އޭސީސީގެ ދިރާސާ ރިޕޯޓުން މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ އަށް ތުހުމަތު ރައްދުވާ ބައި އުނިކޮށްފި

Aug 26, 2026, 9:19 PM
އެންޓި ކޮރަޕްޝަން ކޮމިޝަން އާއި ސްޕޯޓްސް މިނިސްޓްރީން ބޭއްވި އިވެންޓްގެ ތެރެއިން.

އެންޓި ކޮރަޕްޝަން ކޮމިޝަން އާއި ސްޕޯޓްސް މިނިސްޓްރީން ބޭއްވި އިވެންޓްގެ ތެރެއިން.

ކުޅިވަރު އިންތިޒާމުކޮށް ބެލެހެއްޓުމުގެ ނިޒާމުގައި ކޮރަޕްޝަނަށް ހުރި މިންވަރު ދެނެގަތުމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ތައްޔާރުކުރި ދިރާސާގެ ރިޕޯޓުގައި މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ (އެމްއޯސީ) އާއި ފުޓްބޯލް އެސޯސިއޭޝަންގެ މައްޗަށް ސީރީއަސް ތުހުމަތެއް އަމާޒުވާ ގޮތަށް ހިމަނާފައިވާ ބައި، އިސްލާހުކޮށްފައިވާ ކަމަށް އޭސީސީން ބުނެފި އެވެ. 

އޭސީސީން މިހެން ބުނެފައިވަނީ، މި ރިޕޯޓާ ގުޅޭގޮތުން، މައުލޫމާތު ދިނުމަށްޓަކައި، މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގަ އެވެ. 

އެ ގޮތުން، މި ދިރާސާ ރިޕޯޓްގެ މައްސަލަތަކުގެ ތެރޭގައި ބުނެފައިވާ ގޮތުގައި، އެފްއޭއެމް އާއި މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ އަށް ސަރުކާރުންނާއި ބައިނަލްއަގުވާމީ ފަރާތްތަކުން ދޫކުރެވިފައިވާ ފައިސާ ނަހަމަ ގޮތުގައި ބޭނުންކުރަމުންދާ ކަަމަށާއި، އެ ގޮތުން، އިންތިހާބަށް ނުފޫޒު ފޯރުވުމަށް މި ފައިސާ އެކިއެކި ކްލަބްތަކުގެ އިސްވެރިންނަށް ދޭ ކަމަށް ވަނީ ހިމަނައިފަ އެވެ. 

Advertisement

"މީގެ އިތުރުން، ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް އަދި މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ އަށް ސަރުކާރުންނާއި ބަައިނަލްއަގުވާމީ ފަރާތްތަކުން ދޫކުރެވިފައިވާ ފައިސާ ނަހަމަގޮތުގައި ބޭނުންކުރަމުންދާ ކަމަށާއި، އެ ގޮތުން، އިންތިހާބަށް ނުފޫޒު ފޯރުވުމަށް މި ފައިސާ އެކި ކްލަބްތަކުގެ އިސްވެރިންނަށް ދިނުމާއި، އެފްއޭއެމްގެ ވެރިޔާ އެކައުންޓަށް މި ފަދަ ފައިސާ ޖަމާކުރުމަށް ފަހު އެ ފައިސާ އެކިއެކި ފަރާތްތަކަށް ދޫކުރަމުންދާ ކަމަށާއި، މި ކަމަކީ، އެފްއޭއެމް އަށް ފައިސާ ދޫކުރާ ފަރާތްތަކުން ކަނޑައަޅާފައިވާ އުސޫލާ ހިލާފަށް އެފްއޭއެމްގެ އިންތިހާބަށް ނުފޫޒު ފޯރުވުމުގެ ގޮތުން، އެ ފައިސާ ބޭނުންކުރާ ކަމުގެ ޝަކުވާ މި ކޮމިޝަނަށް ހުށަހަޅާފައިވެ އެެވެ،" ސްޕޯޓްސް މިނިސްޓްރީ އާއި އޭސީސީން އިވެންޓަކަށް ފަހު، އާންމުކުރި ރިޕޯޓްގައި އެންމެ ފުރަތަމަ ބަޔާންކޮށްފައިވެ އެވެ. 

އޭސީސީގެ ރިޕޯޓްގައި މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ އާއި އެފްއޭމްގެ މައްޗަށް ތުހުމަތެއް

ކުޅިވަރުގެ ދާއިރާގައި ކޮރަޕްޝަން ހުރި މިންވަރު ބެލުމަށް އޭސީސީން ކުރި ދިރާސާއަކުން، އެފްއޭއެމް އާއި އޮލިމްޕިކް ކޮމިޓީއަށް ލިބޭ ފައިސާ އިންތިޚާބުތަކަށް ނުފޫޒު ފޯރުވުމަށް ބޭނުންކުރާ ކަމުގެ ސީރިއަސް ތުހުމަތުތަކެއް ވަނީ ފެންމަތިވެފައި. މި މައްސަލައިގެ ތަފްސީލެއް ރިޕޯޓްގައި ފެންނަން ނެތްއިރު، އެމްއޯސީގެ ނައިބު ރައީސް ވަނީ މުހިންމު ސުވާލެއް ކުރައްވާފައި

އޭސީސީގެ ރިޕޯޓްގައި ބަޔާންކޮށްފައިވާ މި ސީރިއަސް މައްސަލައިގެ ތުހުމަތާ ގުޅިގެން، މޯލްޑިވްސް އޮލިޕިކް ކޮމިޓީގެ ނައިބު ރައީސް، އަހުމަދު މުންތަގިމް (މުންތޭ)، ސޯޝަލް މީޑިއާގައި އޭސީސީ އަށް މުހިންމު ސުވާލެއް ވަނީ ކުރިމަތިކޮށްފަ އެވެ. އެ ގޮތުން، ފޭސްބުކްގައި، އޭސީސީގެ ރައީސް، އާދަމް ޝާމިލް އަށް ދަންނަވާފައިވަނީ، މޯލްޑިވްސް އޮލިމްޕިކް ކޮމިޓީއާ ގުޅޭގޮތުން، އޭސީސީ އަށް ހުށަހެޅުނު ފައިސާގެ މައްސަލައާ ގުޅޭ މި ޝަކުވާގެ މައްސަލަ ބެލުމަށް ފަހު، އެ ފަރާތާ ދޭތެރޭ އެޅި ފިޔަވަޅެއް ސާފުކުރުމަށް އެދޭ ކަމަށެވެ. 

މި ކަމާ ގުޅޭގޮތުން، އޭސީސީ އާއި އޮލިމްޕިކް ކޮމިޓީއާ ބައްދަލުކޮށްފައިވާ ކަމުގެ މައުލޫމާތު ވެސް ވަނީ ލިބިފަ އެވެ. އޭގެ ފަހުން، މިއަދު ބޭއްވި ނޫސްވެރިންގެ ބަައްދަލުވުމުގައި، އޭސީސީގެ ޑިރެކްޓާ ޖެނެރަލް، ފާތިމަތު އިބްނާ ބުނީ، އޭސީސީގެ މި ދިރާސާ އަކީ އެއްވެސް ގޮތެއްގައި، ތަހުގީގު ރިޕޯޓެއް ނޫން ކަމަށާއި ދިރާސާ ރިޕޯޓަކީ ތަހުގީގު ރިޕޯޓްތަކާ ވަކިން ހުންނަ ރިޕޯޓެއް ކަމަށެވެ. އަދި، މި ދިރާސާ ރިޕޯޓްގެ މަގުސަދަކީ ވެސް ނިޒާމްތައް ހަރުދަނާކުރުމަށް އިސްލާހުކުރުން ކަމަށާއި އެހެންކަމަށް ވުމާ އެކު، މި ދިރާސާ ރިޕޯޓްގައި ވެސް އޭސީސީން ފާހަގަކޮށްފައިވާނީ ކުޅިވަރު ދާއިރާގައި ހުރި މައްސަލަތަކާއި އޭގެ ހައްލުތައް ގެނެސްދިނުމަށް ފޯކަސް ކުރުމަށް ކަމަށެވެ.

"އެއްވެސް ހާލަތެއްގައި ވަކި ފަރާތެއްގެ ނަމެއް ނުވަތަ ޒާތީ މައުލޫމާތެެއް ވެސް ހިމަނާފައި ނެތްކަން ފާހަަގަކޮށްލަން ބޭނުން،" އިބްނާ ބުންޏެވެ. 

އޭނާ ބުނީ، މި ރިޕޯޓްގެ މައްސަލަތަކުގެ ބައިގައި، އޮލިމްޕިކް ކޮމިޓީގެ ނަން ގެނެވިފައި އޮތް ގޮތުމުގެ ޝަކުވާއެއް އޭސީސީ އަށް އައި ކަމަށެވެ. 

"އެކަން، އަޅުގަނޑުމެން ބެލިއިރުގައި ޕްރޮބްލަމް ސްޓޭޓްމަންޓްގައި މި ގޮތަށް ހިމެނިފަައި މި ވަނީ، ކޮމިޝަންގައި، އަޅުގަނޑުމެން އާންމުކޮށް ދިރާސާ ކުރާއިރު، ކޮމިޝަންގައި އެ ދާއިރާއަކުން ހުރި މައްސަަލަތައް ވެސް އެބަ ބަލަން. އެ ގޮތުން، އަޅުގަނޑުމެންނަށް ފާހަގަކުރެވުނީ ކޮމިޝަންގެ ރެކޯޑްތަކުން އެ ފަދަ ޝަކުވާއެއް އައިސްފައި އޮތްކަން. އެ ޝަކުވާގަައި ހުރި، އިބާރާތް އަޅުގަނޑުމެން ދިރާސާގައި ވެސް ބޭނުންކުރެވިފައި އޮތީ، އެއީ ޝަކުވާއެއްގެ ގޮތުގައި ކޮމިޝަނަށް، ދެން މައްސަލައެއްގެ ގޮތުގައެއް ނޫން، މައްސަލަަތަކާއި ހޯދުންތަކުގެ ބައިގައި ވެސް އެ ހިމެނިފައި ނުވާނެ،" އިބްނާ ބުންޏެވެ. 

"އެކަން އަޅުގަނޑުމެންގެ ސަމާލުކަމަށް އައިމަ މިހާރު އަޅުގަނޑުމެން އެކަން ބެލިއިރުގައި އަޅުގަނޑުމެންނަށް ފާހަގަމިވަނީ އެ މައްސަލަ އަކީ ކޮމިޝަނުން ތަހުގީގު ކުރުމަށް ފަހު، ކޮރަޕްޝަން އެކުލެވިގެންނުވާ މައްސަލައެއްގެ ގޮތުގައި ނިންމާފައި އޮތް މައްސަލައެއް. އެއާ އެކީގައި، މި މައްސަލައާ ގުޅިގެން އެއްވެސް އިދާރާ އަކަށް ޕީޖީ އޮފީސް ހިމެނޭހެން އަޅުގަނޑުމެން އަންގާފައި ވެސް ނުވާކަން، އެކަން އެނގުމާ އެކީ އަޅުގަނޑުމެން، ރިޕޯޓް އިސްލާހުކޮށް، އިސްލާހާ އެކީގައި ޝާއިއުކޮށްފައިވާނީ އަޅުގަނޑުމެންގެ ވެބްސައިޓްގައި،" 

އޭސީސީގެ ވެބްސައިޓްގަައި މިހާރު އެ ބައި ރިޕޯޓުން އިސްލާހުކޮށްފަ އެވެ.  އެ ގޮތުން، މިހާރު އޮތް ދިރާސާ ރިޕޯޓްގެ އެ ބައިގައި އޮލިމްޕިކް ކޮމިޓީ އާއި އެފްއޭއެމްގެ ނަން ވެސް ހިމަނާފައިނުވެ އެވެ. 

"މީގެ އިތުރުން، އިންތިހާބަށް ނުފޫޒު ފޯރުވުމަށް އެސޯސިއޭޝަނަށް ސަރުކާރުންނާއި ބައިނަލްއަގުވާމީ ފަރާތްތަކުން ދޫކުރެވިފައިވާ ފައިސާ އެކި ކްލަބްތަކުގެ އިސްވެރިންނަށް ދިނުމާއި، އެސޯސިއޭޝަނުގެ ވެރިޔާ އެކައުންޓަށް މި ފަދަ ފައިސާ ޖަމާކުރުމަށް ފަހު އެ ފައިސާ އެކިއެކި ފަރާތްތަކަށް ދޫކުރަމުންދާ ކަމަށާއި މި ކަމަކީ، އެސޯސިއޭޝަނަށް ފައިސާ ދޫކުރާ ފަރާތްތަކުން ކަނޑައަޅާފައިވާ އުސޫލާ ހިލާފަށް އެސޯސިއޭޝަންގެ އިންތިހާބަށް ނުފޫޒު ފޯރުވުމުގެ ގޮތުން، އެ ފައިސާ ބޭނުންކުރާކަމުގެ ޝަކުވާ މި ކޮމިޝަނަށް ހުށަހަޅާފައިވެ އެވެ." އިސްލާހު ކުރެވުނު ރިޕޯޓްގައި އެ ބައި މިހާރު ހިމަނާފައިވެ އެވެ. 

އޭސީސީގެ ރިސާޗް އެންޑް ޕޮލިސީ ސެކްޝަނުން ދެ އަހަރެއްހާ ދުވަހުން ތައްޔާރުކުރި މި 23 ކަރުދާހުގެ ރިޕޯޓް ފާސްކޮށްފައިވަނީ، މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ ތިން ވަނަ ދުވަހު އެވެ. މި ދިރާސާ އަށް ބޭނުންކުރި މެތަޑްގައި ރިޕޯޓްގައި ބުނެފައިވާ ގޮތުން މި ދިރާސާ ކުރެވުނީ ޑެސްކް ރިިވިއު ހަދައިގެންނެވެ، ޖަމިއްޔާތަކާއި ޖަމާއަތްތަކުން ފައިސާ ހަރަދުކޮށްފައިވާ ގޮތުގެ ތަފްސީލް އަދި އޮޑިޓް ރިޕޯޓްތަކުން މައުުލޫމާތު އެއްކޮށްފައިވާ ކަމަށް އޭސީސީން ބުނެފައިވާއިރު، މި ރިޕޯޓަށް މައުލޫމާތު އެއްކުރުމަށްޓަކައި، ފޯކަސް ގްރޫޕް އިންޓަވިއު ކުރެވުނު ކަމަށް ވެސް އޭސީސީން ވަނީ ބުނެފަ އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ރިސޯޓް ސުޕަ ލީގުގެ ޗެމްޕިއަންކަން ވެލާ އިން ހޯދައިފި

ރިސޯޓް ސުޕަ ލީގުގެ ފައިނަލުގައި ސަން ސިޔާމް އޮޅުވެލި 1-0 އިން ބަލިކޮށް، ވެލާ ޕްރައިވެޓް އައިލެންޑުން ފުރަތަމަ ފަހަރަށް މި މުބާރާތުގެ ޗެމްޕިއަންކަން ހޯދައިފި. މި މެޗުގެ ހަމައެކަނި ލަނޑު އަހުމަދު އިމްތިނާހު ކާމިޔާބުކުރިއިރު، މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ވެލާގެ އަހުމަދު އިމްރާން

ރާއްޖޭގައި ކާމިޔާބީ، އާސިއާންގައި ތަޖުރިބާ، ޕާކިސްތާން ތައްޔާރު

ރާއްޖޭގައި ބޭއްވި ޑައިމަންޑް ޖޫބިލީ މުބާރާތުގެ ކާމިޔާބީއާއި އާސިއާން ކަޕްގެ ތަޖުރިބާއާއެކު، ކުރިއަށް އޮތް ސާފް ޗެމްޕިއަންޝިޕަށް ޕާކިސްތާން އޮތީ ވަރަށް ބޮޑަށް ތައްޔާރުވެފައި. ކޯޗު ސޮލާނޯ ބުނިގޮތުގައި، ފަހަކަށް އައިސް ޓީމުން ހޯދާފައިވާ ކުރިއެރުންތަކަށް ބަލާއިރު މި މުބާރާތާ މެދު ބޮޑު އުންމީދެއް އެބައޮތް

އިންޓަ އާއި ނަޕޯލީ މޮޅުވިއިރު، މިލާނާއި ޔުވެންޓަސް ބަލި

އިޓާލިއަން ލީގުގައި ރޭ ކުޅުނު މެޗުތަކުން އިންޓަ މިލާނާއި ނަޕޯލީ މޮޅުވިއިރު، އޭސީ މިލާނާއި ޔުވެންޓަސް ވަނީ ބަލިވެފައި. މި ނަތީޖާތަކާއެކު ތާވަލުގެ އެއްވަނައިގައި 25 ޕޮއިންޓާއެކު އިންޓަ އޮތްއިރު، މިލާން މިވަނީ މި ސީޒަނުގައި ފުރަތަމަ ފަހަރަށް ބަލިވުމާ ކުރިމަތިލާން ޖެހިފައި

ކޮމްޕެނީ ހޮސްޕިޓަލުން ދޫކޮށްލައިފި، ފަރުވާހޯދީ މެނިންޖިއަލް އަށް!

ބަޔާން މިއުނިކްގެ ކޯޗު ވިންސެންޓް ކޮމްޕެނީ ތަމްރީނުތަކުގެ ތެރެއިން ހޭނެތިގެން ވެއްޓުމާ ގުޅިގެން، ފަސް ދުވަހު ހޮސްޕިޓަލުގައި ބާއްވައިގެން މެނިންޖިއަލް އިރިޓޭޝަނަށް ފަރުވާ ދިނުމަށްފަހު މިހާރު ވަނީ ދޫކޮށްލާފައި. ކޮމްޕެނީގެ ހާލަތު ރަނގަޅުވަމުން އައި ނަމަވެސް، އޭނާ އަލުން ޓީމާ ގުޅޭނީ ގޭގައި ރިހެބިލިޓޭޝަން ފުރިހަމަކޮށް އެއްކޮށް ފިޓްވުމުން

ޗެލްސީ ބަލިކޮށް ލިވަޕޫލް ލީގު ކަޕް ކުއާޓާ ފައިނަލަށް

އިނގިރޭސި ލީގު ކަޕްގެ ގަދަ 16 ބުރުގައި ރޭ ކުޅުނު މެޗު 1-1 އިން އެއްވަރުވުމުން، ޕެނަލްޓީ ޖަހައިގެން 6-5 އިން ޗެލްސީ ބަލިކޮށް ލިވަޕޫލް ކުއާޓާ ފައިނަލަށް ދަތުރުކޮށްފިއެވެ. ފޯރިގަދަ ޕެނަލްޓީ ޝޫޓްއައުޓްގައި ލިވަޕޫލް މޮޅުވީ ޗެލްސީގެ ފަހު ޕެނަލްޓީ ނާކާމިޔާބުވުމާ ގުޅިގެންނެވެ.

އެމްބާޕޭ ޖެހި ޖޯކެއްގެ މައްސަލައިގައި ރެއާލް ވެސް ހޫނުފެނަށް!

ޗައިނާގެ ކުރީގެ ލީޑަރު މާއޯ ޒެޑެންގަކީ "ޑިކްޓޭޓަރެއް" ކަމަށް އެމްބާޕޭ ބުނުމާ ގުޅިގެން، ޗައިނާގެ ބައެއް ކުންފުނިތަކުން އޭނާގެ ސްޕޮންސާޝިޕް އުވާލައި ދައުލަތުގެ ޓީވީން ރެއާލް މެޑްރިޑްގެ މެޗުތައް ދެއްކުން ހުއްޓާލައިފިއެވެ. މި މައްސަލައިގައި އެމްބާޕޭ އާއި ރެއާލުން މައާފަށް އެދިފައިވީ ނަމަވެސް، ޗައިނާގެ މީޑިއާ ގްރޫޕުން ބުނެފައިވަނީ އެމްބާޕޭގެ އަމަލަކީ ޗައިނާގެ ރައްޔިތުންނަށް ބޭއިހުތިރާމް ކުރުން ކަމަށެވެ.

އަލްވަރޭޒް މައްސަލައިގައި ބާސެލޯނާ 670 ޑޮލަރުން ޖޫރިމަނާކޮށްފި

އެތުލެޓިކޯ މެޑްރިޑަށް ނޭނގި އެ ޓީމުގެ ފޯވާޑް ޖޫލިއަން އަލްވަރޭޒްގެ ސޮއި ހޯދަން މަސައްކަތް ކުރުމުން، ބާސެލޯނާ 670 ޑޮލަރުން ޖޫރިމަނާކޮށްފި. ސްޕެއިންގެ ފުޓްބޯޅަ ފެޑެރޭޝަނުން މި ފިޔަވަޅު އެޅީ، ކްލަބަށް ނޭނގި ކުޅުންތެރިޔާއާ މުއާމަލާތް ކުރި މައްސަލަ އެތުލެޓިކޯއިން ހުށަހެޅުމާ ގުޅިގެން

Newsletter

Get the latest news delivered straight to your inbox