ޕެރިސް (ސެޕްޓެމްބަރު 12) - އޭނާގެ މޫނު ބޭނުންކޮށްގެން ޑިކްޓޭޓަރެއްގެ ސިފައިގައި ހަދާ ފޮޓޯތަކާއި ވީޑިއޯތަކުން ހަގީގަތުގައި ދެ ކަމެއް ފާހަގަވެެގެންދާ ކަމަށް ރެއާލް މެޑްރިޑަށް ކުޅެމުން އަންނަ ފްރާންސްގެ ކެޕްޓަން، ކީލިއަން އެމްބާޕޭ ބުނެފި އެވެ.
ގަދަބާރުން އެކި ގައުމުތަކުގައި ވެރިކަން ކޮށްފައި ހުރި ޑިކްޓޭޓަރުންގެ ޔުނިފޯމާ އެކު، އެމްބާޕޭގެ މޫނު ޖަހަައިގެން އޭއައި އިން ހަދާފައިވާ ވީޑިއޯ އާއި ފޮޓޯތައް ވަނީ މިދިޔަ ދެ އަހަރެއްހާ ދުވަސް ތެރޭ ސޯޝަލް މީޑިއާގައި ވައިރަލްވެފަ އެވެ. އަދި، މި ފަހަރު، އެމެރިކާ، މެކްސިކޯ އަދި ކެނަޑާގަައި ފްރާންސް ގައުމީ ޓީމު ކުޅުނު މެޗުތަކަށް އެ ފޮޓޯ ހިފައިގެން ބައެއް ސަޕޯޓަރުން ވަނީ ގޮސްފަ އެވެ.
ފްރާންސް ފުޓްބޯލް އަށް ދިން އިންޓަވިއުއެއްގައި އެމްބާޕޭ، 27، ވަނީ ފުރަތަމަ ފަހަރަށް މި ކަންކަމާ ބެހޭގޮތުން ވާހަކަ ދައްކަައިފަ އެވެ.
ޕީއެސްޖީ އާއި މޮނާކޯ އަށް ކުރިން ކުޅުނު އެމްބާޕޭ ބުނީ، އެ ފޮޓޯތަކުގައި ސަމާސާ ބަޔަކާއި ސީރިއަސް ނަޒަރަކުން ވިސްނަން ޖެހޭ ކަންތައްތައް ވެސް އެކުލެވިގެންވާ ކަމަށެވެ. އެ ގޮތުން، އޭގެ ސަމާސާ ނޫނީ މަޖާޒީ ގޮތެއްގައި ވިސްނޭ ކަމަކީ މީހުން މެދުގައި ވާހަކަ އެނބުރޭ ގޮތް ކަމަށް އެމްބާޕޭ ފާހަަގަކުރި އެވެ. އަދި، އޭގެ ހިމެނޭ ސީރިއަސް ބަޔަކީ މީހުން ވަރަށް ފުންކޮށް ވިސްނަން ޖެހޭ ކަމެއް ކަމަށް އެމްބާޕޭ ވަނީ ބުނެފަ އެވެ.
"މި ކަމުގައި ހިމެނޭ މަޖާ ނޫން ކަމަކީ އޭގެ ސަބަބުން އަންނަ ގެއްލުން. ދުނިޔޭގެ ތާރީހުގައި އެ ފަދަ ގޮތަކަށް އުޅެފައި (ޑިކްޓޭޓަރުން ކަންކޮށްފައި) ހުރި ގޮތް މި ނަކަލު ވަނީ އެހެން މީހަކަށް. ގެއްލުން ބޮޑުވެ، މީހެއްގެ އަނބުރަށް އެ އަރައިގަނެވެނީ،" އެމްބާޕޭ ބުންޏެވެ.
"މީހުން މަރާފައި ތިބި މީހުންނާއި އެތައް މިލިއަން މީހުންނަށް ފޫނުބެއްދޭ ވަަރުގެ ގެއްލުން ދީފައި ހުރި މީހުންނާ އެއްގޮތް ކުރުމަކީ، އަހަރެން ދުނިޔޭގައި އުޅުނު ގޮތާ މުޅިން ހިލާފު އުސޫލުތަކެއް. މީގެ ސަބަބުން މީހުންގެ މެދުގައި ހަގީގަތުގައި އޮންނަން ޖެހޭ ހޭލުންތެރިކަން ގެއްލި އިންސާނީ ކަރާމާތަށް ވެސް އަސަރުކުރޭ،"
މި ފަހަރުގެ ފީފާ ވޯލްޑް ކަޕްގެ ތެރޭގައި، އެމްބާޕޭގެ ޑިކްޓޭޓަރު ފޮޓޯތަކަށް އިޝާރާތްކޮށް، ފްރާންސްގެ ތަރި، އޮސްމާން ޑެމްބެލޭ ވަނީ އެމްބާޕޭ އަށް ވަނަމަކުން "މޮބުޓް" ކިޔައި، މުހާތަބުކޮށްފަ އެވެ. މޮބުޓް އަކީ ޑިމޮކްރަޓިކް ރިޕަބްލިކް އޮފް ކޮންގޯގައި ޑިކްޓޭޓަރެއްގެ ސިފައިގައި ވެރިކަން ކުރި، މޮބުޓޫ ސެސޭ ސެކޯ އަށް ކުރުކޮށް ކިޔާ ނަމެކެވެ.
އެމްބާޕޭ ބުނީ، ޑެމްބެލޭގެ ފަރާތުން ފެނުނު ކަމަކީ، ސޯޝަލް މީޑިއާ އިން އައި ކަމެއް ކަމަށާއި އޭގެ އެއްވެސް ސީރިއަސް ކަމެއް ނެތް ކަމަށެެވެ.












