މާލެއިން ވޮޝިންޓަނަށް؛ 'ވިޔާނުދާ' ނޫސްވެރިންގެ އަސަރާއި ނަތީޖާ

ދިވެހިރާއްޖޭގެ ރައީސް އޮފީހުގެ ޕްރެސް ކޮންފަރެންސްތައް ބާއްވާ ރޫމުގައި ހުންނަ ޕޯޑިއަމްގެ ފަހަތުން އެމެރިކާގެ ވައިޓް ހައުސްގެ ލޯގޯ ފެންނަ ގޮތަށް ހަދާފައިވާ ފޮޓޯއެއް. ރައީސް އޮފީހުގެ ޕްރެސް ކޮންފަރެންސްތަކަށް އަދަދު ނޫސް ވަނުން ރައީސް މުއިއްޒު މަނާކޮށްފައިވާއިރު، ވައިޓު ހައުސްއަށް ސީއެންއެން ހިމެނޭ ގޮތަށް ބައެއް މީޑިއާތައް ވަނުން އެމެރިކާގެ ރައީސް ޓްރަމްޕް މަނާކުރި. ޓްރަމްޕްގެ އެ ނިންމުން އެމެރިކާގެ ކޯޓުން ބާތިލްކުރިއިރު، އަދަދު ނޫހުން ރާއްޖޭގެ ސިވިލް ކޯޓަށް ހުށަހަޅާފައިވާ މައްސަލަ އަދި ބަލައިވެސް ނުގަނޭ.

ދިވެހިރާއްޖޭގެ ރައީސް އޮފީހުގެ ޕްރެސް ކޮންފަރެންސްތައް ބާއްވާ ރޫމުގައި ހުންނަ ޕޯޑިއަމްގެ ފަހަތުން އެމެރިކާގެ ވައިޓް ހައުސްގެ ލޯގޯ ފެންނަ ގޮތަށް ހަދާފައިވާ ފޮޓޯއެއް. ރައީސް އޮފީހުގެ ޕްރެސް ކޮންފަރެންސްތަކަށް އަދަދު ނޫސް ވަނުން ރައީސް މުއިއްޒު މަނާކޮށްފައިވާއިރު، ވައިޓު ހައުސްއަށް ސީއެންއެން ހިމެނޭ ގޮތަށް ބައެއް މީޑިއާތައް ވަނުން އެމެރިކާގެ ރައީސް ޓްރަމްޕް މަނާކުރި. ޓްރަމްޕްގެ އެ ނިންމުން އެމެރިކާގެ ކޯޓުން ބާތިލްކުރިއިރު، އަދަދު ނޫހުން ރާއްޖޭގެ ސިވިލް ކޯޓަށް ހުށަހަޅާފައިވާ މައްސަލަ އަދި ބަލައިވެސް ނުގަނޭ.

ސުވާލު ކުރުމުގެ ހުއްދަ ދޭނީ ކޮން ނޫސްވެރިންނަކަށްތޯ ނިންމުމުގެ ބާރު ނެތުމަކީ ޑިމޮކްރެސީއެއްގައި ކުރިމަތިވާނޭ އެންމެ ބޮޑު މުސީބާތެވެ. މިހާރު މި މުސީބާތް ލައްވައިލައިގެން އުޅެނީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕަށެވެ.

ޓްރަމްޕްގެ ސަރުކާރުން ދާދިފަހުން ވަނީ ސީއެންއެން އާއި ޕޮލިޓިކޯގެ ނޫސްވެރިން ވައިޓް ހައުސްއަށް ވަނުން މަނާކޮށްފަ އެވެ. މި މައްސަލަ ހޫނުވެ ފެޑަރަލް ކޯޓަށް ހުށަހެޅުމުން، ސެޕްޓެމްބަރު 24 ވަނަ ދުވަހު ފަނޑިޔާރު ވަނީ އެ ނޫސް އިދާރާތަކުގެ ޕްރެސް ކްރެޑެންޝަލް ނުވަތަ ހުއްދަ ވަގުތީ ގޮތުން އިއާދަކުރުމަށް ވައިޓް ހައުސްގެ މައްޗަށް އަމުރުކޮށްފަ އެވެ. ކޯޓުން ނިންމީ ނޫސްވެރިން ބޭނުން ކޮންމެ ވަގުތަކު ވައިޓް ހައުސްއަށް ވަދެ އުޅުމުގެ ހައްގު ދިނުމަކަށް ނޫނެވެ. ނަމަވެސް، ކޯޓުން ކަނޑައެޅި މާ މުހިންމު އަސާސަކީ، ނޫސްވެރިންނަށް ވައިޓްހައުސްއަށް ވަނުމުގެ ހުއްދަ ދޭނެ ނިޒާމެއް ސަރުކާރުން ގާއިމުކޮށްފައިވާ ނަމަ، އެކަށީގެންވާ ނޯޓިހެއް ނުދީ، ރަނގަޅު އިޖުރާއާތެއް ފުރިހަމަނުކޮށް އަދި ގާނޫނީ ގޮތުން ދިފާއުކުރެވޭނެ ސަބަބެއް ނެތި، ވަކި ނޫސްވެރިންތަކެއް ސަރުކާރުން ބޭނުންހައި ގޮތަކަށް ބޭރު ނުކުރެވޭނެ ކަމެވެ.

މި މުސީބާތުން ސަލާމަތްވުމަށްޓަކައި، ޓްރަމްޕަށް ރާއްޖޭގެ ކަންކަން ހިނގާ ގޮތް ދިރާސާ ކުރެވިދާނެ އެވެ. ސަރުކާރާއި ނޫސްވެރިންނާ ދެމެދު އޮންނަ އުނދަގޫ ގުޅުމުގައި ރާއްޖެއިން މިވަނީ މާ ހަރުދަނާ އުސޫލެއް ތަރައްގީކޮށްފައި ކަމަށް ފެނެ އެވެ.

މިދިޔަ މެއި މަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި "އަދަދު" ނޫހުގެ ނޫސްވެރިއަކު ރައީސް މުހައްމަދު މުއިއްޒާ ސުވާލެއް ކުރުމާ ގުޅިގެން، ރައީސް އޮފީހުން ވަނީ އެ އޮފީހުގެ ނޫސްވެރިންގެ ބައްދަލުވުންތަކަށް "އަދަދު" ގެ ނޫސްވެރިން ވަނުން މަނާކޮށްފަ އެވެ. ރައީސް މުއިއްޒު، ރައީސް އޮފީހުގައި މަސައްކަތް ކުރެއްވި އަންހެން މުވައްޒަފަކަށް ދަންވަރުގެ ވަގުތުގައި ގުޅާފައިވާ ކަމުގެ ހެކި އެބަހުރި ކަމަށާއި، އެއީ ކޮންފަދަ ހާޖަތެއް މެދުވެރިވެގެން ގުޅި ގުޅުމެއްތޯ އެހި ކަމަށްޓަކައި އެ ސުވާލު ކުރި ނޫސްވެރިޔާއާއި، އެ ނޫހުގެ މުޅި އިދާރާ ވެސް ރައީސް އޮފީހުގެ 'ރަހުމަތުން' ބޭރުކޮށްލެވުނީ އެވެ.

"އަދަދު" ނޫހުން ބުނާ ގޮތުގައި ރައީސް އޮފީހުން އެ ނިންމި ނިންމުމުގެ ސަބަބު ލިޔުމުން ދޭން އެދުމުން ވެސް ރައީސް އޮފީހުން އެއްވެސް ޖަވާބެއް ދީފައެއް ނުވެ އެވެ. އެހެންކަމުން، އެ ނޫސް އިދާރާއިން މިހާރު ވަނީ (މޮޅުތަކެއް ވާނޭ ކަމަށް ހިތައި) އެ ނިންމުން ގޮންޖަހައި ކޯޓަށް މައްސަލަ ހުށަހަޅާފަ އެވެ.

އެމެރިކާއާއި މި ރާއްޖޭގެ ރައީސް އޮފީހުގެ އަމަލުތަކުގައި ހުރި އެއްގޮތްކަމުން، މި ނިންމުން އައީ ދެ ގައުމުގެ އެންމެ މަތީ އޮފީހުގެ މެދުގައި މަޝްވަރާ ކުރެވިގެން ނޫން ބާވައޭ ހީވާ ވަރު ވެ އެވެ. ދެ ސަރުކާރު ވެސް އޮތީ މީޑިއާތަކާމެދު ހިތްހަމަނުޖެހިފަ އެވެ. ދެ ސަރުކާރުން ވެސް ވަނީ ރައީސުން ނޫސްވެރިންނާ ބައްދަލުކުރާ މާލަންތަކަށް ވަނުމުގެ ބާރު ކޮންޓްރޯލްކޮށްފަ އެވެ. އަދި ވަކި ނޫސްވެރިންތަކަކަށް އެ ފުރުސަތު ދެން ދީގެން ނުވާނެ ކަމަށް ދެ ސަރުކާރުން ވެސް ނިންމި އެވެ. އަދި ދެ ގައުމުގައި ވެސް، ނޫސްވެރިންނަށް ފިޔަވަޅު އެޅުމުން، ނޫސްވެރިންގެ ފަރާތުން ރައްދުގައި އެޅީ ދާދި އެއް ކަހަލަ ފިޔަވަޅު ތަކެކެވެ. އެއީ ކޯޓަށް މައްސަލަ ހުށަހެޅުމެވެ.

ތަފާތަކީ، އެމެރިކާގެ ނޫސްވެރިންނަށް ދިމާވި ގޮންޖެހުމުގައި ވޮޝިންޓަންގައި ފެޑަރަލް ފަނޑިޔާރަކު އެ މައްސަލައިގެ ތެރެއަށް ވަދެ، ނޫސްވެރިންނަށް ވައިޓްހައުސްއަށް ވަނުމުގެ ހުއްދަ ވަގުތީ ގޮތުން އިއާދަކޮށްދީފައިވާ ކަމެވެ. މާލޭގައި ސިވިލް ކޯޓަށް ހުށަހެޅި މައްސަލަ އަދި އޮތީ ކޯޓުގަ އެވެ. ރައީސް އޮފީހަށާއި ސަރުކާރުގެ އިދާރާތަކަށް ފޮނުވި އެއްވެސް ސިޓީއަކަށް ވެސް ޖަވާބެއް ނުލިބެ އެވެ. އެކަމާ މާޔޫސް ނުވަނީ އަމުދުން އެއީ ނަތީޖާއެއްގެ އުއްމީދުގައި ކުރި ކަމަކަށް ވެސް ނުވާތީ އެވެ. ކުރިއަށް އޮތް ހައެއްކަ މަސް ތެރޭގައި ވެސް އެ މައްސަލައިގެ ހިލަމެއް ވާނޭ ކަމުގެ އުއްމީދެއް ވެސް ނުކުރަމެވެ. އެމެރިކާ ކަހަލަ ގައުމުތަކުގައި ތިބި އިންތިހާބީ ޑިކްޓޭޓަރުންނަށް މި ރާއްޖެއަކީ ނަމޫނާއަކަށް ވާނީ ވެސް މިކަހަލަ ކަންކަން މިހެން ހުރެގެންނެވެ.

ތެދެކެވެ. ވައިޓް ހައުސްގެ ޕްރެސް ރޫމުގައި ސީއެންއެންގެ ގޮނޑިއެއް ހުރުމަކީ ލާޒިމުކަމެއް ނޫނެވެ. ހަމަ އެފަދައިން، ރާއްޖޭގައި ވެސް ރައީސް އޮފީހުގެ ތެރޭގައި "އަދަދު" ގެ ގޮނޑިއެއް ހުންނާކަށް ވެސް ނުޖެހެ އެވެ. 'އަދަދު' ނޫހުން ބޭނުންހައި އިރަކު ރައީސް އޮފީހަށް ވަދެވެންޖެހޭނޭކަމަކަށް ވަކާލާތެއް ވެސް ނުކުރަމެވެ. ސަރުކާރުން ރައްކާތެރިކަން ބަލަހައްޓާ އިމާރާތްތަކަށް ވަދެނިކުމެވޭނެ އުސޫލުތައް ކަނޑައެޅުމުގެ ބާރު ސަރުކާރަށް އޮންނާނެ އެވެ. އެކްރެޑިޓޭޝަން އުސޫލުތަކާއި، ސަލާމަތީ މިންގަނޑުތަކާއި، ނޫސްވެރިންގެ ބައްދަލުވުންތައް ކުރިއަށްގެންދާނެ އެކަށީގެންވާ ގަވާއިދުތައް ހެދުމުގެ އިހުތިޔާރު ވެސް ސަރުކާރަށް ލިބިގެން ވެ އެވެ.

ސުވާލަކީ، 'އަދަދު' ނޫހާ މެދު އެޅި ފިޔަވަޅު އެޅީ މިފަދަ ގަވައިދެއްގެ ދަށުންތޯ އެވެ. އެފަދަ ގަވައިދެއް ޝާއިއު ކުރެވިފައި އޮތްނަމަ ދެން އުފެދެނީ އަދި މާ ގިނަ ސުވާލުތަކެވެ.

ތިޔަ ފިޔަވަޅެއް އެޅީ ކޮން ގަވައިދެއްގެ ދަށުން ހެއްޔެވެ؟ ތިޔަ ކަހަލަ ގަވާއިދެއް ހެދުމުގެ ހުއްދަ ދިނީ ކޮން ގާނޫނަކުން ހެއްޔެވެ؟ އަޅާފައި އޮތީ އެ ގަވާއިދުން ހުއްދަކުރާ ފިޔަވަޅެއް ހެއްޔެވެ؟ އެކްރެޑިޓޭޝަން ނިޒާމެއްގެ ދަށުން ނޫސްވެރިންނަށް ހުއްދަ ދިނުމަށްފަހު، އެ ނޫސްވެރިން ބުނާ އެއްޗަކުން ނުވަތަ ކުރާ ސުވާލަކުން ނުވަތަ ޝާއިއުކުރާ ލިޔުމަކުން ހިތްހަމަނުޖެހިގެން ވަކި ނޫސް އިދާރާއެއް ބޭރުކޮށްލެވިދާނެ ހެއްޔެވެ؟ ރައީސާ ބައްދަލުކުރުމުގެ ފުރުސަތު ދޭނީ، ރައީސް ހިތްހަމަޖެހޭ ކަހަލަ ސުވާލުތައް ކުރާނޭ ކަމުގެ ޝަރުތުގެ މަތިން ހެއްޔެވެ؟ ނޫސްވެރިން ކުރާނޭ ސުވާލުގެ އިން ކަނޑައެޅުމާއި، އެ އިމުން ނޫސްވެރިއަކު ބޭރުވެއްޖެ ނަމަ، އެ ނިންމުމަށް ގޮންޖެހުމުގެ މާނަހުރި ފުރުސަތެއް ނުދީ މުޅި ނޫސް އިދާރާ އެއްކޮށް ރައީސް އޮފީހުން ބޭރުކޮށްލެވިދާނެ ހެއްޔެވެ؟

ރައީސް މުއިއްޒުގެ ނަސީބުފުޅުގެ ގަދަކަމުން، އެމަނިކުފާނު މިއިން ސުވާލަކަށް ޖަވާބުދޭންޖެހޭނޭ ދުވަހެއް ނާންނާނެޔޭ ބަޔަކު ހީކޮށްފާނެ އެވެ. އެހެންވާނެތޯ އެވެ. އެކަހަލަ ކިތަންމެ ބަޔަކާ ގާނޫނު އަރާ ހަމަކުރިތަން ރާއްޖޭގެ ތާރީހުން އޮތީ ފެންނާށެވެ.

ރައީސް އޮފީހުން ބާއްވާ ނޫސްވެރިންގެ ބައްދަލުވުންތަކުގެ ބޭނުމަކީ ހަމައެކަނި ރައީސް ދައްކަވަން ބޭނުންފުޅުވާ ވާހަކައެއް ދެއްކެވުމަށް ފުރުސަތު ދިނުން ކަމުގައިވާ ނަމަ، ނޫސްވެރިންގެ އެއްވެސް ބޭނުމެއް ނެތެވެ. ރައީސް އޮފީހުގައި ފޮޓޯގްރާފަރުންނާއި، ކޮމިއުނިކޭޝަން އޮފިޝަލުންނާއި، ސޯޝަލް މީޑިއާ އެކައުންޓްތައް އެބަހުއްޓެވެ. ކެމެރާ ޖައްސައި، ރައީސް ވިދާޅުވާން ބޭނުންފުޅުވާ އެއްޗެއް ވިދާޅުވުމުން އެންމެންނަށް މާ އަވަހަށް ގެއަށް ދެވޭނެ އެވެ.

ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވަނީ، ރައީސް ނޫން އެހެން މީހަކަށް ސުވާލު ކަނޑައެޅުމުގެ ފުރުސަތު ދިނުމަށެވެ. މި އިންތިޒާމުގެ ސަބަބުން ބައެއް ފަހަރު އުނދަގޫތަކާ ކުރިމަތިވާނެ އެވެ. ނޫސްވެރިއަކު ދެކޮޅުނުޖެހޭ ސުވާލެއް ކޮށްފާނެ އެވެ. މައުލޫއާ ނުގުޅޭ ސުވާލެއް ވެސް ކޮށްފާނެ އެވެ. ރައީސް ކުށްވެރިކުރުމަށް ވެސް ނުވަތަ ރައީސް ކޯފާވާ ކަހަލަ ސުވާލެއް ވެސް ކޮށްފާނެ އެވެ. މިއީ އެއްވެސް ހާލެއްގައި އާދަޔާ ހިލާފު ކަންކަމެއް ނޫނެވެ. އާދަޔާ ހިލާފު ކަމަކަށް ވާނީ މިފަދަ އެއްވެސް ކަމެއް ނެތި ނޫސްވެރިންގެ ބައްދަލުވުމެއް ނިމިގެން ދިއުމެވެ.

އެމެރިކާގެ ތަޖުރިބާއާ މެދު އަހަރެމެން ޝައުގުވެރިވާން ޖެހޭ އިތުރު ސަބަބެއް ވެސް އެބައޮތެވެ. ޓްރަމްޕް މީގެ ކުރިން ވެސް މިކަން ކުރަން އުޅުއްވި އެވެ. 2018 ވަނަ އަހަރު، ނޫސްވެރިންގެ ބައްދަލުވުމެއްގައި ހިނގި ހަމަނުޖެހުމަކާ ގުޅިގެން ޓްރަމްޕްގެ ސަރުކާރުން  ސީއެންއެންގެ ރިޕޯޓަރު ޖިމް އެކޯސްޓާގެ ވައިޓް ހައުސް ކްރެޑެންޝަލް ބާތިލުކުރި އެވެ. ސީއެންއެން އިން ކޯޓަށް ދިއުމުން، ހަމަ އެ ފެޑަރަލް ފަނޑިޔާރު ވަނީ އެ ހުއްދަ އިއާދަކުރުމަށް އަމުރުކޮށްފަ އެވެ. އެ ހާދިސާގެ އަށް އަހަރު ފަހުން، އެމެރިކާގައި އަނެއްކާވެސް މި ބަހުސް ކުރެވެނީ ހަމަ އެއް މައްސަލައަކާ ގުޅިގެންނެވެ.

މިއީ ހަގީގަތުގައި ނޫސްވެރިކަމުގެ މިނިވަންކަމާ ބެހޭގޮތުން ވަރަށް މުހިންމު ފިލާވަޅެއް ލިބިދޭ ކަމެކެވެ. ނޫސްވެރިޔަކަށް ގާނޫނުއަސާސީން ކަށަވަރުކޮށްދޭ ރައްކާތެރިކަން މުހިންމު ވަނީ، ސަރުކާރުތަކަށް އެކަމުން އުނދަގޫވާ ހާލަތްތަކުގަ އެވެ. ސަރުކާރަށް ތައުރީފުކޮށް ލިޔުންތައް ލިޔާ، ހިތްހަމަޖެހޭ ކަހަލަ ސުވާލުތައް ކުރާ، އަދި ސިޔާސީ މީހުން އަމިއްލަ ނަފްސާ މެދު ފަހުރުވެރިވާ ފަދަ އިހުސާސެއް ކުރުވާ ނޫސްވެރިންނަށް ގާނޫނީ ރައްކާތެރިކަން ދިނުމަކީ މާ ބޮޑު ކަމެއް ނޫނެވެ. އެފަދަ ނޫސްވެރިން ބަލައިގަތުމަކީ އެއްވެސް ސަރުކާރަކަށް އުނދަގޫ ކަމެއް ނޫނެވެ. އަސްލު އިމްތިހާނާ ކުރިމަތިވަނީ އުނދަގޫ ކުރާ ނޫސްވެރިޔާއާ ހިސާބުންނެވެ. އެ އިމްތިހާނާ ކުރިމަތިވަނީ، ނޫސްވެރިޔާ ކުރާ ސުވާލުން ލަދުގަންނަން ޖެހުމުންނެވެ. ނޫހުގައި ލިޔާ ހަބަރަކުން ސަރުކާރަށް ގެއްލުން ވުމުންނެވެ. އަދި ސިޔާސީ ބާރުވެރިކަމުގައި ހުންނަ މީހާ، އެ ރިޕޯޓަރު އޭނާގެ ކުރިމަތީގައި އިށީނދެގެން އިންނަ މަންޒަރު ދެން ދުވަހަކުވެސް ފެންނަން ބޭނުންނުވާ ހާލަތުގަ އެވެ.

ދިވެހިރާއްޖޭގެ ގާނޫނުއަސާސީން ހިޔާލު ފާޅުކުރުމުގެ މިނިވަންކަމާއި، މީޑިއާގެ މިނިވަންކަމާއި، މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގު ކަށަވަރުކޮށްދެ އެވެ. އެ ހައްގުތަކަކީ، ގާނޫނީ އިމުގެ ތެރެއިން ހަނިކުރެވިދާނެ ހައްގުތަކެކެވެ. އެހެންކަމުން، ރައީސް އޮފީހުގެ ނިންމުން ކޯޓުގައި ދިފާއުކޮށް، "އަދަދު" އާ ދެކޮޅަށް އެޅި ފިޔަވަޅަކީ ގާނޫނީ ގޮތުން ހަމައެއް އޮތް ނިންމުމެއް ކަން ސާބިތުކޮށްދިނުމުގެ ފުރުސަތު އެ އޮފީހަށް އެބައޮތެވެ. ހަމައެފަދައިން، މުޅި ނޫސް އިދާރާއެއް ނޫސްވެރިންގެ ބައްދަލުވުންތަކުން ބޭރުކުރުމަކީ ގާނޫނުއަސާސީގެ އިން ފަހަނައަޅައި ދިއުން ކަމަށް ބުނެ ވަކާލާތު ކުރުމުގެ ހައްގު "އަދަދު" އަށް ވެސް ލިބިގެންވެ އެވެ.

މިއީ ކޯޓުގައި ނުވަތަ އެހެން އިދާރާއެއްގައި ވެސް ލައްކަ ދުވަހަކު ތާށިކޮށްފައި ބޭއްވޭނޭ މައްސަލައެއް ނޫނެވެ. 'އަދަދު' ނޫހުން އިސާހިތަކު ރައީސް އޮފީހަށް ވަންނާނަމެވެ. ރައީސްގެ ކުރިފުޅުމަތީގައި، މޭ ފުޅާކޮށްގެން ހުރެ އަދަދު ނޫހުގެ ނޫސްވެރިން ރައީސްއާ ނިކަން އުނދަގޫ ސުވާލުތައް ކުރާ މަންޒަރު ރައީސަށް އިސާހިތަކު ފެންނާނެ އެވެ. ހިތްޕުޅަށްވީ ތަދަކާއި، ވެވަޑައިގެންނެވި ކޯފާއަކާއި ސަރުކާރަކުން ގަންނަންޖެހުނު ލަދަކީ ގާނޫނުއަސާސީން ލިބިދޭ އަސާސީ ހައްގެއް ހިފެހެއްޓުމަށް ހުއްޖަތަކަށް ފުދޭ ކަންކަމެއް ނޫނެވެ.

ވޮޝިންޓަނުން ދިން މެސެޖުން މާލެއިން އިބުރަތް ހާސިލުކުރުމަކީ މިވަގުތަށް މޮޅު ގޮތެވެ. އެ ރާއްޖޭގައި އަވަހަށް އެވީ ކަމަކީ މި ރާއްޖޭގައި ލަހުން ވިޔަސް ހިނގާނޭ ކަމެކެވެ. އެކަމާމެދަކު އެއްވެސް ޝައްކެއް ނެތެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އަހަރެމެން މި ތަކުރާރުކުރަނީ މާޒީ ހެއްޔެވެ؟

އިންސާނީ ދަހިވެތިކަމާއި، ހަމަ އެ ފޮނި ވާހަކައާއި، މުސްތަޤްބަލުގެ ޖީލުތަކުން ބަލަން ބޭނުންނުވާ ހަމަ އެ ނުރައްކާ މިއަދުވެސް މިވަނީ އަޅުގަނޑުމެންގެ ކުރިމަތީގައި. 2026 ގެ ރާއްޖެއަކީ 1887 ގެ ރާއްޖެއެއް ނޫނެވެ. އެކަމަކު، ސަރުކާރެއްގެ މިހާރުގެ ވަގުތީ ސަލާމަތަށްޓަކައި ޤައުމުގެ މުސްތަޤްބަލު ސޮއިކޮށް ދޫކޮށްލައިފިނަމަ، ނަތީޖާ ނުކުންނާނީ ހަމަ ކުރީގެ ގޮތަށް.

ތިޔަ އެއްޗެއްގައި ސޮއިކުރުމަށްވުރެ ޝަހީދުވުންވެސް ރަނގަޅޭ

ޔަހޫދީންގެ މިތުރަކާ ގުޅިގެން ވާނެ ހެވެއް ނޯންނާނެ އެވެ. އިނގިރޭސިންގެ މުށުތެރެއަށް ވެއްޓިގަތުމާ ނައިބުތުއްތު ދެކޮޅުހެއްދެވިހިނދު، ދިވެހި ދައުލަތުގައި ތިބި ވެރިން އޭރުކީ ލަވަޔަކީ ހަމަ މިހާރުވެސް މި އިވޭ ލަވަޔެވެ. މިއީ އިގުތިސާދީ ކަމެކެވެ. ސިޔާސީ ކަމެކެވެ. ލައްކަ މަންފާވީނަމަ، އަހަރުތަކެއް ފަހުން އިނގިރޭސިންގެ އަތުން މިނިވަންވާކަށް ނުޖެހުނީސްތާ އެވެ!

ރަސްމާލެ މައްސަލައިގެ ނުރައްކާތައް ދިރާސާކުރުމުގެ އިލްތިމާސް

ނޮވެމްބަރު 3 ގައި ގައުމު ދިފާއުކުރި ސިފައިން، ފުރާނަ ގުރުބާންކުރީ ވަކި ތަރައްގީގެ މޮޑެލްއަކަށް ނުވަތަ އިގުތިސާދީ ސިޔާސަތަކަށް ނޫނެވެ. އެމީހުން ދިފާއުކުރީ ދިވެހިންގެ މުސްތަގުބަލުގެ ސާހިބުންނަކީ ދިވެހިން ކަމުގައިވުމުގެ ހައްގެވެ. އެ ހައްގަކީ މިއަދު ވެސް ހަމަ އެ ދަރަޖައިގައި ދިފާއުކުރަންޖެހޭ ހައްގެކެވެ.

ރަސްމާލެ: ވަތަން ވިއްކާލުން އަދި ޑިޖިޓަލް އިސްތިއުމާރު

ރަސްމާލެ މަޝްރޫއާއި ބިދޭސީންނަށް ރެސިޑެންސީ ވިއްކުމަކީ ގައުމުގެ އަމިއްލަވަންތަކަމާއި ބިމުގެ މުގައްދަސްކަން ގެއްލި، ބޭރުގެ ނުފޫޒުގަދަ ފަރާތްތަކުގެ އިސްތިއުމާރީ ބާރުގެ ދަށަށް ރާއްޖެ ހިނގައިދާނެ ކަމެކެވެ. ކުރު މުއްދަތުގެ މާލީ މަންފާއަށްޓަކައި ގައުމުގެ ވަސީލަތްތައް ދިގު މުއްދަތަށް ދޫކޮށްލުމަކީ އަމިއްލަ ވަތަނަށް ވެވޭ ހިޔާނާތެއްގެ ގޮތުގައި މި ލިޔުމުގައި ސިފަކޮށްފައިވެއެވެ.

ސިޓީބިޓީ: ތަރައްގީގެ ފަރުދާގެ ފަހަތުން ވިއްކާލެވޭ ގައުމީ ސިޔާދަތު

ނަމަވެސް، މިއަދު އަޅުގަނޑުމެންގެ މިނިވަންކަމާއި ސިޔާދަތަށް ކުރިމަތިވެފައިވާ ނުރައްކާ އަންނަނީ ބަޑިއާއި ބޮމަކުން ނޫނެވެ؛ އެ ނުރައްކާ ފޯރަމުންދަނީ ތަރައްގީގެ ނަމުގައި ދައްކާ ކުލަގަދަ މަންޒަރުތަކާއި، ސިއްރުން ސޮއިކުރެވޭ އެއްބަސްވުންތަކުގެ ތެރެއިންނެވެ.

ސިޓީބިޓީ: ކަނޑު ކޮމިޝަނަކީ މުއިއްޒުގެ އަނިޔާވެރިކަމުގެ ފެށުމެއް

ރާއްޖޭގެ ކަނޑުން ގެއްލުނު ބައި ހޯދުމަށް ރައީސް މުއިއްޒު އުފެއްދެވި "ކަނޑު ކޮމިޝަނަކީ" ސިޔާސީ ވާދަވެރިންނަށް ބިރުދެއްކުމަށާއި ރަސްމާލެ މަޝްރޫއުގެ މައްސަލަތަކުން ރައްޔިތުންގެ ސަމާލުކަން އަނބުރާލުމަށް ކުރި ކަމެއްގެ ގޮތުގައި މި ލިޔުމުގައި ސިފަކޮށްފައިވެއެވެ. އަދި މިއީ ދައުލަތުގެ މުއައްސަސާތައް ބަލިކަށިކޮށް، ބަޖެޓުން ބޮޑެތި އިސްރާފުތަކެއް ހިނގާނެ، ނަތީޖާއެއް ނުނެރެވޭނެ ސިޔާސީ އުކުޅެއް ކަމަށްވެސް ބަޔާންކޮށްފައިވެއެވެ.

ރަސްމާލެ މަޝްރޫއު: ބިމުގެ އަގާ ގުޅޭ ބަހުސް

ރަސްމާލެ މަޝްރޫއަށް ހިއްކާފައިވާ ބިމުގެ އަގު ކަނޑައެޅުމުގައި، ހަމައެކަނި ހިއްކުމަށް ހިނގި ހަރަދަށް ބެލުމުގެ ބަދަލުގައި މުސްތަގުބަލުގައި އެ ބިމުން ލިބޭނެ އިގުތިސާދީ މަންފާއާއި ބާޒާރުގެ އަގަށް ރިއާޔަތްކުރަންޖެހެއެވެ. މީގެ އިތުރުން، މި މަޝްރޫއަށް ދައުލަތުގެ ކުންފުނިތަކުން ކޮށްފައިވާ އިންވެސްޓްމަންޓްތަކާއި މާލީ އިލްތިޒާމްތަކަށް ޒިންމާވާނެ ގޮތަކާމެދު ވަނީ ސުވާލު އުފެދިފައެވެ.

Newsletter

Get the latest news delivered straight to your inbox