ޖިބޫޓީގެ އައްސޭރިފަށަށް ބޯޓެއް ބަންޑުން ޖަހާލި ހާދިސާގައި 15 ކުޑަކުދިން ހިމެނޭހެން މަދުވެގެން 139 ހިޖުރަވެރިން މަރުވެ، އިތުރު އެތައް ބަޔަކު ގެއްލިފައިވާ ކަމަށް އދ. ގެ ހިޖުރަވެރިންނާ ބެހޭ އިދާރާ (އައިއޯއެމް) އިން ބުނެފި އެވެ.
ޖުމްލަ 305 މީހުންނާއެކު ޖިބޫޓީން ފުރައިގެން ޔަމަނަށް ދަތުރުކުރި މި ބޯޓު ބަންޑުން ޖަހާލާފައިވަނީ މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ، ޖިބޫޓީގެ ބަނދަރު ރަށެއް ކަމަށްވާ އޮބޮކް ކައިރިއަށެވެ. މި ހާދިސާގައި މިހާތަނަށް 82 މީހަކު ވަނީ ސަލާމަތްކޮށްފަ އެވެ.
އައިއޯއެމްއިން ޖިބޫޓީއަށް ކަނޑައަޅާފައި ހުންނަ މިޝަން ޗީފް އެލެގްޒެންޑަރު ކޮއިސެކް ވިދާޅުވީ، މިއީ އާ ދިރިއުޅުމެއް ހޯދުމަށް ހިޖުރަވެރިން ކުރާ ދަތުރުތަކުގައި ކުރިމަތިވާ ނުރައްކާތައް ހަނދާންކޮށްދޭ ވަރަށް ހިތާމަވެރި ހާދިސާއެއް ކަމަށެވެ.

އެ އިދާރާއިން ހާމަކުރި ގޮތުގައި، ރައްކާތެރިކަމާއި ވަޒީފާގެ ފުރުސަތުތައް ހޯދުމަށް ގަލްފުގެ ގައުމުތަކަށް ދިއުމުގެ އުންމީދުގައި، އެފްރިކާގެ "ހޯން އޮފް އެފްރިކާ" ސަރަހައްދުގެ ގައުމުތަކުން ކޮންމެ އަހަރަކު އެތައް ހާސް ބަޔަކު މިފަދަ ނުރައްކާތެރި ދަތުރުތައް ކުރެ އެވެ.
މި ހާދިސާގައި މަރުވި މީހުންގެ އަދަދު ކުރިން 109 ގައި ހުރި ނަމަވެސް، އިތުރު 30 މީހެއްގެ ހަށިގަނޑު ފެނުމާ ގުޅިގެން، އާދިއްތަ ދުވަހު އެ އިދާރާއިން ވަނީ މަރުވި މީހުންގެ ޖުމްލަ އަދަދު 139 އަށް އިތުރުވެފައިވާ ކަމަށް ބުނެފަ އެވެ.
މި ހާދިސާގައި މަރުވި މީހުން ވަޅުލުމުގެ އިންތިޒާމުތައް އެ ގައުމުގެ ކަމާބެހޭ އިދާރާތަކުން ކުރަމުންދާއިރު، ސަލާމަތްވި ހުރިހާ މީހުންނަކީ އިތިއޯޕިއާގެ ރައްޔިތުންނެވެ. އެ މީހުންނަށް ބޭނުންވާ ސިއްހީ ފަރުވާގެ އެހީތެރިކަން މިހާރު ދަނީ ފޯރުކޮށްދެމުންނެވެ.
ޔަމަނުގައި ދިހަ އަހަރަށް ވުރެ ގިނަ ދުވަސްވީ ދާޚިލީ ހަނގުރާމައެއް ހިނގަމުންދާއިރު، އެ ސަރަހައްދުގެ މަސްރަހު ނުތަނަވަސްވެފައި އޮތް ނަމަވެސް، ފަގީރުކަމާއި ނާމާންކަމުގެ އިތުރުން މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ދިމާވާ ގޮންޖެހުންތަކުން ސަލާމަތްވުމަށްޓަކައި، ގިނަ އަދަދެއްގެ ހިޖުރަވެރިން އަދިވެސް ދަނީ "ބާބުލް މަންދަބު" ކަނޑުއޮޅި ހުރަސްކޮށް ޔަމަނަށް އެތެރެވަމުންނެވެ.







