮތީ ބަންދުކޮށްފަ އެވެ. މިއީ ފާއިތުވި ދިހަ އަހަރަށް ވުރެ ގިނަ ދުވަހުގެ ތެރޭގައި ސައުދީ އަރަބިއްޔާއަށް އަމާޒުވި މިފަދަ އެންމެ ނުރައްކާތެރި ހަމަލާ އެވެ.
ސައުދީ އިސްވެ އޮންނަ ކޯލިޝަނުން ބުނި ގޮތުގައި، އާދީއްތަ ދުވަހު ފޮނުވާލި ހަމަލާ އަމާޒުވެފައިވަނީ އެއާޕޯޓުގެ ޓާމިނަލް 4 އަށެވެ. ނަމަވެސް އެކަމާ ގުޅޭ އިތުރު ތަފްސީލެއް ކޯލިޝަނުން ހާމަކޮށްފައެއް ނުވެ އެވެ.







