ލޮއި ނަރު ވަގަށް ނަގާ މައްސަލައެއް ހައްލެއް ހޯދުމަށް ރައީސް މުހައްމަދު މުއިއްޒުގެ ކެބިނެޓުން ނިންމައިފި އެވެ.
އެ މަޝްވަރާތައް ކޮށްފައިވަނީ އޮގަސްޓު 18، ގައި ބޭއްވި ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގަ އެވެ. ލޮއި ނަރު ވަގަށް ނެގުމަކީ ވަރަށް އާންމުކޮށް ރާއްޖޭގައި ކުރާ ވައްކަމެކެވެ.
"ބޮޑު އަގުގައި އެކްސްޕޯޓްކުރުމަށްޓަކައި، ތަންތަނުގައި އަޅާފައި ހުންނަ ކޮޕަރ ވަޔަރުތައް ބުރިކޮށްގެން ވަގަށް ގެންދާ މައްސަލަ ބޮޑުވެފައިވާތީ، އެކަމަށް ޙައްލެއް ހޯއްދެވުމަށްވެސް އެ މަޖިލީހުން ވަނީ ނިންމަވާފައި،" ރައީސް އޮފީހުން ބުނެފައިވެ އެވެ.
ލޮއި ނަރު ވަގަށް ނެގުމަކީ މިހާރު ވެސް ޖިނާއީ ކުށެކެވެ. އެފަދަ ކަމެއްގައި ވަޒީރުންގެ މަޖިލީހުން ގޮތްތަކެއް ނިންމުމުން ބައެއް ފަރާތްތަކުން ވަނީ ސަރުކާރަށް ފާޑުކިޔާފަ އެވެ.
ލޮއި ނަރު ވިއްކުމަކީ ދުނިޔޭގައި ބޮޑު ކަޅު ބާޒާރެއް އޮންނަ ވިޔަފާރިއެކެވެ.













