ދުނިޔޭގެ އެންމެ ބޮޑު އެއް ކްރެޑިޓް ރޭޓިން އެޖެންސީ ކަމަށްވާ މޫޑީސްއިން ރާއްޖެއަށް ދީފައިވާ ރޭޓިން "ސީއޭއޭ-2" އިން "ސީއޭއޭ-1" އަށް މަތިކޮށްފި އެވެ.
ރޭޓިން އެއް ދަރަޖަ މަތިކުރުމުގެ އިތުރުން އައުޓްލުކް ވެސް ވަނީ 'ސްޓޭބަލް" އަށް ބަދަލުކޮށްފަ އެވެ. ކޮވިޑަށް ފަހު "ސީއޭއޭ-1" ގައި ހިފަހައްޓަމުން އައި ރޭޓިން "ސީއޭއޭ-2" އަށް މޫޑީސްއިން ދަށްކުރީ ސެޕްޓެމްބަރު 11، 2024 ގަ އެވެ. މިދިޔަ އަހަރު ރޭޓިން ރިވިއުކުރިއިރު ވެސް ދެމެހެއްޓީ "ސީއޭއޭ-2" ގަ އެވެ.
އެހެންކަމުން މިހާރު ރާއްޖޭގެ ރޭޓިން ހުރީ މި ސަރުކާރު ވެރިކަމާ ހަވާލުވިއިރު ހުރި ވަރުގަ އެވެ. ރާއްޖޭގެ ކްރެޑިޓް ރޭޓިން މަތިކޮށްފައިވާ މައިގަނޑު ސަބަބަކީ ސުކޫކު ދެއްކުމުން ސޮވަރިން ޑިފޯލްޓަކަށް ދިޔުމުގެ ފުރުސަތު ހަނިވުމެވެ.
މޫޑީސްއިން ބުނެފައިވާ ގޮތުގައި މި އަހަރު ބަޖެޓު ޑެފިސިޓް އަށް ޕަސެންޓަށް އިތުރުވާނެ އެވެ. އަދި ކައިރި މުސްތަގުބަލެއްގައި ރާއްޖޭގެ ދަރަނީގެ ނިސްބަތް އުފެއްދުންތެރިކަމުގެ 100 ޕަސެންޓަށްވުރެ ތިރިނުކުރެވޭނެ ކަމަށް އެ އިދާރާއިން ނެރުނު ރޭޓިން އެކްޝަންގައި ބުނެފައިވެ އެވެ.
މިހާރު އޮތް ރޭޓިންއަކީ ވެސް ބައިނަލްއަގުވާމީ މާކެޓުން ފައިނޭންސް ހޯދުމަށް ގިނަ ހުރަސްތަކެއް ކުރިމަތިވާނެ ރޭޓިންއެކެވެ. "ސީއޭއޭ-1" އަކީ ވެސް "ނަން އިންވެސްޓްމަންޓް" ގްރޭޑް ރޭޓިންއެކެވެ.













