އާހިދުގެ ދައުރު ހަމަވާތީ އިންފޮމޭޝަން ކޮމިޝަނަރަކަށް ވާން ހުޅުވާލައިފި

Aug 4, 2026, 6:30 AM
އިންފޮމޭޝަން ކޮމިޝަނާ އާހިދު -- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

އިންފޮމޭޝަން ކޮމިޝަނާ އާހިދު -- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

އިންފޮމޭޝަން ކޮމިޝަނަރުގެ މަގާމުގައި ހުންނެވި އާހިދު ރަޝީދުގެ ދައުރު ހަމަވާތީ، އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު ރައީސް އޮފީހުން އިއްޔެ ހުޅުވާލައިފި އެވެ. އާހިދު އެ މަގާމަށް އައްޔަން ކުރައްވާފައިވަނީ ސެޕްޓެމްބަރު 6، 2021 ގައެވެ.

ރައީސް އޮފީހުން ކުރި އިއުލާނެއްގައި ބުނީ، މި މަހުގެ 16 ވަނަ ދުވަހުގެ ނިޔަލަށް އިންފޮމޭޝަން ކޮމިޝަނަރުގެ މަގާމަށް ކުރިމަތިލާން ފޯމު ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ.

މި މަގާމަށް ކުރިމަތިލާން ހުޅުވާލިއިރު، މިނިވަން ދުވަހުގެ ޖަލްސާގައި ރައީސް މުހައްމަދު މުއިއްޒު ވަނީ ސާބިތު އެއްވެސް ހެއްކެއް ދެއްކެވުމެއް ނެތި، މިހާރުގެ އިންފޮމޭޝަން ކޮމިޝަނަރަކީ އިދިކޮޅުގެ އޯޑަރަށް މަސައްކަތް ކުރައްވާ، އިދިކޮޅު ސިޔާސީ ފަރާތެއް ކަމަށް ތުހުމަތުކުރައްވާފައެވެ.

ރައީސް މުއިއްޒު މިހެން ވިދާޅުވީ، ރައީސް އޮފީސް ހިމެނޭހެން ސަރުކާރުގެ އިދާރާތަކުން މައުލޫމާތު ހާމަނުކުރާ މައްސަލަތަކުގައި ސަރުކާރާ ދެކޮޅަށް ބައެއް ނިންމުންތައް ނިންމަވައި، ރައީސް އޮފީސް ޖޫރިމަނާކުރި ފަހުންނެވެ.

އިންފޮމޭޝަން ކޮމިޝަނަރުގެ ވާޖިބަށް ހުރަސްއަޅައިގެން ރައީސް އޮފީސް ޖޫރިމަނާކޮށްފި

މައުލޫމާތު ހޯދައި ލިބިގަތުމުގެ ގާނޫނުގެ ދަށުން އެދޭ މައުލޫމާތުތައް ދިނުމަށް އައިކޮމް އިން އެންގި މުއްދަތުގައި ޖަވާބުދާރީ ނުވުމުން، ރައީސް އޮފީސް 2،000ރ. ޖޫރިމަނާކޮށްފި. ކޮމިޝަނަރު އާހިދު ވިދާޅުވީ މިގޮތަށް ނިންމީ ތަކުރާރުކޮށް ފުރުސަތު ދިނުމުންވެސް އެ އޮފީހުން އަމަލުކޮށްފައި ނުވާތީ، އެއީ ކޮމިޝަނަރުގެ ވާޖިބަށް ހުރަސްއެޅުން ކަމަށް ދެކޭތީ ކަމަށް.

މި ތުހުމަތުތަކަށް ރައްދު ދެއްވަމުން އާހިދު ވަނީ މަގާމުގެ މަސްއޫލިއްޔަތު އަދާކުރައްވަނީ އެއްވެސް ފަރާތެއްގެ ނުފޫޒެއް ނެތި ކަމަށް ވިދާޅުވެފަ އެވެ.

އާހިދުގެ މައްޗަށް މިވަރުގެ ތުހުމަތު ކުރެއްވިއިރު އޭނާގެ މައްޗަށް އެއްވެސް ޝަކުވާއެއް ޕީއެންސީގެ ސުޕަ މެޖޯރިޓީ އޮތް މަޖިލީހަށް ހުށަހަޅައި ކުރިއަށް ގެންގޮސްފައެއް ނުވެ އެވެ. 

މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުގައިވާ ގޮތުން، އިންފޮމޭޝަން ކޮމިޝަނަރުގެ މަގާމަށް އައްޔަންކުރާ މީހެއްގެ ކިބައިގައި ހުރުން ލާޒިމު ސިފަތަކުގެ ތެރޭގައި؛ އުމުރުން 35 އަހަރުވެފައިވުމާއި، އިސްލާމްދީނުގައި ހައްދެއް ކަނޑައެޅިފައިވާ ކުށެއް ނުވަތަ ހިޔާނާތުގެ ނުވަތަ ރިޝްވަތުގެ ކުށެއް ކުރިކަން ޝަރީއަތަށް ސާބިތުވެފައިވާ މީހަކު ކަމުގައި ނުވުން ހިމެނެއެވެ. އަދި އިންތިހާބުކުރެވޭ ނުވަތަ އައްޔަންކުރެވޭ ސިޔާސީ މަގާމެއް ފުރަމުންދާ މީހަކު ކަމުގައި ނުވުމާއި، ސިޔާސީ ޕާޓީއެއްގެ މެންބަރަކު ނުވަތަ ސިޔާސީ ހަރަކާތްތަކުގައި އުޅޭ މީހަކު ކަމުގައި ނުވުމުގެ އިތުރުން، ފުރަތަމަ ޑިގްރީއެއް ހާސިލުކޮށްފައިވުމާއެކު މަދުވެގެން 7 އަހަރުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުމާއި، އެހެން ވަޒީފާއެއް އަދާކުރާ މީހަކު ކަމުގައި ނުވުންވެސް ހިމެނެ އެވެ.

ގާނޫނުގައިވާ ގޮތުން އިންފޮމޭޝަން ކޮމިޝަނަރުގެ މަގާމުގެ މުއްދަތަކީ 5 އަހަރުގެ އެއް ދައުރެވެ. ނަމަވެސް ގާނޫނުގައިވާ ގޮތުގެމަތިން ވަކިކުރެވޭ ހާލަތެއްގައި ފިޔަވައި، މަގާމުގައި ހުންނެވި ބޭފުޅެއްގެ މުއްދަތު އިތުރު 5 އަހަރަށްވުރެ ދިގުނޫން މުއްދަތަކަށް އިތުރުކުރުމަށް ރައްޔިތުންގެ މަޖިލީހަށް ފާސްކުރެވިދާނެ އެވެ.

އިންފޮމޭޝަން ކޮމިޝަނަރުގެ މަގާމަށް އެދި ހުށައަޅާ ފޯމު ބަލައިގަންނާނީ ރަސްމީ ބަންދު ދުވަސްތައް ފިޔަވައި، އެހެން ދުވަސް ދުވަހުގެ ހެނދުނު 08:30 އިން މެންދުރު 12:00 އަށް، ރައީސް އޮފީހުންނެވެ. މި މަގާމަށް ކުރިމަތިލުމަށް އެދޭ ފޯމު ރައީސް އޮފީހުގެ ވެބްސައިޓުން ޑައުންލޯޑް ކުރެވޭނެ އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ގެދޮރު ލޯނުގެ އިކުއިޓީ އަށް 750 މިލިއަން ބަޖެޓުގައި ހިމަނައިފި

މި ސްކީމުގެ ދަށުން ކޮންމެ މީހަކަށް ދެ ލައްކަ ރުފިޔާގެ އެހީ ލިބޭއިރު، މިއީ ހިޔާވެހި ފައިނޭންސިން ސްކީމުގެ ޑައުންޕޭމަންޓު ދައްކަން ދަތިވާ ފަރާތްތަކަށް އެހީވުމަށް ތައާރަފުކުރި ފުރުސަތެއް. އަންނަ އަހަރުގެ ބަޖެޓުގައި ބޯހިޔާވަހިކަމުގެ މަޝްރޫއުތަކަށް ޖުމްލަ ތިން ބިލިއަން ރުފިޔާ ވަނީ ކަނޑައަޅާފަ.

ރަސްމާލެ މަޝްރޫއުގެ ތަފްސީލު ހާމަކުރަންޖެހޭނެ: ފައިސަލް

ރަސްމާލޭގައި ޔޫއޭއީގެ އީގަލް ހިލްސްއިން ހިންގާ މަޝްރޫއުގެ ތަފްސީލުތައް ދެފުށް ފެންނަ ގޮތަށް ހާމަކުރުމަށް ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމާއި މޭޔަރު އާދަމް އަޒީމް ގޮވާލައްވައި މި މަޝްރޫއުގެ ސަބަބުން ރާއްޖޭގެ ދީނީ ވަހުދަތަށާއި، އިޖުތިމާއީ އަދި މާލީ ހަމަޖެހުމަށް ބޮޑެތި ނުރައްކާތަކެއް ކުރިމަތިވެދާނެ ކަމުގެ ކަންބޮޑުވުން އެ ބޭފުޅުން ވަނީ ފާޅުކޮށްފައި.

"ޔަހޫދީން ވަޒަންވެރިކުރުވުމަކީ ރައީސަށް ލިބިގެންވާ ބާރެއް ނޫން."

ރަސްމާލޭގައި ޣައިރު މުސްލިމުން ވަޒަންވެރިކުރުވުމަކީ ރައީސުލްޖުމްހޫރިއްޔާއަށް ލިބިގެންވާ ދުސްތޫރީ ބާރެއް ނޫން ކަމަށާއި، އެއީ ހަމައެކަނި ރައްޔިތުންނަށް އޮތް ބާރެއް ކަމަށާއި ރައްޔިތުންގެ ސިޔާދަތާ ގުޅުންހުރި ބޮޑެތި ކަންކަމުގައި ތާއީދުކުރުމާއި ނުކުރުމުގެ އެއްވެސް މެންޑޭޓެއް ސަލަފު ޖަމިއްޔާއަށް ލިބިގެން ނުވާ ކަމަށް ޑރ. އަހްމަދު އަބްދުﷲ ދީދީ ވިދާޅުވެއްޖެ.

މާލޭގެ ޓްރެފިކް ބެލެހެއްޓުން އޭއައިއަށް ދޫކޮށްލަނީ

މާލޭގެ މަގުތައް ތޮއްޖެހުމުގެ މައްސަލައަށް އޭއައި ޓެކްނޮލޮޖީ ބޭނުންކޮށްގެން ދާއިމީ ހައްލެއް ހޯދުމުގެ މަޝްރޫއެއް 2027 ވަނަ އަހަރުގެ ބަޖެޓުގައި ސަރުކާރުން ހިމަނައިފި. މީގެ އިތުރުން ދައުލަތުގެ ޚިދުމަތްތައް ޑިޖިޓަލައިޒް ކުރުމުގެ ގޮތުން ނޭޝަނަލް ޑޭޓާ ސެންޓަރަކާއި ސްމާޓް ކާޑުގެ ނިޒާމެއް ގާއިމުކުރުމަށް ވެސް ވަނީ ނިންމާފަ.

އަންނަ އަހަރު ސުކޫކެއް ނޫނީ ބޮންޑެއް ވިއްކަން ހިމަނައިފި

ވޭތުވެދިޔަ އަހަރުތަކުގައި މިފަދަ ޕްލޭންތައް ކާމިޔާބުވެފައި ނުވި ނަމަވެސް، ކުރިއަށް އޮތް ތިން އަހަރުގެ ތެރޭގައި ބޭރުގެ ބާޒާރުން ޖުމްލަ 625 މިލިއަން ޑޮލަރު ހޯދުމަށް ސަރުކާރުން އަމާޒު ހިފާފައިވޭ.

މުއިއްޒު މަސައްކަތް ކުރަނީ ޒަޔަނިޒަމް ދިރުވަން: އަލީ ހުސައިން

ރައީސް މުއިއްޒު ރަސްމާލެ މަޝްރޫއު ހިންގަވަނީ ޒަޔަނިސްޓުންނަށް ރާއްޖޭގައި ވަޒަންވެރިވެވޭނެ މަގުފަހިކޮށް، ޒަޔަނިޒަމް ދިރުވުމަށް ކަމަށް ކުރީގެ މެންބަރު އަލީ ހުސައިން ތުހުމަތުކުރައްވައިފިއެވެ. މިއީ އިސްލާމްދީނަށް ދެވޭ ބޮޑު ހަމަލާއެއް ކަމަށް ސިފަކުރައްވައި، ބޭރުގެ ކުންފުންޏަކަށް ބިން ދޫކޮށްގެން ހިންގާ މި މަޝްރޫއު ވަގުތުން ހުއްޓާލުމަށް އޭނާ ވަނީ ގޮވާލައްވާފައެވެ.

ގޭންގު ރޭޕް ކޭސް: އެކަކު ޝަރީއަތް ނިމެންދެން ބަންދުކޮށްފި

ތިނަދޫގައި އަންހެނަކަށާއި ކުޑަކުދިންތަކަކަށް ޖިންސީ ގޯނާކުރި މައްސަލައިގައި ހައްޔަރުކުރި 9 މީހުންގެ ތެރެއިން އެކަކު ޝަރީއަތް ނިމެންދެން ބަންދުކޮށް، އިތުރު މީހުންގެ ބަންދުގެ މުއްދަތު ކޯޓުން ވަނީ އިތުރުކޮށްފައެވެ. މި މައްސަލައިގައި ހިމެނޭ މީހުންގެ މައްޗަށް ޖިންސީ ގޯނާކުރުމާއި ކުޑަކުދިން އެކްސްޕްލޮއިޓް ކުރުމުގެ ސީރިއަސް ތުހުމަތުތަކެއް ފުލުހުން ކުރެއެވެ.

Newsletter

Get the latest news delivered straight to your inbox