ދީނާއި ގައުމިއްޔަތާ ގުޅުވައި ރަސްމާލެ ޕްރޮޖެކްޓާ މެދު ބިރުވެރިކަން އުފައްދަނީ ސިޔާސީ ހަޔާތަށް ހިޔަނި އެޅިދާނެތީ: ސަައީދު

އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު އަހާ ފޯރަމްގައި ބައިވެރިވެވަޑައިގަންނަވަނީ: އޭނާ ވިދާޅުވަނީ ރަސްމާލެ ޕްރޮޖެކްޓު ކޮންމެހެން ވެސް ހިންގަން ޖެހޭ ކަމަށް --- ފޮޓޯ: ރައީސް އޮފީސް

އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު އަހާ ފޯރަމްގައި ބައިވެރިވެވަޑައިގަންނަވަނީ: އޭނާ ވިދާޅުވަނީ ރަސްމާލެ ޕްރޮޖެކްޓު ކޮންމެހެން ވެސް ހިންގަން ޖެހޭ ކަމަށް --- ފޮޓޯ: ރައީސް އޮފީސް

ދީނާއި ގައުމިއްޔަތާ ގުޅުވައި ރަސްމާލެ ޕްރޮޖެކްޓާ މެދު ބިރުވެރިކަން އުފައްދަން މަސައްކަތް ކުރާ މީހުން އެކަން ކުރަމުން ދަނީ އެ ޕްރޮޖެކްޓު ކާމިޔާބު ވެއްޖެ ނަމަ އެ ބައެއްގެ ސިޔާސީ ހަޔާތަށް ހުރަސްއެޅިދާނެތީ ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު އިއްޔެ ވިދާޅުވެއްޖެ އެވެ. 

ރަސްމާލެ ޕްރޮޖެކްޓާ ގުޅިގެން އިދިކޮޅު ސިޔާސީ މީހުން އަމާޒުކުރަމުންދާ ފާޑުކިޔުންތަކަށް ރައްދު ދެއްވަމުން ޕީއެސްއެމްއިން ގެނެސްދޭ "އަހާ" ފޯރަމްގައި ސައީދު ވިދާޅުވި ގޮތުގައި މި ސަރުކާރަކީ އިސްލާމް ދީނާއީ ގާނޫނު އަސާސީގެ އަސާސްތަކުގެ މައްޗަށް ވެރިކަން ކުރާ ސަރުކާރެކެވެ. 

"އެނގިވަޑައިގަންނަވާނެ މި މާތްވެގެންވާ އިސްލާމްދީނަކީ އަދި މި ރާއްޖޭގެ ގާނޫނުއަސާސީއަކީ ހަމަގައިމު ވެސް މި ސަރުކާރު ރައީސް ޑޮކްޓާ މުހައްމަދު މުއިއްޒުގެ ސަރުކާރުން އެއްވެރިއަކަށް ބަލައިފިއްޔާ އެންމެ ބޮޑަށް މި އަސާސްގެ މަތީގައި [ހިންގާ] ސަރުކާރެއް. އަޅުގަނޑު ނުދަންނަވަން އެހެން ސަރުކާރުތައް މި އަސާސްގެ މަތީގައި ނޫނެކޭ،" ސައީދު ވިދާޅުވި އެވެ.

Advertisement

"އެހެންނަމަވެސް ވެރިއެއްގެ ހައިސިއްޔަތުން އަޅުގަނޑުމެންނަށް ފެންނާނެ، އަޅުގަނޑުމެން ކުރިމަތީގައި ހިނގާ ކަންތައްތައް މިއީ. އިސްލާމްދީނާ ރާއްޖޭގެ ސަގާފަތަށް ދިވެހިވަންތަކަމާ ގެއްލުވާލާނެ ވެރިއެއް ނޫން. ރައީސް މުހައްމަދު މުއިއްޒަކީ،"

ރަސްމާލޭ ޕްރޮޖެކްޓާ ދެކޮޅު މީހުންނަށް މި ރައްދު ދެއްވުމުގެ ކުރިން ސައީދު ވަނީ ރަސްމާލެ ޕްރޮޖެކްޓަކީ ކޮންމެހެން ވެސް ހިންގަން ޖެހޭ ޕްރޮޖެކްޓެއް ކަަމަށް ވިސްނައިދެއްވަން ގިނަ ސަބަބުތަކެއް ބަޔާންކުރައްވާފަ އެވެ. އޭނާގެ މި ވާހަކަ ފެއްޓެވީ ރާއްޖޭގެ ޓޫރިޒަމްގެ މިހާރު ހުރި އެސެޓުުތައް ބަޔާންކުރައްވަމުންނެވެ.

ސައީދު ވިދާޅުވި ގޮތުގައި ޓޫރިޒަމް ސިނާއަތަށް 5.5 ބިލިއަން ޑޮލަރު ލިބޭއިރު، އޭގެ ތެރެއިން ރާއްޖޭގެ އުފެއްދުންތެރިކަމަށް އިތުރުވަނީ ގާތްގަނޑަކަށް 1.7 ބިލިއަން ޑޮލަރެވެ. މި އަދަދުގެ ވަަށައިގެން ދިވެހި އިގުތިސޯދު އެނބުރޭއިރު، އިގުތިސޯދު ކުރިއަރުވަން ޓޫރިޒަމް ނޫން ކަމެއް ނުކުރެވޭ ކަމަށް އޭނާ ވިދާޅުވި އެވެ.

ޓޫރިޒަމްގެ 54 އަހަރުގެ ތާރީހުގެ ތެރޭގައި ގިނަ އަދަދެއްގެ އެސެޓުތަކެއް އުފެއްދި ރާއްޖޭގެ ނިސްބަތުން ބޮޑެތި އިންވެސްޓުމަންޓުތަކެއް ހުއްޓަސް، އެހެން ގައުމުތަކާ އަޅާ ބަލާއިރު، އިންވެސްޓްމަންޓުތައް ބޮޑު ނޫން ކަމަށް ސައީދު ވިދާޅުވި އެވެ. 

"[ޓޫރިޒަމް] ވަށައިގެން އަޅުގަނޑުމެންގެ އިގުތިސޯދީ މި އެނބުރެނީ،  އެހެން އެއްވެސް ކަމެއް، އެއްވެސްކަމެއް ރާއްޖޭގެ އިގުތިސޯދަކަށް ހައި އިމްޕެކްޓެއް އަންނާނެ ކަމެއް މިހާ ހިސާބަކަށް ކުރެވިފައެއް ނެތް... މި ދެންނެވި ޓުއަރިޒަމް އެސެޓްސްގެ ވެލިއު ގާތްގަނޑަކަށް އެކި މީހުން އެކި ހިސާބު ޖަހާ. އެހެންނަމަވެސް މި ހަމަ މާ ހައި، ބޮޑު އިންވެސްޓްމަންޓެއް ނޫން މިއީކީ. އޭގެ ޒާތަށް ބަލައިފިއްޔާ، އެހެން ގައުމުތަކާ ބަލައި،" އޭނާ ވިދާޅުވި އެވެ. 

ރަސްމާލެ ޕްރޮޖެކްޓު ޖާއިޒުކުރަން ސައީދު ބޭނުންކުރެއްވި އަނެއް ނުކުތާއަކީ މުޅި އިގުތިސޯދު އެއް ސިނާއަތަކަށް ބަރޯސާވެފައި އޮތުމުގެ ނުރައްކަލެވެ. އޭނާ ވިދާޅުވީ، ގައުމުތައް ތަރައްގީވަމުންދާއިރު އެއް ސިނާއަތަކަށް ބަރޯސާވުމަކީ ނުރައްކަލެއް ކަމަށެވެ.

ސައީދު ގަބޫލުކުރައްވާ ގޮތުގައި މިއަދު ރާއްޖެއިން މި ފެންނަނީ ޓޫރިޒަމަށް ބަރޯސާވުމުގެ ނުރައްކަލެވެ. އަދި މިހާރު މި ލިބޭ އާމްދަނީއަށް ބަލައި، އިގުތިސޯދަށް އާދަޔާ ހިލާފު ބާރު ސްޕީޑެއް ނުގެނެސް ނުވަތަ ބޮޑު "ޖަމްޕެއް" ނުޖަހައި ވަށައިގެން އޮތް ވާދަވެރިކަމުގެ ތެރޭގައި ހިފެހެއްޓޭކަށް ނެތް ކަމަށް ވެސް އޭނާ ގަބޫލު ކުރައްވަ އެވެ. 

މި ހާލަތުގައި ކަންކަން ހުރިއިރު، ސައީދު ވިދާޅުވީ، ދެން އޮތް ގޮތަކީ ސިންދަފާތުކުރުން ނުވަތަ ޑައިވާސިފައި ކުރުން ކަމަށެވެ. މިކަން ކުރާއިރު ވެސް ރާއްޖެއަށް އެކަށީގެން ނުވާ ކަހަލަ އިންޑަސްޓްރީތަކެއް ނުގެނެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި ރިއަލް އެސްޓޭޓު ސިނާއަތް ރާއްޖެއާ ވަރަށް ގުޅޭ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. 

"ރާއްޖޭގެ ޒީނަތްތެރިކަމާއި، ރާއްޖޭގެ ހަމަހިމޭންކަމާއި، ރާއްޖޭގެ މެހެމާންދާރީ އަދާކުރުމުގައި އޮތް ރީތި ސިފައަށް ބޭސްކޮށްގެން އިންވެސްޓްމަންޓް ބޮޑުކުރެވޭނެ. އެ ގޮތަށް ބަލާއިރުގައި ރާއްޖެއަށް އެންމެ އެކަށީގެން ވަނީ ރިއަލް އެސްޓޭޓު ވެސް މި ހަމަ މި އެ ސިފަޔާ އެކުގައި ބޮޑުކުރަމުން ގެނައުން އިނގޭތޯ،" ސައީދު ވިދާޅުވި އެވެ.

ސައީދު ވިދާޅުވި ގޮތުގައި، ވެލާނާ އިންޓަނޭޝަނަލް އެއަޕޯޓުގެ އިންވެސްޓުމަންޓު ވެސް ދެކޮޅު ޖައްސަން އީގަލްސް ހިލްސްގް ޕްރޮޖެކްޓު މުހިންމެވެ. އަދި، ރަސްމާލެ ޕްރޮޖެކްޓު ފަދަ ބޮޑު ޕްރޮޖެކްޓެއް ނުގެނެސް، މިހާރު ޓޫރިޒަމުން ލިބޭ އާމްދަނީއަށް ބަރޯސާވެގެން ތަރައްގީވެފައިވާ ގައުމަކަށް ރާއްޖެ ހެދުމަކީ "އިމްޕޮސިބަލް" ނުވަތަ ކުރެވޭނެ ކަމެއް ނޫން ކަމަށް އޭނާ ވިދާޅުވި އެވެ. 

"އެ އަދަދު އެ ގޮތަށް ހިފަހައްޓައިގެން ތިބެގެނެއް 2040 ވަނަ އަހަރު އަންނައިރުގައި ރާއްޖެއަކީ ތަރައްގީވެފައި އޮތް ގައުމަކަށް ހެދުން އެއީ އިމްޕޮސިބަލް ކަމެއް. އެހެންވެއްޖެއްޔާ ރާއްޖޭގެ މި ވަގުތުގެ ޚަރަދުތައް ދެކޮޅުޖައްސާ ތަރައްގީވެފައި އޮތް ގައުމަކާ ދިމާލަށް ދިއުމަށްޓަކައި ރާއްޖެއަށް އާމްދަނީ އެބަޖެހޭ އެކްސެލަރޭޓެޑް ސްޕީޑުގައި ގެންނަން،" ސައީދު ވިދާޅުވި އެވެ. 

ރަސްމާލެއަކީ ހުރިހާ މައްސަލައެއްގެ ހައްލު ކަމަށް ބުނެ ސަރުކާރުން ވިއްކަމުންދާއިރު، މި ޕްރޮޖެކްޓު ހިންގަން ކޮމާޝަލް ޓާމްސްގައި ސޮއިކޮށްފައިވާ އީގަލް ހިލްސްއަކީ އެކި ފިޔަވަހިތަކަށް ބަހާލައިގެން ވަރަށް ގިނަ ދުވަހުން ތަންތަން ތަރައްގީކުރާ ކުންފުންޏެކެވެ. މިހާތަނަށް އެ ކުންފުނިން މަސައްކަތް ފެށި ބޮޑެތި ޕްރޮޖެކްޓުތަކުގެ ތެރެއިން އެއްވެސް ޕްރޮޖެކްޓެއް އެއްކޮށް ނުނިމެ އެވެ. 

އީގަލް ހިލްސްއިން އިންވެސްޓުކުރަމުން އަންނަ ގޮތަށް ބަލާއިރު، އެ ކުންފުނިން ޕްރޮޖެކްޓުތައް ހިންގަނީ ފައިނޭންސިން ހަމަޖެހުނު ވަރަކުން އެކި މަރުހަލާތަކަށް ބަހާލައިގެން ކަން ފާހަގަކުރެވެ އެވެ. 

މިހެން ނަމަވެސް ދިވެހި ސަރުކާރުން ވަނީ ރަސްމާލެ ވޯޓާފްރަންޓް އެންޑް މެރީނާ ޕްރޮޖެކްޓުގެ ހުރިހާ ފިޔަވައްސެއް ނިންމަން ނަގާނީ 10 އަހަރު ކަަމަށް ބުނެފަ އެވެ. މާނައަކީ މިހާރު ރާވާފައިވާ ގޮތަށް އަންނަ އަހަރު މަސައްކަތް ފެށިޔަސް، މި ޕްރޮޖެކްޓު އެއްކޮށް ނިމޭނީ 2037 އަށެވެ.

މި މުއްދަތުގެ ތެރޭގައި ދިވެހި ދައުލަތަށް 10 ބިލިއަން ޑޮލަރުގެ އާމްދަނީއެއް ލިބޭނެ ކަމަށް ސަރުކާރުން ވަނީ ބުނެފަ އެެވެ. އަދި، މަޝްރޫއު ނިމުމުން އަހަރަކު އެއް ބިލިއަން ޑޮލަރު ދައުލަތަށް ވަންނާނެ ކަމަށް ވެސް ބުނެފައި ވެ އެވެ. ނަމަވެސް މިއީ ކޮން ގޮތަކުން ލިބޭނެ އާމްދަނީއެއް ކަމެއް ސަރުކާރުން އަދި ނުބުނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސަލަފުން މުއިއްޒުއާ ބައްދަލުކޮށްފި

ރަސްމާލެއިން ބޮޑު ބައެއް ބޭރުގެ ކުންފުންޏަކަށް ދޫކޮށްލުމާ ގުޅޭގޮތުން އާންމުންގެ ކަންބޮޑުވުން އޮތް ނަމަވެސް، ޖަމިއްޔަތުއް ސަލަފުގެ އިސްވެރިން ރައީސް މުއިއްޒުއާ ބައްދަލުކުރައްވައި އެކަމުގައި އެއްވެސް ކަންބޮޑުވުމެއް ފާޅުކޮށްފައެއް ނުވެއެވެ. މި މަޝްރޫއު ދިރާސާކުރަމުންދާ ކަމަށް ކުރިން ބުނި ނަމަވެސް، ގައުމީ މިފަދަ ބޮޑު ކަމެއްގައި އެ ޖަމިއްޔާއިން ހަނު އޮތުމުން ގިނަ ބައެއްގެ ފާޑުކިޔުން ވަނީ އަމާޒުވެފައެވެ.

މާރީ ބިސްކޯދު އުފެއްދުން ހުއްޓާލަނީ

މެލޭޝިއާގެ މަޝްހޫރު "ލީ ބިސްކަޓްސް" ކުންފުނިން 92 އަހަރަށްފަހު ބިސްކޯދު އުފެއްދުން މިއަހަރުގެ އޮކްޓޫބަރު މަހު އެއްކޮށް ހުއްޓާލަން ނިންމައިފިއެވެ. މި ނިންމުމަކީ ކުންފުނީގެ ވިޔަފާރި އަލުން ތަރުތީބުކޮށް، ރަބަރާއި ޕާމް އޮއިލް ފަދަ އަސާސީ ވިޔަފާރިތަކަށް އިސްކަންދިނުމަށް ނިންމި ނިންމުމެކެވެ. ފެކްޓްރީ ބަންދުކުރުމާ ގުޅިގެން 300 އެއްހާ މުވައްޒަފުންގެ ވަޒީފާ ގެއްލޭއިރު، ދެން މި ބިސްކޯދު ލިބެން ހުންނާނީ ބާޒާރުގައި މިހާރު ހުރި ސްޓޮކް ހުސްވަންދެނެވެ.

ރަސްމާލެ ވިއްކާލުމާ ދެކޮޅު ހަރަކާތަށް އެމްސީސީން އެއްބާރުލުންދެނީ

ރަސްމާލެ މަޝްރޫއާ ދެކޮޅަށް ކުރިއަށްގެންދާ "ދިވެހީންގެ ބިން ދިވެހީންނަށް" ހަރަކާތަށް މާލެ ސިޓީ ކައުންސިލުން ފުރިހަމަ އެއްބާރުލުން ދޭނެކަމުގެ ޔަގީންކަން ދީފައިވާ ކަމަށް ކުރީގެ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ. މި ހަރަކާތަކީ ރަސްމާލެއިން ހިއްކާ ބިން ބޭރުގެ ކުންފުންޏަކަށް 99 އަހަރަށް ދިނުމާ ދެކޮޅަށް ސިޔާސީ އެކި ފަރާތްތައް ގުޅިގެން ފަށާފައިވާ ގައުމީ ހަރަކާތެކެވެ.

މުސާރަ ބޮޑުކުރާ ނިންމުން އަނބުރާ ގެންދަން ގޮވާލައިފި

މަޖިލިސް ރައީސާއި ވަޒީރުންގެ މުސާރަ ބޮޑުކުރަން މާލިއްޔަތު ކޮމިޓީން ނިންމި ނިންމުން އަނބުރާ ގެންދިއުމަށް އެމްޑީޕީ ޕީޖީ ގްރޫޕުން ވަނީ ގޮވާލާފައެވެ. އެ ޕާޓީން ބުނާ ގޮތުގައި މި ނިންމުމުގެ ސަބަބުން ދައުލަތުގެ ބަޖެޓުން 40 މިލިއަން ރުފިޔާ އިތުރަށް ހަރަދުވާނެތީ، އަމިއްލަ މަންފާއަށްވުރެ ރައްޔިތުންނަށް މުހިންމު ކަންކަމަށް އިސްކަންދޭންޖެހެއެވެ.

ުހުވަދޫ ރޭޕް މައްސަލައިގައި ހައްޔަރުކުރީ ތިނަދޫ ވެމްކޯ މެނޭޖަރު

ހުވަދޫގައި ހިނގި ރޭޕްގެ މައްސަލައާ ގުޅިގެން ހައްޔަރުކުރި ނުވަ މީހުންގެ ތެރޭގައި ތިނަދޫ ސިޓީގެ ވެމްކޯ މެނޭޖަރު އަލީ ހުޒާމް ސައީދު ހިމެނޭއިރު، އޭނާގެ ބަންދަށް ކޯޓުން ވަނީ 90 ދުވަސް ޖަހާފައެވެ.

ހުވަދޫ ރޭޕްގެ މައްސަލައިގައި ހައްޔަރުކުރި ނުވަ މީހުން ބަންދަށް

ހުވަދޫ އަތޮޅުގައި އަންހެނަކަށާއި ކުޑަކުދިންތަކަކަށް ޖިންސީ ގޯނާކުރި މައްސަލައިގައި ހައްޔަރުކުރި ނުވަ މީހުންގެ ބަންދަށް ކޯޓުން މުއްދަތު ޖަހައިފިއެވެ. މީގެ ތެރެއިން ދެ މީހަކު 90 ދުވަހަށް ބަންދުކޮށްފައިވާއިރު، ބާކީ ތިބި މީހުން 5 ދުވަހާއި 30 ދުވަހާ ދެމެދުގެ މުއްދަތުތަކަށް ވަނީ ބަންދުކޮށްފައެވެ. މި މައްސަލަ ތަހުގީގު ކުރުމަށް ފުލުހުންގެ ހާއްސަ ޓީމެއް އެ ރަށުގައި މިހާރު ދަނީ ހަރަކާތްތެރިވަމުންނެވެ.

"އަކުރު ޓައިޕް" އަށް މޯލްޑިވްސް އެކްސްޕޯގައި ދެ އެވޯޑެއް

މޯލްޑިވްސް އެކްސްޕޯ 2026 ގައި "އަކުރު ޓައިޕް" އިން އައިސީޓީ ދާއިރާއިން ދެ އެވޯޑެއް ހާސިލްކޮށް ބޮޑު ކާމިޔާބީއެއް ހޯދައިފިއެވެ. މީގެ ތެރޭގައި "އަދަރ އިނޮވޭޝަންސް އިން ޓެކް" އިން އެއްވަނަ އަދި މުޅި އައިސީޓީ ކެޓަގަރީން ތިންވަނަ ހިމެނެއެވެ. ދިވެހި ފޮންޓުތައް އެއްތަނަކުން ލިބޭ މި ޕްލެޓްފޯމުގެ އުފެއްދުންތައް ނޮވެމްބަރު 4 ގެ ނިޔަލަށް އެކްސްޕޯގެ ޑިޖިޓަލް ޕެވިލިއަންއިން ފެންނާނެއެވެ.

Newsletter

Get the latest news delivered straight to your inbox