ކުރީގެ ރައީސް، އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ވެރިކަމުގައި މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) ގެ ސީއީއޯގެ މަގާމުގައި ހުންނެވި މުހައްމަދު ޖުނައިދުގެ މައްޗަށް ދައުވާކޮށްދިނުމަށް އެދި އެންޓި ކޮރަޕްޝަން ކޮމިޝަނުން ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވައިފި އެވެ.
ޖުނައިދުގެ އިތުރުން، އެމްޕީއެލްގެ ޕްރޮކިއުމެންޓް ޑިޕާޓުމެންޓުގެ ވެރިއަކަށް އޭރު ހުންނެވި، އަބްދުލްވައްހާބު، މ. ހިލްއިންދަގާޑަން ގެ މައްޗަށް ވެސް ދައުވާކޮށްދިނުމަށް އެދި ޕީޖީ އޮފީހަށް ވަނީ ފޮނުވައިފަ އެވެ.
އެ ދެ މީހުންގެ މައްޗަށް ދައުވާކޮށްދިނުމަށް އެދި އޭސީސީން ޕީޖީ އޮފީހަށް ފޮނުވީ، 2016 އަދި 2017 ވަނަ އަހަރު އެމްޕީއެލްއިން 18 އެއާކޮންޑިޝަންއެއް އޭރު އެމްޕީއެލްއިން އަމަލުކުރަމުންދިޔަ ގަވާއިދާ ހިލާފަށް ގަނެފައިވާ މައްސަލައެއްގަ އެވެ.
އޭސީސީން ބުނީ އެ އޭސީތައް އޭރު ގަނެފައި ވަނީ އިއުލާނުކުރުމެއް ނެތި، އެ ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުގެ ނިންމުމަކާ ވެސް ނުލައި ކަމަށެވެ. އަދި، އެ އޭސީތައް ގަނެފައި ވަނީ އެ މަސައްކަތުގެ ތަޖުރިބާ ލިބިފައި ނެތް، ޖުނައިދު އާއި އަބްދުލްވައްހާބުއާ ގުޅުން އޮންނަ ބައެއްގެ ވިޔަފާރިއަކުން އެ ދުވަސްވަރު މާކެޓު ރޭޓުގައި އޭސީ ލިބެންހުރި އަގަށްވުރެ ބޮޑުކޮށް ކަމަށެވެ.
އެގޮތުން، އެ އޭސީތައް ގަނެފައި ވަނީ 1،083،998ރ. އަށް ކަމަށް އޭސީސީން ބުންޏެވެ.

އެ ދެ މީހުންގެ މައްޗަށް ދައުވާކޮށްދިނުމަށް އެދި ފޮނުވާފައި ވަނީ ރަސްމީ ހައިސިއްޔަތު ނުވަތަ އެ ހައިސިއްޔަތުގެ ނުފޫޒު ނަހަމަގޮތުގައި ބޭނުންކޮށްގެން ނާޖާއިޒު މަންފާ ހޯދައިދިނުމުގެ ކުށުގެ ދައުވާ އާއި ކޮރަޕްޝަން ހުއްޓުވުމާއި މަނާކުރުމުގެ ގާނޫނުގެ ދަށުން ދައުލަތަށް ފައިދާއެއް ލިބެން އޮތްކަމެއްގައި އެނޫންގޮތަކަށް އަމަލުކކުރުމުގެ ކުށުގެ ދައުވާ އެވެ.












