ޖިނާއީ ތަހުގީގެއްގައި އިލްހާން އުމަރުގެ ގެ ފާސްކޮށްފި

Oct 13, 2026, 6:30 AM
ފޮޓޯ: ގެޓީ އިމޭޖަސް

ފޮޓޯ: ގެޓީ އިމޭޖަސް

އެމެރިކާގެ މިނެސޯޓާގެ މަންދޫބު އިލްހާން އުމަރުގެ ގެ، "ޖިނާއީ ތަހުގީގެއްގެ" ދަށުން އެ ގައުމުގެ އިމިގްރޭޝަން އެޖެންޓުން ހޯމަ ދުވަހުގެ ހެނދުނު ބަލައި ފާސްކޮށްފި އެވެ.

އެމެރިކާގެ ޖަސްޓިސް ޑިޕާޓްމަންޓުގެ ތަރުޖަމާނަކު ވިދާޅުވީ، ހޯމްލޭންޑް ސެކިއުރިޓީ އިންވެސްޓިގޭޝަންސް (އެޗްއެސްއައި) ގެ އެޖެންޓުން ވޮޝިންޓަން ޑީސީ ސަރަހައްދުގައި ހުންނަ އިލްހާންގެ ގެ ބަލައި ފާސްކޮށްފައިވަނީ ކޯޓު އަމުރެއްގެ ދަށުން ކަމަށެވެ.

ތަރުޖަމާނު ވިދާޅުވީ މި ބަލައި ފާސްކުރުމަކީ ފެޑަރަލް ސަރުކާރުން ހިންގަމުންދާ ޖިނާއީ ތަހުގީގެއްގެ ބައެއް ކަމަށެވެ. ނަމަވެސް އެކަމާ ގުޅޭ އިތުރު ތަފްސީލެއް ދެއްވާފައެއް ނުވެ އެވެ.

ސޯމާލިއާއަށް އުފަން އިލްހާން އުމަރު އެމެރިކާއަށް ހިޖުރަކުރެއްވީ ކެންޔާގެ ރެފިއުޖީ ކޭމްޕެއްގައި ހަތަރު އަހަރު ހޭދަކުރެއްވުމަށް ފަހު، އުމުރުން 12 އަހަރުގަ އެވެ. ފުރަތަމަ ފަހަރަށް 2018 ވަނަ އަހަރު ކޮންގްރެސްއަށް އިންތިޚާބުވި އިލްހާން އަންނަ މަހު ބާއްވާ އިންތިޚާބުގައި ދެވަނަ ދައުރަކަށް ވާދަކުރައްވާއިރު، އޭނާއަކީ ރައީސް ޑޮނަލްޑް ޓްރަމްޕަށް ވަރަށް ބޮޑަށް ފާޑުވިދާޅުވާ ބޭފުޅެކެވެ.

އެމެރިކާގެ ކޮންގްރެސްގެ ޖަލްސާތައް މިވަގުތު މެދުކަނޑާލާފައިވާ އިރު، އެޖެންޓުން ގެ ބަލައި ފާސްކުރި ވަގުތު އިލްހާން އެ ގޭގައި ހުންނެވި ކަމެއް ސާފެއް ނޫނެވެ.

އެ ގޭގައި ހަރަކާތްތެރިވި ބައެއް އެޖެންޓުން ވަނީ ބައެއް ފޮށިތައް ވޭންއަކަށް އަރުވާފަ އެވެ. މި ހަބަރު އެންމެ ފުރަތަމަ ރިޕޯޓުކުރި ފޮކްސް ނިއުސްއިން ބުނި ގޮތުގައި، އިލްހާންގެ މައްޗަށް ތަހުގީގު ހިންގަނީ އޭނާ ކުޑައިރު، ނިޔާވެފައިވާ އޭނާގެ ބައްޕަ ހުށަހެޅި އިމިގްރޭޝަން ލިޔެކިޔުންތަކަކާ ގުޅިގެންނެވެ.

މި ޖިނާއީ ތަހުގީގުގެ އަސްލު ސަބަބު އަދިވެސް ސާފުނުވި ނަމަވެސް، ރިޕަބްލިކަން ޕާޓީން އިލްހާންގެ އިމިގްރޭޝަން ރެކޯޑުތައް ބަލަން މަސައްކަތްކުރި މިއީ ފުރަތަމަ ފަހަރެއް ނޫނެވެ. މި އަހަރުގެ ކުރީކޮޅު، ސައުތު ކެރޮލައިނާގެ ކޮންގްރެސް މަންދޫބު ނޭންސީ މޭސް ވަނީ އިލްހާންގެ ރެކޯޑުތައް ހޯދުމަށް ކޯޓު އަމުރަކަށް އެދި ނާކާމިޔާބު މަސައްކަތެއް ކޮށްފަ އެވެ.

ވައިޓް ހައުސްގެ ބޯޑަރުގެ ކަންކަމާ ބެހޭ އިސްވެރިޔާ ޓޮމް ހޯމަން ފޮކްސް ނިއުސްއަށް ވިދާޅުވީ، އިމިގްރޭޝަންގެ ގަވާއިދުތަކާ ހިލާފުވި ކަމުގެ ތުހުމަތުގައި އިލްހާންގެ މައްޗަށް ތަހުގީގު ހިންގަމުންދާ ކަމަށެވެ.

ޑިމޮކްރެޓިކް ޕާޓީއަށް ނިސްބަތްވާ އިލްހާން ވަނީ މިދިޔަ މަހު މި ތުހުމަތުތައް ދޮގުކުރައްވާފަ އެވެ. ކެމްޕޭން ފަންޑު ހޯދުމަށް ފޮނުއްވި އީމެއިލެއްގައި އޭނާ ވިދާޅުވެފައިވަނީ، މި ތަހުގީގުތަކާ މެދު ކަންބޮޑުވެވަޑައިނުގަންނަވާ ކަމަށާއި، އެއީ އެއްވެސް އަސާސެއް ނެތް ތަހުގީގުތަކެއް ކަމަށެވެ. 

ޓްރަމްޕް މީގެ ކުރިން ވެސް ވަނީ އިލްހާންއަށް އަމާޒުކޮށް ބަހުގެ ހަމަލާތައް ދެއްވާފަ އެވެ. އެގޮތުން އޭނާ އެނބުރި ސޯމާލިއާއަށް "ދާންޖެހޭ" ކަމަށާއި، އޭނާ އެމެރިކާއިން ޑީޕޯޓްކޮށްލަން ޖެހޭ ކަމަށް ޓްރަމްޕް ވަނީ ވިދާޅުވެފަ އެވެ. އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ މަންދޫބެއްގެ ގޮތުގައި ހުންނެވުމަށް އެމެރިކާގެ ރައްޔިތަކަށް ވުން ލާޒިމްކުރެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިންޑޮނީޝިއާއިން ފެތުރޭ ދުމާ ހެދި ސަރަހައްދީ މަސްރަހު ގޯސްވެއްޖެ

އިންޑޮނީޝިއާގެ ޖަންގަލިތަކުގައި ރޯވެފައިވާ އަލިފާނުގެ ވިހަ ދުން އަވަށްޓެރި ގައުމުތަކަށް ފެތުރުމުގެ ސަބަބުން، އާންމުންގެ ސިއްހަތަށް ނުރައްކާވެ ސަރަހައްދީ ސިޔާސީ މަސްރަހު ވަނީ ނުތަނަވަސްވެފައެވެ. މި މައްސަލައާ ގުޅިގެން އިންޑޮނީޝިއާއާ އެކު އޮތް ހާރިޖީ ގުޅުންތަކަށް ބުރޫއަރަމުންދާއިރު، މެލޭޝިއާ ފަދަ ގައުމުތަކުގެ އާންމުން ދަނީ އެ ގައުމުގެ އުފެއްދުންތައް ބޮއިކޮޓްކޮށް ނުރުހުން ފާޅުކުރަމުންނެވެ.

އެމެރިކާއިން އީރާނުގެ ގިޝްމް އައިލެންޑަށް ހަމަލާތަކެއް ދީފި

އެމެރިކާގެ މަތިންދާބޯޓަކަށް އީރާނުން ބަޑިޖެހި މައްސަލައިގެ ރައްދުގައި، އެމެރިކާއިން ވަނީ އީރާނުގެ ގިޝްމް އައިލެންޑުގެ ވަކި އަމާޒުތަކަކަށް ހަމަލާދީފައެވެ. މި ހަމަލާތައް ދީފައިވަނީ އެމެރިކާގެ މިޑްޓާމް އިންތިޚާބު ބޯމަތިވެފައި ވަނިކޮށް ކަމަށްވާއިރު، ރައީސް ޓްރަމްޕް ވަނީ އީރާނުގެ ނިއުކްލިއާ ސައިޓަކަށް ހަމަލާދޭން ޖެހިދާނެ ކަމުގެ އިޝާރާތެއް ވެސް ކުރައްވާފައެވެ. އީރާނަށް ދޭ ހަމަލާތައް ވަރުގަދަކުރުމަށް އަވަސް އަރުވާނުލާ ކަމަށް ވިދާޅުވެ، އިންތިޚާބަށްފަހު ވަރުގަދަ ހަމަލާތަކެއް ދީފާނެ ކަމަށް ދެކެވޭ ވާހަކަތައް ޓްރަމްޕް ވަނީ ދޮގުކުރައްވާފައެވެ.

އިންޑިއާ ސްކޫލެއްގައި ކުއްޖަކު އެހެން ކުއްޖަކަށް އަނިޔާކޮށްފި

އިންޑިއާގެ ހަރިޔާނާ ސްޓޭޓްގެ ސްކޫލެއްގައި އަށް އަހަރުގެ ފިރިހެން ކުއްޖަކު ހަ އަހަރުގެ އަންހެން ކުއްޖަކަށް ރަހުމުކުޑަ ހަމަލާއެއް ދިން މައްސަލައެއް ފެންމަތިވެ، މުޅި ގައުމަށް ބޮޑު ސިހުމެއް ލިބިއްޖެއެވެ. މި ހާދިސާއާ ގުޅިގެން ސްކޫލުގެ އިސްވެރިން ސަސްޕެންޑްކޮށްފައިވާއިރު، އަނިޔާކުރި ކުއްޖާ ވަނީ ކުޑަކުދިން ބައިތިއްބާ މަރުކަޒަކަށް ފޮނުވައި މައްސަލަ ތަހުގީގު ކުރަން ފަށާފައެވެ.

ޔޫރަޕްގެ ހަތް ގައުމެއްގެ ސުޕަމާކެޓްތަކަށް ސައިބާ ހަމަލާ

ޔޫރަޕްގެ ހަތް ގައުމެއްގެ ސުޕަމާކެޓްތަކުގެ ފިނިކުރާ ނިޒާމަށް ދިން ސައިބާ ހަމަލާއެއްގައި، ފްރިޖުތަކުގެ ހޫނުމިން މަތިވެ ކާބޯތަކެތި ހަލާކުވުމުގެ ބިރު ކުރިމަތިވެއްޖެއެވެ. މި ހަމަލާގެ ސަބަބުން ބެލްޖިއަމްގެ "ސަބްކޯބެލް" ކުންފުނިން ބަލަހައްޓާ ގިނަ އައުޓްލެޓްތަކަކަށް އަސަރުކޮށްފައިވާއިރު، މިއީ ފަރަންސޭސިވިލާތަށް ކުރިން ދިން ހަމަލާއަކާ އެއްގޮތް ހަމަލާއެކެވެ. މި މައްސަލަ ހައްލުކުރުމަށް ސޮފްޓްވެއާގެ އިތުރުން މެޝިނަރީއަށް ފިޒިކަލް ބަދަލުތަކެއް ގެންނަން ޖެހޭ ކަމަށް އެ ކުންފުނިން ބުނެއެވެ.

ޑިމޮކްރެޓް އޮފިޝަލަކު ރިޕަބްލިކަން ކެންޑިޑޭޓަށް ތާއީދުކޮށްފި

މިޝިގަންގެ ސެނެޓް އިންތިޚާބަށް ދެ ދުވަހަށް ވެފައި ވަނިކޮށް، ޑިމޮކްރެޓިކް ޕާޓީގެ އިސް މެންބަރު ހޭލީ ސްޓީވަންސް ވަނީ އަމިއްލަ ޕާޓީގެ ކެންޑިޑޭޓާ އުފެދުނު ޚިޔާލުތަފާތުވުންތަކާ ހުރެ ރިޕަބްލިކަން ކެންޑިޑޭޓް މައިކް ރޮޖާސްއަށް ތާއީދުކުރަން ނިންމާފައެވެ. ސްޓީވަންސްގެ މި ކުއްލި ނިންމުމާ ގުޅިގެން ޑިމޮކްރެޓިކް ޕާޓީގެ ތެރޭގައި ބޮޑު ސިހުމެއް އުފެދިފައިވާއިރު، ބައެއް މެންބަރުން މިކަން ސިފަކުރަނީ ޕާޓީއަށް ވީ ބޮޑު ޚިޔާނާތެއްގެ ގޮތުގައެވެ.

އިންތިހާބު ވަގަށް ނެގީ ގަތަރުން ރާވައިގެން: ނަތަންޔާހޫ

އިސްރާއީލުގެ އިންތިޚާބަށް ބޭރުގެ ނުފޫޒު ފޯރުވި ކަމަށް ބުނެ ނަތަންޔާހޫގެ ޕާޓީން ކުރާ ތުހުމަތުތަކުން އިންތިޚާބުގެ ނަތީޖާއަށް ބަދަލެއް ނާންނާނެ ކަމަށް އެ ގައުމުގެ އިލެކްޝަންސް ކޮމިޝަނުން ބުނެފިއެވެ. ނަތަންޔާހޫގެ ޕާޓީން ގަތަރާއި އަރަބި ޕާޓީތަކަށް ވޯޓު އޮޅުވާލުމުގެ ތުހުމަތު ކުރާއިރު، ގަތަރާއި އަރަބި ލީޑަރުން ވަނީ އެ ވާހަކަތައް ދޮގުކޮށް އެއީ ސިޔާސީ ނުފޫޒު ފޯރުވުމެއް ކަމަށް ބުނެފައެވެ.

ވޯލް ސްޓްރީޓް ޖާނަލްއާ ދެކޮޅަށް ހުށަހެޅި ދައުވާ ބޭރުކޮށްފި

ޖެފްރީ އެޕްސްޓީންއާ ގުޅުވައި ވޯލް ސްޓްރީޓް ޖާނަލްއިން ޝާއިއުކުރި ރިޕޯޓަކާ ގުޅިގެން ޓްރަމްޕް ހުށަހެޅުއްވި 10 ބިލިއަން ޑޮލަރުގެ އަބުރުގެ ދައުވާ އެމެރިކާގެ ކޯޓަކުން ބޭރުކޮށްލައިފިއެވެ. ފަނޑިޔާރު މި މައްސަލަ ބޭރުކޮށްލެއްވީ ނޫސްވެރިކަމުގެ މިނިވަންކަމާ ފުށުއަރާ ކަމަށް ނިންމަވައި، ދެން ދުވަހަކުވެސް މި މައްސަލަ ހުށަނޭޅޭނެ ގޮތަށެވެ.

Newsletter

Get the latest news delivered straight to your inbox