ރައީސް ނަޝީދުގެ ވެރިކަން ބަދަލުވި ދުވަސްވަރު ކޯޓު އަމުރެއް ނެތި ގިނަ ބައެއްގެ ފޯނު ކޯލްތައް ފުލުހުން އަޑުއެހިކަން ހާމަވެއްޖެ

ފެބްރުއަރީ 2012 ގައި ޖުމްހޫރީ މައިދާނުގައި ހިނގި ހަމަނުޖެހުންތަކުގެ ތެރެއިން --

ފެބްރުއަރީ 2012 ގައި ޖުމްހޫރީ މައިދާނުގައި ހިނގި ހަމަނުޖެހުންތަކުގެ ތެރެއިން --

ކުރީގެ ރައީސް، މުހައްމަދު ނަޝީދުގެ ވެރިކަން ބަދަލުވި ދުވަސްވަރު ކޯޓު އަމުރެއް ހޯދުމަކާ ނުލައި އެތައް ބައެއްގެ ފޯނު ކޯލުތައް ދިވެހި ފުލުހުންގެ ހިދުމަތުން އަޑުއަހަމުންދިޔަކަން ހާމަވެއްޖެ އެވެ.

އެކަން ހާމަވީ އަބްދުލް މުހީތު (ބޮބީ) އަށް ތޫނު އެއްޗަކުން ހަމަލާދީ މަރާލުމުގެ ކުށް ސާބިތުވެފައިވާ ޅ. ނައިފަރު ޒައިތޫނިގޭ މުހައްމަދު މައިމޫނާއި ގދ. ގައްދޫ އަބްލަޣީގޭ މުހުޖަތު އަހުމަދު ނާސިހުގެ އިސްތިއުނާފު އަޑުއެހުމުގަ އެވެ. މީގެ 12 އަހަރު ކުރިން ހިނގި މި ހާދިސާގައި، ބޮބީ މަރާލާފައި ވަނީ ފިނޭންސް މިނިސްޓްރީން ކުރިމަތިން އޮންނަ ގޯޅި ތެރޭގައި ސައިކަލެއް މަތީގައި ހުއްޓާ، އެހެން މީހެއް ކަމަށް ހީކޮށެވެ.

މުހުޖަތު އާއި މައިމޫންގެ ފަރާތުން ހައިކޯޓުގައި އިސްތިއުނާފުކޮށްފައިވާ މައްސަލައިގައި އިއްޔެ ކުރިއަށް ގެންދިޔަ އަޑުއެހުމުގައި ވާހަކަ ދެކެވުނީ އެ މައްސަލަ ސާބިތުކުރުމަށް ޓަކައި ހެކީގެ ގޮތުގައި ދައުލަތުން ހުށަހެޅި ކޯލް ރިކޯޑިންއާ ގުޅޭގޮތުންނެވެ. އެ މީހުންގެ ވަކީލުން ބުނީ ޖިނާއީ ކުށެއްގެ ތަހުގީގަށް ކޯޓު އަމުރެއް ނެތި މީހެއްގެ ފޯނު ކޯލެއް އަޑުއަހައި ރިކޯޑުކުރުމަކީ ގާނޫނާއި ގަވާއިދުތައް ތަންދޭ ކަމެއް ނޫން ކަމަށެވެ.

Advertisement

އެ ވާހަކަތަކަށް ރައްދު ދެމުން ދައުލަތުގެ ވަކީލު ބުނީ އެ ކޯލްތައް އަޑުއަހާފައި ވަނީ އެ މީހުންނަށް އެކަނި ޓާގެޓުކޮށްގެން ނޫން ކަމަށެވެ. އަދި، އެ މައުލޫގައި ވާހަކަދައްކާއިރު، އެ ހާދިސާ ހިނގައިދިޔަ ތާރީހަށް ބެލުން މުހިންމު ކަމަށް ދައުލަތުން ފާހަގަކުރި އެވެ.

"މި ހާދިސާ ހިނގައިދިޔައީ ފެބްރުއަރީ 19، 2012 ވަނަ ދުވަހުގެ 1:51 ހާއިރު، ދިވެހިރާއްޖޭގެ އޭރުގެ ހާލަތު އޮތީ އެހެން ހާލަތެއްގައި، އެހެންކަމަށްވާއިރު ފުލުހުންގެ ފަރާތުން މާލޭގައި އަދި، ދާހިލީ މި ދަންނަވާ އެއްވަނަ ނަންބަރުގައި މި ބަޔާންކުރާ ކަމެއް މާލޭގައި ހަރަކާތްތެރިވާ ގްރޫޕުތަކަކުން ހިންގަފާނެކަމަށް ގަބޫލުކުރެވިގެން ބަލަމުންދިޔައީ،" ދައުލަތުގެ ވަކީލު ވިދާޅުވި އެވެ.

"އެއްވެސް ހާލަތެއްގައި އިއްޒަތްތެރި ފަނޑިޔާރު، ލޮޖިކަލީ އަޅުގަނޑުމެން ވިސްނާއިރުވެސް އެބަ އެނގޭދެއްތޯ މި މީހުންގެ މައްޗަކަށް ތުހުމަތެއް އޮތީކީއެއް ވެސް ނޫން، މި މީހުން އެ އަމަލު ހިންގުމަށްފަހުގައި ފޯނުކޯލެއް ކޮށްފާނޭ ކަމަށް ފުލުހުންނަށް ގަބޫލުކުރެވޭނީއެއް ވެސް ނޫން، އެ އިލްހާމެއް ވާނީކީއެއް ވެސް ނޫން."

ކޯޓު އަމުރަކާ ނުލައި އިންޓެލިޖެންސް މައުލޫމާތު ހޯދައި އެއްކޮށް ދިރާސާކޮށް އެ މައްޗަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުމުގެ އިހުތިޔާރު ފުލުހުންނަށް ލިބެނީ ހަމައެކަނި ގައުމީ އަދި ދާހިލީ ސަލާމަތާއި ރައްކާތެރިކަމަށް ޓަކައި އެވެ. މި ކަން ބަޔާންކޮށްފައި އޮންނަނީ ފުލުހުންގެ ގާނޫނުގެ ދަށުން ހަދާފައިވާ، ފުލުހުންނަށް ލިބިދީފައިވާ އެންމެހާ ބާރުތަކާއި އިހުތިޔާރުގެ ބޭނުން ހިފުމާބެހޭ ގަވާއިދުގެ 49 ވަނަ މާއްދާގަ އެވެ.

ދައުލަތުގެ ވަކީލު އިއްޔެ ކޯޓުގައި ވިދާޅުވީ މުހުޖަތު އާއި މައިމޫންއާ ދެކޮޅަށް ހެކީގެ ގޮތުގައި ހުށާހަޅާފައިވާ ކޯލް ރިކޯޑިންއަކީ ކުރީގެ ރައީސް ނަޝީދުގެ ވެރިކަން ބަދަލުވެގެންދިޔަ ދުވަސްވަރު، ރާއްޖޭގެ "ގައުމީ ސަލާމަތަށް ޓަކައި" ފުލުހުން ކުރަމުންދިޔަ މަސައްކަތުގެ ތެރެއިން "އަޑު އިވުނު" ވާހަކަތަކެއް ކަމަށެވެ.

"ފެބްރުއަރީ 19، 2012 ގައި މި ހާދިސާ ހިނގައިދިޔައީމާ އޭރު ފުލުހުން ގައުމީ ސަލާމަތަށްޓަކައި ކުރަމުންދިޔަ މަސައްކަތުގެ ތެރެއިން އަޑުއިވުނީ މި މީހުން މީގައި، ކޯލް ރިކޯޑިންތަކުގެ ޑޮކިއުމެންޓުތަކުގައި އެ ބަޔާންކުރާ މިންވަރަށް ވާހަކަދައްކާފައި ހުރިކަން،" ދައުލަތުގެ ވަކީލު ވިދާޅުވި އެވެ.

އެ ވާހަކަތަކާ ގުޅިގެން އިސްތިއުނާފުކުރާ ފަރާތުން ވަނީ، ގިނަ ބައެއްގެ ކޯލް ރިކޯޑިންތައް ފުލުހުން އަޑުއެހި ވާހަކައަކީ ބިރުވެރިކަމެއްގެ ގޮތުގައި ސިފަކޮށްފަ އެވެ.

އައު ގާނޫނުއަސާސީގެ ދަށުން ދިވެހިރާއްޖޭގައި ބޭއްވި ފުރަތަމަ މިނިވަން އިންތިހާބު ކާމިޔާބުކޮށް އުފެދުނު އެމްޑީޕީގެ ފުރަތަމަ ވެރިކަން ބަދަލުކުރީ ފެބްރުއަރީ 7، 2012 ގަ އެވެ. އެ ވެރިކަން ބަދަލުވެގެންދިޔައީ އޭރު އިދިކޮޅުގައި ތިބި ޑީއާރުޕީ އާއި ޖުމްހޫރީ ޕާޓީ، އަދާލަތު ޕާޓީގެ އިތުރުން ވެސް ބައެއް އެހެން ސިޔާސީ ބޭފުޅުން މަގުތައް މައްޗަށް ނުކުމެ ހިންގި ހަމަނުޖެހުންތަކަށްފަހު އެވެ.

އޭގެ އެއް ދުވަސްފަހުން، ފެބްރުއަރީ 8، 2012 ގައި އެމްޑީޕީއަށް ތާއީދުކުރާ ގިނަ އަދަދެއްގެ ރައްޔިތުން މަގުމައްޗަށް ނުކުމެ މުޒާހަރާ ކުރަން ފެށުމުން ފުލުހުން ވަނީ ވަރަށް އަނިޔާވެރިކޮށް މުޒާހަރާގެ ބައިވެރިންނަށް ހަމަލާދީ އެތައް ބަޔަކު ޒަހަމުކޮށްލައިފަ އެވެ.

އެ ހަމަނުޖެހުންތަކާ ގުޅިގެން ރާއްޖޭގެ އެކި ކަންކޮޅުގައި ވެސް ހަމަނުޖެހުންތައް ހިނގި އެވެ.

ނަމަވެސް، އެ ދުވަސްވަރު ގިނަ އަދަދެއްގެ ދިވެހިންގެ ފޯނު ކޯލްތައް ފުލުހުން އަޑުއެހިކަން ހާމަވި މިއީ ފުރަތަމަ ފަހަރެވެ. ފުލުހުން އޭރު އަޑުއަހާފައި ވަނީ ކިތައް މީހުންގެ ކިތައް ކޯލް ކަމާއި އެއީ ކޮންބައެއްގެ ކޯލްތަކެއްކަމެއް އަދި ނޭނގެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގެދޮރު ލޯނުގެ އިކުއިޓީ އަށް 750 މިލިއަން ބަޖެޓުގައި ހިމަނައިފި

މި ސްކީމުގެ ދަށުން ކޮންމެ މީހަކަށް ދެ ލައްކަ ރުފިޔާގެ އެހީ ލިބޭއިރު، މިއީ ހިޔާވެހި ފައިނޭންސިން ސްކީމުގެ ޑައުންޕޭމަންޓު ދައްކަން ދަތިވާ ފަރާތްތަކަށް އެހީވުމަށް ތައާރަފުކުރި ފުރުސަތެއް. އަންނަ އަހަރުގެ ބަޖެޓުގައި ބޯހިޔާވަހިކަމުގެ މަޝްރޫއުތަކަށް ޖުމްލަ ތިން ބިލިއަން ރުފިޔާ ވަނީ ކަނޑައަޅާފަ.

ރަސްމާލެ މަޝްރޫއުގެ ތަފްސީލު ހާމަކުރަންޖެހޭނެ: ފައިސަލް

ރަސްމާލޭގައި ޔޫއޭއީގެ އީގަލް ހިލްސްއިން ހިންގާ މަޝްރޫއުގެ ތަފްސީލުތައް ދެފުށް ފެންނަ ގޮތަށް ހާމަކުރުމަށް ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމާއި މޭޔަރު އާދަމް އަޒީމް ގޮވާލައްވައި މި މަޝްރޫއުގެ ސަބަބުން ރާއްޖޭގެ ދީނީ ވަހުދަތަށާއި، އިޖުތިމާއީ އަދި މާލީ ހަމަޖެހުމަށް ބޮޑެތި ނުރައްކާތަކެއް ކުރިމަތިވެދާނެ ކަމުގެ ކަންބޮޑުވުން އެ ބޭފުޅުން ވަނީ ފާޅުކޮށްފައި.

"ޔަހޫދީން ވަޒަންވެރިކުރުވުމަކީ ރައީސަށް ލިބިގެންވާ ބާރެއް ނޫން."

ރަސްމާލޭގައި ޣައިރު މުސްލިމުން ވަޒަންވެރިކުރުވުމަކީ ރައީސުލްޖުމްހޫރިއްޔާއަށް ލިބިގެންވާ ދުސްތޫރީ ބާރެއް ނޫން ކަމަށާއި، އެއީ ހަމައެކަނި ރައްޔިތުންނަށް އޮތް ބާރެއް ކަމަށާއި ރައްޔިތުންގެ ސިޔާދަތާ ގުޅުންހުރި ބޮޑެތި ކަންކަމުގައި ތާއީދުކުރުމާއި ނުކުރުމުގެ އެއްވެސް މެންޑޭޓެއް ސަލަފު ޖަމިއްޔާއަށް ލިބިގެން ނުވާ ކަމަށް ޑރ. އަހްމަދު އަބްދުﷲ ދީދީ ވިދާޅުވެއްޖެ.

މާލޭގެ ޓްރެފިކް ބެލެހެއްޓުން އޭއައިއަށް ދޫކޮށްލަނީ

މާލޭގެ މަގުތައް ތޮއްޖެހުމުގެ މައްސަލައަށް އޭއައި ޓެކްނޮލޮޖީ ބޭނުންކޮށްގެން ދާއިމީ ހައްލެއް ހޯދުމުގެ މަޝްރޫއެއް 2027 ވަނަ އަހަރުގެ ބަޖެޓުގައި ސަރުކާރުން ހިމަނައިފި. މީގެ އިތުރުން ދައުލަތުގެ ޚިދުމަތްތައް ޑިޖިޓަލައިޒް ކުރުމުގެ ގޮތުން ނޭޝަނަލް ޑޭޓާ ސެންޓަރަކާއި ސްމާޓް ކާޑުގެ ނިޒާމެއް ގާއިމުކުރުމަށް ވެސް ވަނީ ނިންމާފަ.

އަންނަ އަހަރު ސުކޫކެއް ނޫނީ ބޮންޑެއް ވިއްކަން ހިމަނައިފި

ވޭތުވެދިޔަ އަހަރުތަކުގައި މިފަދަ ޕްލޭންތައް ކާމިޔާބުވެފައި ނުވި ނަމަވެސް، ކުރިއަށް އޮތް ތިން އަހަރުގެ ތެރޭގައި ބޭރުގެ ބާޒާރުން ޖުމްލަ 625 މިލިއަން ޑޮލަރު ހޯދުމަށް ސަރުކާރުން އަމާޒު ހިފާފައިވޭ.

މުއިއްޒު މަސައްކަތް ކުރަނީ ޒަޔަނިޒަމް ދިރުވަން: އަލީ ހުސައިން

ރައީސް މުއިއްޒު ރަސްމާލެ މަޝްރޫއު ހިންގަވަނީ ޒަޔަނިސްޓުންނަށް ރާއްޖޭގައި ވަޒަންވެރިވެވޭނެ މަގުފަހިކޮށް، ޒަޔަނިޒަމް ދިރުވުމަށް ކަމަށް ކުރީގެ މެންބަރު އަލީ ހުސައިން ތުހުމަތުކުރައްވައިފިއެވެ. މިއީ އިސްލާމްދީނަށް ދެވޭ ބޮޑު ހަމަލާއެއް ކަމަށް ސިފަކުރައްވައި، ބޭރުގެ ކުންފުންޏަކަށް ބިން ދޫކޮށްގެން ހިންގާ މި މަޝްރޫއު ވަގުތުން ހުއްޓާލުމަށް އޭނާ ވަނީ ގޮވާލައްވާފައެވެ.

ގޭންގު ރޭޕް ކޭސް: އެކަކު ޝަރީއަތް ނިމެންދެން ބަންދުކޮށްފި

ތިނަދޫގައި އަންހެނަކަށާއި ކުޑަކުދިންތަކަކަށް ޖިންސީ ގޯނާކުރި މައްސަލައިގައި ހައްޔަރުކުރި 9 މީހުންގެ ތެރެއިން އެކަކު ޝަރީއަތް ނިމެންދެން ބަންދުކޮށް، އިތުރު މީހުންގެ ބަންދުގެ މުއްދަތު ކޯޓުން ވަނީ އިތުރުކޮށްފައެވެ. މި މައްސަލައިގައި ހިމެނޭ މީހުންގެ މައްޗަށް ޖިންސީ ގޯނާކުރުމާއި ކުޑަކުދިން އެކްސްޕްލޮއިޓް ކުރުމުގެ ސީރިއަސް ތުހުމަތުތަކެއް ފުލުހުން ކުރެއެވެ.

Newsletter

Get the latest news delivered straight to your inbox