ފަރުގެ ބޮޑުބައި ހިއްކާގޮތަށް އައްޑޫ ބްރިޖްގެ ޕްލޭނަށް ބޮޑު ބަދަލެއް

އައްޑޫ ސިޓީގެ ބްރިޖް އަޅާ ރޫޓް

އައްޑޫ ސިޓީގެ ބްރިޖް އަޅާ ރޫޓް

ފަރުގެ ބޮޑުބައި ހިއްކާގޮތަށް އައްޑޫ ސިޓީގެ ހިތަދޫ އާއި ސ. ހުޅުދޫ އަދި މީދޫ ގުޅާލާ ބްރިޖުގެ ޕްލޭނަށް ބޮޑު ބަދަލެއް ހައުސިން މިނިސްޓްރީން ގެނެސްފި އެވެ. 

އަދަދު އަށް އެނގިފައިވާ ގޮތުގައި ބްރިޖްގެ މަސައްކަތް ކުރިއަށް ގެންދަން މިނިސްޓްރީން މިހާރު ނިންމާފައިވަނީ އައްޑޫގެ އުތުރު ފަރާތުން ހިތަދޫ، ހުޅުދޫ އަދި މީދޫ ގުޅުވައިދޭ ނޮދަން ރޫޓުންނެވެ. އެއީ ކުރިން އާންމުކޮށްފައިވާ ރޫޓާ މުޅިން ތަފާތު ރޫޓެކެވެ. 

ރޫޓަށް އައިސްފައިވާ ބަދަލުތަކުގެ ތެރޭގައި ހުޅުމީދޫއާ ބްރިޖް ގުޅޭ ހިސާބަށް ވަނީ ބަދަލު ގެނެސްފަ އެވެ. ކުރިން ހުޅުމީދޫއާ ބްރިޖް ގުޅޭ ސަރަހައްދުގެ ގޮތުގައި އިސްމެހެލާ ހުރަ ހިމެނުނު ނަމަވެސް، މިހާރު ބްރިޖް ހުޅުމީދޫއާ ގުޅެނީ ޓާޓަލް ޕޮއިންޓް ކައިރިންނެވެ. 

އައު ރޫޓްގެ ދަށުން ފަރުގެ ބޮޑުބައި ހިއްކައިގެން ކޯޒްވޭއެއް ގޮތަށް ބައެއް ސަރަހައްދުތައް ގުޅާލާއިރު، ރޫޓުގައި ފަރު ނުހިމެނޭ ދެ ކަނޑުއޮޅި ގުޅާލުމަށް ހަމަޖެހިފައިވަނީ ފާލަމެއް އަޅައިގެން ކަމަށް މައުލޫމާތު ލިބެ އެވެ. 

އައްޑޫ ބްރިޖްގެ މަސައްކަތް ފަރު ހިއްކައިގެން ކުރާނަމަ ދިރުންތަކަށް ބޮޑެތި ގެއްލުންތަކެއް ލިބޭނެ އެވެ. ބްރިޖް އަޅާ ރޫޓަކީ މިޔަރު ޕޮއިންޓްތަކާއި މަންޓާ ޕޮއިންޓްތައް ވެސް ހިމެނޭ ސަރަހައްދުތަކެވެ. 

މިކަމާ ގުޅިގެން އައްޑޫ ސިޓީގެ މޭޔަރު އަލީ ނިޒާރު އަދަދު އަށް ވިދާޅުވީ ހިތަދޫ ކަނޑިހެރައިން ފެށިގެން ހުޅުމީދޫއާ ދޭތެރޭގައި އިންނަ ދެ ކަނޑުއޮޅިއާ ހިސާބަށް ފަރު ވެލި އަޅައިގެން ހިއްކަން ސަރުކާރުން ޕްލޭން ކޮށްފައިވާއިރު، ހިތަދޫ ފަޅުތެރެއިން ބްރިޖްގެ ކޯޒްވޭއަށް ފަރުމަތިން 90 ޕަސަންޓު ހިމަނާފައިވާ ކަމަށެވެ. 

"ހުޅުމީދޫއިން ފެށިގެން ހިތަދޫގެ ކަނޑިހެރަ އިންނަ ސަރަހައްދުގެ އިންނަ ދެ ކަނޑު އޮޅިއާއި ހަމަ ވެލި އަޅައިގެން ހިއްކަނީ. އައްޑޫގެ ފަރު ހިއްކަނީ. ހިއްކައިގެން ދެ ކަނޑުއޮޅި ހުރަސްކޮށް ބްރިޖް ފޯމޭޝަނެއް އަންނާނެ ދެން އަނެއްކާވެސް ހިތަދޫގެ ފަޅުތެރެއިން ގާތްގަނޑަކަށް ބްރިޖްގެ 90 ޕަސަންޓް ކޯޒްވޭއެއް އިންނަނީ. އެވެސް ފަރުމަތިން،" ނިޒާރު ވިދާޅުވި އެވެ. 

ބްރިޖްގެ މަސައްކަތް ސަރުކާރުން މިހާރު ކުރަން އުޅޭގޮތަކީ ރައްޔިތުން ރުހޭނެ ގޮތެއް ނޫންކަން ފާހަގަކުރައްވާ ނިޒާރު ވިދާޅުވީ ސަރުކާރުން އުޅެނީ ރައްޔިތުން ނުރުހޭ ކަމަށް ބުނެ ބްރިޖްގެ މަސައްކަތް ކުރިއަށް ނުގެންދަންށެވެ. 

މީގެއިތުރުން ނިޒާރު ވިދާޅުވީ އައްޑޫ ބްރިޖް އެޅުމަށް ކަމަށް ބުނެ ފަރުގެ ބޮޑުބައެއް ހަލާކުކޮށްލުމުން އޭގެ ގެއްލުން ވަރަށް ބޮޑުވާނެ ކަމަށާއި އެ ސަރަހައްދަކީ ވަރަށް ގިނަ ޑައިވަރުން ޑައިވިނަށްވެސް ދާތަނެއް ކަމަށެވެ. 

މި މަޝްރޫއުގެ ޑިޒައިން މަރުހަލާއަށް ބޭނުންވާ 30 މިލިއަން ރުފިޔާ 2024 ވަނަ އަހަރުގެ ބަޖެޓުގައި ވެސް ހިމެނި އެވެ. އަދި ވެރިކަމުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި އެ މަސައްކަތްތައް ފަށަން ސަރުކާރުގެ "ހަފުތާ-14" ރޯޑުމެޕުގައި ވެސް ހިމެނި އެވެ. 

ވިހަވަނަ މަޖިލިސް އިންތިހާބު ކުރުމަށް 2024 ވަނަ އަހަރު ނެގި ވޯޓާ ދިމާކޮށް ފެބްރުއަރީ 19، 2024، ގައި އައްޑޫގައި ބޮޑު ރަސްމިއްޔާތެއް ބޭއްވުމަށް ފަހު މިސްރުގެ އަރަބް ކޮންޓްރެކްޓާސް ގްރޫޕާ އެކު ސާވޭ މަސައްކަތް ކުރުމަށް ހަވާލުކުރި އެވެ. 

އަރަބް ކޮންޓްރެކްޓާސްއާއެކު އެއްބަސްވުން ހެދި ދުވަހު މުއިއްޒު ވިދާޅުވީ އެ އެއްބަސްވުން ކޮންޓްރެކްޓަކަށް ބަދަލުކޮށް، 2024 ވަނަ އަހަރު އަމަލީ މަސައްކަތް ފަށާނެ ކަމަށެވެ. އޭރު މުއިއްޒު އަންދާޒާ ކުރެއްވީ ތިން އަހަރާއި ބައިގެ ތެރޭގައި މަސައްކަތް އެއްކޮށް ނިންމާލެވޭނެ ކަމަށެވެ. އެ ސާވޭއަށް ވީ ގޮތެއް ނޭނގެ އެވެ. 

އެއަށްފަހު އެ ވާހަކަ ނުދެކެވި އޮތުމަށްފަހު ފެބްރުއަރީ 6، 2025، ގައި ރައްޔިތުންގެ މަޖިލީހަށް މުއިއްޒު އިއްވި ރިޔާސީ ބަޔާނުގައި އަނެއްކާ ވެސް ސާވޭގެ މަސައްކަތް ކުރުމަށް ބަޔަކު ހޯދުމަށް އިއުލާންކުރާނެ ކަމަށް ވިދާޅުވި އެވެ. އެ މަސައްކަތް ކުރުމަށް ޗައިނާގެ ޓީވައިލިން ކުންފުންޏާ ތިން މިލިއަން ޑޮލަރަށް ހަވާލުކުރީ އޮކްޓޯބަރު 26، 2025، ގަ އެވެ. 

ޖެހިގެން އައި ނޮވެމްބަރު މަހު ހުޅުދޫ އަދި މީދޫގެ ރައްޔިތުންނާ ބައްދަލުކުރައްވައި ބްރިޖުގެ މަސައްކަތްތައް ފެށުމަށް މުއިއްޒު އާ ތާރީހެއް ދެއްވި އެވެ. ފަނަރަ ކިލޯމީޓަރުގެ އައްޑޫ ބްރިޖުގެ އަމަލީ މަސައްކަތް 2026 ވަނަ އަހަރު ފެށުމަކީ އަމާޒެއް ކަމަށް އެ ދުވަހު ވިދާޅުވި އެވެ. އެހެން ނަމަވެސް، މި އަހަރުގެ ތެރޭގައި އަމަލީ މަސައްކަތް ފެށޭނެ ކަމަކަށް ނުބެލެވެ އެވެ. 

އައްޑޫގެ ގުޅިފައިވާ ރަށްތަކާއި ހުޅުދޫ އާއި މީދޫ ގުޅާލުމަށް އެންމެ ފުރަތަމަ ވައުދުވެވަޑައިގެންނެވީ 2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގެ ކެމްޕޭނުގައި އޭރު ވެރިކަމުގައި ހުންނެވި ކުރީގެ ރައީސް އަބްދުالله ޔާމީން އެވެ. ޔާމީންގެ ތަސައްވުރާ އެއްގޮތަށް އެ ބްރިޖުގެ މަސައްކަތް ކުރިއަށްގެންދިޔުމަށް 2023 ވަނަ އަހަރުގެ އިންތިހާބުގެ ކެމްޕޭނުގައި މުއިއްޒު ވައުދުވެވަޑައިގަތެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ސައިކަލުގައި އިން އެކަކު މުއްދަތު ހަމަނުވަނީސް ބަންދުން ދޫކޮށްލި

ހުޅުމާލޭގައި ތިން މީހުން އަރުވައިގެން ވަންވޭއާ ދެކޮޅަށް ދުއްވި ސައިކަލެއް އެކްސިޑެންޓްވިއިރު، އޭގައި އިން އެކަކީ ކުށުގެ ރެކޯޑު އޮތް، ބަންދުގެ މުއްދަތު ހަމަނުވަނީސް ދޫކޮށްލާފައިވާ މީހެއް. މި ހާދިސާގައި ފަސް މީހަކަށް އަނިޔާވެ ދެ މީހަކަށް ވެންޓިލޭޓަރުގައި ފަރުވާދެމުންދާއިރު، އެ ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ.

އެމްޓީސީސީގައި 6،700 މުވައްޒަފުން، ކޮންޓްރެކްޓް މުވައްޒަފުން ގިނަ

އާރްޑީސީ އާއި އެމްޓީސީސީ އެއްކޮށްލުމުގެ ކުރިން އެމްޓީސީސީގައި 6،700 މުވައްޒަފުން ތިބިއިރު، އޭގެ ތެރެއިން ގިނައީ ކޮންޓްރެކްޓް މުވައްޒަފުން. ދެ ކުންފުނި އެއްކޮށްލުމުން އާރްޑީސީގެ 4،000 އެއްހާ މުވައްޒަފުން އެމްޓީސީސީއާ ގުޅޭނެ ކަމަށާއި، މިއާއެކު ރާއްޖޭގެ ހުރިހާ ރަށެއްގައި އެ ކުންފުނީގެ މުވައްޒަފުން ތިބޭނެ ކަމަށް އެމްޓީސީސީން ބުނޭ.

ހުޅުމާލޭ ސިންތެޓިކް ޓްރެކް މަރާމާތު ކުރުމުގެ މަސައްކަތް ފަށައިފި

ހުޅުމާލޭ ސިންތެޓިކް ޓްރެކް ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެއްތުމަށްޓަކައި މަރާމާތުކުރުމުގެ އަމަލީ މަސައްކަތް ޔޫތު މިނިސްޓްރީން މިހާރު ވަނީ ފަށާފައި. މި މަޝްރޫއުގެ ދަށުން ޓްރެކް ޕީޔޫއަށް ބަދަލުކޮށް، އެތުލީޓުން ހަދާ ރެކޯޑުތައް ބަލައިގަނެވޭ ފެންވަރަށް ތަރައްގީކޮށް އަންނަ އަހަރުގެ ޖެނުއަރީއަށް ނިންމުމަށް ވަނީ އަމާޒު ހިފާފައި.

ހުޅުމާލެ އެކްސިޑެންޓުގައި އަނިޔާވި ދެ މީހުން ދޫކޮށްލައިފި

ހުޅުމާލޭގައި ފުލުހުންނަށް ފިލަން އުޅުނު ސައިކަލެއް އެހެން ސައިކަލެއްގައި ޖެހި ހިނގި އެކްސިޑެންޓުގައި އަނިޔާވި ފަސް މީހުންގެ ތެރެއިން ދެ މީހަކަށް އަދިވެސް ފަރުވާދެނީ ވެންޓިލޭޓަރުގައި. މި ހާދިސާގައި އަނިޔާވި ދެ މީހަކު ފަރުވާއަށްފަހު ދޫކޮށްލާފައިވާއިރު، އެކްސިޑެންޓުވި އެއް ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ ކަމަށް ފުލުހުން ބުނޭ.

އީގަލް ހިލްސްއިން ހައުސިން ޔުނިޓުތައް އަޅަނީ އާބަން އައިލްގައި

ޔޫއޭއީގެ އީގަލް ހިލްސް ކުންފުނިން ހުޅުމާލޭ އާބަން އައިލްގައި ތަރައްގީކުރާ 5000 ހައުސިން ޔުނިޓުގެ އަގު ދައްކަނީ ސަރުކާރަށް މުސްތަގުބަލުގައި ލިބޭނެ ކަަމަށް ބުނާ ކޮމިޝަނުން.

ނޮވެމްބަރުގެ ތިން ދުވަސް: ނަވީ ޕިއްލޭ އަދި ދިވެހިރާއްޖެ

އދ. ގައި ފަހުން ބޭއްވި ރިވިއުއެއްގައި، ރާއްޖޭގެ އޮފިޝަލުން ވަނީ ހައްދު ޖެހުމަކީ އިސްލާމީ ޝަރީއަތުގެ ތެރެއިން ކުރާ ކަމެއް ކަމަށް ބުނެ އެކަން ދިފާއުކޮށްފަ އެވެ. ނަމަވެސް ޕިއްލޭ އާއި އެމްނެސްޓީ އިންޓަނޭޝަނަލް ފަދަ ޖަމާއަތްތަކުން ދިޔައީ އެކަން ހުއްޓާލުމަށް ގޮވާލަމުންނެވެ.

"މެދުއިރުމަތީ ހަނގުރާމަ ރާއްޖެއާ ގާތަށް އައުމުގެ ބިރު އެބައޮތް"

ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އިންޑިއާ ފަދަ ބޭރުގެ ބާރުތަކުގެ އަސްކަރީ އެހީތެރިކަން ހޯދުމަކީ މުހިންމު ކަމެއް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

Newsletter

Get the latest news delivered straight to your inbox