410 މިލިއަން ޑޮލަރުގެ ސިއްރު ޑީލްތަކުގައި އެމެރިކާއިން 25000 މީހުން ޑީޕޯޓުކޮށްލައިފި

Sep 22, 2026, 9:00 AM
ފޮޓޯ: ރޮއިޓާސް

ފޮޓޯ: ރޮއިޓާސް

ހިޖުރަވެރިން ފޮނުވާލުމަށް 35 ގައުމަކާއެކު އެމެރިކާއިން ހަދާފައިވާ ސިއްރު އެއްބަސްވުންތަކެއްގެ ދަށުން، މިހާތަނަށް 25،000 އަށްވުރެ ގިނަ މީހުން، އެ މީހުންނަށް އެއްވެސް ގުޅުމެއް ނެތް ގައުމުތަކަށް ޑީޕޯޓްކޮށްފައިވާ ކަމަށް ރިޕޯޓަކުން ހާމަވެއްޖެ އެވެ.

ޖެނުއަރީ 2025 ގައި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވެރިކަމާ ހަވާލުވެވަޑައިގަތް ފަހުން، ގާނޫނީ ގޮތުން އަމިއްލަ ގައުމަށް ފޮނުވާނުލެވޭ ހިޖުރަވެރިން ބަލައިގަތުމަށް ތަރައްގީވަމުން އަންނަ ގައުމުތަކާއެކު ވޮޝިންޓަނުން ދަނީ އެއްބަސްވުންތަކެއްގައި ސޮއިކުރަމުންނެވެ.

"ފޮބިޑަން ސްޓޯރީޒް" އިން ކުރިއަށް ގެންދިޔަ މި ތަހުގީގުން ހާމަވިގޮތުގައި، ހިޖުރަވެރިން ބަލައިގަންނަ ގައުމުތަކަށް ސީދާ ގޮތުންނާއި، އެ މީހުން ފޮނުވާލުމުގެ ކަންކަން ފަހިކޮށްދޭ އދ. ގެ އެޖެންސީތަކަށް ދިނުމަށް ޓްރަމްޕްގެ ސަރުކާރުން ވަނީ 410 މިލިއަން އެމެރިކާ ޑޮލަރު ކަނޑައަޅާފަ އެވެ.

ބައިނަލްއަގުވާމީ ނޫސްވެރިންގެ އިއްތިހާދަކާ ގުޅިގެން ފޮބިޑަން ސްޓޯރީޒް އިން އެއްކުރި މައުލޫމާތުތަކަށް ބަލާއިރު، އޮގަސްޓް 31، 2026 ގެ ނިޔަލަށް މަދުވެގެން 25،447 މީހުން ވަނީ އެމެރިކާއިން ތިންވަނަ ގައުމުތަކަށް ޑީޕޯޓްކޮށްލާފަ އެވެ.

މީގެ ތެރެއިން ގިނަ މީހުން، ނުވަތަ ގާތްގަނޑަކަށް 20،000 މީހުން ފޮނުވާލާފައިވަނީ މެކްސިކޯއަށެވެ. ބާކީ ތިބި މީހުން ލެޓިން އެމެރިކާ، އެފްރިކާ އަދި ޕެސިފިކް ސަރަހައްދުގެ 27 ގައުމަކަށް ބަހާލާފައިވާއިރު، އިތުރު ހަތް ގައުމަކާއެކު މިހާރު ވަނީ އެއްބަސްވުންތައް ނިންމާފަ އެވެ.

މި އެއްބަސްވުންތައް އެކި ގައުމުތަކުގައި ތަފާތެވެ. އޭގެ ތެރޭގައި ޑީޕޯޓްކޮށްލެވޭނެ މީހުންގެ ގައުމުތަކާއި، ކުށުގެ ރެކޯޑު އޮތް މީހުން ބަލައިގަންނާނެތޯ ނުވަތަ ނޫންތޯ ކަނޑައެޅުން ހިމެނެ އެވެ.

2026 ވަނަ އަހަރުގެ ކުރީކޮޅު އޭއެފްޕީން ހެދި ތަހުގީގަކުން އެނގުނުގޮތުގައި، ޑީޕޯޓްކޮށްލާ މީހުން ބަލައިގަތުމަށް އެފްރިކާގެ ގައުމުތަކަށް މަޖުބޫރުކުރުވުމުގެ ގޮތުން ވޮޝިންޓަނުން ދަނީ ވިސާ ދިނުން މަނާކުރުމާއި ފިޔަވަޅު އެޅުން ފަދަ އުކުޅުތައް ބޭނުންކުރަމުންނެވެ.

ގާނޫނީ ވަކީލުން އޭއެފްޕީއަށް މައުލޫމާތު ދިންގޮތުގައި، ޑީޕޯޓްކޮށްލާ މީހުން ފޮނުވާލަނީ އެއްވެސް ގާނޫނީ ހިމާޔަތެއް ނެތް "ކަނު އަނދިރިގަނޑަކަށެވެ". އެ މީހުންނާ އެއްވެސް ގުޅުމެއް ނެތް ގައުމުތަކުގައި އެއްވެސް ދައުވާއަކާ ނުލައި ބަންދުކޮށްފައި ބައިތިއްބާއިރު، އެ ގައުމުތަކުގައި އެ މީހުންނަށް ލިބިދޭ އެއްވެސް ހައްގެއް ނޯވެ އެވެ.

ފޮބިޑަން ސްޓޯރީޒް އިން ބުނި ގޮތުގައި، ތިންވަނަ ގައުމުތަކުން ޑީޕޯޓްކޮށްލާ މީހުން ބަލައިގަތުމާ ގުޅޭގޮތުން އެފްރިކާގެ 54 ގައުމުގެ ތެރެއިން 49 ގައުމަކާ އެމެރިކާއިން ވަނީ މަޝްވަރާކޮށްފަ އެވެ.

މި މަޝްވަރާތަކާއި ފައިސާގެ މުއާމަލާތްތައް މައިގަނޑު ގޮތެއްގައި ބަލަހައްޓަނީ މޭ 2025 ގައި އުފެއްދި، މާ ބޮޑު މަގުބޫލުކަމެއް ނެތް ސްޓޭޓް ޑިޕާޓްމަންޓުގެ ގޮފި، "އޮފީސް އޮފް ރީމިގްރޭޝަން" އިން ކަމަށް ފޮބިޑަން ސްޓޯރީޒްގެ ރިޕޯޓުގައިވެ އެވެ.

މި އޮފީހުގެ އިސްވެރިއަކީ ކުރިން ސެކިއުރިޓީ އޮފިސަރެއްގެ ގޮތުގައި މަސައްކަތް ކުރެއްވި، އުމުރުން 41 އަހަރުގެ ޑިޕްލޮމެޓް ކްރިސްޓިއަން ޖޯވް އާހާޑް އެވެ.

ޑީޕޯޓްކޮށްލާ މީހުން ބަލައިގަތުމާ ގުޅޭގޮތުން ޑިސެމްބަރު މަހު އެމެރިކާއާއެކު ފަހުމުނާމާއެއްގައި ސޮއިކުރި ކެމަރޫނަށް އޭނާ ކުރެއްވި ދަތުރުގެ ތަފްސީލުތައް މި ރިޕޯޓުގައި ހިމަނާފައިވެ އެވެ. އެ އެއްބަސްވުމުގައި ސޮއިކުރިތާ ހަފުތާއެއް ފަހުން، ގާތްގަނޑަކަށް 400 މިލިއަން ޑޮލަރުގެ ފަސް އަހަރު ދުވަހުގެ ސިއްހީ އެހީގެ ޕްރޮގްރާމެއްގައި ވެސް އެ ގައުމުން ވަނީ ސޮއިކޮށްފަ އެވެ.

ޖެހިގެން އައި މަހު ސްޓޭޓް ޑިޕާޓްމަންޓުން ބުނީ، ރެފިއުޖީން އަނބުރާ ފޮނުވާލުމުގެ ކަންކަން ފަހިކުރުމަށާއި ގަވާއިދާ ހިލާފަށް ހިޖުރަކުރުން ހުއްޓުވުމަށް ކެމަރޫނުގައި ހުންނަ އދ. ގެ ރެފިއުޖީ އެޖެންސީ (ޔޫއެންއެޗްސީއާރު) އަށް އިތުރު 30 މިލިއަން ޑޮލަރު ދޭނެ ކަމަށެވެ.

ޑީޕޯޓްކޮށްލި މީހުން ގޮވައިގެން ފުރަތަމަ ބޯޓު ކެމަރޫނަށް ގޮސްފައިވަނީ ޖެނުއަރީ 14 ވަނަ ދުވަހު އެވެ.

އެހެން ބައެއް އެއްބަސްވުންތަކުގެ ދަށުން ސަރުކާރުތަކަށް ސީދާ ގޮތުން ފައިސާ ދީފައިވެ އެވެ.

އާބާދީގައި 18،000 މީހުންވެސް ހަމަނުވާ ޕެސިފިކް ކުޑަ ޖަޒީރާ ގައުމެއް ކަމަށްވާ ޕަލާއޫ އިން ޑިސެމްބަރު 2025 ގައި ވަނީ 7.5 މިލިއަން ޑޮލަރުގެ ބަދަލުގައި ތިންވަނަ ގައުމުތަކުގެ 75 މީހުން ބަލައިގަތުމަށް އެއްބަސްވުމެއްގައި ސޮއިކޮށްފަ އެވެ.

ނަމަވެސް، އެ އެއްބަސްވުމުގެ ދަށުން މިހާތަނަށް އެ ގައުމަށް ފޮނުވާލާފައިވަނީ އެންމެ ތިން މީހުންނެވެ.

އެސްވާޓިނީގައި 5 މިލިއަން ޑޮލަރަށްވުރެ އަގުބޮޑު އެއްބަސްވުމެއްގެ ދަށުން 160 މީހުން ބަލައިގަތުމަށް އެއްބަސްވެފައިވާއިރު، ޖުލައި 2025 އިން ފެށިގެން މިހާތަނަށް 32 މީހުން ވަނީ އެ ގައުމަށް ގޮސްފަ އެވެ. މި ތަހުގީގުން އެނގުނު ގޮތުގައި، އެ ގައުމުން ވަނީ ކުށުގެ ރެކޯޑު އޮތް މީހުން ވެސް ބަލައިގެންފަ އެވެ.

މި އެއްބަސްވުންތަކަށް ކަނޑައެޅި 410 މިލިއަން ޑޮލަރުގެ ތެރެއިން 81 މިލިއަން ޑޮލަރު ހާއްސަކޮށްފައިވަނީ ސޮއިކުރި ގައުމުތަކުގެ ސަރުކާރުތަކަށް ކަމަށް ސްޓޭޓް ޑިޕާޓްމަންޓުގެ އެތެރޭގެ ލިޔެކިޔުންތަކުން ދައްކަ އެވެ.

ބާކީ ހުރި ފައިސާ އަމާޒުކޮށްފައިވަނީ އެހީދޭ ޖަމިއްޔާތަކަށެވެ. އޭގެ ތެރޭގައި އދ. ގެ އިންޓަނޭޝަނަލް އޯގަނައިޒޭޝަން ފޯ މައިގްރޭޝަން (އައިއޯއެމް) އަށް ދޭ 178 މިލިއަން ޑޮލަރާއި، ޔޫއެންއެޗްސީއާރު އަށް ދޭ 123 މިލިއަން ޑޮލަރު ހިމެނެ އެވެ.

މި ކަމުގައި ބައިވެރިވާތީ އެ އެޖެންސީތަކަށް ފާޑުކިޔުންތައް އަމާޒުވެފައިވީ ނަމަވެސް، ޔޫއެންއެޗްސީއާރު އިން ފޮބިޑަން ސްޓޯރީޒް އަށް ބުނީ އެއީ ދެ ގައުމުގެ ދެމެދުގައިވާ އެއްބަސްވުންތަކުގެ ބައިވެރިއެއް ނޫން ކަމަށާއި، އެމެރިކާގެ ފަންޑު ބޭނުންކުރަނީ ހިމާޔަތް ހޯދާ ނިޒާމުތައް ވަރުގަދަކުރުމުގެ މެންޑޭޓުގެ ދަށުން ކަމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ބަނޑަށް ބައިތިއްބައިގެން މީހުން މެރި ކަލްޓް ލީޑަރު ޖަލަށް

ކެންޔާގައި "އީސާގެފާނާ ބައްދަލުކުރުމަށް" ކަމަށް ބުނެ ގިނަ އަދަދެއްގެ ކުޑަކުދިން ބަނޑަށް ބައިތިއްބައިގެން މަރާލި ކަލްޓް ލީޑަރު ޕޯލް މެކެންޒީ 200 އަހަރަށް ޖަލަށްލުމަށް އެ ގައުމުގެ ކޯޓުން ހުކުމްކޮށްފިއެވެ. ޝަކަހޯލާ ޖަންގަލީގެ ތެރޭގައި ހިންގި މި ރަހުމްކުޑަ އަމަލާ ގުޅިގެން މެކެންޒީގެ އިތުރުން އެ ކަލްޓުގެ 28 މެންބަރެއްގެ މައްޗަށް ވެސް ވަނީ މީހުން މެރުމުގެ ކުށް ސާބިތުވެފައެވެ.

ބޭންކު ބަނގުރޫޓުވި މައްސަލައިގައި ރައީސް އަޒުލުކޮށް ގޭބަންދުގައި

ޕެރަގުއޭގެ ރައީސް ސަންޓިއާގޯ ޕެންޔާގެ މަސްލަހަތު އޮތް ބޭންކެއް ބަނގުރޫޓުވި މައްސަލައިގައި، މަގާމުގެ ނުފޫޒު ބޭނުންކުރި ކަމުގެ ތުހުމަތުގައި އޭނާ މަގާމުން އަޒުލުކޮށް ގޭބަންދުކޮށްފިއެވެ. މި މައްސަލައިގައި ގައުމުގެ ގިނަ ބައެއްގެ ފައިސާ ގެއްލި ބޮޑެތި މުޒާހަރާތަކެއް ކުރަމުންދާއިރު، ޕެންޔާގެ މައްޗަށް ވަނީ ޚިޔާނާތާއި ކޮރަޕްޝަނުގެ ދައުވާތައް އުފުލާފައެވެ.

ޖިންސީ ގޯނާގެ މައްސަލައެއްގައި މޭގަންގެ ބައްޕަ ހައްޔަރުކޮށްފި

ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މަންޒަރު ފެންނަ ތަކެތި ގެންގުޅުނު ކަމުގެ ތުހުމަތުގައި، މޭގަން މާކަލްގެ ބައްޕަ ތޯމަސް މާކަލް އެމެރިކާގެ ފްލޮރިޑާ އިން ވަނީ ހައްޔަރުކޮށްފައެވެ. އުމުރުން 82 އަހަރުގެ ތޯމަސްގެ މައްޗަށް މި ދައުވާ އުފުލާފައިވަނީ އޭނާ ކުއްޔަށް ހިފާފައިވާ ގުދަންތަކެއް ބަލައި ފާސްކުރުމަށްފަހު ކަމަށްވާއިރު، ކޯޓުން މިހާރު ވަނީ އޭނާ ބަންދުގައި ބަހައްޓައިގެން މޮނިޓަރު ކުރުމަށް އަމުރުކޮށްފައެވެ.

ޑިމޮކްރެޓުންގެ މެޖޯރިޓީން އީރާން ހަނގުރާމަ ހުއްޓުވޭތަ؟

އެމެރިކާގެ މިޑްޓާމް އިންތިހާބުގައި ކޮންގްރެސްގެ ދެ ގޭގެ އަގުލަބިއްޔަތު ޑިމޮކްރެޓުން ހޯދުމާ ގުޅިގެން، ރައީސް ޓްރަމްޕްގެ ސިޔާސަތުތަކަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވާނެއެވެ. މީގެ ތެރޭގައި އީރާނާ ދެކޮޅަށް ކުރާ ހަނގުރާމައަށް ހުރަސްއެޅުމާއި، ތަކެތީގެ އަގުބޮޑުވުން ހުއްޓުވުމަށް ޑިމޮކްރެޓުން ބާރުއަޅާނެއެވެ. ނަމަވެސް، ކޮންގްރެސްގެ ހުއްދައާ ނުލައި ރައީސަށް ކުރެވޭނެ ބައެއް ކަންކަން އަދިވެސް ހުރިކަން ފާހަގަކުރެވެއެވެ.

ހޮންކޮންގުގެ އެކްޓިވިސްޓު ޖޯޝުއާ ވޮންގް 10 އަހަރަށް ޖަލަށް

ހޮންކޮންގުގެ ގައުމީ ސަލާމަތާ ބެހޭ އާ ގާނޫނުގެ ދަށުން، ބޭރުގެ ބާރުތަކާ ގުޅިގެން މަސައްކަތް ކުރި ކަމުގެ ކުށުގައި އެކްޓިވިސްޓު ޖޯޝުއާ ވޮންގް 10 އަހަރަށް ޖަލަށްލުމަށް ކޯޓުން ވަނީ ހުކުމްކޮށްފައެވެ. މި ހުކުމާއެކު، އަންނަ ޖެނުއަރީ މަހު މިނިވަންވާން އޮތް ވޮންގްގެ ޖަލު މުއްދަތު އިތުރުވެގެންދާއިރު، އޭނާ ވަނީ ދައުލަތާ ދެކޮޅަށް ރޭވުންތައް ރޭވި ކަމުގެ ދައުވާތަކަށް އިއުތިރާފުވެފައެވެ.

ނޯވޭ ރަސްގެފާނުގެ ދޮންދަރިކަލުން ޓެގް އަޅުވައި ގޭ ބަންދުގައި

ނޯވޭގެ ރަސްގެފާނުގެ ދޮންދަރިކަލުން މާރިއަސް ބޯގް ހޮއިބީގެ މައްޗަށް ސާބިތުވެފައިވާ ރޭޕްގެ މައްސަލަތަކުގެ އިސްތިއުނާފު މަރުހަލާ ނިމެންދެން، ފައިގައި ޓެގް އަޅުވައި ގޭބަންދުގައި ބެހެއްޓުމަށް އެ ގައުމުގެ ކޯޓަކުން ވަނީ ހުކުމްކޮށްފައެވެ. ޖަލު ހުކުމެއް އިއްވާފައިވާ ހޮއިބީގެ މައްޗަށް ރޭޕްގެ އިތުރުން ގެވެށި އަނިޔާގެ ތުހުމަތުތައް ކުރެވިފައިވާއިރު، އޭނާގެ އިސްތިއުނާފީ ޝަރީއަތް ފެށުމަށް ހަމަޖެހިފައިވަނީ އަންނަ ފެބްރުއަރީ މަހުގައެވެ.

ދުނިޔެ ވަށާ ހިނގުމުގައި 28 އަހަރު ހޭދަކުރި މީހެއް އެނބުރި ގެއަށް

ދުނިޔެ ވަށައި ހިނގުމަށް 28 އަހަރު ދުވަހު 31،000 މޭލުގެ ދަތުރެއް ކުރި އިނގިރޭސިވިލާތުގެ ކާލް ބުޝްބީ، އޭނާގެ ދަތުރު ނިންމާލުމަށްފަހު އެނބުރި ގައުމަށް ގޮސްފިއެވެ. އަމިއްލަ ބާރުގައި އެކި ބައްރުތަކާއި ކަނޑުއޮޅިތައް ހުރަސްކޮށް އޭނާ ކުރި މި ދަތުރު ނިންމާލުމުން، އާއިލާ އާއި ގިނަ އަދަދެއްގެ ބަޔަކު ވަނީ އޭނާއަށް ހޫނު މަރުހަބާއެއް ކިޔާފައެވެ.

Newsletter

Get the latest news delivered straight to your inbox