ރިޕޯޓުބްރިޖަށް އުރުނު ދެ ބޯޓު: ރާއްޖެއަށް ވަގަށް އެތެރެވުމާއި ދިޔަވެ ފެތުމާ ހަމައަށް ހުސް އިހުމާލު!

ބްރިޖަށް އުރުނު ދެ ބޯޓު: ރާއްޖެއަށް ވަގަށް އެތެރެވުމާއި ދިޔަވެ ފެތުމާ ހަމައަށް ހުސް އިހުމާލު!

ރާއްޖޭގެ ކަނޑުގެ ސަރަހައްދު 24 ގަޑިއިރު ޑްރޯން ބޭނުންކޮށްގެން ބަލަހައްޓާނެ ކަމުގެ ޔަގީންކަން ސަރުކާރުން ދީފައިވަނިކޮށް، ބޭރުގެ ދެ ބޯޓެއް ވަގަށް އެތެރެވުމާއި މި ދެ ބޯޓު ރާއްޖޭގެ ސަރަހައްދުގައި ހަފުތާއެއް ވަންދެން އޮތްއިރުވެސް ކަމާބެހޭ ފަރާތްތަކަށް އެކަން އެނގިފައި ނުވުމަކީ ކަންބޮޑުވުމެކެވެ.

ނަގިލި ކަހާލައިގެން ގޮސް ބޯޓު ބުރިޖަށް އުރިފައި. -- ފޮޓޯ: ސޯޝަލް މީޑިއާ
ނަގިލި ކަހާލައިގެން ގޮސް ބޯޓު ބުރިޖަށް އުރިފައި. -- ފޮޓޯ: ސޯޝަލް މީޑިއާ

ދިވެހި ދައުލަތުން 560 މިލިއަނެއްހާ ރުފިޔާ ހަރަދުކޮށްގެން ބައިރަކްތާރު ޓީބީ 2 މަރުކާގެ ތިން ޑްރޯން ގެނެސް ދިވެހި އަސްކަރިއްޔާގެ އެއާ ކޯ އިފުތިތާހުކުރެއްވުމަށް ފަހު، ނ. މާފަރުގައި ހުންނަވައި ރައީސުލްޖުމްހޫރިއްޔާ މުހައްމަދު މުއިއްޒު ދެއްވީ މި ރާއްޖޭގެ ކަނޑުގެ ސަރަހައްދު 24 ގަޑިއިރު ބެލެހެއްޓޭނެކަމުގެ ޔަގީންކަމެވެ.

އޭގެ ކުރިން ރާއްޖޭގެ ކަނޑުގެ ސަރަހައްދު ބަލަހައްޓަމުން ދިޔައީ ބޭރުގެ ބައެއް ގައުމުތަކުގެ އެހީތެރިކަމާއެކު ނަމަވެސް، ދެން އެކަން ކުރާނީ ދިވެހީން އަމިއްލައަށް ކަމަށް ލައިވްކޮށް ދައްކަމުންދިޔަ އެ ޖަލްސާގައި ވާހަކަދައްކަވަމުން އެމަނިކުފާނު އެރޭ ވިދާޅުވި އެވެ.

"މި ދެންނެވި ނުވަލައްކަ އަކަ ކިލޯ މީޓަރުގެ ބޮޑު ސަރަހައްދަކީ، ދެން މީގެ ފަހުން ހަމަ ކޮންމެ ވަގުތުކޮޅެއްގައި ވެސް އަޅުގަނޑުމެންގެ ސަވޭލަންސްގެ ދަށުން ބެލެހެއްޓޭނެ ސަރަހައްދެއްކަން [ޔަގީންވެގެން އަޅުގަނޑުމެންނަށް އިރާދަކުރެއްވިއްޔާ މި ދިޔައީ]،" މުއިއްޒު ވިދާޅުވި އެވެ.

Advertisement

އެ ޑްރޯންތައް އުދުއްސަން ފެށުމުން ކަނޑުމަތީ ހާދިސާތަކުގައި ގެއްލޭ މީހުން ހޯދުމާއި ކަނޑުމަގުން ރާއްޖެއަށް މަސްތުވާތަކެތި އުފުލާ ބޯޓުފަހަރު އަތުލައިގަނެވޭނެކަމުގެ ފުރިހަމަ ޔަގީންކަން މުއިއްޒު އެ ރޭ ދެއްވި އެވެ.

އެހެންނަމަވެސް، މާލޭ ބޭރުގައި އަޅާފައި އޮއްވައި މިދިޔަ ހުކުރު ދުވަހުގެރޭ ނަގިލި ކަހާލައިގެން ގޮސް ސިނަމާލެ ބްރިޖަށް އުރުނު ބައު ދެ ބޯޓަކީ "24 ގަޑިއިރު ރާއްޖޭގެ މަތިން ދުއްވާ" އެ ޑްރޯންތަކުގެ ލޮލަށް ނުފެނި ރާއްޖެ ސަރަހައްދަށް ވަތްނ ދެ ބޯޓެވެ.

ރިޕަބްލިކް އޮފް ހައިޓީގެ ރެޖިސްޓްރީގައި އޮތްކަމަށް ބުނާ އެމްޓީ ކޭޖީ 1 އަދި އޭއެލް 1 ނަމަކަށް ކިޔާ އެ ދެ ބޯޓު ރާއްޖޭގެ ސަރަހައްދުގެ ތެރެއަށް ވަނީ އޭޕްރިލް 26، ގަ އެވެ. ރާއްޖޭގެ ސަރަހައްދުގައި އެ ދެ ބޯޓު އޮތްކަން ވެސް ސަލާމަތީ ބާރުތަކަށް ރޭކާލީ އޭގެ ހަފުތާއެއް ފަހުން، މެއި 3، ގަ އެވެ.

އެކަން އެނގުމާއެކު ފުލުހުންނާއި ސިފައިންނާއި ކަސްޓަމްސްއިން އެ ބޯޓަށް އަރައި ބަލައިފާސްކުރި އެވެ. ނަމަވެސް، ތެޔޮ އުފުލާ އެ ދެ ޓޭންކަރުގެ ކެޕްޓަނުންނާއި 20 މީހުން ފިޔަވައި އިތުރު އެއްވެސް އެއްޗެއް އެ މީހުންނަކަށް ނުފެނުނެވެ.

ދެ ބޯޓު ރާއްޖެއަށް އައި ސަބަބެއް ނޭނގުނު، އަދަބަކަށް ހަމައެކަނި ޖޫރިމަނާއެއް

އެ ދެ ބޯޓާ ބެހޭގޮތުން މި ނޫހުން އެއްކުރި މައުލޫމާތުން އެނގޭ ގޮތުގައި އެމްޓީ ކޭޖީ 1 އަދި، އޭއެލް 1 އަކީ އޮމާންގެ ޝިނާސްއިން ފުރައިގެން އިންޑިއާގެ ކަންޑްލާއަށް ދަތުރުކުރަން ހަމަޖެހިފައި އޮތް ދެ ބޯޓެވެ.

ނަމަވެސް، ކޮންމެވެސް ސަބަބަކާހުރެ މަންޒިލު ބަދަލުވެ ރާއްޖޭގެ ސަރަހައްދަށް އެ ދެ ބޯޓު ވަނީ އެވެ.

އެ ދެ ބޯޓު ރާއްޖޭގެ ސަރަހައްދަށް ވަތްނއިރު އޭގައި އޮޓޮމޭޝަން އައިޑެންޓިފިކޭޝަން ސިސްޓަމް (އޭއައިއެސް) ވެސް ހުރީ ނިއްވާލައިފަ އެވެ. އޭއައިއެސްއަކީ ބޯޓުގެ ލައިވް ލޮކޭޝަން އާއި ސްޕީޑާއި ދަތުރުކުރާ ކޯޒް ވަގުތުން ވަގުތަށް ޓްރެކް ކުރެވޭ ސިސްޓަމެކެވެ. އޭއައިއެސް ނިއްވާލައިގެން ދަތުރުކުރަނީ ވަގު ވިޔަފާރިކުރާ އުޅަނދުތަކާއި ކަނޑުފޭރޭ މީހުންނެވެ.

ނޭޝަނަލް ޔޫނިއަން އޮފް ސީފެއާރާސް އިންޑިއާ (އެންޔޫއެސްއައި) އަށް އެ ދެ ބޯޓުގެ ތެރެއިން ކޭޖީ 1 ބޯޓުގެ ކެޕްޓަން މިދިޔަ ޖުލައި 4، ގައި ދީފައިވާ ވީޑިއޯ އިންޓަވިއުއެއްގައި ބުނެފައި ވަނީ އެ ދެ ބޯޓު ރާއްޖޭގެ ސަރަހައްދަށް ވަނީ މިޝްރާ ނަމަކަށް ކިޔާ މީހަކާއި އިބްރާހިމް ނަމަކަށް ކިޔާ މީހަކު މަޖުބޫރުކޮށްގެން ކަމަށެވެ.

"އެ މީހުން މަކަރުން އަހަރުމެން މިތަނަށް ފޮނުވީ، އެ މީހުން [ދެ ބޯޓުގެ] ކެޕްޓަނުންނަށް އެންގީ ދިވެހިރާއްޖެއަށް ދާށޭ، ދެން އަހަރުމެން ސުވާލުކުރީ އެމީހުންނާ އެއީ ހުއްދަކަމެއް ނޫނޭ، އެއީ މަނާކަމެކޭ، އެއްވެސް ގައުމަކަށް ވަންނަ ނަމަ، އޭއައިއެސް ޖައްސަންޖެހޭނެޔޭ،" ކޭޖީ 1 ގެ ކެޕްޓަން އެ ވީޑިއޯގައި ބުނެ އެވެ.

"އަހަރުމެން އެހެން ބުނީމާ އެ މީހުން ބުނީ އަހަރުމެން ބުނާ ގޮތަށް ނުހަދައިފިއްޔާ ކަލޭމެން އެކަކަށް ވެސް ޑޮލަރެއް، މުސާރައެއް ނުދޭނަމޭ،" އޭނާ ބުނެ އެވެ.

މިޝްރާ އާއި އިބްރާހިމްއަކީ އެ ދެ ބޯޓުގެ ކުރީގެ ވެރިން ކަމަށާއި އެ ދެ ބޯޓުގެ މިހާރު ވެރިޔާ ރާއްޖޭގައި އެބަހުރި ކަމަށް ވެސް އެ ވީޑިއޯގައި އޭނާ ބުނެ އެވެ. ނަމަވެސް ރާއްޖޭގައި ހުރިކަމަށް ބުނޭ ވެރިޔާގެ ނަމެއް އޭނާ ނުބުނެ އެވެ.

މި ނޫހަށް އެނގިފައިވާ ގޮތުގައި، އަގުބޮޑުކޮށް ގަތްނ ޑްރޯންތަކަށް ހިލަމެއް ވެސް ވިޔަނުދީ ރާއްޖޭގެ ސަރަހައްދަށް އެ ދެ ބޯޓު ވަތްނ ގޮތާ ގުޅިގެން ފުލުހުން ތަހުގީގެއް ހިންގި އެވެ.

އެއްވެސް ހުއްދައެއް ނެތި އޭއައިއެސް ނިއްވާލައިގެން ރާއްޖޭގެ ސަރަހައްދަށް ވަދެ، ހަފުތާއެއްވަންދެން އެ ދެ ބޯޓު ކުރީ ކޮންކަމެއްކަން ފުލުހުންގެ އެ ތަހުގީގަކަށް ނުހޯދުނެވެ. ސަލާމަތީ ބާރުތަކަށް އެ ބޯޓު ފެނުނީ މާލެ ކައިރީގައި އަޅާފައި އޮއްވަ އެވެ.

އެކަމުގެ މައުލޫމާތު އެނގޭ މީހަކު މި ނޫހަށް ބުނީ އެ ބޯޓުތަކުން ރާއްޖެއަށް ގާނޫނާ ހިލާފު އެއްވެސް އެއްޗެއް އެތެރެކުރަން އުޅުނުކަމުގެ ނުވަތަ ރާއްޖޭގައި ތިބި ބަޔަކާ ގުޅިގެން "ގޯހެއް" ހަދަން އުޅުނުކަމުގެ އެއްވެސް ހެއްކެއް ފުލުހުންނަށް ނުލިބުނު ކަމަށެވެ.

"ގޯހެއް" ހަދަން އުޅުނުކަމުގެ އެއްވެސް ހެއްކެއް ފުލުހުންގެ ތަހުގީގަށް ނުލިބުނުކަން ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް އެންގުމުން އެ މައުލޫމާތު އެ އޮފީހުން ކަސްޓަމްސްއާ ހިއްސާކުރިކަމަށް މި ނޫހަށް މައުލޫމާތު ދިން ފަރާތްތަކުން ބުންޏެވެ. އެހެންކަމުން، ޖިނާއީ މައްސަލައެއްގެ ގޮތުގައި އެކަން ކުރިއަށް ނުގެންގޮސް، އެ ދެ ބޯޓަށް ދިނީ ޖޫރިމަނާގެ އަދަބު އެކަންޏެވެ.

މި ނޫހަށް އެނގިފައިވާ ގޮތުގައި ރާއްޖޭގެ ސަރަހައްދަށް އެއްވެސް ހުއްދައެއް ހޯދުމަކާ ނުލައި ވަނުމުގެ ކުށުގައި އޭގެ ތެރެއިން ކޮންމެ ބޯޓެއް 310،000ރ. އިން ޖޫރިމަނާކޮށް ޖޫން 29، ގެ ކުރިން އެ ޖޫރިމަނާ ދައްކަން ކަސްޓަމްސްއިން އެންގި އެވެ. ނަމަވެސް، އެ މުއްދަތު ފަހަނައަޅައިދިޔައިރު ވެސް، އެ ފައިސާ ދައްކައިފައެއް ނުވެ އެވެ.

އެންމެ ނަގިއްޔެއްގެ އެހީގައި އިންސާނުންތަކެއް ހާލުގައި ޖައްސާފައި 4 މަސް!

މާލެ ކައިރީގައި އެ ދެ ބޯޓު އޮތްކަން އެނގުމުން ސަލާމަތީ ހިދުމަތްތަކުން އެ ދެ ބޯޓަށް އަރައި ބަލައިފާސްކުރިއިރު، އޭގައި ގާނޫނާ ހިލާފު އެއްވެސް އަމަލެއް ހިންގިކަމުގެ ހެއްކެއް ނުފެނުނު ނަމަވެސް، އެ ބޯޓުތަކުގެ ހާލަތު ވަރަށް ރަނގަޅަށް އެމީހުންނަށް އެނގުނެވެ.

މާލޭ ބޭރުގައި އެ ދެ ބޯޓު ބަނދަރުޖަހައިގެން ތިބީ އެންމެ ނަގިއްޔެއްގެ އެހީގައި ކަމާއި އެ ބޯޓުތަކުގެ ނެވިގޭޝަން ލައިޓުތައް ނުދިއްލޭކަން އަދި، އޭގެ ތެރެއިން އެއް ބޯޓުގެ އިންޖީނު ހުރީ ހަލާކުވެފައިކަން އެމްއެންޑީއެފް އާއި ކަސްޓަމްސްގެ އިތުރުން މޯލްޑިވްސް ޕޯޓްސް ލިމިޓެޑުގެ އޮފިސަރުންނަށް އެނގެ އެވެ.

މާލެ އާއި ދޫނިދޫއާ ދެމެދަކީ ގިނަ އަދަދެއްގެ އުޅަނދުފަހަރު ދުއްވާ ސަރަހައްދަކަށްވެފައި، އެންމެ ނަގިއްޔެއްގެ އެހީގައި އެ ދެ ބޯޓު އެ ސަރަހައްދުގައި އަޅާފައި ބޭއްވުމަކީ ރައްކާތެރިކަމެއް ނޫންކަމަށް އެ މައްސަލައާ ގުޅިގެން ކުރިއަށް ގެންދިޔަ ބައްދަލުވުންތަކުގައި އެމްޕީއެލް އާއި އެމްއެންޑީއެފުން ފާހަގަކުރި ކަމަށް މި ނޫހަށް އެނގިފައިވެ އެވެ.

އެހެންކަމުން އެ ދެ ބޯޓުގައި ތިބި ފަޅުވެރިންނާއި ކެޕްޓަނުން އޭގެން ބާލައި އިމިގްރޭޝަނާ ހަވާލުކުރުމުގެ ކުރިން، އެ ބޯޓު ރައްކާތެރި ތަނަކަށް ގެންދިޔުމަށް މުއައްސަސާތަކުގެ މެދުގައި އެއްބަސްވި އެވެ. ސަބަބަކަށްވީ އެ ދެ ބޯޓުން މީހުން ބާލުވައިފިނަމަ، އެ ބޯޓުތައް ބަލަހައްޓާނެ ބަޔަކު ނުތިބޭނެތީ އެވެ.

އެގޮތުން، އެޗްޑީސީގެ ހުއްދައާއެކު ޖުލައި 16، ގައި އެ ދެ ބޯޓު ތިލަފުށްޓަށް ގެންގޮސް ބަނދަރުޖަހަން މުއައްސަސާތަކުން ނިންމި އެވެ. އެ މަސައްކަތް ކުރުމުގެ ޒިންމާއާ ހަވާލުވީ އެމްއެންޑީއެފްގެ އެހީތެރިކަމާއެކު ކަސްޓަމްސް އާއި އެމްޕީއެލުންކަން މި ނޫހަށް މައުލޫމާތު ލިބިފައިވެ އެވެ.

ނަމަވެސް، އެ ނިންމުމާ އެއްގޮތަށް ކަސްޓަމްސް އާއި އެމްޕީއެލްއިން އަމަލުކޮށްފައެއް ނުވެ އެވެ. ހުކުރު ދުވަހުގެރޭ އައި ކޮޅިގަނޑުގައި ނަގިލި ކަހާލައިގެން ގޮސް ސިނަމާލެ ބްރިޖަށް އުރުނީ އެކަން ހިނގައިފާނެކަމުގެ އިންޒާރު އަމިއްލައަށް ދިން މުއައްސަސާތަކުގެ އިހުމާލުންނެވެ.

ފާއިތުވި ހަތަރު މަސްދުވަހުގެ ތެރޭގައި އެ ދެ ބޯޓުގެ ފަޅުވެރިންނާއި ކެޕްޓަނުން ދިރިއުޅެމުން ދިޔައީ ވަރަށް ހާލުގައިކަން ކޭޖީ 1 ގެ ކެޕްޓަން އެންޔޫއެސްއައިއަށް ދިން އިންޓަވިއުއިން އެނގެ އެވެ.

މާލެ ސަރަހައްދުގައި އެ ދެ ބޯޓު އޮތްކަން ސަލާމަތީ ހިދުމަތްތަކަށް އެނގުނުތާ ދެ މަސްދުވަސްފަހުން ދީފައިވާ އެ އިންޓަވިއުގައި އޭނާ ބުނެފައި ވަނީ އޭގެ ކުރީ ތިން ދުވަހު ވެސް އެމީހުން ތިބީ ބަނޑަށް ކަމަށެވެ. އެންމެ ކުޑަމިނުން ބޯން ވެސް އެމީހުން ބޭނުންކުރުމަށް މަޖުބޫރުވެފައި ވަނީ ދަބަރުފެން ކަމަށް އެ ވީޑިއޯގައި އޭނާ ބުނެފައިވެ އެވެ.

"އަހަރުމެންނަށް މިތަނުން ދެވޭނެ ގޮތެއް ވަރަށް ބޭނުން، އަހަރުމެން އަތުގައި ކާއެއްޗެއް ނެތްތާ މިހާރު މިވީ ތިން ދުވަސް، އަހަރުމެން މި ބޮނީ މި ފެން، ފާއިތުވި ދެ މަސްދުވަސްވަންދެން، މި ފެން މިއީ ވާރޭ ފެން، އަހަރުމެން ޓޭންކުގައި ރައްކާ ކޮށްފައި ހުންނަ، އަހަރުމެންގެ ޓޭންކުތަކުގެ ހާލަތު ވަރަށް ދެރަ،" ދަބަރު ކުލައިގައި ހުރި ފެންތަށްޓެއް ދައްކާލަމުން އޭނާ ބުނެ އެވެ.

މި ކަންކަން މިގޮތަށް ހިނގަމުންދިޔައިރު، އެ ބޯޓުތަކުގައި ތިބި ހުރިހާ އެންމެންނާ މޯލްޑިވްސް އިމިގްރޭޝަނުން ހަވާލުވެ އިންޑިއާ އެމްބަސީ އާއި ފޮރިން މިނިސްޓްރީއާ މަޝްވަރާކޮށްގެން އެ މީހުން އަނބުރާ ގައުމަށް ފޮނުވައިލެވެންދެން ދައުލަތުގެ ބެލުމުގެ ދަށުގައި އެމީހުން ބޭތިއްބުމަށް ވެސް އެއްބަސްވެފައި އޮތްކަމަށް މި ނޫހަށް މައުލޫމާތު ދިން ފަރާތްތަކުން ބުންޏެވެ. ނަމަވެސް، މިދިޔަ ހަފުތާއާ ހަމައަށް ވެސް އެ މީހުން ތިބީ އަސާސީ އެއްވެސް ހިދުމަތެއް ލިބެން ނެތް އެ ބޯޓުތަކުގައިކަން މި ނޫހަށް މައުލޫމާތު ލިބިފައިވެ އެވެ.

އެކަމުގެ މައުލޫމާތު އެނގޭ އެހެން މީހަކު މި ނޫހަށް މައުލޫމާތު ދެމުން ބުނީ، އެ ބޯޓުތަކުގައި ހާލުގައި ޖައްސާފައި ތިބި މީހުންގެ ތެރެއިން 11 މީހަކު އަނބުރާ ގައުމަށް ގޮސްފައި ވަނީ މީގެ ދެ ދުވަހެއް ކުރިން ކަމަށެވެ. ހުކުރު ދުވަހުގެރޭ ނަގިލި ކަހާލައިގެން ގޮސް އެ ދެ ބޯޓު ބްރިޖަށް މުޑިއެރިއިރު، ބާކީ ތިބި ނުވަ މީހުން ތިބީ އެ ބޯޓުތަކުގަ އެވެ. އެ މީހުން ސަލާމަތްކުރީ ސިފައިންނެވެ.

ވެރިއަކު ނެތް ދެ ބޯޓު އެންމެފަހުން ކުއްލިއަކަށް ދިޔަވެގެން އަޑިއަށް

"ހަދާނެ ގޮތެއް ނެތިފައި" މާލެ އާއި ދޫނިދޫއާ ދެމެދު އަޅާފައި އޮތް ކޭޖީ 1 އަދި، އޭއެލް 1 ގެ ވެރިފަރާތަކީ ކޮބައިކަމެއް، ހަތަރު މަސްދުވަސްވީއިރު، މިއަދާ ހަމައަށް ވެސް ރާއްޖޭގެ ރަސްމީ އިދާރާތަކަށް ނުހޯދެ އެވެ.

މި ނޫހަށް އެނގިފައިވާ ގޮތުގައި އޭގެ ތެރެއިން އޭއެލް 1 ބޯޓުގެ އައިއެމްއޯ ނަންބަރެއް ވެސް އެނގޭކަށް ނެތެވެ.

އައިއެމްއޯ ނަންބަރަކީ ކަނޑު ބޯޓުތައް އައިޑެންޓިފައި ކުރުމަށްޓަކައި ދީފައި ހުންނަ ދާއިމީ ނަންބަރެކެވެ. އެއީ، ބޯޓުގެ އޯނަރު ނުވަތަ ފްލެގް ބަދަލުވިޔަސް، ބޯޓު އުފެއްދި ތާރީހުން ފެށިގެން ބޯޓެއް ނައްތައިލަންދެން ބޯޓުގެ ހަލްގައި ނުވަތަ ބޯޓުގެ މައިގަނޑުގައި ފެންނާން ހުންނާނެ ގޮތަށް ލިޔެފައި ހުންނަ ނަންބަރެކެވެ.

ހުކުރު ދުވަހުގެރޭ ސިނަމާލެ ބްރިޖުގެ ތަނބަކަށް އުރުނު ދެވަނަ ބޯޓު، ކޭޖީ 1 ގެ އައިއެމްއޯ ނަންބަރަކީ 8921327 ކަން މި ނޫހަށް އެނގިފައިވެ އެވެ. ކަނޑުއުޅަނދުފަހަރުގެ މައުލޫމާތު ފެންނާން ހުންނަ ވެބްސައިޓުތަކުން އެ ބޯޓުގެ މައުލޫމާތު އެނގެން އެބަހުއްޓެވެ.

އެ މައުލޫމާތުން އެނގޭގޮތުގައި، ކޭޖީ 1 އަކީ 67 މީޓަރުގެ ދިގު، 10 މީޓަރު ފުޅާ ބޯޓެކެވެ. 1990 ގައި ބާލާފައިވާ އެ ބޯޓަކީ 1106 މެޓްރިކް ޓަނުގެ ބޯޓެކެވެ. އެ ބޯޓު ދުއްވަމުން ގޮސްފައި ވަނީ ޓޯގޯ ފްލެގުގެ ދަށުންނެވެ.

މި ނޫހަށް މައުލޫމާތު ދިން ފަރާތްތަކުން ބުނީ އެ ދެ ބޯޓުގެ މިލްކުވެރިކަމަށް ދެ މީހަކު ދައުވާކުރާ ކަމަށެވެ. އެކަކަކީ އިންޑިއާގެ ރައްޔިތެއް ކަމަށާއި އަނެއް މީހާއަކީ އިރާގުގެ ރައްޔިތެއް ކަމަށް އެ ފަރާތްތަކުން ބުންޏެވެ.

އެހެންނަމަވެސް، އެ ދެ ބޯޓުގެ ވެސް ޕްރޮވިޝަނަލް ރެޖިސްޓްރީ (ވަގުތީ ރެޖިސްޓްރީ) އޮތީ އޭގެ ތެރެއިން އިރާގު މީހާގެ ނަމުގައިކަމަށް މި ނޫހަށް މައުލޫމާތު ދިން މީހުން ބުންޏެވެ. އެކަމަކު އެ ދެ ބޯޓު ހުއްދައެއް ނެތި ރާއްޖޭގެ ސަރަހައްދަށް ވަތްނއިރު، ވެސް ޕްރޮވިޝަނަލް ރެޖިސްޓްރީގެ މުއްދަތު އޮތީ ހަމަވެފައިކަމަށްވެ އެވެ.

އެ ދެ ބޯޓުގެ މިލްކުވެރިކަމަށް ދައުވާކުރާ އިންޑިއާ މީހާއަކީ އެކުވެރި އަރަބި އިމާރާތުގައި ބްލެކްލިސްޓުކޮށްފައިވާ މީހެއް ކަމަށް އިރާގު މީހާ ތުހުމަތުކުރި ކަމަށް ވެސް މި ނޫހަށް އެނގިފައިވެ އެވެ. އަދި، އިންޑިއާ މީހާ ދޭންޖެހޭ ބިލް އޮފް ސޭލްސް ދީފައި ނުވާ ކަމަށް އިރާގު މީހާ ބުނެފައިވާ ކަމަށް ވެސް މި ނޫހަށް އެނގިފައިވެ އެވެ.

އެ ދެ ބޯޓުގެ މިލްކުވެރިކަމަށް ދައުވާކުރާ ދެ މީހުންނަކީ ކޭޖީ 1 ބޯޓުގެ ކެޕްޓަންގެ ވީޑިއޯގައި ބުނި މިޝްރާ އާއި އިބްރާހިމްއަށްވުން ގާތެވެ.

މި ހުރިހާ އިހުމާލެއްގެ ފަހަތުން ދެން ލިޔާން ޖެހެނީ މިދިޔަ ހޮނިހިރު ދުވަހުގެރޭ އެމްއެންޑީއެފުން ދިން ހަބަރެވެ. ހަތަރު މަސްދުވަސްވަންދެން އެއްވެސް އަޅައިލުމެއް ނެތި އޮޔާ ތަޅަން ބާއްވާފައި އޮތްއިރު ވެސް ފެންމަތީގައި ދިޔަނުވި ދެ ބޯޓު އެރޭ ރާއްޖޭގެ ސަރަހައްދުން ބޭރަށް "ނުކުމެ" ކުއްލިއަކަށް ބައުވެ، ދިޔަވެގެން އަޑިއަށް ދިޔައީ އެވެ.

އެ ދެ ބޯޓު އަޑިއަށްދިޔަޔަސް، އެ ބޯޓުތަކުގައި ތިބި މީހުން ރާއްޖެއިން ފުރުވައިލިޔަސް މި ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށްޓަކައި ރައްޔިތުންގެ ރައުސުލްމާލުން މުސާރަދޭ ސިފައިންގެ މުއައްސަސާއަށް ނޭނގި ރާއްޖޭގެ ހިތާ ހަމައަށް ބޮޑުސިންގާ ދެ ބޯޓަށް ވަދެވުނު ގޮތް އެ މުއައްސަސާއިން ހާމަކުރަންޖެހެ އެވެ.

އޮމާނުން އިންޑިއާއަށް ދަތުރުކުރަން ހަމަޖެހިފައި އޮތް ބޯޓެއް ކުއްލިއަކަށް އެއްވެސް ހުއްދައެއް ނެތި ރާއްޖޭގެ ސަރަހައްދަށް ވަތްނ ގޮތާއި ހާލުގައި ޖެހުމުގެ ކުރިން އެ ދެ ބޯޓުން ކުރީ ކީއްކަން މަޑުނޫކުލައިގެ ޔުނީފޯމު ލައްވައި ދިވެހީން ކާންދޭ ފުލުހުން ބުނެދޭންޖެހެ އެވެ.

އެ ބޯޓުތައް ކަސްޓަމްސްގެ ބެލުމުގެ ދަށުގައި އޮއްވައި ނަގިލި ކަހާލައިގެން ގޮސް ދުވާލަކު 10،000 އަށްވުރެ ގިނަ މީހުން ބޭނުންކުރާ ބްރިޖެއްގެ ތަނބަކަށް އުރެން ދޫކޮށްލާފައި އެމްޕީއެލްއިން އޮތީ ކީއްވެ ހެއްޔެވެ؟

އިހުސާންތެރިކަމާއި ދީލަތިކަމަށް މަޝްހޫރު ދިވެހީންގެ މި ރާއްޖޭގައި އެތައް ދުވަހެއް ވަންދެން 22 މީހަކު ކާނެބޯނެ އެއްޗެއް ނެތިފައި އެ މީހުންގެ ހަމައެކަނި ކޮއްތަކީ ދަބަރުފެން ކަމަށް ހަދައިގެން ތިބެން މަޖުބޫރުކުރީ ކޮންފަދަ ތަދުމަޑުކަމެއް ޖެހިގެންތޯ ސަރުކާރުން ސާފުކޮށްދޭންޖެހެ އެވެ.

ރާއްޖޭގެ ސަރަހައްދަށް ވަދެނުކުމެ އުޅޭ ކަނޑުބޯޓުފަހަރު އަގުބޮޑުކޮށް ގަނެގެން ގެނައި ޑްރޯންތަކަށް ނުފެނުނު ނަމަވެސް، މިހިރަމިހިރަ ކަންކަމަށް ލޯ ހިންގައި ސުވާލު އުފައްދާނޭ ކިތަންމެ ބަޔަކު މި ރާއްޖޭގައި ތިބޭނެ އެވެ.

މުހައްމަދު ޝަހްޒާން

ޖާނަލިސްޓު

މުހައްމަދު ޝަހުޒާން އަކީ ނޫސްވެރިކަމުގެ ހުރިހާ ދާއިރާއެއްގެ ހަބަރުތައް ވެސް ލިޔާ ނޫސްވެރިއެކެވެ. އޭނާ އަކީ ކުރިއަރަމުން އަންނަ ހުނަރުވެރި ފީޗާ ލިޔުންތެރިއެއް ވެސް މެ އެވެ. މަލްޓިމީޑިއާގެ މަސައްކަތަކަށް ވެސް ފަރިތަ އެވެ. އޭނާ ކުރިން މަސައްކަތްކުރީ 'އަދިވެސް' ގައި ލިޔުންތެރިއަކަށެވެ.

ކޮމެންޓް

Stay in the loop

Get the latest news and reports delivered straight to your inbox