ގައުމީ އިގުތިސާދު ނާޒުކު ފައްތަރެއްގައި!

މާލޭ އުތުރު ފަރާތު ވިޔަފާރި ބަނދަރުގައި އޮތް ބޯޓެއްގައި ތިބި ބަޔަކު ސެޕްޓެމްބަރު 14، 2026 ވަނަ ދުވަހު ހަވީރު އެއްގަމަށް ފޭބުމަށް ބޮއްކުރައެއްގައި ފަލިޖަހާފައި ދަނީ. -- ފޮޓޯ: އަދަދު

މާލޭ އުތުރު ފަރާތު ވިޔަފާރި ބަނދަރުގައި އޮތް ބޯޓެއްގައި ތިބި ބަޔަކު ސެޕްޓެމްބަރު 14، 2026 ވަނަ ދުވަހު ހަވީރު އެއްގަމަށް ފޭބުމަށް ބޮއްކުރައެއްގައި ފަލިޖަހާފައި ދަނީ. -- ފޮޓޯ: އަދަދު

ދިވެހިރާއްޖޭގެ އިގުތިސާދީ ހާލަތު މިއަދު މިވަނީ ނުހަނު ނާޒުކު އަދި ގޮންޖެހުންތައް ގިނަ ދަނޑިވަޅެއްގަ އެވެ. ބޭރުން މުދާ އެތެރެކުރުމަށް ބޭނުންވާ ބޭރު ފައިސާ (ޑޮލަރު) ލިބުމުގެ ދަތިކަމާއި، ޓީޓީ ހެދުމުގައި ދިމާވާ ލަސްތަކުގެ އިތުރުން، ސަރަހައްދީ ޓްރާންޝިޕމަންޓް ބަނދަރުތަކުން މުދާ ގެނައުމުގައި ކުރިމަތިވާ ހުރަސްތަކުގެ ސަބަބުން، މުޅި ގައުމުގެ އިގުތިސާދީ ދުވެއްޔަށް މިވަނީ ބޮޑެތި ލޮޅުންތަކެއް އަރަން ފަށާފަ އެވެ.

ރާއްޖެއަކީ ދިރިއުޅުމުގެ ޒަރޫރީ ބޭނުންތަކަށް ބޭނުންވާ މުދަލުގެ ގާތްގަނޑަކަށް 99 ޕަސެންޓު އިމްޕޯޓަށް ބަރޯސާވާ ގައުމަކަށް ވާއިރު، އިގުތިސާދީ ހަރަކާތްތައް ދެމެހެއްޓުމަށްޓަކައި ބޭރު ފައިސާ ފަސޭހައިން ލިބެން ހުރުމަކީ ކޮންމެހެން ކަށަވަރުކުރަންޖެހޭ ކަމެކެވެ. އެހެންނަމަވެސް، މަރުކަޒީ ބޭންކުން ކަނޑައަޅާފައިވާ ރަސްމީ ރޭޓުގައި ބޭންކުތަކުންނާއި ލައިސަންސް ދޫކޮށްފައިވާ އެކްސްޗޭންޖުތަކުން ޑޮލަރު ނުލިބުމުގެ ނޭދެވޭ އަސަރު، އެންމެ ބޮޑަށް ތަހައްމަލުކުރަން ޖެހިފައިވަނީ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށެވެ.

ބޭރުގެ މުދާ ފޯރުކޮށްދޭ ފަރާތްތަކަށް (ސަޕްލަޔަރުންނަށް) ފައިސާ ދެއްކުމަށްޓަކައި ނުރަސްމީ ބާޒާރުން އިންތިހާއަށް ބޮޑު އަގުގައި ޑޮލަރު ގަންނަން މަޖުބޫރުވުމަކީ، މިފަދަ އެތައް ވިޔަފާރިއެއް ހުއްޓުމަކާ ދިމާއަށް ދަތުރުކުރަމުންދާ ކަމުގެ ނުރައްކާތެރި އިންޒާރެކެވެ. މީގެ އިތުރުން، ދުނިޔޭގެ މަސްރަހަށް އަންނަ ބަދަލުތަކާއި މެދުއިރުމަތީގެ ހަމަނުޖެހުންތަކާ ގުޅިގެން ކަނޑުމަގުގެ ޝިޕިން ރޫޓުތަކަށް ބުރޫއަރައި، އަވަށްޓެރި ކޮލަމްބޯ ޕޯޓު ވަނީ ވަރަށް ބޮޑަށް ތޮއްޖެހިފަ އެވެ.

Advertisement

މިކަމުގެ ސަބަބުން، ކާބޯތަކެއްޗާއި ކުޑަކުދިންގެ ކާނާ ފަދަ ޒަރޫރީ އެތައް މުދަލެއް ހިމެނޭ ކޮންޓެއިނަރުތައް އެ ބަނދަރުގައި މަސްދުވަހަށްވުރެ ދިގު މުއްދަތަކަށް ތާށިވެ އެވެ. ހަމައެއާއެކު، މާލޭ ވިޔަފާރި ބަނދަރަށް ކާގޯ ބޯޓުފަހަރުން ގެންނަ މުދާ ބޭލުމުގައި ދިމާވާ ލަސްތަކާއި، ބޯޓުފަހަރު ބަނދަރުކުރުމަށް ކިއޫގައި ގިނަ ވަގުތު ހޭދަކުރަން ޖެހުމަކީ މުދާ ލިބުން ލަސްވެ، ބާޒާރުގައި ތަކެތި ތަދުވެ އަދި އަގުތައް އިންތިހާއަށް އުފުލިގެންދާ މައިގަނޑު ސަބަބެކެވެ.

މި މައްސަލަތަކަށް ކަމާބެހޭ މުއައްސަސާތަކުން އަވަސް ހައްލެއް ނުހޯދައިފިނަމަ، ގައުމުގެ އެތައް ކުދި އަދި މެދު ފަންތީގެ ވިޔަފާރިއެއް ބަންދުކުރަން މަޖުބޫރުވެ، އޭގެ ސީދާ ނޭދެވޭ އަސަރު އާންމު ރައްޔިތުންގެ ދިރިއުޅުމުގެ ހަރަދުތަކަށާއި ދިރިއުޅުމުގެ ފެންވަރަށް ކުރާނެއެވެ. އެހެންކަމުން، މިއަދު ގައުމީ މަސްލަހަތު އިސްކޮށް، ސަރުކާރާއި ކަމާބެހޭ އެންމެހައި މުއައްސަސާތަކުން އަންނަނިވި އަވަސް ފިޔަވަޅުތައް އެޅުމަކީ ކޮންމެހެން މުހިންމު ކަމެކެވެ:

އައު ޝިޕިން ރޫޓުތައް ގާއިމުކުރުން: ކޮލަމްބޯ ބަނދަރަށް އެކަނި ބަރޯސާވުން ކުޑަކޮށް، ސަރަހައްދީ އެހެން ޓްރާންޝިޕْމަންޓް ބަނދަރުތައް މެދުވެރިކޮށް ރާއްޖެއަށް މުދާ ގެނެވޭނެ އިންތިޒާމުތައް ހަމަޖެއްސުން.

ބަނދަރުގެ ހަދުމަތްތައް ހަލުވިކުރުން: މާލޭ ބަނދަރަށް އަންނަ ބޯޓުފަހަރުން މުދާ ބޭލުމާއި، ހުސް ކޮންޓެއިނަރު އަނބުރާ ފޮނުވުމުގެ މަސައްކަތް އަވަސްކޮށް، ކްލިއަރެންސް މަރުޙަލާތައް ލުއިފަސޭހަކުރުން.

ރަސްމީ ރޭޓުގައި ބޭރު ފައިސާ ފޯރުކޮށްދިނުން: ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ބޭންކުތައް މެދުވެރިކޮށް ރަސްމީ ރޭޓުގައި ޑޮލަރު ލިބޭނެ ހަރުދަނާ އުސޫލެއް ގާއިމުކޮށް، ޓީޓީ ފޮނުވުމުގައި ހުރި ހުރަސްތައް ނައްތާލުން.

ޒަރޫރީ މުދަލަށް އިސްކަންދިނުން: ކާބޯތަކެއްޗާއި ޒަރޫރީ މުދާ އެތެރެކުރުމަށް ހާއްސަ އިސްކަމެއްދީ، ކުދި ވިޔަފާރިތައް ޙިމާޔަތްކުރުމަށް ހަރުދަނާ ސިޔާސަތުތަކެއް އެކަށައެޅުން.

މިއީ ހަމައެކަނި ވިޔަފާރިވެރިންނަށް ދިމާވެފައިވާ ގޮންޖެހުމެއް ނޫނެވެ؛ މިއީ މުޅި ދިވެހި ގައުމުގެ އިގުތިސާދީ ރައްކާތެރިކަމާއި، ކޮންމެ ދިވެހި އާއިލާއެއްގެ ދިރިއުޅުމުގެ ހާލަތާ ގުޅިފައިވާ ގައުމީ މައްސަލައެކެވެ. ބާޒާރުން ޒަރޫރީ މުދާ ހުސްވިޔަނުދީ، ޤައުމުގެ އިގުތިސާދީ ބިންގާ ހަރުދަނާކުރުމަށްޓަކައި، މިއަދު އެންމެން ގުޅިގެން ހިކުމަތްތެރި އަދި އަވަސް ފިޔަވަޅުތަކެއް އެޅުމަކީ ގައުމީ ވާޖިބެކެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ރަސްމާލޭ ޕްރޮޖެކްޓާ ގުޅޭގޮތުން ކުރުން ލާޒިމު ސުވާލުތައް

ރަސްމާލެ މަޝްރޫއުގެ ދަށުން 500 ހެކްޓަރުގެ ބިން 99 އަހަރަށް އީގަލް ހިލްސް ކުންފުންޏަށް ދޫކޮށްލުމަކީ ގައުމުގެ އިގްތިސާދަށް ބޮޑު ބަދަލެއް އަންނާނެ ކަމެއް ކަމަށް ސަރުކާރުން ބުނެއެވެ. ނަމަވެސް، ދައުލަތުން ބޮޑު ހަރަދުކޮށްގެން ހިއްކި މި ބިން އެއްވެސް ކުއްޔަކާ ނުލައި ދިގު މުއްދަތަކަށް ދޫކޮށްލުމުން ލިބޭނެ ސީދާ މަންފާއާ މެދު އާންމުންގެ މެދުގައި ވަނީ ސުވާލު އުފެދިފައެވެ. އިންވެސްޓްމަންޓްގެ ބަދަލުގައި ދިވެހިންނަށް ހަގީގަތުގައި ލިބޭ އެއްޗެއް ސާފުނުވުމަކީ މި މަޝްރޫއުގައި އޮތް އެންމެ ބޮޑު ކަންބޮޑުވުމެވެ.

މުހައްމަދު އަލައްބާރު؛ ޔަހޫދީންގެ މަދަދުގާރު

ރަސްމާލެއިން ފައްސަތޭކަ ހެކްޓަރު ބިމެއް ސަރުކާރުން ދީފައިވާ އީގަލް ހިލްސްގެ ފައުންޑަރަކީ އަލައްބާރެވެ. އޭނާއަކީ ޔަހޫދީންގެ ގާތް މިތުރެކެވެ. އެމިރޭޓްސްގައި ޔަހޫދީންގެ ސިއްރު ފައްޅިން ފެށިގެން ރަސްމީ ފައްޅިއެއް ހުޅުވުމާއި އިޒްރޭލާއި އެމިރޭޓްސްގެ ގުޅުންތައް ބަދަހިވުމުގެ ފަހަތުގައިވަނީ އަލައްބާރާއި ޔަހޫދީންނާ އޮތް ޒަމާންވީ ގުޅުމާއި އެކުވެރިކަމެކެވެ.

މާރްތަބާން ރުނބާ ރާއްޖެ އައި ގޮތާއި ތާރީހު

މާރްތަބާން ރުނބާއަކީ 17 ވަނަ ގަރުނުން ފެށިގެން ސިއާމްކަރަ އާއި ބަރުމާ ސަރަހައްދުން ކަނޑުމަގުން ރާއްޖެއަށް ތައާރަފުވި، މުދާ އުފުލުމަށާއި ފެނާއި ކާބޯތަކެތި ރައްކާކުރުމަށް ބޭނުންކުރި މުހިންމު އާލާތެކެވެ. މި ރުނބާތައް ރާއްޖެއަށް އައީ އިންޑިއާ ކަނޑުގެ ވިޔަފާރި ރޫޓުތަކުގެ މެދުވެރިއެއްގެ ގޮތުގައި ރާއްޖެ އޮތުމުން ކަމަށާއި، މިއީ އޭރުގެ ދަތުރުވެރިންނާއި ދިވެހިންގެ ދިރިއުޅުމުގައި ވަރަށް ބޮޑު ބޭނުމެއް ހިފި ތަކެއްޗެވެ.

ތުއްތު ކުދިންނާއި އަހުލާގު

ތުއްތު ކުދިންގެ އަޚްލާގު ބިނާކުރުމުގައި މައިންބަފައިންނާއި މުދައްރިސުންގެ ދައުރު ބޮޑުއިރު، ކުދިންނަށް އަންނަ ބަދަލުތައް ދެނެގަތުމަށް މި ދެފަރާތުގެ ގުޅުން ބަދަހިކުރުން މުހިންމެވެ. ކުދިންނަށް ފެންނަ ނުރަނގަޅު މަންޒަރުތަކާއި ބަސްމޮށުންތެރިކަމުގެ ސަބަބުން ތަރުބިއްޔަތު ކުރުމަށް ގޮންޖެހުންތައް ކުރިމަތިވާތީ، އެކަންކަމުން ކުދިން ދުރުކުރުމަކީ ބޮޑު ޒިންމާއެކެވެ. އަދި ކުދިންގެ އަޚްލާގު ރަނގަޅުކުރުމަށް ކަނޑައެޅިފައިވާ ފަސް މަރުހަލާގެ މައްޗަށް ބިނާކޮށް ސްކޫލްތަކުންނާއި ކަމާބެހޭ ފަރާތްތަކުން އިތުރަށް ސަމާލުކަން ދޭންޖެހެއެވެ.

މާލެއިން ވޮޝިންޓަނަށް؛ 'ވިޔާނުދާ' ނޫސްވެރިންގެ އަސަރާއި ނަތީޖާ

އެމެރިކާގެ ރައީސް ޓްރަމްޕް ވަކި ނޫސްވެރިންތަކެއް ވައިޓް ހައުސްއަށް ވަނުން މަނާކުރުމުން، އެކަށީގެންވާ އިޖުރާއާތެއް ނެތި އެފަދަ ނިންމުންތައް ނުނިންމޭނެ ކަމަށް އެ ގައުމުގެ ކޯޓުން ވަނީ ކަނޑައަޅާފައެވެ. ހަމައެފަދައިން، ރާއްޖޭގެ ރައީސް އޮފީހުން ވެސް "އަދަދު" ނޫހުގެ ނޫސްވެރިން ބައްދަލުވުންތަކަށް ވަނުން މަނާކޮށްފައިވަނީ، ރައީސް މުއިއްޒާ ކުރިމަތިކުރި އުނދަގޫ ސުވާލަކާ ގުޅިގެން އެއްވެސް ލިޔުމެއް ނުވަތަ ޖަވާބެއް ދިނުމަކާ ނުލައެވެ.

ދިވެހިރާއްޖޭގައި އޮތީ އިސްލާމީ ޓޫރިޒަމެއް؛ ސަބަބުތައް މިއޮތީ!

ދިވެހި ޓޫރިޒަމް ދާއިރާ އިޝްތިހާރު ކުރަން ތިބި މީހުން އެއީ ލާދީނީ ކާފަރު ޓޫރިޒަމެއްކަމަށް ސިފަކުރަމުންދާނަމަ، ދިވެހިރާއްޖެއަށް ޒިޔާރަތްކުރާ މުސްލިމުންނަށް އެދެވެނީ ކޮން ކަހަލަ މެސެޖެއްހެއްޔެވެ؟ އެމީހުންނަށް އެކަންޏެއް ނޫނެވެ. ދީނީ ހަރުކަށި ވިސްނުމުގެ އަހުލުވެރިންނަށް ވެސް އެދެވެނީ ކޮން ކަހަލަ ދައުވަތެއްހެއްޔެވެ؟

ރަދުން ކޮންޓްރޯލް ކުރެއްވި ސިއްރުވެރި ބޮޓޭނިކަލް ވިޔަފާރި

ތާވައްކާށި ނުވަތަ ކަނޑުކާށީގެ ވިޔަފާރިއަކީ ތާރީޚީގޮތުން ދިވެހި ރަދުންގެ ފުރިހަމަ ކޮންޓްރޯލްގެ ދަށުން ހިންގި ސިއްރުވެރި މޮނޮޕޮލީއެކެވެ. ސީޝެލްސްގެ ރަށްތަކުން އޮޔާލައިގެން ރާއްޖެއަށް ލައްވާ މި ކާށިތަކަކީ ހަމައެކަނި ރަދުންނަށް ޚާއްޞަ އެއްޗެއްގެ ގޮތުގައި އޭރު އޮތީ ކަނޑައަޅާފައެވެ. މި ކާށީގެ ސައިންޓިފިކް ނަން ރާއްޖެއަށް ނިސްބަތްވަނީ، އެ ދުވަސްވަރު ދިވެހިރާއްޖެ މެދުވެރިކޮށް މި ތަކެތި ދުނިޔޭގެ ބާޒާރަށް ތައާރަފުވެފައިވާތީއެވެ.

Newsletter

Get the latest news delivered straight to your inbox