އިދިކޮޅު މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ކޮންގްރެސް ބޭއްވެންދެން، އެ ޕާޓީގެ ގައުމީ މަޖިލީހުގެ އުމުރު ދަންމާލުމަށް ރޭ ބޭއްވި ގައުމީ މަޖިލީހުގެ ޖަލްސާއިން ފާސްކޮށްފި އެވެ.
ރޭ ބޭއްވި އެމްޑީޕީގެ ގައުމީ މަޖިލީހުގެ ޖަލްސާގައި ބައިވެރިވެވަޑައިގެންނެވި 33 މެންބަރުންގެ އިއްތިފާގުން ފާސްކުރީ، އެމްޑީޕީގެ ކޮންގްރެސް ބާއްވާ ތާރީހުން ފެށިގެން 30 ދުވަހުގެ ތެރޭގައި ގައުމީ މަޖިލީހުގެ އިންތިހާބު ބޭއްވުމަށާއި، ކޮންމެފަދަ ހާލަތެއް މެދުވެރިވި ކަމުގައިވީ ނަމަވެސް، ކުރިއަށްއޮތް ޖެނުއަރީ 31 ގެ ކުރިން ގައުމީ މަޖިލީހުގެ އިންތިހާބު ބާއްވައި ނިންމުމަށެވެ.
އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް ހުށަހެޅުއްވި އަދި ކުރީގެ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ތާއީދުކުރެއްވި މި ހުށަހެޅުމުގެ އިތުރުން، މަނަދޫ ދާއިރާގެ ކުރީގެ މަޖިލިސް މެންބަރު މުހައްމަދު ތޯރިގުވެސް ވަނީ ދައުރު ދަންމާނުލައި މި މަހުގެ 25 ވަނަ ދުވަހު އިންތިހާބު ބޭއްވުމަށް ހުށަހަޅުއްވާފަ އެވެ.
ނަމަވެސް، ތޯރިގުގެ ހުށަހެޅުއްވުމަށް ގައުމީ މަޖިލީހުގެ އެއްވެސް މެންބަރަކު ތާއީދުކުރައްވާފައެއް ނުވެ އެވެ.
އެމްޑީޕީގެ އަސާސީ ގަވާއިދުގައިވާ ގޮތުން އެ ޕާޓީގެ އެންމެ އިސް ގުނަނަކީ ކޮންގްރެސް ކަމަށްވާއިރު، ކޮންމެ ފަސް އަހަރަކުން އެއް ފަހަރު ކޮންގްރެސްގެ ބައްދަލުވުމެއް ބޭއްވުން އަސާސީ ގަވާއިދު ލާޒިމުކުރެ އެވެ.














