ޓްރަމްޕްގެ ނުފޫޒާއެކު ޗާގޯސް އެއްބަސްވުން މުރާޖައާކުރަން އިނގިރޭސިވިލާތުން ނިންމައިފި

Sep 23, 2026, 3:32 PM
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ދެކޮޅުވެރިކަމަކީ އިނގިރޭސިވިލާތަށް އާ ޚަބަރެއް ނޫން ކަމަށް އެ ގައުމުގެ ޑިފެންސް ސެކްރެޓަރީ ވެސް ސްޓްރީޓިން ވިދާޅުވި. -- ފޮޓޯ: ރޮއިޓާސް

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ދެކޮޅުވެރިކަމަކީ އިނގިރޭސިވިލާތަށް އާ ޚަބަރެއް ނޫން ކަމަށް އެ ގައުމުގެ ޑިފެންސް ސެކްރެޓަރީ ވެސް ސްޓްރީޓިން ވިދާޅުވި. -- ފޮޓޯ: ރޮއިޓާސް

އެމެރިކާ އާއި އިނގިރޭސިވިލާތުގެ މުހިންމު އަސްކަރީ މަރުކަޒެއް ގާއިމުކޮށްފައިވާ ޗާގޯސް ޖަޒީރާތައް މޮރިޝަސްއާ ހަވާލުކުރުމަށް ވެފައިވާ އެއްބަސްވުން އަލުން މުރާޖާކުރާނެ ކަމަށް އިނގިރޭސިވިލާތުގެ ޑިފެންސް ސެކްރެޓަރީ ވެސް ސްޓްރީޓިން ވިދާޅުވެއްޖެ އެވެ.

މި ނިންމުން ނިންމާފައިވަނީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އެ އެއްބަސްވުމާ ދެކޮޅަށް ވަރަށް ބޮޑަށް ފާޑުވިދާޅުވަމުން ގެންދަވާ ދަނޑިވަޅެއްގަ އެވެ.

އިންޑިއާ ކަނޑުގައި އޮންނަ މި ޖަޒީރާތައް އިނގިރޭސިވިލާތުގެ ކުރީގެ ކޮލޮނީއެއް ކަމަށްވާ މޮރިޝަސްއާ ހަވާލުކުރުމަށާއި، އަސްކަރީ މަރުކަޒު ހުންނަ ޑިއޭގޯ ގާސިއާ އެއްގަރުނުގެ މުއްދަތަށް ކުއްޔަށް ހިފުމަށް 2025 ވަނަ އަހަރު އެއްބަސްވި ރޭވުންތައް މަޑުޖައްސާލާފައިވާކަން އިނގިރޭސި ސަރުކާރުން އޭޕްރީލް މަހު ވަނީ ކަށަވަރުކޮށްދީފަ އެވެ.

މި ބަދަލު އައިސްފައިވަނީ، ކުރިން އެ އެއްބަސްވުމަށް ތާއީދުކުރެއްވި ނަމަވެސް ފަހުން އެއީ "ވަރަށް ބޮޑު މޮޔަކަމެއް" ކަމަށް ސިފަކުރައްވައި ޓްރަމްޕް ދެއްވި ވަރުގަދަ ހަމަލާތަކާ ގުޅިގެންނެވެ.

އެމެރިކާގެ ނުފޫޒުގަދަ ރައީސް ޓްރަމްޕް ވަނީ، މިދިޔަ ޖުލައި މަހު ކިއާ ސްޓާމާގެ ބަދަލުގައި އިނގިރޭސި ބޮޑުވަޒީރުކަމާ ހަވާލުވެވަޑައިގެންނެވި އެންޑީ ބާންހަމްއާ އެކު ސެޕްޓެމްބަރު 22 ވަނަ ދުވަހު ބޭއްވި ފުރަތަމަ ބައްދަލުވުމުގައި ވެސް އެ އެއްބަސްވުމާ ދެކޮޅަށް ވާހަކަދައްކަވާފަ އެވެ.

ނިއުޔޯކުގައި ކުރިއަށްދާ އދ. ގެ އާންމު މަޖިލީހުގެ ހަވާސާގައި ބޭއްވި މި ބައްދަލުވުމުގައި ޓްރަމްޕް ވިދާޅުވީ، ބާންހަމް އެ "ގޯސް" އެއްބަސްވުމާ މެދު އަލުން ވިސްނަވާނެ ކަމަށް ގަބޫލުކުރައްވާ ކަމަށެވެ. ޓްރަމްޕް މިހެން ވިދާޅުވިއިރު، އަރިހުގައި އިންނެވި އިނގިރޭސި ބޮޑުވަޒީރު ވަނީ ބޯޖައްސަވައި އެކަމަށް އެއްބަސްވެވަޑައިގެންފަ އެވެ.

ބާންހަމް ފަހުން މީޑިއާތަކަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، މި ނާޒުކު މައްސަލައިގައި ހައްލެއް ހޯދުމަށް އިނގިރޭސިވިލާތުން "ވަރަށް ބޮޑަށް މަސައްކަތް ކުރާނެ" ކަމަށާއި، އެމެރިކާގެ ބައިވެރިންނާ ގުޅިގެން ހައްލެއް ފެންނާނެ ކަމުގެ ފުރިހަމަ އިތުބާރު އެބައޮތް ކަމަށެވެ.

އޭގެ މަދު ގަޑިއިރުތަކެއް ފަހުން ސްޓްރީޓިން ވެސް ވަނީ އެ މޭރުމުން ވާހަކަދައްކަވާފަ އެވެ. 

ބީބީސީއަށް ދެއްވި އިންޓަވިއުއެއްގައި އޭނާ ވިދާޅުވީ، އެމެރިކާގެ ބައިވެރިންނާއި ރައީސް ޓްރަމްޕްގެ ސަރުކާރާ ގުޅިގެން، އެ އެއްބަސްވުމަކީ އިނގިރޭސިވިލާތަށް ތާއީދުކުރެވޭނެ ފަދަ އެއްބަސްވުމަކަށް ހެދުމަށް އިތުރު މަސައްކަތްތަކެއް ކުރަންޖެހޭ ކަމަށެވެ.

މީގެ އިތުރުން ޓައިމްސް ރޭޑިއޯއަށް ދެއްވި އިންޓަވިއުއެއްގައި އޭނާ ވިދާޅުވީ، މައްސަލައަށް ފިލައިގެން ތިބުމަކީ ބުއްދިވެރި ގޮތެއް ނޫން ކަމަށާއި، ވަކިން ހާއްސަކޮށް މިއީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހުރި އިނގިރޭސިވިލާތުގެ ގައުމީ ސަލާމަތާ ގުޅުންހުރި އެންމެ މުހިންމު ވަސީލަތްތަކުގެ ތެރެއިން ވަސީލަތަކަށް ވާތީ އެކަމުގައި ފަރުވާކުޑަކުރެވެން ނެތް ކަމަށެވެ.

ކުރީގެ ބޮޑުވަޒީރު ސްޓާމާ އެ އެއްބަސްވުން އެކުލަވާލީ، ބައިނަލްއަގުވާމީ ގާނޫނީ ނިންމުންތަކުގެ ސަބަބުން ޗާގޯސްގެ މިލްކުވެރިކަމާ މެދު ސުވާލު އުފެދިފައިވާތީ، އެތަނުގައި ހުރި އަސްކަރީ މަރުކަޒު ދެމެހެއްޓޭނީ ހަމައެކަނި މޮރިޝަސްއާ އެކު އެއްބަސްވުމަކަށް އައިސްގެން ކަމަށް ވިދާޅުވަމުންނެވެ.

1960 ގެ އަހަރުތަކުގައި މޮރިޝަސްއަށް މިނިވަންކަން ލިބުނު ފަހުން ވެސް ޗާގޯސް ޖަޒީރާތަކުގެ ކޮންޓްރޯލް ބޭއްވީ އިނގިރޭސިވިލާތުންނެވެ.

އެ ދުވަސްވަރު އިނގިރޭސިވިލާތުން ވަނީ ޗާގޯސްގެ އެތައް ހާސް ރައްޔިތުންނެއް އެ ރަށްތަކުން ބޭރުކޮށް، މޮރިޝަސްއަށް ފޮނުވާލާފަ އެވެ. އޭގެ ފަހުން އެ މީހުން ދަނީ ބަދަލު ހޯދުމަށް އިނގިރޭސި ކޯޓުތަކުގައި ގާނޫނީ ގޮތުން ވަކާލާތު ކުރަމުންނެވެ.

2019 ވަނަ އަހަރު އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސް (އައިސީޖޭ) އިން ލަފާދީފައިވަނީ އެ ޖަޒީރާތައް މޮރިޝަސްއާ ހަވާލުކުރުމަށެވެ.

އެ އެއްބަސްވުމުގެ ދަށުން އިނގިރޭސިވިލާތަށް 99 އަހަރުގެ މުއްދަތަށް އެ އަސްކަރީ މަރުކަޒު ކުއްޔަށް ލިބޭނެ އެވެ. އަދި އެ މުއްދަތު އިތުރުކުރުމުގެ އިޚްތިޔާރު ވެސް ލިބިގެންވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ބަނޑަށް ބައިތިއްބައިގެން މީހުން މެރި ކަލްޓް ލީޑަރު ޖަލަށް

ކެންޔާގައި "އީސާގެފާނާ ބައްދަލުކުރުމަށް" ކަމަށް ބުނެ ގިނަ އަދަދެއްގެ ކުޑަކުދިން ބަނޑަށް ބައިތިއްބައިގެން މަރާލި ކަލްޓް ލީޑަރު ޕޯލް މެކެންޒީ 200 އަހަރަށް ޖަލަށްލުމަށް އެ ގައުމުގެ ކޯޓުން ހުކުމްކޮށްފިއެވެ. ޝަކަހޯލާ ޖަންގަލީގެ ތެރޭގައި ހިންގި މި ރަހުމްކުޑަ އަމަލާ ގުޅިގެން މެކެންޒީގެ އިތުރުން އެ ކަލްޓުގެ 28 މެންބަރެއްގެ މައްޗަށް ވެސް ވަނީ މީހުން މެރުމުގެ ކުށް ސާބިތުވެފައެވެ.

ބޭންކު ބަނގުރޫޓުވި މައްސަލައިގައި ރައީސް އަޒުލުކޮށް ގޭބަންދުގައި

ޕެރަގުއޭގެ ރައީސް ސަންޓިއާގޯ ޕެންޔާގެ މަސްލަހަތު އޮތް ބޭންކެއް ބަނގުރޫޓުވި މައްސަލައިގައި، މަގާމުގެ ނުފޫޒު ބޭނުންކުރި ކަމުގެ ތުހުމަތުގައި އޭނާ މަގާމުން އަޒުލުކޮށް ގޭބަންދުކޮށްފިއެވެ. މި މައްސަލައިގައި ގައުމުގެ ގިނަ ބައެއްގެ ފައިސާ ގެއްލި ބޮޑެތި މުޒާހަރާތަކެއް ކުރަމުންދާއިރު، ޕެންޔާގެ މައްޗަށް ވަނީ ޚިޔާނާތާއި ކޮރަޕްޝަނުގެ ދައުވާތައް އުފުލާފައެވެ.

ޖިންސީ ގޯނާގެ މައްސަލައެއްގައި މޭގަންގެ ބައްޕަ ހައްޔަރުކޮށްފި

ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މަންޒަރު ފެންނަ ތަކެތި ގެންގުޅުނު ކަމުގެ ތުހުމަތުގައި، މޭގަން މާކަލްގެ ބައްޕަ ތޯމަސް މާކަލް އެމެރިކާގެ ފްލޮރިޑާ އިން ވަނީ ހައްޔަރުކޮށްފައެވެ. އުމުރުން 82 އަހަރުގެ ތޯމަސްގެ މައްޗަށް މި ދައުވާ އުފުލާފައިވަނީ އޭނާ ކުއްޔަށް ހިފާފައިވާ ގުދަންތަކެއް ބަލައި ފާސްކުރުމަށްފަހު ކަމަށްވާއިރު، ކޯޓުން މިހާރު ވަނީ އޭނާ ބަންދުގައި ބަހައްޓައިގެން މޮނިޓަރު ކުރުމަށް އަމުރުކޮށްފައެވެ.

ޑިމޮކްރެޓުންގެ މެޖޯރިޓީން އީރާން ހަނގުރާމަ ހުއްޓުވޭތަ؟

އެމެރިކާގެ މިޑްޓާމް އިންތިހާބުގައި ކޮންގްރެސްގެ ދެ ގޭގެ އަގުލަބިއްޔަތު ޑިމޮކްރެޓުން ހޯދުމާ ގުޅިގެން، ރައީސް ޓްރަމްޕްގެ ސިޔާސަތުތަކަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވާނެއެވެ. މީގެ ތެރޭގައި އީރާނާ ދެކޮޅަށް ކުރާ ހަނގުރާމައަށް ހުރަސްއެޅުމާއި، ތަކެތީގެ އަގުބޮޑުވުން ހުއްޓުވުމަށް ޑިމޮކްރެޓުން ބާރުއަޅާނެއެވެ. ނަމަވެސް، ކޮންގްރެސްގެ ހުއްދައާ ނުލައި ރައީސަށް ކުރެވޭނެ ބައެއް ކަންކަން އަދިވެސް ހުރިކަން ފާހަގަކުރެވެއެވެ.

ހޮންކޮންގުގެ އެކްޓިވިސްޓު ޖޯޝުއާ ވޮންގް 10 އަހަރަށް ޖަލަށް

ހޮންކޮންގުގެ ގައުމީ ސަލާމަތާ ބެހޭ އާ ގާނޫނުގެ ދަށުން، ބޭރުގެ ބާރުތަކާ ގުޅިގެން މަސައްކަތް ކުރި ކަމުގެ ކުށުގައި އެކްޓިވިސްޓު ޖޯޝުއާ ވޮންގް 10 އަހަރަށް ޖަލަށްލުމަށް ކޯޓުން ވަނީ ހުކުމްކޮށްފައެވެ. މި ހުކުމާއެކު، އަންނަ ޖެނުއަރީ މަހު މިނިވަންވާން އޮތް ވޮންގްގެ ޖަލު މުއްދަތު އިތުރުވެގެންދާއިރު، އޭނާ ވަނީ ދައުލަތާ ދެކޮޅަށް ރޭވުންތައް ރޭވި ކަމުގެ ދައުވާތަކަށް އިއުތިރާފުވެފައެވެ.

ނޯވޭ ރަސްގެފާނުގެ ދޮންދަރިކަލުން ޓެގް އަޅުވައި ގޭ ބަންދުގައި

ނޯވޭގެ ރަސްގެފާނުގެ ދޮންދަރިކަލުން މާރިއަސް ބޯގް ހޮއިބީގެ މައްޗަށް ސާބިތުވެފައިވާ ރޭޕްގެ މައްސަލަތަކުގެ އިސްތިއުނާފު މަރުހަލާ ނިމެންދެން، ފައިގައި ޓެގް އަޅުވައި ގޭބަންދުގައި ބެހެއްޓުމަށް އެ ގައުމުގެ ކޯޓަކުން ވަނީ ހުކުމްކޮށްފައެވެ. ޖަލު ހުކުމެއް އިއްވާފައިވާ ހޮއިބީގެ މައްޗަށް ރޭޕްގެ އިތުރުން ގެވެށި އަނިޔާގެ ތުހުމަތުތައް ކުރެވިފައިވާއިރު، އޭނާގެ އިސްތިއުނާފީ ޝަރީއަތް ފެށުމަށް ހަމަޖެހިފައިވަނީ އަންނަ ފެބްރުއަރީ މަހުގައެވެ.

ދުނިޔެ ވަށާ ހިނގުމުގައި 28 އަހަރު ހޭދަކުރި މީހެއް އެނބުރި ގެއަށް

ދުނިޔެ ވަށައި ހިނގުމަށް 28 އަހަރު ދުވަހު 31،000 މޭލުގެ ދަތުރެއް ކުރި އިނގިރޭސިވިލާތުގެ ކާލް ބުޝްބީ، އޭނާގެ ދަތުރު ނިންމާލުމަށްފަހު އެނބުރި ގައުމަށް ގޮސްފިއެވެ. އަމިއްލަ ބާރުގައި އެކި ބައްރުތަކާއި ކަނޑުއޮޅިތައް ހުރަސްކޮށް އޭނާ ކުރި މި ދަތުރު ނިންމާލުމުން، އާއިލާ އާއި ގިނަ އަދަދެއްގެ ބަޔަކު ވަނީ އޭނާއަށް ހޫނު މަރުހަބާއެއް ކިޔާފައެވެ.

Newsletter

Get the latest news delivered straight to your inbox