މާލޭގެ ބަނދަރުގެ 'ސޭފް އެންކަރޭޖް' ސަރަހައްދުގައި ފަހަކަށް އައިސް ހިނގަމުންދާ ނުރައްކާތެރި ހާދިސާތަކަކީ، އުޅަނދުފަހަރު އަޅާފައި ބޭއްވުމުގެ އުސޫލުތައް ކޮންމެހެން އަލުން މުރާޖައާކުރަން ޖެހިފައިވާކަން އަންގައިދޭ ވަރުގަދަ އިންޒާރެކެވެ.
މޫސުން ގޯސްވާ ވަގުތުތަކުގައި ބޮޑެތި އުޅަނދުތަކުގެ ނަގިލި ކަހައިގެން ގޮސް ފަރަށް އެރުމާއި، އޮއިވަރާއެކު ގެންގޮސް ބްރިޖުގައި ޖެހުމުގެ އިތުރުން، މާލޭގެ ތޮށިގަނޑާ ނުރައްކާތެރި މިންވަރަކަށް ކައިރިވުމުގެ ހާދިސާތައް ދަނީ ތަކުރާރުވަމުންނެވެ. މީގެއިތުރުން، މާލެ ކައިރީ ބޭރު ކަނޑުގައި ބޯޓުފަހަރު ބާއްވައިގެން ކޮންޓެއިނަރު ހުސްކުރުމަކީ ވެސް ރައްކާތެރި ކަމެއް ނޫނެވެ.
މިއީ ވަކިވަކިން ހިނގާ އާދައިގެ ކަންކަމުގެ ބަދަލުގައި، އާންމުންގެ ރައްކާތެރިކަމަށާއި، ގައުމީ ސަލާމަތީ މަސްލަހަތުތަކަށާއި، އަގުބޮޑެތި އުމްރާނީ ވަސީލަތްތަކަށް އޮތް ދާއިމީ އަދި ނުހަނު ބޮޑު ނުރައްކަލެކެވެ.
ގްރޭޓަރ މާލެ ސަރަހައްދު ބޮޑެތި ބްރިޖްތަކުން ގުޅައިލެވިފައިވާ މި ދަނޑިވަޅުގައި، ބޭރުގެ ބޮޑެތި އުޅަނދުފަހަރު މަޑުކޮށްގެން އޮތުމަށް މިހާރު ކަނޑައަޅާފައިވާ ސަރަޙައްދަކީ އެއްގޮތަކަށް ވެސް އެކަށީގެންވާ ތަނެއް ނޫނެވެ. އެ ސަރަޙައްދު އޮންނަނީ ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ ވައިގެ އަދި ކަނޑުގެ ސަރަޙައްދާއި، ވެރިރަށް މާލެއާއި، ގިނަ އަދަދެއްގެ އާބާދީ ދިރިއުޅޭ ސަރަހައްދުތަކުގެ އިތުރުން، ސަލާމަތީ ގޮތުން ނުހަނު ނާޒުކު، ރާއްޖޭގެ ކަނޑުގެ ދަތުރުފަތުރުގެ އެންމެ ބާރުބޮޑު މަގުގަ އެވެ.
މިފަދަ މުހިންމު ސަރަހައްދެއްގައި ބޮޑެތި އުޅަނދުފަހަރު އެޅުމުގެ ހުއްދަ ދީފައި އޮތުމަކީ، ގައުމީ އަދި އިގުތިސާދީ މުހިންމު ވަސީލަތްތައް ނުރައްކަލަށް ހުށަހެޅިގެންދާނެ ކަމެކެވެ. މި މައްސަލައަށް ވިސްނާއިރު، މިއީ ދުނިޔޭގެ ޖޯގްރަފީ އަދި އިގުތިސާދީ ނަޒަރަކުން ބެލިޔަސް ވަރަށް ނާޒުކު މައްސަލައެކެވެ. ބައިނަލްއަގުވާމީ ކަނޑުގެ ސަރަހައްދުތަކާއި ވިޔަފާރީގެ ބަނދަރުތަކުގެ ސަލާމަތާ ބެހޭގޮތުން ގެންގުޅޭ ޒަމާނީ ނަޒަރިއްޔާތަކުން ދައްކާގޮތުގައި، ގައުމީ ތަރައްގީގެ މައިނާރު ކަމުގައިވާ އުމްރާނީ ވަސީލަތްތައް (ކްރިޓިކަލް އިންފްރާސްޓްރަކްޗަރ) ހިމެނޭ ސަރަހައްދުތަކަކީ "ބަފަރ ޒޯން" ތަކެއްގެ ގޮތުގައި ވަރަށް ހަރުކަށިކޮށް ހިމާޔަތްކުރަންޖެހޭ ތަންތަނެވެ.
މާލެއާއި ހުޅުލެ ގުޅުވައިދޭ ބްރިޖާއި، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަކީ މިފަދަ ނުރައްކާތަކުން ސަލާމަތްކޮށްފައި ބަހައްޓަންޖެހޭ ފަދަ އަގުބޮޑު ބިނާތަކެކެވެ.
ބްރިޖަށް އުރުނު ދެ ބޯޓުގެ ހާލަތާއި ނުރައްކާތެރި ހާދިސާއެއް ހިނގާފާނެކަން ދޮޅުމަސްކުރިން ސަރުކާރަށް އެނގޭ
ސިނަމާލެ ބްރިޖަށް އުރުނު ދެ ބޯޓަކީ ހުއްދަނެތި ރާއްޖެއަށް ވަދެފައިވާ، އަދި ނުރައްކަލެއް ދިމާވެދާނެތީ ތިލަފުށްޓަށް ބަދަލުކުރަން މީގެ ދޮޅުމަސް ކުރިން ނިންމާފައިވާ ދެ ބޯޓެވެ. މި ބޯޓުތަކުގައި ނެވިގޭޝަން ލައިޓާއި ނަގިލި ފަދަ ވަސީލަތްތައް މަދުވުމުގެ ޝަކުވާ ލިބިފައިވާއިރު، ބޯޓުތައް ބަދަލުކުރުމުގެ ހުއްދަ އެޗްޑީސީން އޮތީ ޖުލައި މަހު ދީފައެވެ.
އުޅަނދުފަހަރު އެޅުމަށް ކަނޑައަޅާފައިވާ ސަރަހައްދު މާ ބޮޑަށް މާލެއާ ކައިރިވުމުގެ ސަބަބުން، ކުއްލި ހާލަތެއްގައި ނުވަތަ މޫސުން ގޯސްވާ ވަގުތުތަކުގައި ލިބިދާނެ ގެއްލުމަކީ މުޅި ގައުމުގެ އިގުތިސާދު ހުއްޓުމަކަށް އަތުވެދާނެ ބޮޑު ނުރައްކަލެކެވެ.
މިފަދަ ހާދިސާތަކުގެ ސަބަބުން ޔައުމިއްޔާތަކާއި ތާރީހީ ރެކޯޑުތަކުން ފެންނަން ހުރި ހަގީގަތަކީ، ކުދި އާބާދީތަކާއި ކުދި ޖަޒީރާ ގައުމުތަކަށް ދިމާވާ މިފަދަ ކާރިސާތަކުގެ އަސަރު މުޅި ޖީލަކަށް ދެމިގެންދާކަމެވެ.
އެހެންކަމުން، މި ހާދިސާތަކުން އިބުރަތް ހާސިލުކޮށް، ކަމާބެހޭ އިދާރާތަކުން ލަސްނުކޮށް ހަރުދަނާ ފިޔަވަޅުތަކެއް އަޅަންޖެހެ އެވެ. އެގޮތުން، އާގުބޯޓުފަހަރާއި ބޮޑެތި އުޅަނދުފަހަރު އަޅާފައި ބާއްވާ ސަރަހައްދު، މިހާރުގެ ބާރުބޮޑު ކަނޑުގެ މަގުތަކާ މަދުވެގެން އެއް މޭލު ބޭރަށް ބަދަލުކުރުމަކީ ކޮންމެހެން މުހިންމު ކަމެކެވެ.
މި ބަދަލުގެ ސަބަބުން އެއާޕޯޓާއި، ބްރިޖާއި، މާލޭގެ އައްސޭރިފަށަށް އޮތް ނުރައްކާތައް ކުޑަކުރެވި، ކަނޑުދަތުރުފަތުރުގެ ސަލާމަތާއި ރައްކާތެރިކަން އިތުރަށް ކަށަވަރުވެގެންދާނެއެވެ. މިއީ ދޫކޮށްލެވެން ނެތް، ދައުލަތުގެ ފެންވަރުގައި އަވަސް ހައްލެއް ބޭނުންވާ މުހިންމު މައްސަލައެކެވެ. އިންސާނުންގެ ފުރާނައާއި، ގައުމުގެ މުހިންމު އުމްރާނީ ބިނާތަކާއި، އަދި ގައުމީ ސަލާމަތް ރައްކާތެރިކުރުމުގެ ގޮތުން، އުޅަނދުފަހަރު އަޅާފައި ބޭއްވުމުގެ ސިޔާސަތުތައް ވަގުތުން ވަގުތަށް އިސްލާހުކޮށް، ހަރުދަނާ އުސޫލުތެއް ތަންފީޒުކުރުމަކީ ސަރުކާރަށާއި ކަމާގުޅުންހުރި އެންމެހައި މުއައްސަސާތުން ކުރެންޖެހިފައިވާ ކަމެކެވެ.








