ބިދޭސީ މުވައްޒަފުންގެ މުސާރަތައް ރާއްޖޭގައި ހުންނަ ބޭންކަކަށް ޖަމާކުރަން މަޖުބޫރުވާ ގޮތަށް ގަވާއިދަށް ގެނައި ބަދަލުގެ ދަށުން، އެއްވެސް މުވައްޒަފަކަށް މުސާރަ ދިން ކަމަށް ބަލާނީ މިހާރު އަންގާފައިވާ ގޮތަށް ޖަމާކުރުމުން ކަމަށް ހޯމް މިނިސްޓްރީން މިއަދު ބުނެފި އެވެ.
ބިދޭސީން ވަޒިފާ އަދާކުރުމާ ބެހޭ ގަވާއިދަށް މިދިޔަ މަހު ގެނައި ބަދަލުގެ ދަށުން ހޯމް މިނިސްޓްރިން ވަނީ ރާއްޖޭގައި ވަޒީފާ އަދާކުރާ ބިދޭސީ މުވައްޒަފުންގެ މުސާރަ ރާއްޖޭގައި އެ މުވައްޒަފުންގެ ނަމުގައި ހުޅުވާފައި ހުންނަ ބޭންކް އެކައުންޓަށް ޖަމާކުރަން އަންގާފަ އެވެ.
އެ ގަވާއިދާ ހަވާލާދީ މިނިސްޓްރީން ނެރުނު އިއުލާނެއްގައި ވަނީ، ވަޒިފާދާ އެންމެހާ ފަރާތްތަކުން އެ މީހުންގެ ދަށުގައި މަސައްކަތް ކުރާ ބިދޭސީ މުވައްޒަފުންގެ ނަމުގައި، ވީ އެންމެ އަވަހަކަށް ބޭންކް އެކައުންޓުތައް ހުޅުވާ ނިންމަން އިލްތިމާސްކޮށްފަ އެވެ.
ހޯމް މިނިސްޓްރީން ބުނީ، ލޭބާ ރިލޭޝަންސް އޮތޯރިޓީ (އެލްއާރުއޭ) އިން ތަހުގީގުކުރާ ބިދޭސީ މުވައްޒަފުންގެ މުސާރައާ ގުޅޭ މައްސަލަތަކުގައި ވެސް މި ގޮތަށް ބަލާނެ ކަމަށެވެ. އަދި، މުސާރަ ދިން ކަމަށް ބަލާނީ އެ މުވައްޒަފުގެ ނަމުގައި ހުންނަ ރާއްޖޭގެ ބޭންކެއްގެ އެކައުންޓަށް ޖަމާކޮށްފައިވާ ނަމަ ކަމަށް މިނިސްޓްރީން ބުންޏެވެ.
ބިދޭސީ މުވައްޒަފުންގެ މުސާރަ ބޭންކް އެކައުންޓަށް ޖަމާކުރަން މަޖުބޫރުކޮށްފި
ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީ މުވައްޒަފުންގެ މުސާރަ، އެ މީހެއްގެ ނަމުގައި ރާއްޖޭގެ ބޭންކެއްގައި ހުޅުވާފައިވާ އެކައުންޓަކަށް ޖަމާކުރުން މަޖުބޫރުވާ ގޮތަށް ބިދޭސީން ވަޒީފާ އަދާކުރުމާބެހޭ ގަވާއިދު ވަނީ އިސްލާހުކޮށްފައި. މި ގަވާއިދާ ޚިލާފުވާ ފަރާތްތަކުގެ ކޯޓާ ކެންސަލްކުރުމާއި، ޖޫރިމަނާކުރުން ހިމެނޭ.
ބެލެވޭ ގޮތުގައި މިއީ ގަވާއިދާ އެއް ގޮތަށް މުސާރަތައް ޖަމާކުރާކަން ކަށަވަރުކުރުމުގެ ގޮތުން މިނިސްޓްރީން ކުރި އިލްތިމާސެކެވެ. ގަވާއިދު ބަދަލުކުރިއިރު މިނިސްޓްރީން ވަނީ، ގަވާއިދާ އެއްގޮތަށް މުސާރަ ޖަމާނުކުރާ ނަމަ އަޅާނެ ފިޔަވަޅުތައް ބަޔާންކޮށްފަ އެވެ.
އޭގެ ތެރޭގައި ކޯޓާ ކެންސަލްކުރުމާއި، ކޯޓާގެ އަދަދު މަދުކުރުމާއި، ޖޫރިމަނާކުރުމުގެ އިތުރުން އެކްސްޕެޓް ސިސްޓަމުގައި ބްލެކް ލިސްޓު ކުރުން އަދި މައްސަލަ ތަހުގީގީ އިދާރާތަކަށް ފޮނުވުން ހިމެނެ އެވެ.
މި ބަދަލަކީ ވެސް ޑޮލަރުގެ މައްސަލައިގައި ސަރުކާރުން އެޅި ފިޔަވަޅުތަކުގެ ތެރޭގައި ހިމަނައިގެން ގެނައި ބަދަލެކެވެ. މި ބަދަލާއެކީ ނަގުދު ފައިސާއިން މުސާރަ ދިނުން އެއްކޮށް މަނާ ވާނެ އެވެ. އަދި ނަގުދު ފައިސާއިން މުސާރަ ދިން ކަމަށް ވަޒީފާދޭ ފަރާތާއި މުވައްޒަފު ބުނާ ހާލަތުގައި ވެސް، މުސާރަ ދިން ކަމަކަށް ނުބެލެވޭނެ އެވެ.
މިއީ ބިދޭސީ މުވައްޒަފުންނަށް ގަވާއިދުން މުސާރަ ނުދޭ މައްސަލަތައް ތަހުގީގުކުރަން ފަސޭހަވެ، ބިދޭސީންނަށް މުސާރަ ލިބޭ ކަން ކަށަވަރުކޮށް، އެކަން ހުއްޓުވަން ބާރު އަޅާ ބަދަލެއް ވެސް މެ އެވެ. މިއީ ބައެއް ސިނާއަތްތަކުގައި، ހާއްަސަކޮށް ލޭބަރުންނާއި "އަންސްކިލްޑް" މަސައްކަތްތެރިން ގިނަ ސިނާއަތަތްކުގައި، ވަރަށް ބޮޑު މައްސަލައެކެވެ.










