އިނގިރޭސިވިލާތަށް ދިވެހިރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ސަފީރުގެ މަގާމަށް ޖަމީލާ އަލީ ހާލިދު އައްޔަނުކޮށްފި އެވެ.
ރައީސް އޮފީހުގައި މިއަދު އޮތް ހާއްސަ ރަސްމިއްޔާތެއްގައި ސަފީރުކަމުގެ ފަތްކޮޅު ޖަމީލާއަށް އެރުވީ ރައީސުލްޖުމްހޫރިއްޔާ މުހައްމަދު މުއިއްޒު އެވެ.
ގިނަ ދުވަސްތަކެއް ވަންދެން ދިވެހިރާއްޖޭގެ ތައުލީމީ ދާއިރާގައި ހިދުމަތްކުރެއްވި ޖަމީލާއަކީ ފޮރިން ދާއިރާގައި ވެސް ހިދުމަތް ކުރައްވާފައިވާ ބޭފުޅެކެވެ. އެގޮތުން، ޖަރުމަން ވިލާތަށް ދިވެހިރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު މަގާމު ވެސް އޭނާ މީގެ ކުރިން ފުރުއްވާފައިވެ އެވެ.
އޭގެ އިތުރުން، ޖަމީލާ ވަނީ މީގެ ކުރިން ސިވިލް ސާވިސް ކޮމިޝަނުގެ ރައީސްކަން ވެސް ކުރައްވައިފަ އެވެ.
އިނގިރޭސިވިލާތަށް ދިވެހިރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ސަފީރުގެ މަގާމު ހުސްވީ، އެ މަގާމުގައި ކުރިން ހުންނެވި އިރުތިޝާމް އާދަމް ފޮރިން މިނިސްޓަރުގެ މަގާމަށް އައްޔަނުކުރެއްވުމާ ގުޅިގެންނެވެ.














