ރިޔާދް އެއާޕޯޓުގައި ބާރުގަދަ ގޮވުމެއް، ގިނަ ފްލައިޓްތައް ކެންސަލް

Oct 11, 2026, 6:05 AM
ފޮޓޯ: ރޮއިޓާސް

ފޮޓޯ: ރޮއިޓާސް

ސައުދީ އަރަބިއްޔާގެ ރިޔާދް އިންޓަނޭޝަނަލް އެއާޕޯޓުގައި ހޮނިހިރު ދުވަހު ބާރުގަދަ ގޮވުމެއް ގޮވައި، ގިނަ ބަޔަކު ޒަޚަމްވެއްޖެ އެވެ. 

މި ހާދިސާއާ ގުޅިގެން އެއާޕޯޓުގެ ބައެއް ސަރަހައްދުތަކުން ވަނީ މީހުން ހުސްކޮށްފަ އެވެ.

މި ހާދިސާ ލޮލުން ދުށް އެކަކު ބުނި ގޮތުގައި، އެއާޕޯޓުގެ އެތެރޭގައި އެއްޗެއް ގޮވުމަށްފަހު ގިނަ ބަޔަކު ޒަޚަމްވެފައި ބިމަށް ވެއްޓިފައި ތިއްބާ އޭނާއަށް ފެނިފައިވެ އެވެ. އަދި އެއާޕޯޓާ ދިމާލަށް 12 އަށްވުރެ ގިނަ އެމްބިއުލަންސް ދަތުރުކުރަމުންދިޔަ މަންޒަރު ވެސް ފެނިފައިވާ ކަމަށް އޭނާ ބުންޏެވެ.

މި ހާދިސާއާ ގުޅޭގޮތުން ސައުދީ ސަރުކާރުގެ މީޑިއާ އޮފީހުންނާއި އެ ގައުމުގެ ސިވިލް އެވިއޭޝަން އޮތޯރިޓީން ވަކި އެއްޗެއް ނުބުނެ އެވެ.

ހޮނިހިރު ދުވަހުގެ މި ހާދިސާ ހިނގާފައި މިވަނީ، ޔަމަނުގައި ހަރަކާތްތެރިވާ އީރާނަށް ތާއީދުކުރާ ހޫތީން ސައޫދީ އަރަބިއްޔާއަށް ދޭ މިސައިލް ހަމަލާތައް އިތުރުކޮށްފައިވާ ދަނޑިވަޅެއްގަ އެވެ. މިދިޔަ ހަފުތާގެ ތެރޭގައި މީގެ ކުރިން ވެސް ދެ ފަހަރެއްގެ މަތިން ރިޔާދް އެއާޕޯޓަށް ހަމަލާދީފައިވާއިރު، އެ ހަމަލާތަކުގައި ހަތަރު މީހަކު މަރުވެ، އިތުރު ބަޔަކު ޒަޚަމްވެ، ބޯޓަކަށް ބޮޑެތި ގެއްލުންތަކެއް ވަނީ ލިބިފަ އެވެ.

ފްލައިޓްތައް ޓްރެކްކުރާ "ފްލައިޓްރޭޑާ24" އިން ދައްކާ ގޮތުގައި، ރިޔާދަށް ދަތުރުކުރަން ހަމަޖެހިފައިވާ ހުރިހާ ފްލައިޓްތަކެއް ވަނީ އެހެން އެއާޕޯޓުތަކަށް ބަދަލުކޮށް ނުވަތަ ކެންސަލްކޮށްފަ އެވެ. އަދި އެއް ވަގުތެއްގައި އެއާޕޯޓުގެ މަތީގައި ހަމައެކަނި ހެލިކޮޕްޓަރެއް އުދުހެމުންދިޔަ މަންޒަރު ވެސް އެ ސައިޓުން ފެނިފައިވެ އެވެ.

އެއާޕޯޓުގެ އިދާރާއިން ވަނީ ފަސިންޖަރުން އެއާޕޯޓަށް ދިއުމުގެ ކުރިން، އެ މީހަކު ދަތުރުކުރާ އެއާލައިނަކަށް ގުޅައިގެން ފްލައިޓްގެ ހާލަތު ޗެކްކުރުމަށް އިލްތިމާސްކޮށްފަ އެވެ.

ކުވެއިތު އެއާވޭޒްއިން ބުނި ގޮތުގައި، ރިޔާދް އެއާޕޯޓުގެ "ސަލާމަތީ ހާލަތާ" ގުޅިގެން އެއާޕޯޓު ބަންދުކުރުމުގެ ސަބަބުން، ސަުދީގެ ވެރިރަށަށް ކުރަން ހަމަޖެހިފައިވާ ހުރިހާ ދަތުރުތަކެއް އެ އެއާލައިނުން ވަނީ ކެންސަލްކޮށްފަ އެވެ.

މީގެ އިތުރުން، އިއްތިހާދު އެއާވޭޒް އާއި ގަތަރު އެއާވޭޒްއިން ވެސް ވަނީ އެ އެއާލައިންތަކުގެ މައި މަރުކަޒުތަކާއި ރިޔާދްއާ ދެމެދު ކުރަން ހަމަޖެހިފައިވާ ގިނަ ފްލައިޓްތަކެއް ކެންސަލްކޮށްފަ އެވެ. މީގެ ތެރެއިން ބައެއް ފްލައިޓްތައް ހޯމަ ދުވަހާ ހަމައަށް ވެސް ވަނީ ކެންސަލްކޮށްފަ އެވެ.

ރިޔާދުގައި ހަކަތަ އާއި އިންވެސްޓްމަންޓާ ގުޅޭ ބޮޑެތި ކޮންފަރެންސްތަކެއް ބޭއްވުމަށް ތައްޔާރުވަމުން ދަނިކޮށް، ހޫތީން ދިން މި ހަމަލާތަކާ ގުޅިގެން، ގިނަ އެއާލައިންތަކަކުން ވަނީ ސައުދީގެ ވެރިރަށަށް ކުރާ ދަތުރުތައް މެދުކަނޑާލައި ނުވަތަ ކެންސަލްކޮށްފަ އެވެ.

އެ ކޮންފަރެންސްތައް އިންތިޒާމުކުރާ ފަރާތްތަކުން ހޮނިހިރު ދުވަހު ބުނީ، ކުރިން ރޭވިފައިވާ ގޮތަށް ކޮންފަރެންސްތައް ކުރިއަށްދާނެ ކަމަށެވެ. އަދި ބައިވެރިންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށްދިނުމަށް އެ ފަރާތްތަކުން ވަނީ މަސައްކަތް ކޮށްފަ އެވެ.

ސައުދީގެ އެހީތެރިކަމާއެކު ޔަމަނުގެ ސަރުކާރުން މި މަހުގެ ކުރީކޮޅު ހޫތީންނާ ދެކޮޅަށް ވަރުގަދަ ހަމަލާތަކެއް ދޭން ފެށުމާ ގުޅިގެން، ހޫތީން ވަނީ ސައުދީގެ ވައިގެ ސަރަހައްދަކީ ހަނގުރާމައިގެ ސަރަހައްދެއްގެ ގޮތުގައި ކަނޑައަޅައި، އެ ސަރަހައްދުން ބޯޓުތައް ދަތުރުނުކުރުމަށް އިންޒާރު ދީފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ބައިނޭންސްއިން 6.3 ބިލިއަން ޑޮލަރު ވަގަށް ނަގައިފި

ދުނިޔޭގެ އެންމެ ބޮޑު ކްރިޕްޓޯ އެކްސްޗޭންޖް، ބައިނޭންސްއިން 6.3 ބިލިއަން ޑޮލަރު ވަގަށް ނެގުމާ ގުޅިގެން ކްރިޕްޓޯ ބާޒާރަށް ބޮޑު ލޮޅުމެއް އަރައި، ފައިސާ ނެގުން ވަގުތީ ގޮތުން މެދުކަނޑާލައިފިއެވެ. މި ހަމަލާގެ ފަހަތުގައި އުތުރު ކޮރެއާ އޮތް ކަމަށް ތުހުމަތު ކުރެވޭއިރު، ކަސްޓަމަރުންނަށް ލިބުނު ގެއްލުން ފޫބެއްދުމަށް ކުންފުނީގެ އަމިއްލަ ރިޒާވް ބޭނުންކުރާނެ ކަމަށް ބައިނޭންސްއިން ވަނީ ބުނެފައެވެ.

އަރަބި ޕާޓީތައް ގިނަ ވޯޓު ހޯދީ މަކަރު ހަދައިގެން: ނަތަންޔާހޫ

އިސްރާއީލުގެ އިންތިޚާބުގައި އަރަބި ޕާޓީތަކުން ހޯދި ކާމިޔާބީއަކީ އޮޅުވާލުމެއް ކަމަށް ބޮޑުވަޒީރު ނަތަންޔާހޫ އެއްވެސް ހެއްކެއް ނެތި ތުހުމަތުކޮށްފިއެވެ. މި ތުހުމަތުތަކަކީ އަރަބި ޕާޓީތަކުގެ އެހީގައި ވާދަވެރިން ސަރުކާރެއް އެކުލަވާލަފާނެތީ އެކަމަށް ހުރަސްއެޅުމަށް ނަތަންޔާހޫ ކުރާ މަސައްކަތެއް ކަމަށް މަސްރަހު ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ. އިންތިޚާބުގެ ނަތީޖާ ދައްކާގޮތުން އެއްވެސް ޕާޓީއަކަށް ސަރުކާރެއް އެކުލަވާލުމަށް ބޭނުންވާ ސާފު އަޣުލަބިއްޔަތު ލިބިފައެއް ނުވެއެވެ.

އަލްބޭނިއާގެ މަޖިލީހުގައި ފްލެއާ އަރުވައިފި

އަލްބޭނިއާގެ ބޮޑުވަޒީރުގެ އިސްތިއުފާއަށް ގޮވާލައި ދަރިވަރުން ކުރަމުންދާ މުޒާހަރާތަކަށް ތާއީދުކޮށް، އެގައުމުގެ އިދިކޮޅު މެންބަރުން މަޖިލީހުގެ ތަޅުމުގައި ފްލެއާ އަރުވައި ޖަލްސާއަށް ހުރަސްއަޅައިފިއެވެ. ސަރުކާރުގެ ކޮރަޕްޝަނާއި އިޖުތިމާއީ މައްސަލަތަކާ ގުޅިގެން ފެށުނު މި ހަމަނުޖެހުންތަކަކީ ބޮޑުވަޒީރު އެޑީ ރާމާގެ ވެރިކަމަށް ކުރިމަތިވި އެންމެ ބޮޑު ގޮންޖެހުމެވެ.

ފުލުހުން މޭގަންގެ ބައްޕަގެ އިލެކްޓްރޯނިކް ސާމާނުތައް ބަލަނީ

މޭގަން މާކަލްގެ ބައްޕަ ތޯމަސް މާކަލްގެ މައްޗަށް ކުރެވޭ ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމުގެ ތުހުމަތުތަކާ ގުޅިގެން، އޭނާގެ އިލެކްޓްރޯނިކް ސާމާނުތައް ބަލައި ތަހުގީގުކުރުމުގެ ހުއްދަ ފިލިޕީންސް ފުލުހުން ކޯޓުން ހޯދައިފިއެވެ. މި ތަކެތި ފުލުހުންނާ ހަވާލުކުރީ އޭނާގެ ދަރިފުޅު ކަމަށްވާއިރު، ތޯމަސް މާކަލް ވަނީ މި ތުހުމަތުތައް ދޮގުކޮށްފައެވެ.

އަޅުގަނޑަކީ ބްރެޒިލްގެ "ހައްގުވެރި" ލީޑަރު: ބޮލްސޮނާރޯ

ބްރެޒިލްގެ ރިޔާސީ އިންތިޚާބުން ނާކާމިޔާބުވި ފްލާވިއޯ ބޮލްސޮނާރޯ، ޕާސްޕޯޓް ހަވާލުކުރުމުގެ އަމުރަށް އިންކާރުކޮށް އެމެރިކާއަށް ވަޑައިގަތުމަށްފަހު އޭނާއަކީ ގައުމުގެ "ހައްގުވެރި ލީޑަރު" ކަމަށް އިއުލާންކުރައްވައިފިއެވެ. އިންތިޚާބަކީ ބަޣާވާތެއް ކަމަށް އޭނާ ތުހުމަތުކުރެއްވި ނަމަވެސް، ބައިނަލްއަގުވާމީ މުޖުތަމައާއި ބްރެޒިލްގެ ކަމާބެހޭ އިދާރާތަކުން ވަނީ ރައީސް ލޫލާގެ ކާމިޔާބީ ގަބޫލުކޮށްފައެވެ.

މެޖޯރިޓީ ގެއްލުނަސް ނަތަންޔާހޫއަށް ޔަހޫދީންގެ ތާއީދު ބޮޑު

އިސްރާއީލުގެ އިންތިޚާބުގައި ނަތަންޔާހޫގެ އިއްތިހާދަށް އަޣުލަބިއްޔަތު ގެއްލުނު ނަމަވެސް، އިދިކޮޅު ފަރާތްތަކަށް ވުރެ ގިނަ ގޮނޑި ކާމިޔާބުކޮށް އޭނާ މަގާމުގައި ދެމިހުރުމުގެ ފުރުސަތު ވަނީ ބޮޑުވެފައެވެ. އަރަބި ޕާޓީތަކުގެ އެހީތެރިކަމާ ނުލައި ސަރުކާރެއް އެކުލަވާލުން އިދިކޮޅު ފަރާތްތަކަށް ދަތިވެފައިވާއިރު، އާ ސަރުކާރެއް އުފެދެންދެން ނަތަންޔާހޫ ވަގުތީ ބޮޑުވަޒީރުގެ ގޮތުގައި ހުންނާނެ ކަމަށް ބެލެވެއެވެ.

ސްޕެއިންގައި ދެ ރޭލެއް ޖެހި 68 މީހުން މަރުވެއްޖެ

ސްޕެއިންގައި ބާރު ދުވެލީގައި ދަތުރުކުރި ދެ ރޭލު ޖެހި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި 68 މީހުން މަރުވެ، ގިނަ ބަޔަކަށް ވަނީ އަނިޔާވެފައެވެ. މި ހާދިސާ ހިނގަން މެދުވެރިވީ ކޮމްޕިއުޓަރު ސިސްޓަމަށް ދިމާވި މައްސަލައަކާ ގުޅިގެން ކޮންޓްރޯލް ސެންޓަރުން ދިން ނުބައި އިރުޝާދަކުން ހެދުނު އިންސާނީ ގޯހެއްގެ ސަބަބުންނެވެ.

Newsletter

Get the latest news delivered straight to your inbox