އަސާސީ ބާވަތްތަކުގެ ލިސްޓަށް އިތުރު ބަދަލުތަކެއް ގެނެސް، ބާޒާރުގައި ލިބެން ހުންނަ އެންމެ ހެޔޮ އަގުގައި ރައްޔިތުންނަށް ފޯރުކޮށްދޭ ތަކެތީގެ އަދަދު 80 އައިޓަމަށް އިތުރުކޮށްފައިވާ ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެ އެވެ.
ޕީއެސްއެމްއިން ބޭއްވި "އަހާ" ފޯރުމްގައި ސައީދު ވިދާޅުވީ އަލަށް އިތުރުކުރި ބާވަތްތައް ވެސް ރައްޔިތުންނަށް ފޯރުކޮށްދޭނީ ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) މެދުވެރިކޮށް، އެ ވަގުތަކު ބާޒާރުގައި ލިބެން ހުންނަ އެންމެ ހެޔޮ އަގުގަ އެވެ.
ކުރިން މި ލިސްޓުގައި ހިމެނީ ޖުމްލަ 26 ބާވަތެކެވެ. އޭގެ ތެރޭގައި ހިމެނެނީ ހަނޑޫ، ހަކުރު، ފުށުގެ އިތުރުން މޭވާގެ 10 ބާވަތާއި ތަރުކާރީގެ 10 ބާވަތާއި އަދި، މުގާއި ބިހާއި އަލުވި އެވެ.
ސައީދު ވިދާޅުވި ގޮތުގައި ތަރުކާރީގެ ކެޓަގަރީ ވަނީ 20 ބާވަތަށް އިތުރުކޮށްފަ އެވެ. އަދި މޭވާގެ ބާވަތްތައް ވެސް ވަނީ 20 އަށް އިތުރުކޮށްފަ އެވެ. މީގެ އިތުރުން ތުއްތު ކުދިންނާއި އުމުރުން ދުވަސްވީ މީހުންނަށް ބޭނުންވާ ތަކެތި ހިމެނޭހެން 37 ބާވަތަކާއި، ކާބޯތަކެތީގެ ބާވަތްތަކުގެ ބޭރުން (ނަން ފުޑް އައިޓަމްސް) އިތުރު ތިން ބާވަތެއް މި ލިސްޓުގައި ހިމެނޭ ކަމަށް އޭނާ ވިދާޅުވި އެވެ.
"މީގެ ބޭނުމަކީ މި ހުރިހާ އަތޮޅުތަކަކަށް ރައްޔިތުން ދިރިއުޅޭ ހަމަ ކޮންމެ ތަނެއްގައި ވެސް އޭރެއްގެ މި 80 އައިޓަމް ލިބެން ހުންނަ އެންމެ ހެޔޮ އަގުގައި ރައްޔިތުންނަށް ފޯރުކޮށްދިނުން. މީގެ ތެރޭގައި މި ހިމެނެނީ ހަމަ ތަރުކާރީ އާއި، މޭވާ އާއި އާންމު ސިއްހަތަށް ފައިދާކުރާނެ ބައެއް ކަހަލަ އައިޓަމްސްތައް،" ސައީދު ވިދާޅުވި އެވެ.

މި އަދަދުތައް ހިމަނައިގެން ލިސްޓު ހަދާއިރު، އައިޓަމްތަަކުގެ އަދަދު 86 އަށް އަރަ އެވެ. ނަމަވެސް އަސާސީ ބާވަތްތަކުގެ ލިސްޓަށް ގެނައި ބަދަލުތަކުގެ ދަށުން އިތުރުކުރި ބާވަތްތަކެއް ސައީދޫ ހަމަކުރައްވާފައެއް ނުވެ އެވެ. މިހެންކަމުން މި ލިސްޓުގައި އަލަށް ހިމެނުނު ތަކެތީގެ ތަފްސީލެއް އަދި އަސްލު އަދަދަކީ ކޮބައިކަމެއް އަދި ނޭނގެ އެވެ.
މި ތަކެތި ފޯރުކޮށްދިނުމަށް ރޭވިފައިވާ ނިޒާމާ ބެހޭގޮތުން ސައީދު ވިދާޅުވީ، އެސްޓީއޯ އިން މި ތަކެތި ހޯލްސޭލްކޮށް ފޯރުކޮށްދެނީ މާލެ އާއި ރާއްޖޭގެ ހަތަރު ސިޓީއަކަށް ކަމަށެވެ.
މި މަސައްކަތް ކުރިއަށް ގެންދަނީ އާބާދީގެ ނިސްބަތަށް ބަލައި ހަތަރު ކެޓަގަރީއަކަށް ބަހާލައިގެންނެވެ. އެއީ މާލެ އާއި ސިޓީތަކުގެ އިތުރުން، ތިން ހާހުން މަތީގެ އާބާދީތަކާއި ތިން ހާހުން ދަށުގެ އާބާދީތަކެވެ. މާލޭގައި އެސްޓީއޯގެ ފިހާރަތަކުގެ އިތުރުން ރީޓެއިލްކޮށް ވިޔަފާރިކުރާ ފަރާތްތަކަށް ވެސް ހޯލްސޭލްކޮށް މި ތަކެތި ދޫކުރާނެ އެވެ.
އަތޮޅުތެރޭގެ ރަށްތަކަށް މި ތަކެތި ފޯރުކޮށްދިނުމުގައި އައްޑޫ ސިޓީ، ފުވައްމުލައް ސިޓީ، ތިނަދޫ ސިޓީ އަދި ކުޅުދުއްފުށީ ސިޓީގައި އެސްޓީއޯގެ ފިހާރަތަކާއި ހާއްސަ އޭޖެންޓުން މެދުވެރިކޮށް މި ހިދުމަތް ލިބޭނެ އެވެ.
ސައީދު ވިދާޅުވީ އެންމެ ބޮޑު ގޮންޖެހުމަކީ 3،000 އަށް ވުރެ ކުޑަ އާބާދީތަކަށް މި ތަކެތި ފޯރުކޮށްދިނުމެވެ. ނަމަވެސް މިހާރު އޭގެ ތެރެއިން ގިނަ ރަށްތަކަކަށް ސީދާކޮށް ތަކެތި ލިބޭނެ އިންތިޒާމު ހަމަޖެހެމުންދާ ކަމަށް އޭނާ ވިދާޅުވި އެވެ.











