ސިޔާސީ މުވައްޒަފުންގެ އަދަދު 14 ދުވަސް ތެރޭގައި ހާމަކުރަން ރައީސް އޮފީހަށް އަންގައިފި

ރައީސް އޮފީސް: ސިޔާސީ މުވައްޒަފުންގެ އަދަދު އެ އޮފީހުން ހާމަކުރަން އައިކޮމް އިން ވަނީ އަންގާފައި -- ފޮޓޯ: އަދަދު

ރައީސް އޮފީސް: ސިޔާސީ މުވައްޒަފުންގެ އަދަދު އެ އޮފީހުން ހާމަކުރަން އައިކޮމް އިން ވަނީ އަންގާފައި -- ފޮޓޯ: އަދަދު

މި ސަރުކާރުން ވެރިކަމަށް އައުމަށްފަހު އައްޔަންކުރި ސިޔާސީ މުވައްޒަފުންގެ އަދަދާއި، މަގާމުން ވަކިކުރި އަދި އިސްތިއުފާދެއްވި ސިޔާސީ މުވައްޒަފުންގެ އަދަދުގެ އިތުރުން އެ މުވައްޒަފުންގެ މުސާރަ އާއި އިނާޔަތްތަކަށް ހިނގި ހަރަދުގެ ތަފްސީލް މާދަމާއިން ފެށިގެން 14 ދުވަހުގެ ތެރޭގައި ހާމަކުރަން އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުން ރައީސް އޮފީހަށް އަންގައިފި އެވެ. 

މައުލޫމާތު ހޯދުމާއި ލިބިގަތުމުގެ ގާނޫނު (އާރްޓީއައި ގާނޫނު) ގެ ދަށުން އަދަދު ނޫހުން ރައީސް އޮފީހަށް ހުށަހެޅި ރިކުއެސްޓުގައި އެދުނީ ގާނޫނުއަސާސީގެ 115 ވަނަ މާއްދާގެ ޅ. ގެ ދަށުން މުހައްމަދު މުއިއްޒު 2023 އިން 2026 އަށް ސިޔާސީ މަގާމުތަކަށް އައްޔަންކުރެއްވި މުވައްޒަފުންގެ އަދަދާއި، އެ މުއްދަތުގެ ތެރޭގައި ވަކިކުރި އަދި އިސްތިއުފާދެއްވި މުވައްޒަފުންގެ އަދަދުގެ އިތުރުން އެ މުއްދަތުގައި އައްޔަންކުރެއްވި ސިޔާސީ މުވައްޒަފުންގެ މުސާރަ އާއި އިނާޔަތްތަކަށް ހިނގި ޖުމްލަ ހަރަދު ހޯދުމަށެވެ.  

މި މައްސަލައާ ގުޅިގެން އަދަދު ނޫހުން ހޯދަން އެދުނު މައުލޫމާތު މުއްދަތު ފަހަނައަޅައި ދިޔައިރުވެސް ފޯރުކޮށްދީފައި ނުވާތީ އިންފޮމޭޝަން ކޮމިޝަނަރު އަހްމަދު އާހިދު ރަޝީދު އެންގެވީ މަސައްކަތު 14 ދުވަސް ތެރޭގައި ރައީސް އޮފީހުން އެ މައުލޫމާތު އަދަދު ނޫހަށް ފޯރުކޮށްދިނުމަށެވެ. 

"ހޯދަން އެދުނު މައުލޫމާތު ދޫނުކުރެވޭނެ މަގުބޫލު ސަބަބެއް އިދާރާއަށް ނެތް ދެއްކިފައެއް. އެހެންވީމަ ހޯދަން އެދިފައިވާ މައުލޫމާތު ހޯދަން އެދިފައިވާ މިންވަރަށް އިދާރާއިން ދޫކުރަންޖެހޭނެ ކަމަށް ކަނޑައަޅައި، މި ހިސާބުން މައްސަލަ ބަލައި ނިންމަން މި ޖެހެނީ،" އިންފޮމޭޝަން ކޮމިޝަނަރު އާހިދު ވިދާޅުވި އެވެ. 

"މި މައުލޫމާތު އިދާރާއިން ހޯދަން އެދިފައި މިވާ މައުލޫމާތު އެ މިންވަރަށް އިދާރާއިން 2023، 2024، 2025 އަދި 2026 މި ހުރިހާ އަހަރެއްގެ މައުލޫމާތުތަކަށް ހޯދަން އެދިފައި މިވަނީ. އެހެންވީމަ މަސައްކަތު 14 ދުވަހުގެ ތެރޭގައި މި މައުލޫމާތު އެއްކޮށް ހުށަހެޅި ފަރާތަށް ދޫކުރަން އަންގައި މިހިސާބުން މައްސަލަ ބަލައި ނިންމައިފިން."

އަދަދު ނޫހުން އެދިފައިވާ މައުލޫމާތު ރައީސް އޮފީހުން 14 ދުވަސް ތެރޭގައި ފޯރުކޮށްނުދީފިނަމަ، އެ މައްސަލަ ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހަށް ފޮނުވާނެ ކަމަށް ވެސް އާހިދު ވިދާޅުވި އެވެ. 

މި ރިކުއެސްޓާ ގުޅިގެން ރައީސް އޮފީހުން އެ މައުލޫމާތު ފޯރުކޮށްނުދޭތީ އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުން މިދިޔަ މާޗު 8، ގައި އެކަމާ ގުޅޭ މައުލޫމާތު ފޯރުކޮށްދިނުމަށް 10 ދުވަހުގެ ފުރުސަތު ދިނެވެ. ނަމަވެސް އެ މުއްދަތުގެ ތެރޭގައި މައުލޫމާތު ފޯރުކޮށްނުދީ މިއަދުގެ އަޑުއެހުން ފެށެން ކުޑަތަންވެފައި ވަނިކޮށް ވަނީ ކުރި ރިކުއެސްޓާ ނުވެސް ގުޅޭ ޖަވާބެއް ދީފަ އެވެ. 

މިކަމާ ގުޅިގެން ރައީސް އޮފީހުން އަދަދު ނޫހަށް ދިން ޖަވާބުގައި ބުނީ ސިޔާސީ މުވައްޒަފުންގެ މަސައްކަތުގެ ފެންވަރު ބެލުމުގެ މަސައްކަތް މުރާޖާ ކުރުމުގެ މަސައްކަތް މިހާރު ކުރިއަށްދާތީ، އެ މަސައްކަތް ނިމުމުން އެދުނު މައުލޫމާތު ހާމަކުރާނެ ކަމަށެވެ. އެކަމަކު އެއީ ހުށަހެޅި ރިކުއެސްޓާ ނުވެސް ގުޅޭ ޖަވާބެއްކަން އިންފޮމޭޝަން ކޮމިޝަނަރުވެސް ފާހަގަކުރެއްވި އެވެ. 

ސިޔާސީ މުވައްޒަފުންގެ އަދަދު ހާމަކުރުމަށް ސަރުކާރުން ފަސްޖެހެމުންދާ ކަމަށް ބުނެ އިދިކޮޅު ފަރާތްތަކުންނާއި އާންމުންގެ ފާޑުކިޔުން ވަނީ އަމާޒުވެފަ އެވެ. ސަރުކާރުގެ އެކި ވުޒާރާތަކުން މީގެ ކުރިން ބުނެފައި ވަނީ ސިޔާސީ މުވައްޒަފުންގެ އަދަދު ހާމަކުރެވޭނީ ރައީސް އޮފީހުން ކަމަށެވެ. އެހެންނަމަވެސް ރައީސް އޮފީހުން ވެސް މިހާތަނަށް އެ މައުލޫމާތު ސާފުކޮށް ހާމަކޮށްފައެއް ނުވެ އެވެ.

މި ސަރުކާރު ވެރިކަމަށް އައުމުގެ ކުރިންނާއި އިންތިގާލީ މަރުހަލާގައި ވެސް ތަކުރާރުކޮށް ބުނަމުންދިޔައީ ސިޔާސީ މުވައްޒަފުންގެ އަދަދު ހަތްސަތޭކައަށް ވުރެ އިތުރު ނުކުރާނެ ކަމަށެވެ.

ނަމަވެސް މިހާރު ސަރުކާރުގެ ތަރުޖަމާނު މުހައްމަދު ހުސައިން ޝަރީފް (މުންދު) ވަނީ އެއީ ރިޔާސީ ވައުދެއް ނޫން ކަމަށް ވިދާޅުވެ، އެ ވާހަކަ ދިފާއުކުރައްވާފަ އެވެ. ސަރުކާރުގެ ހަރަދު ކުޑަކުރުމުގެ ފިޔަވަޅުތަކުގެ ދަށުން ދާދި ފަހުން ވަނީ ދުއިސައްތައަށް ވުރެ ގިނަ ސިޔާސީ މުވައްޒަފުން ވަކިކުރުމަށް ނިންމާފައިވާކަން އިއުލާނުކޮށްފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

މިއީ އިގްތިސާދީ ގޮތުން އެންމެ ގެއްލުން ބޮޑު ދައުރު: ފައްޔާޒް

މިހާރު ހިނގަމުންދާ ދައުރަކީ އިގްތިސާދީ އަދި އިޖުތިމާއީ ގޮތުން ރާއްޖެއަށް އެންމެ ބޮޑު ގެއްލުމެއް ލިބެމުންދާ ދައުރު ކަމަށާއި، ރާއްޖޭގެ އިގްތިސާދު 20 ނުވަތަ 30 އަހަރު ފަހަތަށް ސޮއްސާލާފައިވާ ކަމަށް ފައްޔާޒް ވިދާޅުވެއްޖެ.

"މަސްހުނިކުރާ ރާއްޖެއަކީ ކާބަފައިން ހިމާޔަތްކުރި ގައުމެއް ނޫން"

ކޯޕަރޭޓް އުސޫލުން ބޭރުގެ ފަރާތްތަކަށް ރާއްޖޭގައި ވަޒަންވެރިވެވޭ ގޮތަށް ހިންގާ މަޝްރޫއުތަކުގެ ސަބަބުން ގައުމުގެ ދީނާއި ސަގާފަތާއި އަމިއްލަވަންތަކަމަށް ބޮޑު ނުރައްކަލެއް އޮތް ކަމަށް އިސްމާއީލް ޒަރިޔަންދު ވިދާޅުވެއްޖެ.

ފަސް ތަރީގެ މެންހެޓަން ގްރޭންޑް ހޮޓެލް ހުޅުވައިފި

މެންހެޓަން ގްރޭންޑުގައި 158 ކޮޓަރި އާއި ހަތަރު ރެސްޓޯރަންޓާއި 7500 އަކަފޫޓުގެ އިވެންޓު ހޯލެއް ހުންނާނެ އެވެ. އަދި ފަސް ތަރީގެ އެހެން ހޮޓާތަކެކޭ އެއްގޮތަށް ލަގްޒަރީ އެހެނިގެން ހިދުމަތްތަކާއި ސްވިމިން ޕޫލް ފަދަ ތަންތަން ވެސް ހުންނާނެ އެވެ.

ޕީއެސްއައިޕީ މަޝްރޫއުތަކުގެ ތަފުސީލު ހޯދަން ޝާކިރުގެ ސިޓީއެއް

މި ސިޓީގައި މެންބަރު ޝާކިރު ވަނީ 2027 ވަނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓާ ގުޅޭގޮތުން ހުރި ބޮޑެތި ކަންބޮޑުވުންތަކެއް ހިއްސާކުރައްވާފަ އެވެ.

ވާރޭގެ ސަބަބުން ކޮލަމާފުށީގެ ބައެއް މީހުން ހާލުގައި ޖެހިއްޖެ

އިއްޔެ ވެހުނު ވާރޭގައި ރަށުގައި ފެން ބޮޑުވުމުގެ ސަބަބުން މުޅި ރަށް އޮތީ ފެނު އަޑީގަ އެވެ. ޝަހާމަތު ވިދާޅުވީ ގާތްގަނޑަކަށް 85 ގެތަކަށް (60 ގެއަށް) ފެން ވަން ކަމަށެވެ. އަދި ބައެއް ގެތަކުގައި ދެ ފޫޓާ ހަމައަށް ފެން ހުރި ކަމަށް ވެސް އޭނާ ބުންޏެވެ.

އަލައްބާރަކީ އަނެއްހެން ވަރަށް ރަނގަޅު ބޭފުޅެއް: އުޝާމް

އުޝާމް ވިދާޅުވީ، ފަލަސްތީނު ރައްޔިތުންނަށް އެހީތެރިވުމުގެ ގޮތުން އެ ގައުމުގައި 5000 ގެ އެޅުމުގެ މަސައްކަތެއް ވެސް އީގަލް ހިލްސްއިން ފެށިކަމަށް އަލައްބާރު ބުނި ކަމަށެވެ. އިޒްރޭލާއެކު ގުޅުން ބާއްވަނީ ހަމައެކަނި އެ ބޭނުމުގައި ކަމަށް އޭނާ ބުނިކަމަށް އެ ބައްދަލުވުމުގައި އުޝާމް ވިދާޅުވި އެވެ.

މުއިއްޒުގެ އިތުބާރު ނެތްކަމުގެ ވޯޓެއް ނެގުމަށް ގޮވާލައިފި

ތަކެތީގެ އަގާއި ޓެކްސް ބޮޑުވުމާއި، ގައުމުގެ މުދާ ރަހުނުކޮށް ލޯނު ނަގަމުންދާ ކަމަށް ބުނެ ރައީސް މުއިއްޒުގެ އިތުބާރު ނެތްކަމުގެ ވޯޓެއް ނެގުމަށް މެންބަރު މުހައްމަދު އައްބާސް ވަނީ ގޮވާލައްވާފައި. އޭނާ ވިދާޅުވީ ސަރުކާރުގެ ސިޔާސަތުތަކުގެ ސަބަބުން ރައްޔިތުންނަށް ދިރިއުޅެން ދަތިވެފައިވާ ކަމަށް.

Newsletter

Get the latest news delivered straight to your inbox