ޓްރަމްޕް "އޭއައި ފޯސް"އެއް އުފައްދަވައި "އޭއައި ވެރިޔަކު" އައްޔަންކުރައްވަން ނިންމަވައިފި

Sep 20, 2026, 6:30 AM
އެމެރިކާގެ ރައީސް ޑޮނަލްޑު ޓްރަމްޕް. -- ފޮޓޯ: ގެޓީ އިމޭޖަސް

އެމެރިކާގެ ރައީސް ޑޮނަލްޑު ޓްރަމްޕް. -- ފޮޓޯ: ގެޓީ އިމޭޖަސް

އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ޓެކްނޮލޮޖީގެ ނުރައްކާތެރިކަމުގެ ވާހަކަތައް ގަދަވެފައި ވަނިކޮށް، އެމެރިކާގައި "އޭއައި ފޯސް" އެއް އުފައްދަވައި، އެ ދާއިރާގެ ކަންކަން ބެލެހެއްޓުމަށް "އޭއައި ޒާރު" އެއް ނުވަތަ އިސްވެރިއަކު އައްޔަންކުރައްވާނެ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އިއުލާނު ކުރައްވައިފި އެވެ.

ހޮނިހިރު ދުވަހު ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ޓްރަމްޕް ވިދާޅުވީ، އޭނާގެ ސަރުކާރުން އެއްވެސް ގޮތަކަށް އޭއައި ސިނާއަތުގެ ކުރިއެރުމަށް ހުރަސްއަޅައި ނުވަތަ އެ މަސައްކަތް ހުއްޓުވައި ނުލާނެ ކަމަށެވެ. އަދި އޭއައި ޓެކްނޮލޮޖީ ބޭނުންކުރުމުގައި ރައްކާތެރިކަމުގެ ހަރުދަނާ ފިޔަވަޅުތަކެއް އެޅެންދެން، އެ ދާއިރާ ތަރައްގީކުރުން މަޑުޖައްސާލުމަށް ގޮވާލަމުންދާ ގޮވާލުންތަކަށް ވެސް ޓްރަމްޕް ވަނީ ރައްދު ދެއްވާފައެވެ.

ޓްރަމްޕް މިފަދައިން ވިދާޅުވެފައި މިވަނީ، އޭއައިގެ ސަބަބުން ކުރިމަތިވެދާނެ ނުރައްކާތަކާ ގުޅޭގޮތުން ގިނަ އިންޒާރުތަކެއް ލިބެމުންދާތީ، އެ ޓެކްނޮލޮޖީ ތަރައްގީކުރުމުގައި ގުޅިގެން ފިޔަވަޅުތަކެއް އެޅުމަށް ގޮވާލުންތައް އިތުރުވެފައިވާ ދަނޑިވަޅެއްގައެވެ.

އޭއައި ފޯސް އުފެއްދުމާ ގުޅޭގޮތުން ޓްރަމްޕް އިއުލާނު ކުރެއްވި ނަމަވެސް، އެ މަޝްރޫއުގެ ތަފުސީލެއް ނުވަތަ އެކަން ކުރިއަށްދާނެ ތާވަލެއް އޭނާ ހާމަކުރައްވާފައެއް ނުވެއެވެ.

ސޯޝަލް މީޑިއާގައި ޓްރަމްޕް އިތުރަށް ވިދާޅުވީ، އޭއައި އަކީ ދެން އަންނަން އޮތް ސިނާއީ އިންގިލާބު ނުވަތަ އިންޓަނެޓް ފަދަ ވަރުގަދަ ވަސީލަތެއް ކަމަށާއި، ނަމަވެސް މީގެ ނުފޫޒާއި ބޮޑުމިން އެއަށްވުރެ މާ ބޮޑުވާނެ ކަމަށެވެ. އަދި މިއީ އެމެރިކާގެ ޖީޑީޕީގެ 25 އިންސައްތައާ ގާތްކުރާ މިންވަރެއްގެ ބޮޑު ދާއިރާއަކަށް ވެދާނެ ކަމަށް ލަފާކުރައްވަމުން، އޭއައިގެ ދާއިރާއިން ޗައިނާއަށްވުރެ ކުރީގައި އެމެރިކާ ދެމިއޮތުމަށް ބޭނުންވާ ކަމަށް ވެސް ޓްރަމްޕް ވިދާޅުވިއެވެ.

ދުނިޔޭގެ އެންމެ ބޮޑު ދެ އިގުތިސާދު ކަމަށްވާ އެމެރިކާ އާއި ޗައިނާއިން ކުރިއަރާފައިވާ ޓެކްނޮލޮޖީގެ ދާއިރާއިން ކުރިހޯދުމަށް މަސައްކަތް ކުރަމުންދާއިރު، މިހާރު ދެ ގައުމުގެ ވާދަވެރިކަމުގެ މަރުކަޒަކީ އޭއައި އެވެ. އަދި އަންނަ ހަފުތާގައި ޓްރަމްޕް ޗައިނާގެ ރައީސް ޝީ ޖިންޕިންއާ ބައްދަލުކުރައްވާއިރު މި މައުޟޫއަށް މަޝްވަރާ ކުރައްވާނެ ކަމަށް ބެލެވެއެވެ.

މީގެ އިތުރުން ޓްރަމްޕް ވިދާޅުވީ، އޭއައި ބޭނުންކޮށްގެން ނޭދެވޭ އަމަލުތައް ހިންގާ ފަރާތްތަކާ ދެކޮޅަށް މިހާރު އޮތް ޖިނާއީ އަދި މަދަނީ އަދުލުގެ ނިޒާމުގެ ތެރެއިން އޭނާގެ ސަރުކާރުން ފިޔަވަޅު އަޅާނެ ކަމަށެވެ.

އޭއައިގެ ސަބަބުން ކުރިމަތިވެދާނެ ނުރައްކާތަކާ މެދު ކުރެވޭ ތުހުމަތުތަކާއި ކަންބޮޑުވުންތަކަކީ "އޮޅުވާލުމެއް" ގެ ގޮތުގައި ސިފަކުރައްވައި، ޓްރަމްޕް ވަނީ ކުރިން ދެއްކެވި ވާހަކަތައް ތަކުރާރު ކުރައްވާފައެވެ.

އޭއައި ޓެކްނޮލޮޖީގެ ސަބަބުން އިންސާނިއްޔަތަށް ނުރައްކާވެދާނެ ކަމަށް މިހާރުގެ އަދި ކުރީގެ ދިރާސާވެރިން ބުނަމުންދާއިރު، އޭގެ ތެރެއިން އެކަކު ވަނީ މި ޓެކްނޮލޮޖީގެ ސަބަބުން "ހުރިހާ އިންސާނުން މަރުވުމުގެ" 10 ޕަސެންޓަށްވުރެ ބޮޑު ފުރުސަތެއް އޮތް ކަމަށް ބުނެފަ އެވެ. މިފަދަ ވާހަކަތަކުގެ ސަބަބުން ފާއިތުވި ހަފުތާތަކުގައި ވަނީ ބޮޑު ސަމާލުކަމެއް މިކަމަށް ހުއްޓިފައެވެ.

އޭއައިގެ ދާއިރާގައި މަސައްކަތްކުރާ ބޮޑެތި ކުންފުނިތަކުން ދަނީ އިންސާނުންނަށްވުރެ ބުއްދިވެރި ޓެކްނޮލޮޖީއެއް ކަމަށްވާ "ސުޕަ އިންޓެލިޖެންސް" އުފެއްދުމަށް ވާދަވެރި މަސައްކަތްތަކެއް ކުރަމުންނެވެ.

ކްލޯޑް، ޗެޓްޖީޕީޓީ އަދި ޖެމިނައި ފަދަ އޭއައި ވަސީލަތްތައް އުފައްދާފައިވާ އެންތްރޮޕިކް، އޯޕަން އޭއައި އަދި ގޫގުލް ފަދަ ކުންފުނިތަކުން ވަނީ، އެ ކުންފުނިތަކުގެ ޗެޓްބޮޓްތައް ބޭނުންކޮށްގެން ނުރައްކާތެރި އަމަލުތައް ހިންގާފައިވާ ބައެއް ހާދިސާތަކާއި ސެކިއުރިޓީ ބްރީޗްތަކުގެ މައުލޫމާތު ހާމަކޮށްފައެވެ.

އެންތްރޮޕިކްގެ ވެރިޔާ ދާރިއޯ އަމޯޑޭ ދާދިފަހުން ވަނީ އޭއައި ތަރައްގީކުރުން މަޑުޖައްސާލުމަށް ގޮވާލައްވައި، މުޅި ސިނާއަތް ރެގިއުލޭޓްކޮށް، އޭއައި މޮޑެލްތައް ތަރައްގީކުރާ ގޮތް މިނިވަން ފަރާތްތަކުން މޮނިޓާކުރުމަށް ހުށަހަޅުއްވާފައެވެ.

އޯޕަން އޭއައިގެ ސޭމް އޮލްޓްމަން އާއި އެކްސް އޭއައިގެ އީލޮން މަސްކް ވެސް ވަނީ އަމޯޑޭގެ މި ހުށަހެޅުންތަކަށް ތާއީދުކުރައްވާ ކަމަށް ވިދާޅުވެފައެވެ.

އެންތްރޮޕިކްގެ ކޯ-ފައުންޑަރ ޖެކް ކްލާކް ބީބީސީއަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، ތިންވަނަ ފަރާތަކަށް ޗެކް ކުރެވޭ ފަދަ "ކިލް ސްވިޗް" އެއް ނުވަތަ ކުއްލި ހާލަތުގައި ނިޒާމު ހުއްޓުވޭނެ ގޮތެއް އޮތުމަކީ މި ސިނާއަތުގައި މަޖުބޫރު ކަމަކަށް ހަދަންޖެހިދާނެ ކަމަށެވެ.

މި އިންޒާރުތަކާ ގުޅިގެން އެމެރިކާގެ ގާނޫނު ހަދާ މަޖިލީހުގެ މެންބަރުން ދަނީ އޭއައިއާ ގުޅޭ ގާނޫނުތައް ހުށަހަޅަމުންނެވެ. ނަމަވެސް އޮލްޓްމަން މި ހަފުތާގައި ވިދާޅުވީ، އާ ޓެކްނޮލޮޖީއާ އެއްވަރަށް ފައިހަމަކޮށް، އެކަން ރެގިއުލޭޓް ކުރުމުގައި ވޮޝިންޓަނަށް ދަތިތަކެއް ކުރިމަތިވެފައިވާ ކަމަށެވެ. އަދި އޭއައިގެ ރައްކާތެރިކަން ކަށަވަރުކުރުމުގައި އެ ޓެކްނޮލޮޖީ އުފައްދާ ކުންފުނިތަކަށް އާންމުން އިތުބާރު ކުރަންޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.

ސެން ފްރެންސިސްކޯގައި ބޭއްވި ކޮންފަރެންސެއްގައި އޮލްޓްމަން ވިދާޅުވީ، އެ ކުންފުނިތަކުން ރަނގަޅު ގޮތް ނިންމާނެ ކަމަށް ދުނިޔެއިން އިތުބާރު ކުރަންޖެހޭ ކަމަށާއި، އެއީ އެކަމުގެ ސީރިއަސްކަން އެ ފަރާތްތަކަށް އިހުސާސްވާތީ ކަމަށެވެ.

އިނގިރޭސިވިލާތުގެ އެކި ސިޔާސީ ޕާޓީތަކަށް ނިސްބަތްވާ މެންބަރުން ވެސް ވަނީ އޭއައިގެ ސަބަބުން އިންސާނީ ހައްގުތަކަށް ނުރައްކާވެދާނެ ކަމަށް ބުނެފަ އެވެ. އަދި މިހާރު ހުރި ގާނޫނުތަކަކީ މި ޓެކްނޮލޮޖީގެ ހަލުވި ކުރިއެރުމާ އެކަށޭނަ ގޮތެއްގައި ކުރިމަތިލެވޭނެ ފަދަ ގާނޫނުތަކެއް ނޫން ކަމަށް އެ ބޭފުޅުން ވަނީ ވިދާޅުވެފަ އެވެ.

އިންސާނީ ހައްގުތަކާ ބެހޭ ޖޮއިންޓް ކޮމިޓީ (ޖޭސީއެޗްއާރް) އިން ވަނީ މިފަދަ ނުރައްކާތަކުގެ ސީރިއަސްކަމަށް ރިއާޔަތްކޮށް، އޭއައިއާ ގުޅޭ އާ ބިލެއް އެކުލަވާލުމަށް ގޮވާލައި ރިޕޯޓެއް ޝާއިއުކޮށްފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖެންޒީ މުޒާހަރާތައް ޖަރުމަނާ ހަމައަށް ފޯރައިފި

ތައުލީމީ ނިޒާމު ރަނގަޅުކުރުމަށާއި ދިރިއުޅުމުގެ ޚަރަދުތައް ކުޑަކުރުމަށް ގޮވާލައި، ޖަރުމަނުގެ 34 ސިޓީއެއްގައި ޒުވާނުން އިސްވެ ބާއްވާ ބޮޑު މުޒާހަރާއެއްގައި 160،000 އަށް ވުރެ ގިނަ މީހުން ބައިވެރިވާނެ ކަމަށް ލަފާކުރެވެއެވެ. ޔޫރަޕްގެ އެކި ގައުމުތަކުގައި ކުރިއަށްދާ "ޖެންޒީ" މުޒާހަރާތަކުގެ ބައެއްގެ ގޮތުގައި ބާއްވާ މި ހަރަކާތްތަކުގެ ތެރެއިން ހަމަނުޖެހުން ހިނގައިފާނެ ކަމުގެ އިންޒާރު ކަމާބެހޭ ފަރާތްތަކުން ވަނީ ދީފައެވެ.

އާ ކުރިމަތިލުންތަކެއް ފަށައިފި ނަމަ ވަރަށް ގޯސްވާނެ: މިސްރު

އެމެރިކާ އާއި އީރާނާ ދެމެދު އާ ކުރިމަތިލުންތަކެއް ފަށައިފި ނަމަ، އޭގެ ނޭދެވޭ އަސަރު މުޅި ސަރަހައްދަށް ވަރަށް ބޮޑަށް ކުރާނެ ކަމަށް ވިދާޅުވެ މިސްރުގެ ފޮރިން މިނިސްޓަރު ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. ދެ ގައުމުގެ މެދުގައި އުފެދިފައިވާ ޚިޔާލުތަފާތުވުންތައް ހައްލުކޮށް، ހޮރްމޫޒް ކަނޑުއޮޅި ހުޅުވުމަށް ގަތަރު މެދުވެރިވެގެން މަޝްވަރާތައް ކުރިއަށްދިޔަ ނަމަވެސް، އަދިވެސް އެއްބަސްވުމަކަށް އާދެވިފައެއް ނުވެއެވެ.

ވިހަ އިންޖެކްޝަން ޖަހައިގެން މަރުނުވި ކްރިސްޓާގެ ފުރަތަމަ ބަސް

އެމެރިކާގެ ޓެނެސީގައި ވިހަ އިންޖެކްޝަން ޖަހައިގެން މަރުގެ އަދަބު ތަންފީޒުކުރަން އުޅުމުގެ ތެރޭގައި ސަލާމަތްވި ކްރިސްޓާ ޕައިކް، އެ ހާދިސާއަށްފަހު އޭނާއަށް ޖިސްމާނީ އަދި ނަފްސާނީ ގޮތުން ބޮޑެތި ވޭންތަކެއް ތަހައްމަލު ކުރަންޖެހިފައިވާ ކަމަށް ބުނެފިއެވެ. އިންޖެކްޝަން ޖެހި ބޭސްތައް ލޭގެ ނިޒާމަށް ދައުރުނުވެ އަތަށް ޖަމާވުމުގެ ސަބަބުން އޭނާގެ އަތް ފިހި، ވާހަކަދެއްކުމަށް އުނދަގޫވެފައިވާއިރު، މިހާރު އޭނާ ބަންދުކޮށްފައި ހުރީ އެކަހެރި ގޮޅިއެއްގައެވެ.

އެމެރިކާގައި ޖާސޫސްކުރި ޗައިނާ ދެ މީހަކު ޖަލަށް

އެމެރިކާގެ އަސްކަރީ މައުލޫމާތު ހޯދައި ޗައިނާ ސަރުކާރަށް ޖާސޫސްކޮށްދޭން އުޅުނު ޗައިނާގެ ދެ މީހަކު 30 މަސްދުވަހަށް ޖަލަށްލުމަށް އެމެރިކާގެ ކޯޓަކުން ވަނީ ހުކުމްކޮށްފައެވެ. މި ދެ މީހުން ވަނީ 2021 ވަނަ އަހަރުން ފެށިގެން އެމެރިކާގެ ސިފައިން ރެކްރޫޓްކުރުމަށާއި އަސްކަރީ މަރުކަޒުތަކުގެ މައުލޫމާތު އެއްކުރުމަށް ފުޅާދާއިރާއެއްގައި މަސައްކަތްކޮށްފައެވެ.

ޔޫކްރޭނަށް 500 ޕެޓްރިއޮޓް މިސައިލް ވިއްކަން ހުއްދަ ދީފި

ރަޝިޔާގެ ވައިގެ ހަމަލާތަކުން ދިފާއުވުމަށްޓަކައި 2.1 ބިލިއަން ޑޮލަރުގެ ޕެޓްރިއޮޓް މިސައިލް ޔޫކްރޭނަށް ވިއްކުމަށް އެމެރިކާ ސަރުކާރުން ހުއްދަ ދީފިއެވެ. ކެނެޑާ އާއި ޔޫރަޕްގެ ގައުމުތަކުގެ މާލީ އެހީގައި ކުރިއަށްގެންދާ މި މުއާމަލާތުގެ ދަށުން 500 މިސައިލް ޔޫކްރޭނަށް ލިބޭނެ ނަމަވެސް، މި ތަކެތި އުފައްދާ ފޯރުކޮށްދިނުމަށް ގިނަ އަހަރުތަކެއް ނަގާނެ ކަމަށް ބެލެވެއެވެ.

ބައިނޭންސްއިން 6.3 ބިލިއަން ޑޮލަރު ވަގަށް ނަގައިފި

ދުނިޔޭގެ އެންމެ ބޮޑު ކްރިޕްޓޯ އެކްސްޗޭންޖް، ބައިނޭންސްއިން 6.3 ބިލިއަން ޑޮލަރު ވަގަށް ނެގުމާ ގުޅިގެން ކްރިޕްޓޯ ބާޒާރަށް ބޮޑު ލޮޅުމެއް އަރައި، ފައިސާ ނެގުން ވަގުތީ ގޮތުން މެދުކަނޑާލައިފިއެވެ. މި ހަމަލާގެ ފަހަތުގައި އުތުރު ކޮރެއާ އޮތް ކަމަށް ތުހުމަތު ކުރެވޭއިރު، ކަސްޓަމަރުންނަށް ލިބުނު ގެއްލުން ފޫބެއްދުމަށް ކުންފުނީގެ އަމިއްލަ ރިޒާވް ބޭނުންކުރާނެ ކަމަށް ބައިނޭންސްއިން ވަނީ ބުނެފައެވެ.

އަރަބި ޕާޓީތައް ގިނަ ވޯޓު ހޯދީ މަކަރު ހަދައިގެން: ނަތަންޔާހޫ

އިސްރާއީލުގެ އިންތިޚާބުގައި އަރަބި ޕާޓީތަކުން ހޯދި ކާމިޔާބީއަކީ އޮޅުވާލުމެއް ކަމަށް ބޮޑުވަޒީރު ނަތަންޔާހޫ އެއްވެސް ހެއްކެއް ނެތި ތުހުމަތުކޮށްފިއެވެ. މި ތުހުމަތުތަކަކީ އަރަބި ޕާޓީތަކުގެ އެހީގައި ވާދަވެރިން ސަރުކާރެއް އެކުލަވާލަފާނެތީ އެކަމަށް ހުރަސްއެޅުމަށް ނަތަންޔާހޫ ކުރާ މަސައްކަތެއް ކަމަށް މަސްރަހު ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ. އިންތިޚާބުގެ ނަތީޖާ ދައްކާގޮތުން އެއްވެސް ޕާޓީއަކަށް ސަރުކާރެއް އެކުލަވާލުމަށް ބޭނުންވާ ސާފު އަޣުލަބިއްޔަތު ލިބިފައެއް ނުވެއެވެ.

Newsletter

Get the latest news delivered straight to your inbox