މިޝިގަން ސްޓޭޓްގެ ޑިމޮކްރެޓިކް ޕާޓީގެ އިސް މެންބަރަކު، އެ ސްޓޭޓްގެ ސެނެޓް އިންތިޚާބުގައި ވާދަކުރައްވާ ރިޕަބްލިކަން ކެންޑިޑޭޓަށް ތާއީދުކުރަން ނިންމަވައިފި އެވެ.
މި ނިންމެވުން ހާމަކުރައްވާފައިވަނީ ވޯޓުލާން މަދު ދުވަސްކޮޅަކަށް ވެފައި ވަނިކޮށް، އަމިއްލަ ޕާޓީގެ ކެންޑިޑޭޓް އަބްދުލް އަލް-ސައްޔިދުއާ ދެމެދު އުފެދުނު ޚިޔާލުތަފާތުވުންތައް ބޮޑުވެފައިވާ ދަނޑިވަޅެއްގަ އެވެ.
ޑިމޮކްރެޓިކް ޕާޓީގެ ފަރާތުން އަލް-ސައްޔިދުއާ ވާދަކޮށް ނާކާމިޔާބުވި، ކޮންގްރެސްގެ މިހާރުގެ މެންބަރު ހޭލީ ސްޓީވަންސް ވަނީ އާދީއްތަ ދުވަހު ރިޕަބްލިކަން ކެންޑިޑޭޓް މައިކް ރޮޖާސްއާ އެކު ކުއްލި ގޮތަކަށް ފެނިލާފަ އެވެ.

އެ ބައްދަލުވުމަށް ފަހު އެކްސްގައި އާންމުކުރި ވީޑިއޯއެއްގައި ސްޓީވަންސް ވިދާޅުވީ، އޭނާއަކީ އަބްދުލްގެ ކެމްޕޭނަށް ނިސްބަތްވާ މީހެއް ނޫން ކަމަށެވެ. އަދި މިޝިގަންގެ ރައްޔިތުންނަކީ ނަފުރަތު ފަތުރާ ބައެއް ނޫން ކަމަށާއި، ނަމަވެސް މިހާރު ޑިމޮކްރެޓިކް ކެންޑިޑޭޓުގެ ފަރާތުން ފެންނަނީ އެ މަންޒަރު ކަމަށް އޭނާ ވިދާޅުވި އެވެ.
"އެ ސަބަބަށްޓަކައި އަޅުގަނޑު މި ތާއީދުކުރަނީ މައިކް ރޮޖާސްއަށް،" ސްޓީވަންސް ވިދާޅުވި އެވެ.
އިންތިޚާބަށް އެންމެ ދެ ދުވަހަށް ވެފައި ވަނިކޮށް، ޕާޓީގެ ނިންމުމާ ދެކޮޅަށް ސްޓީވަންސް ތެދުވުމުގެ ސަބަބުން ޑިމޮކްރެޓިކް ޕާޓީގެ ގިނަ މެންބަރުންނަށް ވަނީ ކުއްލި ސިހުމެއް ލިބިފަ އެވެ. އަދި ބައެއް މެންބަރުން ވަނީ މިއީ "ބޮޑު ޚިޔާނާތެއް"ގެ ގޮތުގައި ސިފަކޮށް، އެކަން ވަރަށް ބޮޑަށް ކުށްވެރިކޮށްފަ އެވެ.
ސްޓީވަންސް އާއި އަލް-ސައްޔިދުއާ ދެމެދު އުފެދިފައިވާ މި ދެބަސްވުން ފާއިތުވި ދުވަސްތަކުގައި ވަނީ ވަރަށް ބޮޑަށް ހޫނުވެފަ އެވެ.
އިސްރާއީލަށް އެމެރިކާއިން ދޭ އެހީތަކާއި ތަކެތީގެ އަގުބޮޑުވުމާ ގުޅުވައިގެން، ޕާޓީން ބޭރުގެ ލިބަރަލް ގްރޫޕަކުން ނެރުނު ކެމްޕޭން އިޝްތިހާރެއް ކުށްވެރިކުރުމަށް ސްޓީވަންސް، އަލް-ސައްޔިދުއަށް ގޮވާލެއްވި އެވެ. ނަމަވެސް އަލް-ސައްޔިދު އެ އިޝްތިހާރަށް ގުޅިގެން ވިދާޅުވީ، އެއީ އޭނާއާ އެއްވެސް ގުޅުމެއް އޮތް އެއްޗެއް ނޫން ކަމަށެވެ.
ޕާޓީގެ އެއްބައިވަންތަކަން ދެއްކުމުގެ ގޮތުން އާދީއްތަ ދުވަހު އަލް-ސައްޔިދުއާ އެކު ހަރަކާތެއްގައި ބައިވެރިވުމަށް ސްޓީވަންސް ކުރިން އޮތީ ތާވަލުކޮށްފަ އެވެ. ނަމަވެސް ރިޕޯޓްތައް ބުނާ ގޮތުން އަލް-ސައްޔިދު ވަނީ އެ ހަރަކާތަށް ނައުމަށް ސްޓީވަންސްގެ ކިބައިން އެދިފަ އެވެ. އެއާއެކު ސްޓީވަންސް ނިންމެވީ އޭނާގެ ރިޕަބްލިކަން ވާދަވެރިޔާއާ އެކު ނަސާރާ ދީނުގެ ފައްޅިއެއްގައި ހުރުމަށެވެ.
ފައްޅީގެ ބޭރުގައި ރޮޖާސްއާ އެކު ހުންނަވައި ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ސްޓީވަންސް ވިދާޅުވީ، މިއީ ވަރަށް ވާދަވެރި އިންތިޚާބެއްކަން އެންމެންނަށް ވެސް އެނގޭ ކަމަށެވެ. ނަމަވެސް އޭނާގެ ކެމްޕޭނަށް ސްޓީވަންސް ބޭނުންނުވާކަން އަލް-ސައްޔިދު ވަރަށް ސާފުކޮށް ބުނެފައިވާ ކަމަށް ސްޓީވަންސް ވިދާޅުވި އެވެ.
ސްޓީވަންސްގެ ތާއީދާ ގުޅޭ ގޮތުން ސުވާލުކުރުމުން އަލް-ސައްޔިދު ނޫސްވެރިންނަށް ވިދާޅުވީ، އޭނާގެ މުޅި ސަމާލުކަން ހުރީ މިޝިގަންގެ ރައްޔިތުންނަށް ކުރިމަތިވެފައިވާ މައްސަލަތަކަށް ކަމަށެވެ.
އަންގާރަ ދުވަހު ބާއްވާ މިޑްޓާމް އިންތިޚާބުގައި މިޝިގަންގެ ސެނެޓް ގޮނޑިއަކީ އެންމެ ވާދަވެރި އެއް ގޮނޑި ކަމަށް މުހައްލިލުން ދެކެ އެވެ. މިއީ ސެނެޓްގެ ކޮންޓްރޯލް ލިބޭނީ ކޮން ޕާޓީއަކަށްތޯ ކަނޑައެޅުމުގައި ނިންމުން ނެރޭނެ މަދު ސްޓޭޓްތަކުގެ ތެރެއިން އެއް ސްޓޭޓެވެ.
މި ގޮނޑިއަކީ މިހާރު ޑިމޮކްރެޓިކް މެންބަރަކު ފުރަމުންދާ ގޮނޑިއެކެވެ. މި ގޮނޑިއަށް ރިޕަބްލިކަން މެންބަރަކު އެންމެ ފަހުން އިންތިޚާބުވީ 1994 ވަނަ އަހަރު އެވެ. ނަމަވެސް ރިޔާސީ އިންތިޚާބުތަކުގައި މިއީ ވަރަށް މުހިންމު "ސްވިންގް ސްޓޭޓް" އެކެވެ. 2020 ވަނަ އަހަރު މިޝިގަންއިން ޖޯ ބައިޑަންއަށް ތާއީދުކުރި ނަމަވެސް، 2024 ވަނަ އަހަރު އެ ސްޓޭޓުން ތާއީދުކުރީ ޑޮނަލްޑް ޓްރަމްޕަށެވެ.
ސްޓީވަންސްގެ މި ނިންމެވުމާއެކު، އޭނާގެ ގިނަ މުވައްޒަފުން ވަގުތުން އިސްތިއުފާ ދީފައިވާ ކަމަށް ރިޕޯޓްތައް ބުނެ އެވެ. އަދި މިޝިގަންގެ ޑިމޮކްރެޓިކް ޕާޓީގެ ޗެއާ ވިދާޅުވީ، މި ނިންމުމުން އެނގެނީ ސްޓީވަންސް ގަބޫލުކުރާ ހުރިހާ އުސޫލުތަކެއް އޭނާ ދޫކޮށްލައިފިކަން ކަމަށެވެ.







